ދަތުރުނާމާ (އަށާރަވަނަ ބައި)

ދަތުރުނާމާ (ހަތަރުވަނަ ބައި)

ޝިޔާމާ އަޙްމަދު (ސިޔައްތަ)
ޖޫން 28, 2025

އަރުޝީ ހިތަށްއެރިއެވެ. މިވަނީ ކިހިނެއްބާއެވެ؟ އަހަރެން މިތަނަށް ގެނައީ ކާކުބާއެވެ؟ އާނއެކެވެ. އަރުޝީ އެއިނީ ބޯކެޔޮ ފަލެއްގެ ތެރޭގައެވެ. ބިންމަތީގައި އޮތް ލަކުޑިގަނޑެއްގެ މަތީގައި އިށީންދެލައިގެން އެކަނިމާ އެކަންޏެވެ. ފައިދަށުގައި ވަށައިގެން އޮތީ ހިކިފަތާއި ހޯއްޔެވެ. ބޮޑެތި ކަނޑާތަކާއި، ފާޑުފާޑުގެ ސޫފިތަކެވެ. އެއިން ކޮންމެ އެއްޗެއްވެސް ހީވަނީ އޭގެ މަންޒިލާއި ހަމައަށް ވާސިލު ނުވެވިގެން ހިތް އަވަސްވެފައި ވާހެންނެވެ. އަރުޝީގެ ވަށައިގެން ހުރީ މާސިންގާ ބޯކެޔޮ ގަސްތެކެވެ. އަތަކަށް ގުޑާލިޔަސް ގަޔަށް އެތައްބައިވަރު ކައްޓެއް ހެރޭނެހާ ކައިރީގައެވެ. އަނދިރިކަން އިންތިހާއެވެ. އެހެނީ ބޯގަސްތަކުގެ ސަބަބުން އުޑުވެސް އޮތީ ނިވާވެފައެވެ. އެތަނުން ނިކުމެވޭނެ ގޮތެއްވެސް ނެތް ކަހަލައެވެ. ކަންބޮޑުވެފައިވާ ޙާލު ވަށައިގެން ބަލަބަލާ އަރުޝީއަށް އިނދެވުނީއެވެ. އެވަގުތު ކޮންމެވެސް މީހަކު، ވަރަށް މަޑުމައިތިރި އަޑަކުން ގޮވާލިހެން  އަރުޝީއަށް ހީވިއެވެ. ވަރަށް ރައްޓެހި އަޑަކުންނެވެ. އާނއެކެވެ. އަރުޝީއަށް އެގޮވަނީ އޭނާގެ މަންމައެވެ. އަރުޝީ އެއަޑަށް އިޖާބަދެމުން އޭނާގެ މަންމައަށް ގޮވަމުން ގެންދިޔައެވެ. މަޑުމައިތިރި އަޑަކުންނެވެ. ބިރުން ސިހިސިހި އިނދެގެންނެވެ. އެހެނަސް އަރުޝީގެ މަންމަ ފެންނާކަށް ނެތެވެ. އަރުޝީ ކުއްލިއަކަށް ސިއްސައިގެން ދިޔައީ ކޮންމެވެސް މީހަކު އޭނާގެ ގައިގާ އަތްލިހެން ހީވެގެންނެވެ. ހަމަ އެހިނދު ސިއްސައިގެން ގޮސް އިށީންދެގެން އިން ލަކުޑިބުރި މަތިން ފުންމައިގެން ތެދުވިއެވެ. ހަމައަށް ލޯ ހުޅުވާލާފައި ވަށައިގެން ބަލައިލިއިރު، އަރުޝީ އޮތީ އޭނާގެ ކޮޓަރީގެ އެނދުމަތީގައެވެ. ކޮންމެވެސް ވަރަކަށް އޮށްދައު ހިއްލާފައެވެ. ކޮޓަރީގައި ހަރުކޮށްފައި ހުރި އޭ ސީގއ ފިނިކަމުންވެސް ރާހަތެއް ނުކުރާ ކަހަލައެވެ. އަދި އެހާމެ ވަރުބަލިވެސް ވެފައެވެ. އެހެނީ އަރުޝީއަށް އިނދެވުނީ މައިނޭވާ ލެވިލެވިއެވެ. ހަމަހޭވެރިކަން ވެގެން ބަލައިލިއިރު ކުރިމަތީގައި ހުރީ ސަމްސުއްނިސާއެވެ. ކަންބޮޑުވެފައެވެ.  އަރުޝީއަށް ވެފައި އެއިނީ ކީއްކަން ނޭންގޭތީ ކަމަށްވެސް ވެދާނެއެވެ. ”ދައްތަ ތަ؟ ދައްތަދޯ؟“ ހިތް ނުތަނަވަސް ވެފައިވާ އަޑަކުން އަރުޝީ ސުވާލުކޮށްލިއެވެ. ”އަރުޝީ، ދަރިފުޅާ، ކިހިނެއްވެފަ ތީނީ؟ މުޅި މީހާ ތީނީ އޮއްދާ ހިއްލާފައެއްނު! ނިދިފަ އޮތްއިރުވެސް މަޑުމަޑުން މަންމައަށް ގޮވަމުން ގެންދިޔައީ. މަންމަ ހުވަފެނުން ފެނުނީތަ؟“ ވަރަށް އޯގާތެރި ކަމާއިއެކީ ސަމްސުއްނިސާ، އަރުޝީއާއި މުޚާތަބު ކުރަމުން ގެންދިޔައެވެ.

