ދަތުރުނާމާ (އަށާރަވަނަ ބައި)

ދަތުރުނާމާ (ފަސްވަނަ ބައި)

ޝިޔާމާ އަޙްމަދު (ސިޔައްތަ)
ޖުލައި 5, 2025

ފުން ޚިޔާލުތަކަށް ގެއްލިފައިހުރި އަރުޝީއަށް ހަމަހޭވެރިކަންވީ، އޭނާގެ އަތުގައި އޮތް ސިޓީއުރަ ބިންމައްޗަށް ވެއްޓުނު އަޑަށެވެ. މަޑުމަޑުން ތިރިއަށް ބަލައިލުމާއިއެކު، ކޮންމެވެސް ވަރެއްގެ ސިހުމެއް އަރުޝީއަށް ލިބުނެވެ. އެހެނީ އެސިޓީއުރަ ތެރެއިން ވެއްޓުނު ފޮތޯތަކުގެ ދަށުން ކޮންމެވެސް އެއްޗެއް ވިދާހެން އޭނާއަށް ހީވިއެވެ. މަޑުމަޑުން ތިރިވެލާފައި، އެއީ ކޯޗެއްތޯ ރަނގަޅަށް ބަލައިލިއެވެ. އަރުޝީއަށް ލިބުނު ހައިރާންކަން އިތުރަށް ބޮޑުވެގެން ދިޔައެވެ. އެއީ މީގެ ކުރިން އޭނާގެ މަންމައަތުން ނުފެންނަ އެއްޗަކަށް ވީތީއެވެ. އާނއެކެވެ. ފޮޓޯތަކުގެ ދަށުގައި އޮތީ، ހިމަހިމަ ރަން ކެވެލިކޮޅެކެވެ. ބަލާބެލުމަށް ވަރަށް ކުރީ ޒަމާނުގެ ވައްޓަފާޅިއަށް ފަރުމާކޮށްފައިވާ ކެވެލި ކޮޅެކެވެ. އެކެވެލިކޮޅަށް ބަލަހައްޓައިގެން ހުރެ، ބޭއިޚްތިޔާރުގައި ސަމްސުއްނިސާއަށް ގޮވާލެވުނެވެ. ”ދައްތާ، މިކޮޅަށް އާދެބަލަ. މީ ކާކުގެ އެއްޗެއްބާ؟“ ހައިރާނުން ފުރިގެންވާ ނަޒަރަކުން އެކެވެލިކޮޅާއި ދިމާއަށް ބަލަހައްޓައިގެން ހުރެ އަރުޝީ، ސަމްސުއްނިސާއާއި ސުވާލުކުރިއެވެ. ސަމްސުއްނިސާ މަޑުމަޑުން ހިނގާލާފައި އައިސް އަރުޝީ ކައިރިއަށް ހުއްޓުނެވެ. ”ކޮން ކެވެލިކޮޅެއް؟ ދައްކާލަބަލަ.“ އަރުޝީގެ އަތުގައި އޮތް ކެވެލިކޮޅު ދައްކާލި ވަޤުތު، ސަމްސުއްނިސާގެ މޫނުމަތީގެ ކުލަވަރު ބަދަލުވެގެން ދިޔަ މަންޒަރު ވަރަށް ރަނގަޅަށް އަރުޝީއަށް ފެނުނެވެ. ”ދައްތާ، އަނެއްކާ ކިހިނެއްވީ؟ ދައްތަ ރަނގަޅުތަ؟ ރަނގަޅު ނޫނިއްޔާ ދޭ އިހަށް އަރާމުކޮށްލަން.“ ސަމްސުއްނިސާގެ މޫނުމައްޗަށް ހިނިތުންވުން ގެނެވޭތޯ ވަރަށް މަސައްކަތް ކުރަމުން ގެންދިޔައެވެ. ”ނޫނޭ. ދައްތަ ހަމަ ރަނގަޅު. ކުޑަކޮން ބޮލުގަ ރިއްސާފަ މިހުންނަނީ. ވެދާނެ ރޭގަ ރަނގަޅަށް ނުނިދުނީމަ ކަމަށްވެސް.“ މިހެން ބުނުމާއިއެކު، އަރުޝީއާއި ދިމާއަށް ބަލައިލާފާ ހީނލިއެވެ. އަދި އަރުޝީގެ އަތުގައި އޮތް ކެވެލިކޮޅު އޭނާގެ އަތަށް ދިނުމަށް އެދި އަތް ދިއްކޮށްލިއެވެ. ”މީ ނަފީސާގެ ކެވެލިކޮޅެއް. އޭނާގެ ވަރަށް ގާތް މީހަކު މީގެ އެތައް ޒަމާނެއް ކުރިން ހަދިޔާއަކަށް ދީފައޮތް އެއްޗެއް މީ. ބަލާބަލަ އެހާ ދުވަސްވީއިރުވެސް މީގެ ކުލަޔަކަށްވެސް އަދި ވިދުމަކަށްވެސް އެއްވެސް ބަދަލެއް ނާދެ. އޭރުވެސް އަހަރެން ނަފީސާކައިރީގަ ބުނިން މީ ހަމަ އަސްލު ރަނޭ.“ ކެވެލިކޮޅާއި ދިމާއަށް ބަލަހައްޓައިގެން ހުރެ އޭގައި އަތްކާއްތަމުން، އަތްއަތަށް އަނބުރަމުން އޭގެ ތަފްސީލެއް އަރުޝީއަށް ދެވޭތޯ ސަމްސުއްނިސާ މަސައްކަތް ކުރަމުން ގެންދިޔައެވެ. އަދި އަރުޝީއާއި ދިމާއަށް އިސްއުފުލާ ބަލައިލިއެވެ. އަރުޝީ ހުރީ ސަމްސުއްނިސާ ދައްކަމުން ގެންދިޔަ ވާހަކަ ކަނުލާ އަޑުއަހާށެވެ. އެހެނަސް ޝައްކުން ފުރިގެންވާ ނަޒަރަކުންނެވެ. ”އެއީ ކާކުކަމެއް ދައްތައަކަށް ނޭންގޭތަ؟“ ”ނޭންގޭއެކޭ ބުނާކަށް ނުކެރޭނެ. އެކަމަކު އަރުޝީ މަންމަގެ މަރުދުވަހާ ހަމައަށްވެސް އެވާހަކަ ނުބުނެ އޮންނާނީ ކޮންމެސް ކަމެއް ވެގެންތާ ދޯ. އެހެންވީމަ ދައްތަވެސް އެކަން އެގޮތަށް ބާއްވަން ބޭނުންވެޔޭ ބުނެފިއްޔާ އަރުޝީ ޤަބޫލުކުރާނަންތަ؟“ އަރުޝީގެ އެސުވާލަށް ޖަވާބު ދޭނެގޮތެއް ސަމްސުއްނިސާއަށް ނެތްކަން އަރުޝީއަށް އިހުސާސްވި ކަހަލައެވެ. ”އެހެންވިއްޔާ އެންމެ ރަނގަޅު. މަންމަގެ ސިއްރެއް ދައްތަވެސް ބުނަން ބޭނުން ނުވަންޏާ، އެސިއްރު ސިއްރެއްގެ ގޮތުގަ ބާއްވަމާ ހިނގާދޯ.“ ކެވެލިކޮޅު އަނބުރާ ދިނުމަށް އެދި، ސަމްސުއްނިސާއާއި ދިމާއަށް އަތްދިއްކޮށްލަމުން އަރުޝީ ބުނެލިއެވެ. ލުއިލުއި ހިނިތުންވެލުމަކާއިވެސް އެކުގައެވެ. އަދި ވަރަށް އަމާނާތްތެރި ގޮތަކަށް މަންމަގެ ހުރިހާ ސާމާނެއްނަގާ، ރަނގަޅަށް ތަރުތީބު ކޮށްލިއެވެ. ކެވެލިކޮޅު އަނބުރާ ސިޓީއުރަތެރެއަށް ލުމަށްފަހު، އަނބުރާ އަލަމާރިތެރެއަށް ލިއެވެ.

