ޢަލީ ފިރާޤު ބުނަމުން ގެންދިޔައީ އޭނާގެ އިންތިޒާރު ނިމުމަކަށް އައީ އަހަރެން ފެނުނު ދުވަހުން ފެށިގެން ކަމަށެވެ. އާނއެކެވެ. ޢަލީ ފިރާޤު ބޭނުންވަނީ އޭނާގެ ޙަޔާތުގެ ބައިވެރިޔަކަށް އަހަރެން ހަދާށެވެ. ސަމްސުއްނިސާއެއް ނޫނެވެ. އަހަރެންނަށް ބުނާނެ އެއްޗެއް ނޭންގުނު ކަހަލައެވެ. ސަމްސުއްނިސާއަށްވެސް އަހަރެން ދޭނީ ކޮން ޖަވާބެއްހެއްޔެވެ. އޭނާގެ ފަރާތުން އަހަރެން ހުށައެޅަން ގަސްތުކޮށްގެން ހުރި ހުށައެޅުމަށް ޢަލީ ފިރާޤު ނޫނެކޭ ބުނި ނަމަވެސް އަހަރެންނަށް ތަންކޮޅެއް ފަސޭހަވީހެވެ. އެކަމަކު މިހާރު އަހަރެންނަށް މިހުރެވުނީ އެކަންވެސް ކުރަން ނުކެރިފައެވެ. އެހެނީ ސަމްސުއްނިސާގެ ބަސް އަހަރެން ޢަލީ ފިރާޤަށް އިއްވައިފިނަމަ އޭގެ ނަތީޖާ ނިކުންނާނެ ގޮތެއްވެސް އަހަރެންނަށް ނޭންގޭތީއެވެ. އެހުރިހާ ވިސްނުމަކާއި ފިކުރެއްގެ ތެރޭގައި ހުރެފައި، އަހަރެންނަށް ކޮށްލެވުނީ ހަމަ އެންމެ ސުވާލެކެވެ. ”ޢަލީ ފިރާޤުއަށް އަހަރެން އިޚްތިޔާރުކުރަން ވިސްނުނީ ކޮން ގޮތަކުން؟“ ”ތި ސުވާލުގެ ޖަވާބު އަހަރެންނަށް ވަރަށް ކުރުކޮށްވެސް ދެވިދާނެ. އަދި ހަމަ ވަރަށް ތަފްސީލުކޮންވެސް ދީފާނަން.“ ލުއިލުއި ގޮތަކަށް ހީނލަމުން ޢަލީ ފިރާޤު ބުނެލިއެވެ. ”ކުރުކޮށް ބުނާނަމަ ފުރިހަމަ އަތްބެއްގެ ކިބައިގާ ހުންނަން ޖެހޭ ހުރިހާ ސިފަތަކެއް ކަހަލަ ގޮތަކަށް ނަފީސާގެ ކިބައިގަ އެބަހުރި. ދެން މީގެ އިތުރަށް ތަފްސީލު ބޭނުންވަންޏާ ނަފީސާއަށް ޖެހޭނީ މިތަނުގަ ވަރަށް ގިނައިރު މަޑުކުރަން. އެކަން އެގޮތަށް ކުރަން ކެރޭނެތަ؟“ އަހަރެން ޖެހިލުންވާ ގޮތްވިއެވެ. މީގެ ކުރިންވެސް އަހަރެންގެ ކުރިމައްޗަށް މިކަހަލަ އެތައް ހުށައެޅުމެއް އައެވެ. އެހެނަސް އެއިން ކޮންމެ ފަހަރަކު އަހަރެން ދިޔައީ އެމީހުންނަށް ބީރު ކަންފަތް ދެމުންނެވެ. އެއްވެސް ޖެހިލުމެއް ނެތިއެވެ. އެމީހުން އަހަރެންނާއިމެދު ވިސްނާނެ ގޮތަކަށް ބެލުމެއްވެސް ނެތިއެވެ. އެކަމަކު މިފަހަރު އަހަރެންނަށް މިވަނީ ކީއްކަމެއް ޚުދު އަހަރެންނަކަށްވެސް ބުނެދޭކަށް ނޭންގުނެވެ. އެއީ އަހަރެންގެ ހިތުގައި ޢަލީ ފިރާޤަށްޓަކާ އޮތް ގަދަރާއި އިޙުތިރާމު ކަމަށްވެސް ވެދާނެއެވެ. ނޫނީ މިކަން ސަމްސުއްނިސާއަށް އެނގުނިއްޔާ އޭނަ ހިތަށް އަރާނެ އެއްޗަކާމެދު ވިސްނުނީ ކަމަށްވެސް ވެދާނެއެވެ. އެހެންނަމަވެސް ޢަލީ ފިރާޤުގެ ސުވާލަށް ޖަވާބުދޭން ޖެހޭނެތާއެވެ. ”ނޫނޭ. އަހަރެންނަކަށް މަޑެއް ނުކުރެވޭނެ. ގޮތަކަށް ބުނަންޏާ މަޑުކުރާކަށް ބޭނުމެއްވެސް ނޫން.“ އަހަރެންގެ ޖަވާބުން ޢަލީ ފިރާޤު ނެގީ ކޮންމާނައެއް ކަމެއް އަހަރެންނަކަށް ނޭންގުނެވެ. އެހެންނަމަވެސް އޭނާ ދެން ބުނި އެއްޗަކަށް ދޭނެ ޖަވާބެއް އަހަރެންނަކަށް ނުވިސްނުނެވެ. އަދި ގެއަށް ދިއުމުގެ ނިޔަތުގައި މަޑުމަޑުން އެނބުރިލުމާއެކު ހިނގައިގަތީމެވެ. އާދައިގެ މަތިން ގެއަށް ދިއުމުގެ ކުރިން އެދޭ އިޒުނައަށްވެސް އެދުމެއް ނެތިއެވެ.
