މާލެ ސިޓީ ކައުންސިލްގެ އެސްޖީއަށް އަބްދުލް މުހައިމިން ނަސީރު

މުހައްމަދު އަލީ
ޖޫން 25, 2025

މާލެ ސިޓީ ކައުންސިލްގެ ސެކްރެޓަރީ ޖެނެރަލް (އެސްޖީ) ގެ މަގާމަށް އަބްދުލް މުހައިމިން ނަސީރު އައްޔަންކޮށްފި ކަމަށް އެސިޓީ ކައުންސިލުން ވިދާޅުވެއްޖެއެވެ.

އެސްޖީގެ މަގާމަށް އޭނާ އައްޔަން ކުރީ، މާލެ ސިޓި ކައުންސިލްގެ 4 ވަނަ ދައުރުގެ 200 ވަނަ ރަސްމީ އާންމު ޖަލްސާގައި ބައިވެރިވެ ވަޑައިގެންނެވި ކައުންސިލަރުންގެ އިއްތިފާގުން ކަމަށްވެސް ވިދާޅުވެފައިވެއެވެ.

މުހައިމިން އެންމެ ފަހުން ހުންނެވީ މާލެ ސިޓީ ކައުންސިލްގެ ޑިރެކްޓަރ ޖެނެރަލް ގެ މަގާމުގަ އެވެ.

މުހައިމިނަކީ، މީގެ ކުރިން، ތަޢުލީމާދާއިރާގައި، ގިނަ މަސައްކަތަކެއް ކުރައްވައިފައިވާ ބޭފުޅެކެވެ. މި ގޮތުން ޕްރައިމަރީ ޓީޗަރުކަމާއި ސެކަންޑްރީ ޓީޗަރުކަމާއި ޕްރިންސިޕަލްކަމާއި މެދު ރާއްޖެތެރޭގެ ސްކޫލްތަކުގެ ޒޯން ކޯޑިނޭޓަރކަމާއި މާލެ ސިޓީގެ، ހުރިހައި ސްކޫލެއްގެ ކޯޑިނޭޓަރުކަމާއި މާލެ ސިޓީގައި ހިންގަމުންދާ، އަމިއްލަ ސްކޫލްތަކާއި އިންޓަރނޭޝަނަލް ސްކޫލްތަކުގެ ކޯޑިނޭޓަރުކަމުގެ މަޤާމު ވެސް، މުހައިމިނު އަދާކޮށްފައިވެއެވެ. މުހައިމިނަކީ ފުރަތަމަ ޑިގްރީއާއި މާސްޓަރ ޑިގްރީ ޙާޞިލްކޮށްފައިވާ ބޭފުޅެކެވެ.

ސެކްރެޓަރީ ޖެނެރަލްގެ މަގާމަކީ، ކައުންސިލް އިދާރާގެ، އިދާރީ އެންމެ އިސް މަގާމެވެ. ކައުންސިލްގެ ލަފާގެ މަތިން، ކައުންސިލްގެ އިދާރާގެ އިދާރީ އެންމެހައި ކަމެއް ހިންގައި ބެލެހެއްޓުމާއި، މާލީ ޒިންމާދާރު ވެރިޔާގެ މަސްއޫލިއްޔަތު ވެސް އަދާކުރަންޖެހެނީ، ކައުންސިލްގެ ސެކްރެޓަރީ ޖެނެރަލްއެވެ.

މާލެ ސިޓީ ކައުންސިލްގެ ސެކްރެޓަރީ ޖަނަރަލްގެ މަގާމަށް ހަތަރު ބޭފުޅަކު ކުރިމަތި ލެއްވިއިރު އެންމެ މަތިން މާކުސް ލިބިވަޑައިގަތީ މުހައިމިނަށެވެ. މުހައިމިނަށް ލިބި ވަޑައިގަތީ، 85.03 މާކުހެވެ.

 

މި ލިޔުމާ ގުޅޭ