 

އޭގެ ކުޑައިރުކޮޅެއް ފަހެވެ. އަރުޝީ އިނީ ސިޓިންރޫމުގައި އިށީންދެލައިގެންނެވެ. އެވަޤުތު، ބޭރުންކޮންމެވެސް މީހަކު ސަލާމް ގޮވާލުމުން އަރުޝީ އެސަލާމަށް ރައްދު ދިނެވެ. އަދި އެމީހަކު ގޭތެރެއަށް ވަނުމަށް ދަޢުވަތު ދިނެވެ. ”ސާމިރު ދޯ؟ އަވަހަށް އާދޭ. ކޯޗެއް ބޯނީ؟ ސައިތަ ނޫނީ ކޮފީތަ؟“ އެވަޤުތު ސާމިރު އައިސް އަރުޝީގެ ކައިރީގައި ހުރި ގޮނޑީގައި އިށީންދެލިއެވެ. ”ނޫނޭ. ހަމަ ދެންމެގަ ސައިބޮއެގެން މިއައީ. ހަމަ ފުލް.“ މަޑުމަޑުން ބަނޑުގައި އަތްއަޅާލުމާއިއެކު، އެއް އަތަށް ބޯ އަރިކޮށްލާފައި ހިނިތުންވެލަމުން ސާމިރު ބުނެލިއެވެ. ރަނގަޅަށް އިށީންދެލާ ހަމަޖެހިލުމާއިއެކު، އަރުޝީގެ ޙާލު އަހާލިއެވެ. ”އަހަރެން ދެން ރަނގަޅު.“ ވަރަށް މަޑުމައިތިރި ރާގަކަށް އަރުޝީ ބުނެލިއެވެ. ”ކޮބާ މިގޭގަ އުޅޭ ދައްތަ؟“ ގޭތެރެއަށް ބޯދިއްކޮށަލަމުން ސާމިރު ސުވާލުކޮށްލިއެވެ. ”ހަމަ ދެންމެގަ އެދިޔައީ ފެންވަރަން. މިއަދު ވަރަށް ބިޒީކޮން ދައްތަވެސް އުޅުނީ. މަންމަގެ ހުރިހާ އެއްޗެއް ނަގާ، ރަނގަޅަށް ބަންދުކޮށް ރައްކާކުރުމާ، ޞަދަޤާތް ކުރެވެން ހުރި އެއްޗެއްވިއްޔާ އެކަމަށް ތައްޔާރުކޮށް، ދެން ވަރަށް ގިނަ ކަންތައް ކޮށްލެވިއްޖެ މިއަދު.“ ”އެހެންދޯ. އަހަރެންވެސް މިއަދު ބައްޕަގެ ކަމެއްގަ ވަރަށް ބިޒީކޮން އުޅުނީ. އޯފް ދުވަހަކަށްވީމަ، މާކުރިން ބައްޕައަށް ހެލްޕު ވެދޭން ބުނެފަވިއްޔަ އޮންނާނީ. އެހެންނޫންނަމަ އަރުޝީއަށް ހެލްޕުވާން މިކޮޅަށް އާދެވުނިސް.“ އަރުޝީ ދައްކަމުން ގެންދިޔަ ވާހަކަ އަޑުއަހަން އިނދެފައި، ސާމިރު ބުނެލިއެވެ. ”އެއީ އެއްވެސް މައްސަލައެއް ނޫން. އެހެން ނޫނަސް އަހަރެންގެ ޣައިރު ޙާޟިރުގަ ސާމިރު ކޮށްދިން ކަންތައްވެސް ވަކި ކުޑައެއްނޫންތާ. ގަވައިދުން މަންމަ ކައިރިއަށް އައިސް މަންމަގެ ޙާލުބަލާ ކަންކަމުގަ އެހީތެރިވެދީ އުޅުނީމެއްނު. އެކަމަށްޓަކާ ސާމިރުއަށް ޝުކުރުއަދާކުރާނެ ގޮތްވެސް އަހަރެންނަކަށް ނޭންގެ. މިވަޤުތު ބުނެލެވެން އޮތީ ވަރަށް ބޮޑަށް ޝުކުރިއްޔާއޭ.“ ވަރަށް އޯގާތެރިކަމާއެކު އަރުޝީ ބުންޏެވެ. ”އެއީ އެއްވެސް ކަމެއްނޫން. އެހެންނޫނަސް އަހަރެން ބަލާގޮތުގަ އަރުޝީއަކީ އަހަރެންގެ އެންމެ ގާތް ރަޙުމަތްތެރިޔާ. އެންމެ ކުޑައިރުއްސުރެވެސް އުޅުނީ އެކުގަ. އެހެންވީމަ އަރުޝީ ކަމަކު ބުނީމަ އަހަރެންވެސް ކޮށްދޭން ޖެހޭނެތާ. އަހަރެންނަށް ޔަޤީން އަރުޝީވެސް އަހަރެން ކަމަކު ބުނެފިއްޔާ ފަހަތަކަށް ނުޖެހޭނެކަން.“ ”ޔަޤީންތާ“ ސާމިރުގެ ވާހަކައަށް އަރުޝީ ޖަވާބުދިނީ ވަރަށް ވަރުގަދަ އަޒުމަކާއެކުގައެވެ. ދެރަހުމަތްތެރިން އިރުކޮޅަކު ވާހަކަ ދައްކަން އިނުމަށްފަހު، ކުރަންހުރި އަސްލު ކަންތަކަށް ދެމީހުންވެސް އެނބުރިލިއެވެ. އަދި ކޮފީއަކަށް ދާންވާނެ ކަމަށްބުނެ، އަރުޝީއަށް ދަޢުވަތު ދިނުމާއއެކު، ސާމިރު ދިޔައީއެވެ.