އަރުޝީ ކޮންމެވެސް ވަރަކަށް ހަމަޖެހިލާފައި، ސަމްސުއްނިސާއާއި ދިމާއަށް ރަނގަޅަށް ބަލައިލިއެވެ. އަދި މަޑުމަޑުން ބޯ ޖަހާލުމާއިއެކު، ހުވަފެނެއް ފެނުނީ ކަމަށް ބުންޏެވެ. އެވަގުތު ދެއަތުން އޭނާގެ މޫނުމަތީގައި ހުރި އޮއްދައުތައް ރަނގަޅަށް ފޮހެލިއެވެ. ”ތިހެން ފެންނަ ހުވަފެންތަކަށް މާބޮޑަށް ސަމާލުކަން ދޭނެ ކަމެއްނެތް. މަންމައަށްޓަކާ ހެޔޮ ދުޢާ ކުރީމަ ރަނގަޅުވާނެ. އެހެންނޫނަސް މީހުން ބުނޭނު ހުވަފެނަކީ ބިލާހެކޭ.“ ލުއިލުއި ގޮތަކަށް ހީނލުމާއިއެކު ސަމްސުއްނިސާ، އޭނަގެ ވާހަކަ ކުރިޔަށް ގެންދިޔައެވެ. ވަރަށް އޯގާތެރިކަމާއިއެކީ، އަރުޝީގެ ބޯމަތީގައި އަތް ބާއްވާލުމާއިވެސް އެކުގައެވެ. ”ދެން ދޭ އަވަހަށް ފާޚާނާއަށް ވަދެލާފަ ތައްޔާރުވެލަން. ރޭގަވެސް އެއްވެސް އެއްޗެއް ނުކައެއްނު ނިދީ. މިހާރު ހުންނާނީ ވަރަށް ބަނޑުހައިވެސް ވެފައެއްނު ދޯ.“ އެވަގުތު ސަމްސުއްނިސާއާއި ދިމާއަށް އަރުޝީއަށް ބަލައިލެވުނެވެ. އެ ބަލައިލުމުގައި ވަނީ، އިހުތިރާމާއި ލަދުވެތި ކަމެވެ. އެއީވެސް އޭނާގެ މަންމައާއި އެއް އުމުރެއްގެ އަންހެނެކެވެ. އޭނާގެ މަންމަގެ އެންމެގާތް އެކުވެރިޔާއެވެ. އެވަޤުތު އަރުޝީއަށް ވިސްނާލެވުނެވެ. މަންމަގެ ޙަޔާތުގެ ދަތުރުނާމާއިން ދައްތައަށް އެނގެނީ ކޮން އެއްޗެއް ބާއެވެ؟ ޑައިރީގައި މަންމަ ލިޔެފައިވާ ކޮންމެ ވާހަކައަކީ ދައްތައަށް ފުރިހަމަ މަޢުލޫމާތު ލިބިފައިވާ ވާހަކަތަކެއް ބާވައެވެ؟ އަހަރެން މިއީ ކާކުގެ ދަރިއެއްކަން ދައްތައަށް އެނގޭނެ ބާއެވެ؟ އަހަންވީ ބާއެވެ؟ މިއިން އެއްވެސް ކަމަކާ ދައްތައާއި ސުވާލުކުރުން ރަނގަޅުވާނެ ބާއެވެ؟ ސަމްސުއްނިސާއަކީ، ނަފީސާގެ ކިތަންމެ ގާތް މީހަކަށް ވިއެއް ކަމަކު އަރުޝީއަށް އަދިވެސް އޭނާއާއި ކުރިމަތި ލުމުގައި ބީރައްޓެހި ގޮތެއް ގެންގުޅެވެއެވެ. އެހެނީ އެއީ އެހާ ގިނައިން ބައްދަލުވެ ވާހަކަ ދެކެވިފައި ހުރި ފަރާތެއް ނޫންކަމަށް ވީތީއެވެ. އަރުޝީއަށް، އެންމެ ފުރަތަމަވެސް ސަމްސުއްނިސާ ހަމަލޮލަށް ފެނުނީ، އޭނާގެ މަންމަގެ ޖަނާޒާއިންނެވެ. އޭގެ ކުރިން ފެނިފައިވަނީ ނަފީސާއާއިއެކު، ނަގާފައިވާ ދެތިން ގަނޑު ފޮޓޮއަކުންނެވެ. އެއީވެސް އެމީހުންގެ އެންމެ ޒުވާން ދުވަސްވަރުގެ ފޮޓޯތަކެކެވެ. ސަމްސުއްނިސާދެކެ ލަދުގަނެ ޖެހިލުންވާ ކަހަލަ ގޮތެއް އަރުޝީގެ ކިބައިގާ އެހުންނަ ސަބަބަކީ އެއީކަމަށްވެސް ވެދާނެއެވެ. ”އަރުޝީ.“ އަރުޝީ ސިއްސައިގެން ދިޔައީ އަނެއްކާވެސް ސަމްސުއްނިސާ ގޮވާލި އަޑަށެވެ. ”އާން މިދަނީ. އަސްލުވެސް ވަރަށް ބަނޑުހައިވެފަ މިއިނީ.“ އަރުޝީ އެދުމަތިން ތެދުވުމުގެ ބޭނުމުގައި ގޮދަޑީގައި ދެއަތް ވިއްދާލަމުން ބުނެލިއެވެ. އެވަގުތު ސަމްސުއްނިސާ ސުވާލެއް ކޮށްލިއެވެ. ”ކޯޗެއް ސައިބޯން ހަދައިދޭންވީ؟ އެހާ ގިނަދުވަސް ވަންދެން ބޭރު ގައުމެއްގަ ހުރެފަ އައިމަ ފަހަރެއްގަ ކާން ބޭނުންވާ އެއްޗިއްސަށް ބަދަލެއް އައިސްފަ ހުރެދާނެ ކަމަށް އިނގޭ މިހެން މިއަހާލީ. އެކަމަކު އަރުޝީގެ މަންމަ ނަފީސާގެ ފަރާތުން އެނގިފަ އެބަހުރި އަރުޝީއަށް ހެނދު ސަޔަށް އެންމެ ކަމުދާ އެއްޗެހި.“ ”ނޫނޭ ދައްތާ. ދައްތަދެން އަހަރެންނަށްޓަކާ އެހާ ބުރަ އުފުލަން އުޅޭނެ ކަމެއް ނެތް. ރަނގަޅުވާނެ ކޮންމެ އެއްޗެއްވެސް. ދައްތައަށް ހަދަން ފަސޭހަ އެއްޗެއް ހަދާލަދީ. އެހެންނޫނީ އަހަރެން އަމިއްލައަށްވެސް ތައްޔާރު ކޮށްލަފާނަން.“ އަރުޝީ އެހާ ހިސާބަށް ބުނަންވާއިރަށް ސަމްސުއްނިސާ އަނެއްކާވެސް ވާހަކަ ދައްކަން ފެށިއެވެ. ”ނޫނޭ ދައްތަ ތައްޔާރު ކޮށްލަދީފާނަން. ކުރިއަށް އޮތްތަނުގަ އަރުޝީ ބޭނުން ގޮތަކަށް ބޭނުން އެއްޗެއް ތައްޔާރު ކޮށްގެން ކެއުމުގެ ފުރުޞަތު ލިބޭނެތާ ދޯ. މިއީ އަރުޝީގެ ގެއެއް. ދައްތަ މިއީ މިތާ ވަގުތީގޮތުން ހުރި މީހެއްތާ ދޯ. ދައްތަ ހުރިއިރު ދައްތަގެ އަތުންވެސް ކޮންމެވެސް އެއްޗެއް ރަހަ ބަލާލަން ރަނގަޅުވާނެ އެއްނު.