އުނގެނުމަކީ ބުރަ މަސައްކަތެއް: އާދަމް ޝަރީފް 

މުހައްމަދު އަލީ
ޖުލައި 11, 2025

އުނގެނުމަކީ އެހެން ހުރިހާ މަސައްކަތަކަށްވުރެ ބުރަ މަސައްކަތެއް ކަމަށް މިނިސްޓަރ އޮފް ސިޓީސް، ލޯކަލް ގަވަރމަންޓް އެންޑް ޕަބްލިކް ވަރކްސް އާދަމް ޝަރީފު ޢުމަރު ވިދާޅުވެއްޖެއެވެ.

މިނިސްޓަރ މިހެން ވިދާޅުވީ މެޕްސް ކޮލެޖުގެ 2025 ވަނަ އަހަރުގެ ދަސްވެނިވުމުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައި، ދެއްކެވި ވާހަކަފުޅު ދައްކަވަމުންނެވެ.

އެހެން ނަމަވެސް ހަޤީގީ މާނައިގައި ދެދުނިޔޭގެ ޙަޔާތް ބާއްޖަވެރިކުރަން ބޭނުން ކަމުގައި ވިޔަސް، މުޅި މުސްތަޤުބަލު އާރާސްތު ކުރަން ބޭނުންވާ ކަމުގައިވިޔަސް އަދި ދިރިއުޅުން އާރާސްތު ކުރުން ކަމުގައިވިޔަސް އެންމެ ރަނގަޅު މަސައްކަތަކީ އުނގެނުން ކަމަށް ވެސް ވިދާޅުވިއެވެ.

އުނގެނުމަށްޓަކައި ކުރެވޭ ހޭދައަކީ އަދި އެކަމަށް ދެވޭ ވަގުތަކީވެސް އިންސާނަކަށް ދުނިޔޭގައި ކުރެވޭނެ އެންމެ ރަނގަޅު އިންވެސްޓްމެންޓްގެ ކަމަށްވެސް ވިދާޅުވިއެވެ. މިހިސާބުން މަސައްކަތް ހުއްޓަވާ ނުލައްވާ އުނގެނުމުގައި އަބަދުވެސް ދެމިތިބުމުގެ އަޒުމް ކަނޑައެޅުއްވުމަށް ވެސް މިނިސްޓަރ ދަސްވެނިންނަށް އިލްތިމާސް ކުރެއްވިއެވެ.

ވަޒީފާގެ ބާޒާރުގައި ހުރި ފުރުޞަތުތައް ހޯދައިގެން ލިބޭ ދާއިރާތަކުން ކުރިއަށް ދިއުމަށް އަޒުމު ކަނޑައެޅުމަކީ މުހިންމު ކަމެއް ކަމުގައި ވެސް ވިދާޅުވިއެވެ. ވަޒީފާ ހޯދުމަށް ކުރެވޭ މަސައްކަތުގައި ތިމާ އެންމެ ބޭނުންވާ ވަޒީފާ ނުލިބޭނަމަ އެފަދަ ވަޒީފާއެއް އުފެއްދުމުގެ ޤަބިލްކަން ތިމާގެ ކިބައިގައި ހުރިތޯ ބަލާލުމަކީ ކުރަންޖެހޭ ކަމެއް ކަމަށް ވެސް ވިދާޅުވިއެވެ.

އެމަނިކުފާނު ވިދާޅުވީ އުނގެނުމަކީ ބުރަ މަސައްކަތެއްކަމަށާއި، ކިޔަވަން އުޅޭ ދުވަސްވަރު ވަރަށް ބޮޑު ލޮޑު ކަމެއް، ވަރުބަލި ކަމެއް އަމިއްލަ ހަށިގަނޑަށް އަދި ސިކުންޑިއަށްވެސް ލިބިގެންދާކަން އެންމެ ރަނގަޅަށް އިޙުސާސް ކުރެވޭނެ ފަރާތްތަކަކީ ދަސްވެނީން ކަމުގައި މިނިސްޓަރ ވިދާޅުވިއެވެ.

 

 

މި ލިޔުމާ ގުޅޭ