ޝުކުރުވެރި ހިނިތުންވުމަކާއެކު ސާމިރު ނިކުމެގެން ދިޔަތަން ބަލަހައްޓައިގެން އަރުޝީ އިނެވެ. ކުޑައިރުކޮޅަކު އެހެން އިނުމަށްފަހު، ކުއްލިޔަކަށް އޭނާގެ މަންމަގެ ޑައިރީމަތިން އަރުޝީ ހަނދާންވިއެވެ. އަދި މަންމަގެ އަލަމާރި ތެރެއިން މިއަދު ފެނުނު ކެވެލިކޮޅާއިބެހޭ އެއްވެސް މަޢުލޫމާތެއް އެއިން ލިބިދާނެކަމަށް ވިސްނާލިއެވެ. އެހިނދު ދުވެފައި ކަހަލަ ގޮތަކަށް އަރުޝީ އޭނާގެ ކޮޓަރިއާއި ދިމާއަށް މިސްރާބު ޖެހިއެވެ. އަދި ވަރަށް މަޑުމަޑުން ދޮރުލައްޕާލުމާއިއެކު، ދޮރު ތަޅުލިއެވެ. ހަލުވި ހިނގުމެއްގައި ހިނގާލާފައިގޮސް، ބާލީސްދަށުގައި އޮތް ޑައިރީ އަރުޝީ ނެގިއެވެ. އެޑައިރީގައި، އަރުޝީވަނީ އޭނާ އެންމެފަހުން ކިޔާ ނިމުނު ޞަފްޙާ ފާހަގަވާނެ ގޮތަށް ގަނޑުކޮޅެއް ބާއްވާފައެވެ. ފޮތް ނެގުމާއިއެކު، މަޑުމަޑުން އެނދުމަތީގައި އިށީންދެލިއެވެ. އަދި ފާހަގަ ކޮށްފައިވާ ޞަފްޙާ ހުޅުވާލިއެވެ.