“ ސަމްސުއްނިސާގެ އެބަސްތަކުން އަރުޝީ ކޮންމެވެސް ވަރަކަށް ހާސްވާގޮތް ވިއެވެ. ”ކާކު ބުނީ ދައްތަ މިގޭގަ ތިހުރީ ވަގުތީ ގޮތުންނޭ. މަންމަ ބުނި ގޮތުން ވިއްޔާ ދައްތައަކީވެސް އަޅާލާނެ މީހެއް ހުރި މީހެއް ނޫން. އެހެންވީމަ ދެން އަލުން އަނބުރާ ރަށަށް ދާނެކަމެއް ނެތެއްނު. މިތާ އަހަރެންވެސް މިހުރީ އެކަނި. ހިނގާ އަހަރުމެން ދެ އެކަނިވެރިން އެކުގަ ދިރިއުޅެން ފަށަން.“ އަރުޝީގެ އެހުށައެޅުމަށް ބުނާނެ އެއްޗެއް ނޭންގިފައި ހުރިކަހަލަ ގޮތަކަށް ސަމްސުއްނިސާއަށް ބަލަހައްޓައިގެން ހުރެވުނީއެވެ. ކޮންމެވެސް ވަރަކަށް ފެންކަޅިވެސް ވެފައެވެ. ”ދައްތާ، ކީއްވެ އެއްޗެކޭ ނުބުނެ ތިހުރީ؟ ދައްތަ އަހަރެން ކައިރީގަ ހުންނަން ބޭނުން ނުވަނީތަ؟“ ސަމްސުއްނިސާ ސިއްސައިގެންދާ ކަހަލަ ގޮތެއް ވިއެވެ. އަދި އަރުޝީގެ ސުވާލަށް ޖަވާބު ދެވޭތޯ މަސައްކަތް ކުރިއެވެ. ”ނޫނޭ. ހުންނަން ބޭނުން ނުވެގެންނެއް ނޫން. އަރުޝީގެ މަންމަވެސް އޮތީ ވަޞީއަތް ކޮށްފަ އަރުޝީ އެކަނި ކޮށްނުލައްޗޭ ކިޔާފަ. އެކަމަކު އަސްލުގަ މިވިސްނާލީ މުޅިން އެހެން ކަމަކާ. ނަފީސާ އަރުޝީއަށް ދީފަ ހުރި ތަރުބިއްޔަތުގެ ފުރިހަމަކަމުން އެކަމާ މި ވިސްނާލީ. ހަމަ ގައިމުވެސް ދައްތަނަމަ، ދައްތަގެ ދަރިޔަކަށް އެހާ ފުރިހަމަ ތަރުބިއްޔަތެއް ނުދެވުނިސް. ދައްތައަށް އެނގޭ އަރުޝީގެ މަންމަ، އަރުޝީ ގެންގުޅެ ބޮޑުކުރަން އުފުލި ބުރަޔާ ކުރިމަތިލި ތަކުލީފުތައްވެސް. އެހެންވެ ކުޑަކޮށް އަސަރުކުރީ.“ ސަމްސުއްނިސާގެ އެވާހަކަތަކުން އަނެއްކާވެސް އަރުޝީ މަންމަގެ ޑައިރީގެ ޞަފްޙާތަކާމެދު ވިސްނާލުމަށް މަޖުބޫރު ކުރުވިއެވެ. އަދި ވަރަށް ޖެހިލުންވެ ހުރެ، ސަމްސުއްނިސާއާއި ސުވާލު ކުރިއެވެ. ”ދައްތާ، މަންމަޔާ ދައްތަ ތީ ހަމަ އެންމެ ކުޑައިރުއްސުރެ އެކުގަ އުޅުން ދެމީހުންތަ؟ ހަމަ އެއްރަށެއްތަ؟“ ސަމްސުއްނިސާ ކޮންމެވެސް ވަރަކަށް ޖެހިލުންވާ ގޮތްވިއެވެ. ”ކީއްވެ ތިހެން ތި އެހީ؟“މަންމަ ނުބުނޭތަ ދައްތަޔާ ކޮންމެވެސް ވަރަކަށް ތިމާގެއެކޭ؟“ ”ނޫން ބުނި. ދައްތަގެ ވާހަކަ ވަރަށް ގިނައިން މަންމަ ދައްކާނެ. ހަމައެކަނި ބައްދަލުނުވާކަން. އެހެންވީމަ ދައްތަ އަނެއްހެން އެހާ ބޮޑަކަށް ނޭންގޭނެތާ ދޯ. މަންމަ ގިނައިން ދައްކާނީ ދައްތަޔާ ދެމީހުން އެކުގަ ކޮށްފަ ހުންނަ މަޖާ ކަންތައްތަކުގެ ވާހަކަ. ދެން އަނެއްކާ މިހެން މި އަހާލީވެސް މަންމަ ބުނި ދައްތަ ވަރަށް ގިނަދުވަސް ވަންދެން ކޮންމެސް އެހެން ރަށެއްގަ ދިރިއުޅުނު ވާހަކަ. އެހެންވެ މި އަހާލީ ދެމީހުން އެއްރަށެއްތޯ.“ މިފަހަރު ސަމްސުއްނިސާ ޖަވާބު ދިނީ ކޮންމެވެސް ވަރަކަށް ހަމަޖެހިލާފައެވެ. ”އާން ހަމަ އެއްރަށެއް. އެއްކޮން އުޅެ ބޮޑުވީވެސް. އޭރުގަވިއްޔާ އަންހެން ކުދިން ވަރަށް އަވަހަށް ބޮޑުވާނެ. މި ބުނީ އަވަހަށް ކައިވެނި ކުރަން ޖެހުމާ، ހަމަ އެހާ އަވަހަށް ގެވެހި ދިރިއުޅުމުގެ ޒިންމާ ނަގަން ޖެހުންވެސް އެއީ ވަރަށް އަވަހަށް ބޮޑުވާން މަޖުބޫރު ކުރުވާ ކަމެއްތާ  ދޯ.“ ސަމްސުއްނިސާ ދައްކަމުން ގެންދިޔަ ވާހަކަތައް އަރުޝީ ވަރަށް ކަނުލާ އަޑުއަހަން އިންކަން އޭނާއަށް ފާހަގަ ކުރެވުނެވެ. ”ދެން މިހާރު މާ ވާހަކަ ދިގުވެއްޖެ. ދެން ދޭ ތައްޔާރުވާން. މިއަދު އަދި ޖެހޭނެ މަންމަގެ ހުރިހާ އަންނައުނާ އެހެނިހެން ސާމާނުވެސް ނަގާ އޭގެތެރެއިން ޞަދަގާތް ކުރެވެން ހުރި އެއްޗެއް ވަކިކޮށް ހަދަންވެސް.“ އެވަގުތު އަރުޝީ ފުންމައިގެން އެނދުން ތެދުވެގެން ފާޚާނާއާއި ދިމާއަށް ހިނގައިގަތެވެ. އޭނާގެ މަންމަގެ މައްޗަށް އޮތް އޭނާގެ ވާޖިބު އަދާކުރަން ވިސްނިގެން ކަހަލަ ގޮތަކަށެވެ.

