ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދައުވަތަކަށް އެ ގައުމަށް ކުރައްވަމުން ގެންދަވާ ފުރަމާނަ ދަތުރުފުޅުގައި، ރައީސް ޑރ. މުހައްމަދު މުއިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން ފަސްޓް ލޭޑީ ސާޖިދާ މުހައްމަދުގެ ނަންފުޅުގައި ސިންގަޕޫރުގެ ނޭޝަނަލް އޯކިޑް ގާޑަންގައި ހައިބްރިޑް އޯކިޑަކަށް ވަނީ ނަންދީފައެވެ. މި ރަސްމިއްޔާތު ބާއްވާފައިވަނީ އެ ދެކަނބަލުން ނޭޝަނަލް އޯކިޑް ގާޑަންއަށް ކުރެއްވި ޒިޔާރަތާ ގުޅިގެންނެވެ.
އެ ގާޑަންގައި ބޭއްވުނު ޚާއްސަ ރަސްމިއްޔާތެއްގައި، ރައީސް މުއިއްޒު އާއި ފަސްޓް ލޭޑީ ސާޖިދާގެ ނަންފުޅުގައި އޯކިޑަށް ނަން ދިން ކަމުގެ ލިޔުން އެ ދެކަނބަލުންނާ ވަނީ ހަވާލުކޮށްދެއްވާފައެވެ. ސިންގަޕޫރުގެ ނޭޝަނަލް އޯކިޑް ގާޑަންއަށް ވަޑައިގަންނަވާ ގައުމުތަކުގެ ރައީސުންނާއި ފަސްޓް ލޭޑީންނާއި އިއްޒަތްތެރިންގެ ނަންފުޅުގައި އެ ގާޑަންގެ އޯކިޑްތަކަށް ނަން ދިނުމަކީ، އެ ބޭފުޅުންގެ ޝަރަފުގައި ސިންގަޕޫރުން ކުރަމުން އަންނަ ކަމެކެވެ.
މި އޯކިޑް ބަހައްޓާފައި ހުންނާނީ ގާޑަންގެ ވީއައިޕީ އޯކިޑްސް ކަލެކްޝަންސްގައެވެ. އޯކިޑް ގާޑަންއަށް ކުރެއްވި ޒިޔާރަތުގައި ރައީސް ދެކަނބަލުން ވަނީ ގާޑަން ބައްލަވާލައްވައި، މެހެމާނުން ސޮއިކުރައްވާ ފޮތުގައި ސޮއި ކުރައްވާފައެވެ.
ރައީސް މުއިއްޒު ސިންގަޕޫރަށް ކުރައްވާ މި ދަތުރުފުޅަކީ ބުދަ ދުވަހުގެ ނިޔަލަށް ކުރައްވާ ދަތުރުފުޅެކެވެ. މި އަހަރަކީ ރާއްޖެ އާއި ސިންގަޕޫރާ ދެމެދު ސިޔާސީ ގުޅުން ގާއިމުކުރިތާ 50 އަހަރު ފުރޭ އަހަރުވެސް މެއެވެ. ދެ ގައުމުގެ ދެމެދު ސިޔާސީ ގުޅުން ގާއިމުކޮށްފައި ވަނީ 1975 ވަނަ އަހަރުގެ ފެބްރުއަރީ މަހުގެ 20 ވަނަ ދުވަހުއެވެ.