”މުޙައްމަދުފުޅުގެ ކުއްލި ވަކިވުން ވެގެންދިޔައީ އަހަރެންގެ މުޅި ޙަޔާތަށް އަނދިރިކަން ވެރިވެގެން ދިޔަކަހަލަ ކަމަކަށެވެ. އަހަރެންނަށް އެކަނިވެރިކަން އިހުސާސް ކުރެވެން ފެށިއެވެ. އެހެންނަމަވެސް އަހަރެން ހިތްވަރު ދެރައެއް ނުކުރަމެވެ. ހިތްވަރު ދެރަކޮށްގެން ވާކަށްވެސް ނެތްތާއެވެ. އެހެނީ، އަހަރެންގެ ބެލުމުގެ ދަށުގައި އަޅާލާނެ މީހަކު ނެތް ދެ އަންހެން ކުދިންނާއި މުސްކުޅި ބަފަޔަކު އެބަ ހުއްޓެވެ. އެމީހުންނަށްޓަކާވެސް އަހަރެން ތެދުވެ ކުރިއަށް ދާންޖެހޭނެތާއެވެ. އާނއެކެވެ. އަހަރެން ކުރިއެކޭ އެއްގޮތަށް މަސައްކަތަށް ނިކުތީމެވެ. ކުރިންވެސް ކުރަމުން ގެންދިޔަ މަސައްކަތެވެ. ދުވަސްތައް އެގޮތަށް ފާއިތުވަމުން ގޮސް، މުހައްމަދުފުޅުގެ ދެކޮއްކޮވެސް ފުރާވަރަށް އަރާ، އަމިއްލަ ޒަވާޖީ ޙަޔާތެއް ފެށީއެވެ. ދެކުދިންވެސް ކައިވެނި ކުރީ ރަށުން ބޭރު މީހުންނާއެވެ. އެއްކުއްޖަކު އޭނާގެ ފިރިމީހާއާއިއެކު، އެރަށަށް ހިޖުރަ ކުރީއެވެ. އަނެއްކުއްޖާ ދިރިއުޅެމުން ގެންދިޔައީ އަހަރެންނާއިއެކު އެއްގެއްގައެވެ. ބައްޕަވެސް މާގިނަދުވަހަކު އެތަކުލީފު އުފުލާކަށް ނުއޮތެވެ. މިދުނިޔެ ދޫކޮށް ފަސްގަނޑު ދަށަށް ދިޔައީއެވެ.

އަހަރެން އަނެއްކާވެސް މުޅިން އެކަނިވެރިވީ ފަދައެވެ. އެހެނަސް އަހަރެންގެ އަމިއްލަ ދިރިއުޅުމަށްޓަކާ މަސައްކަތް ކުރަން ޖެހޭނެތާއެވެ. އެގޮތުގެ މަތިން އަހަރެން، އަހަރެންގެ މަސައްކަތައިގެން ކުރިއަށް ދިޔައީމެވެ. އެހެނީ މީހަކަށް ބަރޯސާނުވެ ދިރިއުޅެވޭތޯ އަހަރެންވެސް ބަލަންޖެހޭނެތާއެވެ. އަހަރެންނަކީ ހުވަފަތް އަންހެނަކަށް ވީނަމަވެސް، ގައިގާ ވަރުހުރި އާރުލާ ޒުވާނެކެވެ. އެގޮތުގެ މަތިން އަހަރެންނަށްވެސް ރަނގަޅު ޒަވާޖީ ޙަޔާތެއް ވޭތިކުރުމުގެ ފުރިހަމަ ޙައްޤު އޮންނާނެކަން އަހަރެންވެސް ޤަބޫލުކުރަމެވެ. ފުރުޞަތު ނުލިބުނީކީވެސް ނޫނެވެ. އަހަރެންނާއި ދިމާއަށް އެޅިފަ ހުރި ޒުވާން ކަޅިތަކެއް މަދެއްވެސް ނޫނެވެ. މަދު ބައެއްގެ ނިޔަތް ރަނގަޅު ނޫންކަމުގައި ވީނަމަވެސް، ގިނަމީހުންގެ ހުށައެޅުންތަކުގައި އިހުލާސްތެރިކަން ހުންނަކަން އަހަރެން ޤަބޫލުކުރީމެވެ. އެހެނަސް އަހަރެންގެ ހިތުން މުހައްމަދުފުޅުގެ ލޯބި ފިލައިގެން ނުދާހާ ހިނދަކު އެކަން އެހެން ކުރުމަކީ ފަސޭހަ ކަމަކަށް ނުވާނެކަން އަހަރެންގެ ހިތް ބުނަމުން ގެންދިޔައެވެ. އެގޮތުގެ މަތިން އަހަރެން ގެންދިޔައީ އެއިން ކޮންމެ ހުށައެޅުމަކަށްވެސް އިންކާރު ކުރަމުންނެވެ. ދެކެފަރިތަ އަދި ހެޔޮއެދޭ ހުރިހާ އެންމެންވެސް އަހަރެންނަށް އެތައް ނަސޭހަތެއް ދެމުން ގެންދިޔައެވެ. މުޅި އުމުރު އެކަނިވެރިކޮށް ހޭދަ ނުކުރެވޭނެކަމަށް ބުނަމުންނެވެ. ނަމަވެސް އެމީހުންނަށްވެސް އަހަރެން ދެމުން ގެންދިޔައީ ބީރުކަންފަތެކެވެ. އުމުރުގެ ދުވަސްތައް ފާއިތުވަމުންގޮސް އަހަރެންގެ އުމުރު ތިރީސް އަހަރާ ގާތްކޮށްފިއެވެ. އެކަނިވެރި ދިރިއުޅުމަށް ފިސާރި ރަނގަޅަށް އޭރު އަހަރެން ހުރީ ހޭނިފައެވެ. ރަށުގެ މާހައުލާއި މީހުންގެ ދިރިއުޅުމަށްވެސް ވަރަށް ބޮޑެތި ބަދަލުތައް އަންނަން ފެށިއެވެ. ރަށުގެ ތަޢުލީމީ ޙާލަތުވެސް އިހުނަށްވުރެ ރަނގަޅުވެއްޖެއެވެ. އެހެނީ ރަށުގައިވެސް މިހާރު ކިޔަވައިދެނީ ސަރުކާރުގެ