އަރުޝީ ތައްޔާރުވެލައިގެން ކާމޭޒުދޮށަށް އައި އިރު، ސަމްސުއްނިސާ ހުރީ ކޮފީ ތައްޓެއް ހަދާފައެވެ. އަރުޝީ އައިސް އިށީނުމުން ބިސްގަނޑަކާއި، ސޭންޑްވިޗް ތައްޓެއް ކައިރީގައި ބެހެއްޓިއެވެ. އަރުޝީ ވަރަށް ބޮޑަށް ހައިރާން ވިއެވެ. އެއީ އަރުޝީ ޢާންމުކޮށް ހެނދުނުގެ ނާސްތާއަށް އެންމެ ބޭނުންވާ ތަކެތި ކަމަށް ވާތީއެވެ. އޭނާގެ މަންމަ ވަރަށް ރަނގަޅަށް ހުރިހާ އެއްޗެއްވެސް ސަމްސުއްނިސާއަށް ދަސްކޮށްދީފައި ހުރިކަމުގެ އިހުސާސެއް އަރުޝީއަށް ކުރެވުނެވެ. ”ދައްތަ އެންމެ ފުރަތަމަ އައި އިރު ކޮފީ ހަދާކަށް އެއްގޮތަކަށްވެސް ނޭންގެ. އެކަމަކު ނަފީސާ ބުނާނެ އަރުޝީއަށް އެންމެ ހެނދުނު ގަޑީގައި ކަމުދަނީ ކޮފީއޭ. އެހެން ކިޔާފަ ދައްތައަށްވެސް ކޮފީ ހަދަން ދަސްކޮށްދިނީ. ބަލާލަބަލަ އަޅެ ކަމުދޭތޯ. މަންމަ ހަދާހާ ފުރިހަމަވެފަ ހަމަ ސީދާ އެރަހަ ނުލިޔަސް ފަހަރެއްގަ ދައްތަ ހަދާ ކޮފީވެސް އަރުޝީއަށް ކަމުހިނގައިދާނެތާ ދޯ.“ ވަރަށް އޯގާތެރި ހިނިތުން ވުމަކާއެކީ ސަމްސުއްނިސާ ބުނެލިއެވެ. އަރުޝީވެސް ވަރަށް ލަދުވެތި ގޮތަކަށް ހީލުމާއިއެކު، ކޮފީފޮދެއް ބޯލިއެވެ.

