ދިވެހިރާއްޖޭގެ ދީނީ ދަޢުވަތު ދިނުމުގެ މައިދާނުގައި ހަރަކާތްތެރިވެ ވަޑައިގެންނެވި އިސް ޢިލްމުވެރިއެއް ކަމަށްވާ ފަޟީލަތުއްޝައިޚް އިބްރާހިމް ފަރީދު އަވަހާރަވުމަކީ ރާއްޖޭގެ އިސްލާމީ ޚިދުމަތަށް ލިބިގެންދިޔަ ދެރައެއްކަމަށް އިސްލާމީކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް އަލީ ސަޢީދު ވިދާޅުވެއްޖެއެވެ.
ޝައިޚް އިބްރާހީމް ފަރީދު އަވަހާރަވެފައިވަނީ މިރޭގެ ވަގުތެއްގައި މެލޭޝިއާގައެވެ. ޝައިޚް ފަރީދު އަވަހާރުވުމާ ގުޅިގެން ފޮނުއްވި ތައުޒިޔާގައު ވަޒީރު ވިދާޅުވީ، ޝައިޚް ފަރީދުއަކީ ޚިދުމަތްތެރި ޝަޚްސިއްޔަތެއްކަމަށާއި ވަރަށް ބޮޑެތި ޤުރުބާނީތަކެއްވެވަޑައިގަންނަވާފައިވާ ބޭފުޅެއްކަމަށެވެ.
މީގެ އިތުރުން ޝައިޚް ފަރީދަކީ އިސްލާމީ މަސައްކަތުގައި ފާހަގަކޮށްލެވޭ އުސްތާޛެއްކަމަށާއި ގާތްކަން ބޭއްވެވި އަދި ބައްދަލުވާ ކޮންމެ ފަހަރަކުމެ ހެޔޮ ނަސޭހަތްދެއްވެވި ބޭފުޅެއްކަމަށް ވަޒީރު ވިދާޅުވިއެވެ.
ފަޟީލަތުއްޝައިޚް އިބްރާހިމް ފަރީދު އަވަހާރަވުމާއި ގުޅިގެން އިސްލާމީކަންތައްތަކާ ބެހޭ ވުޒާރާއިންވެސް ވަނީ ބަޔާނެއް ނެރެފައެވެ. ވުޒާރާގެ ބަޔާނުގައި ބުނެފައިވަނީ “ ފަޟީލަތުއްޝައިޚް އިބްރާހީމް ފަރީދު އަވަހާރަވުމަކީ އިސްލާމީ ދަޢުވަތަށް ލިބިގެން ދިޔަ ވަރަށް ބޮޑު ގެއްލުމެކެވެ. ފަޟީލަތުއްޝައިޚު އިބްރާހީމް ފަރީދަކީ އިސްލާމީ ދަޢުވަތުގެ މައިދާނުގައި ފާހަގަކޮށްލެވިފައިވާ ޢިލްމުވެރިއެކެވެ. ނުހަނު ޚިދުމަތްތެރި ހިތްވަރު ގަދަ ޝަޚްޞިއްޔަތެކެވެ. ދަޢުވަތުގެ މައިދާނުގައި ވަރަށް ބޮޑު ޤުރުބާނީތަކެއްވެ ވަޑައިގެންނެވި ބޭފުޅެކެވެ.“