ބެލުމުގެ ދަށުން ނިޒާމީ އުސޫލަކުންނެވެ. އަހަރެންވެސް އަމިއްލަ ދިރިއުޅުމަށް ކުރާ މަސައްކަތުގެ އިތުރުން ރަށުގެ ތަރައްޤީއަށް ކުރާ ކަންކަމުގައި ބައިވެރިވެ އުޅެން ފެށީމެވެ. އެގޮތުގެ މަތިން އަހަރެންނަކީ ރަށުގެ އަންހެނުންގެ ކޮމެޓީގައި އިސްދައުރެއް އަދާކުރަމުން ގެންދިޔަ މީހަކީމެވެ. ރަށުގެ ވެރިންގެ މެދުގައި ބަސްވިކޭ ކަނބަލަކަށް އަހަރެން ވެގެން ދިޔައެވެ. އަހަރެންނެކޭ އެއްފަދައިން އަހަރެންގެ މިތުރެއް ކަމަށްވާ ސަމްސުއްނިސާވެސް އަހަރެންނާއިއެކު، ހުރިހާ ކަމެއްގައި ބައިވެރިވަމުން ގެންދިޔައެވެ.

އެއްދުވަހެއްގެ ހަވީރެވެ. އަންހެނުންގެ ކޮމެޓީގެ ބައްދަލުވުމަކަށް އަހަރެން ދިޔައީމެވެ. އަހަރެންނާއިއެކު، ސަމްސުއްނިސާވެސް ދިޔައެވެ. އެބައްދަލުވުމުގައި، ރަށުގެ ވެރިންވެސް ބައިވެރިވިއެވެ. އަދި މާލެއިން ވަޑައިގެން ތިއްބެވި ދެބޭފުޅަކުވެސް އެބައްދަލުވުގައި ތިއްބެވިއެވެ. އެއީ، ރަށުގެ ފަޅުކޮނެ ބަނދަރު ހެދުމުގެ މަޝްރޫޢު ކުރިއަށް ގެންދިއުމަށް ސަރުކާރުން ނިންމަވާފައިވާތީ، އެކަމާއިގުޅޭ ކަންކަން ބައްލަވާ ދިރާސާ ކުރައްވަން ވަޑައިގެން ތިއްބެވި ދެބޭފުޅުންނެވެ. ކަންދިމާވި ގޮތުން އެދުވަހުގެ ބައްދަލުވުމަށް އަހަރެންނަށާއި ސަމްސުއްނިސާއަށް ދެވުނީ ތަންކޮޅެއް ލަހުންނެވެ. އެހެނީ ބައްދަލުވުމަށް ކިޔާފައިވާ ގަޑިއަށްވުރެ ދިހަވަރަކަށް މިނެޓް ފަހުންނެވެ. އަހަރުމެން ދިޔައިރު، ބައްދަލުވުން ފެށިގެން ކުރިއަށް ދަނީއެވެ. ވަރަށް ލަދުވެތި ގޮތަކަށް ސަލާމް ގޮވާލުމަށްފަހު އެތެރެއަށް ވަދެ، ބައްދަލުވުމުގައި އަހަރުމެން ދެމީހުންވެސް ޝާމިލުވެލީމެވެ. އިރުކޮޅެއްފަހުން، ސަމްސުއްނިސާ އަހަރެންގެ އުޅަނބޮށީގައި ވަރަށް ސިއްރުން ކޮށްޓާލާފައި، އިޝާރާތެއް ކޮށްލިއެވެ. އޭނާ އިޝާރާތް ކޮށްލި ދިމާއަށް އަހަރެންވެސް ބަލައިލީމެވެ. އަހަރެންގެ ކުރިމަތީގާ ކަހަލަ ގޮތަކަށް އިންނެވީ މާލެއިން ވަޑައިގެން ތިއްބެވި ދެބޭފުޅުންނެވެ. އެތަނުން އެއްބޭފުޅަކު އިންނެވީ އަހަރުމެންނާއި ދިމާއަށް ބަލަހައްޓަވައިގެންނެވެ. ކަޅިޖަހާނުލާ ބައްލަވަމުން ގެންދެވިއެވެ. އަހަރެންނަށްވެސް އިރުކޮޅަކު ބަލަހައްޓައިގެން އިނދެވުނީއެވެ. އޭރު، ކަތީބު ވާހަކަ ދައްކަވަމުން ގެންދަވަނީއެވެ. ކުއްލިއަކަށް ސިއްސައިގެން ދިޔައީ އަތްތިލަބަޑީގެ އަޑުން މުޅިތަން ގުގުމާލި އަޑަށެވެ. ކަތީބު ވާހަކަފުޅު ދައްކަވާ ނިންމެވުމުން ދެން ވާހަކަ ދައްކަވަން ފެއްޓެވީ، މާލެއިން ވަޑައިގެން ތިއްބެވި ދެބޭފުޅުންގެ ތެރެއިން އެއްބޭފުޅެކެވެ. އެއީ އެއޮއް ހުރިހާ ވަޤުތު އަހަރުމެންނާއި ދިމާއަށް ބައްލަވަން އިންނެވި ބޭފުޅާއެވެ. އެންމެ ފުރަތަމަވެސް އޭނާގެ އަމިއްލަ ތަޢާރަފެއް ދެއްވިއެވެ. ”އައްސަލާމު ޢަލައިކުމް، އަޅުގަނޑުގެ ނަމަކީ، ޢަލީ ފިރާޤު. އަޅުގަނޑު މަސައްކަތް ކުރަނީ އެމް. ޓީ. ސީ. ސީގައި. މިހާރު މިރަށުގައި ފަށަން ހަމަޖެހިފައިމިވާ ފަޅުކޮނުމާއި ބަނދަރު ހެދުމުގެ ޕްރޮޖެކްޓް ނިމެންދެން އަޅުގަނޑު ހުންނާނީ މިރަށުގަ. މިއަދު ތިޔަ ކަނބަލުންނާ އަޅުގަނޑުމެން މިބައްދަލުކޮށްލީ، މި މަސައްކަތް ކުރިއަށްދާއިރު، މަސައްކަތުގަ އުޅޭ ހުރިހާ ފަރާތްތަކެއްގެ ކެއުންބުއިމުގެ ކަންކަން ބަލަހައްޓަވާނީ ތިޔަ ކަނބަލުން ކަމަށް ކަތީބު ބުނުއްވާފަ އޮތީމަ އެކަމާ ގުޅޭގޮތުން ކުރަންޖެހޭ މަޝްވަރާތައް ކޮށްލުމަށް.“ އެބޭފުޅާގެ ވާހަކަ އެހާހިސާބަށް ދިއުމުން، ސަމްސުއްނުސާ އަނެއްކާވެސް ވަރަށް ނޫންކަމަށް ހަދާފައި އަހަރެންގެ ގައިގާ ކޮށްޓާލިއެވެ. އަދި އަހަރެންގެ ކަންފަތްބުޑަށް ގުދުވެލާފައި، ވައިއަޑުން ބުނެލިއެވެ. ”އެމީހާގެ އުމުރާ ބަލާފަ ހާދަ ރީތި މީހެކޭ. އަހަރެންގެ ހިތް ކިޔައިފި. ދެން މިރަށުން ދިޔަކަ ނުދޭނަން.“ މިހެން ބުނެލުމާއިއެކު ލާނެއް ގޮތަކަށް ހީނލިއެވެ. އަހަރެން ކޮންމެވެސް ވަރަކަށް ކަންބޮޑުވާ ގޮތްވިއެވެ. އަދި އަނގަނުތަޅާ މަޑުން ހުރުމަށް އަހަރެން އޭނާއަށް އިޝާރާތް ކޮށްލީމެވެ. ސަމްސުއްނިސާ އެބުނިއެއްޗެއް އެހެން މީހަކަށް އަޑުއިވިދާނެތީއެވެ. އެހެނީ އުމުރުގެ އެހާ ހިސާބަށް ދިޔައިރުވެސް ސަމްސުއްނިސާ އެހުރީ ޒަވާޖީ ޙަޔާތެއް ނުފަށައެވެ. އޭނާއާއި ކައިވެނި ކުރުމަށް އެދިގެން އެތައްބަޔަކު ހުށައެޅިއެވެ. އެހެންނަމަވެސް ސަމްސުއްނިސާ ބުނަމުން އައީ، އޭނާގެ ހިތްރުހޭ ފަދަ މީހަކަށް އެއިން އެއްވެސް މީހަކު ނުވަނީ ކަމަށެވެ. ސަމްސުއްނިސާއަކީ އޭނާގެ މިޒާޖުގައި ސަކަ ގޮތެއް ހުންނަ މީހެކެވެ. އަލަށް ފެންނަ މީހުންނާއިވެސް ޖެހިލުމެއްނެތި ވާހަކަދައްކައެވެ. ކޮންމެ މީހެއްގެ ކައިރީގައި ކޮންމެފަދަ ވާހަކައެއްވެސް ދައްކާކަށް ޖެހިލުމެއް ނުވާނެއެވެ. ކުރިމަތީގައި ހުންނަ މީހާގެ ދަރަޖައަކަށް، ފަންތިއަކަށް އަދި ގިންތިއަކަށްވެސް ބެލުމެއް ނެތިއެވެ. ފަހަރެއްގައި ތަޢުލީމީގޮތުން ލިބިފައިވާ ހޭލުންތެރިކަން ކުޑަވުމަކީ، އޭގެ ސަބަބެއްކަމަށް ވެދާނެއެވެ.