 

ރަހަ ބަލާލަން ބޯލާ ފަދައިންނެވެ. ކޮފީގެ ރަހަ ދުލުގައި ޖެހުމާއިއެކު، އަރުޝީއަށް ބޭއިޚްތިޔާރުގާ ދެލޯ މަރާލެވުނެވެ. އަދި އޭގެ އަސަރުގައި

ޖެހުނުފަދަ ގޮތަކަށް ކޮންމެވެސް ވަރަކަށް ކަނދުރާ މައްޗަށް ހިއްލާލިއެވެ. ”ހަމަ ހީވީ މަންމަގެ އަތުން ހަދާފަ ހުރި ކޮފީ ތައްޓެއްގަ ތުން ޖަހާލެވުނުހެން. ވަރަށް ވަރަށް ވަރަށް މީރު. ދައްތަ ހާދަ މޮޅޭ. ބަލާބެލުމަށް މިއޮއް ސޭންޑްވިޗްވެސް ހީވަނީ ހަމަ އެހާ ފުރިހަމަ ވާނެހެން.“ ސޭންޑްވިޗް ތައްޓަށް ބަލާލުމާއިއެކު، ޢިޝާރާތް ކޮށްލަމުން އަރުޝީ ބުނެލިއެވެ. ”ދެން އަޅެ ރަހަ ބަލާލަ ބަލަ. މީރުވިއްޔާ ކިތަންމެހާވެސް ރަނގަޅު.“ ލުއިލުއި ހިނިތުން ވުމަކާއިއެކު ސަމްސުއްނިސާ ބުނެލިއެވެ.

