އެންމެ ފުރަތަމަ ފެނަށް ޖެހޭ ސިޓީއަކަށް ކާބުލް

އިބްރާހީމްް ސަމީރު
ޖުލައި 6, 2025

ކުރިއަށް އޮތް ފަސް އަހަރު ތެރޭގައި މީރު ފެން ހުސްވާ ފުރަތަމަ ސިޓީއަކަށް ހަ މިލިއަނަށް ވުރެ ގިނަ މީހުން ދިރިއުޅޭ ކާބުލް ވެގެންދާނެ ކަމަށް އައު ރިޕޯޓެއްގައި ބުނެފިއެވެ.

އަފްޣާނިސްތާނުގެ ވެރިރަށުގެ ފެން ފަށަލަ ވަރަށް ބޮޑަށް ދަށްވެފައިވަނީ މާގިނައިން ނެގުމާއި މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން ކަމަށް ހިލޭ ސާބަހަށް މަސައްކަތް ކުރާ މާސީ ކޯޕްސް އިން ޝާއިއުކުރި ރިޕޯޓެއްގައި ބުނެފައި ވެއެވެ.

ކާބުލްގެ ފެން ފަށަލަ ފާއިތުވި ދިހަ އަހަރު ތެރޭގައި ހުރީ 100 ފޫޓުގައެވެ. އަދި އަހަރަކު، ދޮޅުހާސް ކިއުބިކް ފޫޓްގެ ފެން ނަގަމުން ގޮސްފައިވާއިރު އެއީ މީރު ފެން ފަށަލަ އަލުން އައު ވާ މިންވަރަށް ވުރެން ބޮޑު މިންވަރެއް ކަމަށް މާސީ ކޯޕްސް އިން މިއަހަރުގެ އޭޕްރީލް މަހު ޝާއިއުކުރި ރިޕޯޓުގައި ބުނެފައި ވެއެވެ.

އެ ރިޕޯޓްގައި ބުނަނީ، މިހާރު މިއޮތް ގޮތަށް ކުރިއަށްދާނަމަ 2030 ވަނަ އަހަރުގެ ނިޔަލަށް ކާބުލްގެ ފެންފަށަލަ އޮންނާނީ ހިކިފައެވެ. އަދި އެކަމުން އަފްޣާން ވެރިރަށް ވުޖޫދުގައި އޮތުމަށް ނުރައްކާ ވާނެ ކަމަށެވެ. އަދި މިކަމުގެ ސަބަބުން އަފްޣާނިސްތާނުގެ ތިން މިލިއަނެއްހާ މީހުން ގެދޮރު ދޫކޮށް ދާން ހިޖުރަ ކުރަން ޖެހިދާނެ ކަމަށް ވެސް ބުނެ އެވެ.

ޔުނިސެފުން ވެސް ވަނީ ކާބުލްގެ މީރު ފެނާ ބެހޭ ގޮތުން އަންދާސާއެއް އެކުލަވާލާފައެވެ. އޭގައި ބުނެފައި ވަނީ ކާބުލްގެ ފެން ވަޅުތަކުގެ ގާތްގަނޑަކަށް ދެބައިކުޅަ އެއްބައި، މިހާރު ވަނީ ހިކިފައެވެ.

މި ލިޔުމާ ގުޅޭ