އެދުވަހުގެ ބައްދަލުވުން ނިންމާލީ އެދެބޭފުޅުންނަށް އަހަރުމެންވެސް ތަޢާރަފު ކޮށްދިނުމަށްފަހުގައެވެ. އަދި އެކި ކަންކަން ބެލެހެއްޓުމަށް މީހުންވެސް ބަހާލިއެވެ. އަހަރެންނަށް ޖެހުނީ، އެދެބޭފުޅުންގެ ކެއުން ބުއިމާއި، އަންނައުނު ދޮވެ އިސްތިރިކޮށް ބެލެހެއްޓުމުގެ މަސައްކަތެވެ. އަހަރެންނަށް ޖެހެނީ އެދެބޭފުޅުން ހުންނަވާ ގެއަށް ގޮސްގެން އެކަން ކުރާށެވެ. އެހެނީ އެއީ އެތަނުން އެބައްދަލުވުމުގައި ވާހަކަފުޅު ދެއްކެވި ބޭފުޅާކަމަށްވާ ޢަލީ ފިރާޤު ބޭނުންފުޅުވާ ގޮތްކަމަށް ވާތީއެވެ. އެގޮތުގެ މަތިން ކޮންމެ އިރެއްގެ ކޮއްތު ތައްޔާރު ކުރުމަށާއި، ހަފްތާއަކު ދެދުވަހު އަންނައުނު ދޮވެ އިސްތިރި ކުރުމަށް އެގެއަށް ދާން ފެށީމެވެ. ގާތްގަނޑަކަށް ދެހަފްތާ ހަމަވިއިރު، އަހަރެންނަށް ޖެހިލުމެއްނެތި އެބޭފުޅުންނާއި