ނާސްތާގެ ކަންތައް ނިންމާލުމަށްފަހު، އަރުޝީ އަދި ސަމްސުއްނިސާ ދިޔައީ ނަފީސާގެ ކޮޓަރިއަށެވެ. އެއީ މާ ފުރިހަމައަށް ހަދާފައިވާ ކޮޓަރިއެއް ނޫނެވެ. އެންމެ ކުރީގެ ގޮތަށް މަތީގައި ފަތި އަޅައިގެން ސީލިން ކޮށް، ފަންކާއެއް ހަރުކޮށްލާފައި ހުއްޓެވެ. ކޮޓަރީގެ ފާރުތަކުން ހުރީ ކޮންމެވެސް ވަރަކަށް ކުލަވެސް ފޮޅިފައެވެ. ތިންފޫޓާއި ހަފޫޓުގެ އެނދަކާއެކު ކައިރީގާ ކުޑަ މޭޒެއް ބަހައްޓާފަ ހުއްޓެވެ. ތަޅުންގަނޑުގާ ޖަހާފައި ހުރި މުށިތަކުގައިވެސް ހުރީ ކޮންމެވެސް ވަރަކަށް ރެނދުއަޅާފައެވެ. ކޮޓަރީގެ ދޮރުމައްޗަށް ހުއްޓުމާއިއެކު، މަންމަ އެނދުމަތީގައި އިށީންދެލައިގެން އިންކަހަލަ އިހުސާސެއް އަރުޝީއަށް ކުރެވުނެވެ. އެއަށްފަހު ވަށައިގެން ކޮޓަރިތެރެއަށް ނަޒަރު ހިންގާލިއެވެ. އަދި ހިތާހިތުން ބުނެލިއެވެ. ”އަހަރެންނަށް ހުރިހާ އުފަލަކާ އަރާމެއް ހޯދައިދިނުމަށްޓަކާ އެތައް ބުރަ މަސައްކަތެއް ކޮށް، އަހަރެންނަށް އަރާމު ނިދި ހޯދައިދީފަ ޚުދު މަންމަ ނިދީ މިފަދަ ޙާލެއްގަ. އެހެންވީމަ ހަމަ ޔަޤީނުންވެސް އެއީ އަހަރެންގެ އަސްލު މަންމަ. ހަމަ ގައިމުވެސް ދުރުހިލޭ މީހަކު އެހެން މީހަކަށްޓަކާ މިހާވަރަކުން ނޫޅޭނެ. ދެން އެހެންވިއްޔާ މަންމަ މަޢާފަށް އެދެން ޖެހޭ ސަބަބަކީ ކޮބައިބާ؟ ރޭގަ ތަންކޮޅެއް ބޮޑަށް މަންމަގެ ދަތުރުނާމާ ކިޔާލެވުނު ނަމަ ކޮންމެވެސް ވަރަކަށް ކަންކަން ސާފުވެގެން ދިޔައިސް.“ އެޚިޔާލަށް ގެއްލިފައި ހުއްޓާ، އަރުޝީ ސިއްސައިގެން ދިޔައީ، ސަމްސުއްނިސާ އޭނާގެ ކޮނޑުގައި މަޑުމަޑުން އަތް ބާއްވާލުމުންނެވެ. ”ދައްތައަށް އެނގޭ އަރުޝީއަށް މިހުރިހާ ކަމަކާ ކުރިމަތިލާން ތަންކޮޅެއް އުނދަގުވާނެކަން. އެހެންނަމަވެސް ކުރަން ޖެހޭ ކަމެއް ކުރަން ޖެހޭނެތާ ދޯ. އަސްލުގަ ދައްތަ ހީކުރި ވަރަށްވުރެ އަރުޝީ ހިތްވަރުގަދަ. އެހެންވީމަ ދައްތަ ގަބޫލުކުރަނީ ދެން ކުރަން ހުރި ކަންކަމުގަވެސް އަރުޝީ އެހިތްވަރު ދައްކާނެކަމަށް.“ އަރުޝީ މަޑުމަޑުން ބޯޖަހާލިއެވެ. އަދި ވަރަށް މަޑުމަޑުން އެކޮޓަރިތެރެއަށް ވަނެވެ. ގޮސް ނަފީސާގެ އެނދުމަތީގައި އިށީނދެލިއެވެ. އަދި ސަމްސުއްނިސާއަށްވެސް ކައިރީގައި އިށީނުމަށް ދަޢުވަތު ދިނެވެ. ”އަސްލުގަ އަހަރެން މިވިސްނާލީ، މަންމަގެ ހިތްވަރު ގަދަކަމާ، ކެތްތެރި ކަމާމެދު. މަންމަ މިހާ ހާލުގަ އުޅެމުން އަހަރެންނަށް ދުނިޔޭގެ ހުރިހާ އުފަލަކާ އަރާމެއް ހޯދައިދިނީ. އަހަރެންނަށް އެންމެ ފުރިހަމަ ތަޢުލީމު ޙާޞިލުކުރުމަށް މަގު ކޮށައިދިނީ.“ އެވަގުތު އަރުޝީގެ ލޮލުން ކަރުނަ ހިލިލިއެވެ. އެކަރުނައިގާ ވަނީ، މަންމަ ނެތިގެން ދިއުމުގެ ހިތާމައާއި، މަންމައަށް ޓަކާ އަރުޝީ ވާ ފަޚުރާއި އުފާވެރިކަމާ، މަންމަގެ ޙަޤީޤަތް އެނގެމުން ދާތީ، ހިތުގައި އުފެދިފައިވާ މޮޅިވެރިކަމުގެ މަސްހުނި އިހުސާސް ތަކެކެވެ. ”އަރުޝީ މިހާރު ވިސްނާނެ އެއްޗެއް ދައްތައަށްވެސް އިހުސާސް ކުރެވޭ. ކަންބޮޑު ނުވޭ. މަންމަ ނެތެއްކަމަކު އަރުޝީގެ މި ދައްތަ އަބަދުވެސް އަރުޝީ ކައިރީގަ ހުންނާނަން އިންޝާﷲ. އެކަމަކު އެކަމަށް އަރުޝީ ބޭބުންވާހާ ހިނދަކު އިނގޭ އެކަން އެހެންވާނީ.“ ސަމާސާ ގޮތަކަށް ސަމްސުއްނިސާ ބުނެލިއެވެ. ސަމްސުއްނިސާގެ މަޤްޞަދަކީ، އަރުޝީގެ މޫނުމައްޗަށް ހިނިތުންވުމެއް ގެނައުމެވެ. ”ދައްތާ ދެން ތިކަހަލަ ވާހަކަ ނުދައްކާތި. އަހަރެން ބޭނުން ދައްތަ އަބަދުވެސް އަހަރެންގެ ކައިރީގަ ހުންނަން. ދައްތަ ހުރީމަ މަންމަ ކައިރީގަ ހުންނަ ކަމުގެ އިހުސާސްވެސް ކުރެވޭ ވިއްޔަ. މިއަދު މިތާ ދައްތަ ނެތްނަމަ އަހަރެންނަކަށް މިވަރަކަށް ހިތްވަރެއްވެސް ނުކުރެވުނިސް.“ އެހެން ބުނުމާއިއެކު، ސަމްސުއްނިސާގެ ކޮނޑުމަތީގައި އަރުޝީގެ ބޯ މަޑުމަޑުން ބާއްވާލިއެވެ. އެހެނަސް ބޭއިޚްތިޔާރުގައެވެ. ސަމްސުއްނިސާވެސް އަރުޝީގެ ގައިގާ ވަރަށް އޯގާތެރިކަމާއެކީ ފިރުމާލިއެވެ. އެފިރުމާލުމުން އަރުޝީއަށް އިހުސާސް ކުރެވުނީ މައިވަންތަ ކަމުގެ ލޯތްބެވެ. ކުއްލިއަކަށް ސިއްސައިގެން ގޮސް ސަމްސުއްނިސާގެ ކޮނޑުމަތިން އަރުޝީގެ ބޯ ހިއްލާލިއެވެ. ސަމްސުއްނިސާ ކިހިނެއްވީތޯ ސުވާލުކުރުމުން، މާބޮޑު ކަމެއް ނުވާކަމަށް އަރުޝީ ބުންޏެވެ. އަދި ކުރަން ހުރި މަސައްކަތައިގެން އަވަސްވެގަންނަން އެދުނެވެ.

އަރުޝީ މަޑުމަޑުން ތެދުވެގެން ގޮސް ކޮޓަރީގައި ހުރި އޭނާގެ މަންމަގެ އަލަމާރި ހުޅުވާލިއެވެ. އެއީ ތަންކޮޅެއް ކުރީގެ ވައްތަރަށް ހަދާފައިވާ އަލަމާރިއެކެވެ. އޭގެ ތެރޭގައި މާގިނަ ސާމާނެއްވެސް ނެތެވެ. އޭނާގެ މަންމަ އެތައް ޒަމާނަކުއްސުރެ ލާން ގެންގުޅުން ފަސް ހެދުމާއި، ކުޑަ ލަކުޑި ފޮއްޓެއް ފިޔަވާ ދެން އޮތީ ސިޓީއުރައެކެވެ. ހެދުންތަކުގައި ވަރަށް ލޯބިން އަތް ބީއްސާލުމާއިއެކު، އަރުޝީ ނެގީ އޭގާ ފެންނަން އޮތް ސިޓީއުރައެވެ. ސިޓީއުރަ ހުޅުވާލާފައި ބަލައިލިއިރު އޭގާ ހުރީ ފޮޓޯ ތަކެކެވެ. އަރުޝީގެ އެންމެ ތުއްތުއިރުއްސުރެން ފެށިގެން ގޮސް އެންމެ

 

ފަހުގެ ދުވަސްތަކާއިހަމައަށް ނަގާފައިވާ ފޮޓޯތަކެވެ. އަރުޝީގެ މަންމައާއި ބައްޕަ އެކި ދައުރުމަތިން އެކުގައި ނަގާފައިވާ ދެތިންގަނޑު ފޮޓޯވެސް