މުޢާމަލާތް ކުރަން ކެރެން ފަށައިފިއެވެ. ދުވަސްތައް ފާއިތުވަމުން ދިޔަވަރަކަށް ގާތްކަން އިތުރުވަމުންގޮސް މުޢާމަލާތް ކުރުމުގެ ވައްޓަފާޅިއަށް ބަދަލު ގެންނަން އެފަރާތުން އެދެން ފެށިއެވެ. އެހެނީ އެންމެ ގާތް މީހުންނާއިވެސް ވާހަކަދައްކާ އުޅޭފަދައިން އާދައިގެ ބަހުރުވައަށް ބަދަލުވިއެވެ. އަހަރެން ގިނަ ދުވަސްދުވަހު އެގެއަށް ދަނީ ސަމްސުއްނިސާވެސް ގޮވައިގެންނެވެ. އެހެންކަމުން ސަމްސުއްނިސާއާއިވެސް އެމީހުންނާ ވަރަށް ގާތް ގުޅުމެއް އުފެދުނެވެ. އޭނާގެ މިޒަޖާއި އެއްގޮތަށް އޭނާވެސް ގުޅުން ބަދަހި ކުރަމުން ގެންދިޔައެވެ. އޭރުވެސް ސަމްސުއްނިސާ ތަކުރާރުކޮށް ދައްކަމުން ގެންދިޔައީ، ޢަލީ ފިރާޤުގެ ރީތިކަމުގެ ވާހަކައެވެ. އޭނާގެ ހިނގުމާއި ވައްޓަފާޅީގައި ހުންނަ ޝާހީ ގޮތްގަނޑުގެ ވާހަކައެވެ. އާނއެކެވެ. ޢަލީ ފިރާޤަކީ، އުމުރުން ތިރީސްފަސްއަހަރު ފުރި، ޒުވާންކަން ފަހަނައަޅާ ދާން ތައްޔާރުވެފައި ހުރި މީހެކެވެ. ގައިގެކުލަ އަލި، ބާމަތި ފުޅާ މީހެކެވެ. ރަސްމީ ހެދުމުގައި ބެގީކޮށްފައި ހުންނައިރު، ކޮންމެވެސް ވަރަކަށް ބަނޑެއް ނިކުމެފައި ހުރެއެވެ. އިސްކޮޅުގައި ހަފޫޓު ކިރިޔާ ހަމަނުވާކަމެވެ. ޒުވާން ޢުމުރުގައި ކުރި ކައިވެނީގެ އަލަތު އަނބިމީހާ، ދިމާވި ޙާދިސާއެއްގައި ވަނީ މިދުނިޔެ ދޫކޮށްފައެވެ. އޭރުއްސުރެ އެހުންނަނީ ހުސްހަށިބައިކޮށެވެ.

ދުވަސްކޮޅެއްފަހުން ޢަލި ފިރާޤުއާއިއެކު ހުންނެވި އަނެއް ބޭފުޅާއަށް އެނބުރި މާލެ ދާންޖެހުނެވެ. އޭގެފަހުން އަހަރެންގެ މަސައްކަތަށް ތަންކޮޅެއް ލުއި ލިބުނެވެ. އެހެންނަމަވެސް އެކިފަހަރު އެކި ކަންކަމު ކިޔައިގެން އަހަރެން އެގެއަށް ގެންދިޔުން އިތުރުކުރަން ފެށިއެވެ. އެހެންދާންޖެހޭ ގިނަ ފަހަރަށްވެސް އަހަރެން ދަނީ ސަމްސުއްނިސާ ގޮވައިގެންނެވެ. އެގޮތުން އަހަރެންނެކޭ އެއްފަދައިން ސަމްސުއްނިސާއާއި ޢަލީ ފިރާޤުގެ މެދުގައިވެސް ގާތް ރައްޓެހިކަން އުފެދުނެވެ. އހަރުމެން ދެމީހުން އެގެއަށް ދާދިއުމަށް ގިނަބައެއްގެ ކަޅި އަމާޒުވާން ފެށިއެވެ. ދޭދޭ މީހުންގެ މެދުގައި ދެކެވޭ ނޭދެވޭ ވާހަކަތައް ގިނަވާން ފެށިއެވެ. އޭގެތެރޭގައި ގިނައީ ފިރިހެނުންނެވެ. އެތަނުން ގިނަ މީހުންގެ ކަޅި ހުއްޓިފައި ހުރީ އަހަރެންނާއި ދިމާއަށެވެ. އަހަރެންނަކީ ހުވަފަތް އަންހެނަކަށް ވީތީއެވެ. އޭރު ސަމްސުއްނިސާ ގެންދިޔައީ، ޢަލީ ފިރާޤުދެކެ ޙަޤީޤަތުގައިވެސް ލޯބިވެވިއްޖެ ކަމަށް އަހަރެން ކައިރީގައި ބުނަމުންނެވެ. ރަށުގެ މީހުން ކިޔާނެ އެއްޗަކަށްވެސް ބަލަން ބޭނުން ނުވާކަމަށް ބުނަމުންނެވެ. އަދި އެވާހަކަ ޢަލީ ފިރާޤަށް އޭނާގެ ފަރާތުން އަހަރެން ހުށައަޅައިދނުމަށް އެދެމުންވެސް ގެންދިޔައެވެ. ރަށުގެ މީހުން ދެކޭގޮތާއި ދައްކަމުން ގެންދިޔަ ވާހަކަތައް ޢަލީ ފިރާޤަށްވެސް ވަރަށް ރަނގަޅަށް އެނގެމުން ދިޔައެވެ. އެހެންނަމަވެސް ސަމްސުއްނިސާގެ ހިތުގައި އޭނާއަށްޓަކާ އުފެދިފައިއޮތް އިހުސާސްތައް އެއްގޮތަކަށްވެސް ނޭންގޭ ކަހަލައެވެ. އާނއެކެވެ. އެންމެ ތުއްތުއިރުއްސުރެ ދަންނަ ގާތް މިތުރެއްގެ ހައިސިއްޔަތުން ސަމްސުއްނިސާއަށްވެސް ރަނގަޅު ބައިވެރިޔަކު ލިބެން އަހަރެންވެސް ބޭނުމެވެ. އެގޮތުގެ މަތިން ސަމްސުއްނިސާގެ ހުށައެޅުން ޢަލީ ފިރާޤަށް ހުށައަޅަން އަހަރެން ނިންމީމެވެ. އަދި ފިސާރި ހިތްވަރުކޮށްލާފައި އެގެއަށް ދިޔައީމެވެ. އެހެންނަމަވެސް އޭރު، ޢަލީ ފިރާޤުގެ ހިތުގެ ވިންދު ޖަހަމުން ގެންދިޔައީ އެހެން މީހަކަށްޓަކާ ކަމެއް އަހަރެންނަކަށް ނޭންގޭނެތާއެވެ.