އެއާއިއެކު އޮތެވެ. އަރުޝީ އެއިން ކޮންމެ ފޮޓޮއަކަށް ވަކިވަކިން ބަލަމުން ގެންދިޔައެވެ. އެންމެ ތުއްތުއިރުއްސުރެ ރައްކާކުރެވިފައިވާ އެތައް ހަނދާންތަކެއް އަރުޝީގެ ހިތާއި ސިކުނޑީގައި އެއްފަހަރާ ދައުރުވާން ފެށިއެވެ. އަދި ގިސްލާ ރޮވެން ފެށުނެވެ. އެވަގުތު ސަމްސުއްނިސާ ދުވެފައި ކަހަލަ ގޮތަކަށް އަރުޝީ ކައިރިއަށް އައެވެ. އަދި ވަރަށް އޯގާތެރިކަމާއިއެކު، އޭނާގެ ކޮނޑުމަތީގައި އަތް ބާއްވާލިއެވެ. ”އަރުޝީ ދަރިފުޅާ ހިތްވަރުކުރޭ. އިރާދަ ކުރެއްވިއްޔާ ހުރިހާ ކަމެއްވެސް ރަނގަޅުވާނެ. މާޝާﷲ ނަފީސާގެ ނަސީބު ވަރަށް ރަނގަޅު. މިހާ ހިތްވަރުގަދަ ކުއްޖަކު ތަރުބިއްޔަތު ކުރުމުގެ ނަސީބު ލިބުނީތީ މިހެން މިބުނީ.“ އެވަޤުތު އަރުޝީ މަޑުމަޑުން ސަމްސުއްނިސާއާއި ދިމާއަށް އެނބުރިލިއެވެ. އަދި ހައިރާންކަމާއިއެކީ ސަމްސުއްނިސާއާއި ދިމާއަށް ބަލަހައްޓައިގެން ހުއްޓެވެ. ”ކީއްވެ ތަރުބިއްޔަތު ކުރުމުގެ ނަސީބު ލިބުނިއްޔޭ ތިބުނީ. މަންމަގެ ބަނޑުން އުފަންވެސް ވީމަތާ ދޯ ތަރުބިއްޔަތު ކުރުމުގެ ނަސީބުވެސް ލިބުނީ. އެހެން ނޫނަސް އަހަރެންނަށް ލިބިފައިމިވާ ހިތްވަރާއި ކެތްތެރިކަމަކީ އަހަރެންގެ މަންމަގެ ކިބައިން ވާރުތަ ވެފަ އޮތް އެއްޗެއް ކަމަށް އަހަރެން ގަބޫލުކުރަނީ.“ މިފަހަރު އަރުޝީގެ އަޑުގައި ހުރީ ތަންކޮޅެއް ވަރުގަދަ ގޮތެކެވެ. ސަމްސުއްނިސާ ބުނި އެއްޗަކަށް އެއްބަސްނުވާ ކަހަލަ ކުލަވަރެކެވެ. ”ދައްތަ ބުނި އެއްޗެއްގެ މާނަ ގޯސްކޮން ނުނަގައްޗޭ. ތިޔައީ ހަމަ ނަފީސާގެ ދަރިއެއް. އެޙައްޤު އޭނަގެ ކިބަޔަކުން އެކަކަށްވެސް ނިގުޅައެއް ނުގަނެވޭނެ.“ ސަމްސުއްނިސާގެ ވާހަކަ ހުރިގޮތުން އަރުޝީގެ ހިތުގައި ކޮންމެވެސް ވަރެއްގެ ޝައްކެއް އުފެދެން ފެށިއެވެ. ސަމްސުއްނިސާއަށް އޭނާގެ މަންމަގެ ޙަޔާތުގެ ވަރަށް ބޮޑު އެއްޗެއް އެނގޭ ކަމުގެ އިހުސާސެއް ކުރެވުނެވެ. އަދި ސަމްސުއްނިސާގެ ކިބައިން އިތުރަށް އޮޅުން ފިލުވުމަށް ކެތްމަދުވިއެވެ. ”އަހަރެން މީ ނަފީސާގެ ދަރިއެއްކަން އަހަރެންނަށްވެސް އެނގޭ. ދެން އެހެންވިއްޔާ އަހަރެންގެ ބައްޕައަކީ ކާކު؟ މިހެން މިއަހާލީ މިގޭ ބައްޕަ ދުނިޔޭގައި ހުރިއިރު، ބައްޕަގެ ޢަމަލުތައް މަންމަގެ މައްޗަށްވެސް އަދި އަހަރެންނާމެދުވެސް ހުރިގޮތުން.“ ސަމްސުއްނިސާގެ ޖަވާބަކަށް އިންތިޒާރު ކޮށްގެން އަރުޝީ ހުއްޓެވެ. ”އިތުރު އެއްވެސް ޝައްކެއް ނެތްގޮތުގަ ތިޔައީ މިގޭ ޢަލީ ފިރާޤުގެ ދަރިއެއް. އެއަކު އެއްވެސް ޝައްކެއްނެތް. ދެން އޭނަ ތިދެމައިންނާމެދު އެގޮތަށް ކަންތައް ކުރަމުން ގެންދިޔައީ ކީއްވެކަމެއް ބުނެދޭކަށް ދައްތައަކަށް ނޭންގެ.“ ސަމްސުއްނިސާގެ ވާހަކަ މިހާ ހިސާބަށް ދިއުމުން އޭނާގެ މަޢުލޫ ބަދަލުކޮށްލަން ވިސްނިއެވެ. އެހެނީ މިކަމާމެދު މާގިނަ ވާހަކަ ދައްކަން ވެއްޖިއްޔާ އޭނާ ދައްކަން ބޭނުންނުވާ އެތައް ވާހަކަތަކެއް އޭނާގެ ދުލުން ބޭރުވެދާނެ ކަމުގެ ބިރު ހީވީމައާއިވެސް އެކުގައެވެ. އެހެނަސް އަރުޝީ އަދިވެސް އެހުރީ ސަމްސުއްނިސާއާއި ދިމާއަށް ޝައްކުން ފުރިގެންވާ ނަޒަރަކުން ބަލަހައްޓައިގެންނެވެ. އެތައް ސުވާލުތަކެއްގެ ޖަވާބު ބޭނުންވެފައިވާ ފަދަ ގޮތަކަށެވެ. ”ދެން ތިހުރިހާ ވާހަކައެއް ފަހުންވެސް ދެއްކިދާނެދޯ. ހިނގާ އިހަށް މިކަން ކޮށްލަމާ. އަދި މެންދުރަށް ކައްކަންވެސް ޖެހޭނެއެއްނު.“ ”އާން އެންމެ ރަނގަޅު. ދައްތަ ތިބުނިހެން މިވަގުތަށް މުހިންމީ މިކަން. މިތަކެތި ހަމަ ޖައްސާލާފަ އަހަރެން ގުޅާނަން ސާމިރުއަށް. އޭނަ އެހީތެރިވާނެ މިއަށް ކޮންމެސް ގޮތެއް ހަދަން.“ އަރުޝީ، ސަމްސުއްނިސާގެ ބަހަށް އެއްބަސްވީ، އޭނާގެ މަންމަގެ ޑައިރީއިން އަދިވެސް އިތުރަށް އޮޅުންފިލާނެ ކަމުގެ އުންމީދުގައެވެ. މިހާތަނަށްވެސް އޭނާގެ މަންމަގެ ޙަޔާތުގެ ދަތުރުގައި އޭނާއަށް އަނގިފައިނުވާ އެތައްކަމެއް އެޑައިރީއިން އެނގިގެން ހިނގައްޖެއެވެ. އާނއެކެވެ. އަރުޝީގެ މަންމަގެ ޙަޔާތުގައި ހިނގާދިޔަ އެތައްކަމެއް އޭނާ ބަލަން ބޭނުންވެއެވެ. އޭނާ އެންމެ ކުޑައިރުއްސުރެ ފެންނަމުން ދިޔަ މަންމައަކީ ހަމަ ހަޤީޤަތުގައިވެސް އެހާ ހިތްވަރުގަދަ އަދި ކެތްތެރި އަންހެނެއްތޯ ބަލަން ބޭނުންވެއެވެ. ބޭރުފުށުން ފެނުނު ނަފީސާއަކީ، އެނަފީސާގެ މާޒީގައިވެސް ހަމަ އެހާ ތެދުވެރި އަދި އިޚުލާސްތެރި އަންހެނެއްތޯ ބަލަން ބޭނުންވެއެވެ. ފުރަތަމަ ކައިވެންޏަށް އެތައް ދުވަހެއް ވީއިރުވެސް ދަރިއަކު ނުލިބި ހުރި ނަފީސާއަކީ ހަމަ ޙަޤީޤަތުގައިވެސް އޭނާގެ އުފަން މަންމަތޯ ބަލަން އަރުޝީ ބޭނުންވެއެވެ.

  • ނުނިމޭ –

 

މި ލިޔުމާ ގުޅޭ