އެރޭގެ ކެއުމުގެ ކަންކަން ނިންމާލުމަށްފަހު، ތަށިތައްނަގާ ހަމަޖެހިލައިގެން ގެއަށް ދިއުމުގެ ކުރިން ސަމްސުއްނިސާގެ ހިތުގެ އިހުސާސްތައް ޢަލީ ފިރާޤުގެ ކުރިމަތީގައި ހުށައަޅަން ވިސްނައިގެން އޭނާގެ ކައިރިއަށް ދިޔައީމެވެ. އޭރު ޢަލީ ފިރާޤު އިނީ އާދައިގެ މަތިން ގޭގެ ގޯތި ތެރޭގައި ހުރި އުނދޯލީގައެވެ. އަހަރެން ފެނުމާއިއެކު، އޭނާގެ ކައިރިއަށް ދިއުމަށް އިޝާރާތް ކޮށްލިއެވެ. އަހަރެންވެސް ވަރަށް ހަމަޖެހިލާފާ، ކައިރިއަށްގޮސް ހުއްޓުނީމެވެ. އަދި ވަރަށްބޮޑު ވާހަކައެއް ބުނަންވެފަ އޮތްކަމަށް ބުނީމެވެ. އެވަޤުތު އެންމެ ފުރަތަމަ އޭނާ ދައްކަން ބޭނުންވާ ވާހަކަ އަޑުއެހުމަށް އެދުނެވެ. އަހަރެންވެސް ޢަލީ ފިރާޤުގެ އެހުށައެޅުމަށް އިޙުތިރާމުކޮށް އެކަމަށް އިޖާބަ ދިނީމެވެ. ”އަހަރެން މިރަށަށް އައިސް މިރަށުގައި މިވީ ދޮޅުމަހެއްހާ ދުވަހުގެ ތެރޭގަ އަހަރެންނާ ބެހޭ ވަރަށްގިނަ ކަންކަން މިހާރު ހުންނާނީ ނަފީސާއަށްވެސް އެނގިފަކަމަށް އަހަރެންނަށް ޤަބޫލުކުރެވޭ. އަހަރެންގެ އަނބިމީހާ ނިޔާވިތާ މިހާރު ފަސްއަހަރު ވެއްޖެ. އެކަމަކު އޭގެފަހުން އަހަރެންވެސް ޒަވާޖީ ޙަޔާތެއް އަލުން ނުފަށާ މިހުންނަނީކީ އަލުން އާ ދިރިއުޅުމެއް ފަށަން ބޭނުން ނުވާތީކީ ނޫން. އެހެންނަމަވެސް އަހަރެން ޒަވާޖީ ޙަޔާތެއް ފަށަން ބޭނުންވާ ކަހަލަ އަންހެނަކާ ދިމާނުވެގެން. އަހަރެން މިހެން ބުނާއިރު ނަފީސާގެ ހަޔާތުގެ ވަރަށްގިނަ ކަންތައްތައްވެސް އެނގޭ. ތިޔައީވެސް އެކަނިވެރި ދިރިއުޅުމެއް ވޭތިކުރަމުންދާ ހިތްވަރުގަދަ ކަނބަލެއް. އަލުން ދިރިއުޅުމެއް ބިނާކުރަން ބޭނުން ނުވާކަންވެސް އަހަރެންނަށް އޮތީ އެނގިފަ.“ ޢަލީ ފިރާޤުގެ ވާހަކައިގެ މިސްރާބު ބަދަލުވާހެން ހީވުމުން ނަފީސާ ސުވާލު ކޮށްލިއެވެ. ”ޢަލީ ފިރާޤު ޒަވާޖީ ޙަޔާތެއް ފަށަން ބޭނުންވުމާ، އަހަރެން އެކަން ކުރަން ބޭނުން ނުވުމާ އޮތީ ކޮން ގުޅުމެއް؟“ ނަފީސާގެ އެސުވާލަށް އަލީ ފިރާޤު ދިނީ، ވަރަށް ކުރު ޖަވާބެކެވެ. އެހެނަސް އެޖަވާބު ވެގެންދިޔައީ، ނަފީސާގެ ކުރިމަތީގައި މުޅިތަން ވަށައިގެން އެނބުރެން ފެށި ކަހަލަ ޖަވާބަކަށެވެ.

  • ނުނިމޭ –

މި ލިޔުމާ ގުޅޭ