އަހަރެންނަކީ ޢާންމުކޮށް ހިނގާއިރުވެސް ފުދޭ ވަރަކަށް ބާރަށް ހިނގާ އުޅޭ މީހެކެވެ. އެހެންނަމަވެސް އެރޭ އަހަރެން ގެއަށް ދިޔައީ ދެވޭ ނުދެވޭ ތަނެއްވެސް ނޭންގޭ ކަހަލަ ގޮތަކަށް ވަރަށް މަޑުމައިތިރި ހިނގުމެއްގާ ހިނގާލާފައެވެ. ދިޔަ މަގުމަތީގައިވެސް އަހަރެންގެ ހިތާއި ސިކުނޑީގައި ހުރީ ޢަލީ ފިރާޤު އެންމެ ފަހުން ބުނި ވާހަކައެވެ. ”އަހަރެންގެ ހުށައެޅުމުގެ މައްޗަށް ނަފީސާ ކޮށްލީ ސުވާލެއް. ސީދާ ސީދާ ނޫނެކޭ ނުބުނެ. އެހެންވީމަ އެއީ އާނބަސްކަމުގަ އަހަރެން ނިންމަންވީތަ؟“ އަހަރެންގެ ކަންފަތަށް ތަކުރާރުކޮށް އިވެމުން ދިޔައީ އެޖުމުލަތަކެވެ. އަހަރެން ކުއްލިޔަކަށް ސިއްސައިގެން ދިޔައީ، ކޮންމެވެސް މީހަކު ފަހަތުން އައިސް އަހަރެންގެ އަތުގައި ވަރަށް ބާރަށް ހިފީމައެވެ. އަހަރެންނަށް ވަރަށް ބާރަށް ހަޅޭއްވެސް ލަވައިގަނެވުނެވެ. މޭގަނޑު ބާރަށް ތެޅެން ފެށިއެވެ. ރަނގަޅަށް ހަމަޖެހިލާފައި ބަލައިލިއިރު، އަހަރެންގެ އަތުގައި އޮޅުލައިގަނެގެން ހުރީ ސަމްސުއްނިސާއެވެ. އޭނާގެ މޫނުމަތިން ފެންނަން ހުރީ އުފާވެރިކަމެވެ. އުންމީދާއި ހިތްހަމަ ޖެހުމެވެ. އެކަމަކު އަހަރެންނަށް އާދެވުނީ ރުޅިއެވެ. ”ސާބަސް ސަމްސުއްނިސާ ގަނޑާ. އަހަރެން ކިރިޔާ ބިރުން މަރުނުވީ. ރޭގަނޑުގެ މިކަހަލަވަޤުތެއްގަ މިހެން އެކަނިދަނިކޮށް ތިކަހަލަ ކަންތައް ކުރާކަށް ނުވާނެއެއްނު.“ ސަމްސުއްނިސާގެ މޫނުމައްޗަށް ވެރިވެފައިވާ އުފާވެރިކަން އެއްކޮން މިލައިގެން ދިޔަކަހަލައެވެ. ”އަޅޭ. އަހަރެންނަށް މަޢާފުކުރޭ. އެއްގޮތަކަށްވެސް ހިއެއް ނުކުރަން ތިހާވަރު ވާނެކަމަކަށް. އަސްލު ވަރަށް ގިނައިރުވެއްޖެ ނަފީސާގެ އިންތިޒާރުގަ ހުންނަތާ. އެހެންވެ އެގޭ ބޭރުގަ ނިކުންނަތަން ބަލަން ހުރީ.“ ވަރަށް ކަންބޮޑުވެ ހުރެގެން ސަމްސުއްނިސާ ބުނެލިއެވެ. ”އޭ. އެއްކަލަ ވާހަކަ ދެއްކިންތަ؟ ކީކޭތަ އޭނަ ބުނީ؟“ ޖަވާބެއްގެ އިންތިޒާރުގައި ކެތްމަދުވެފައިވާ ޒާތަކަށް ސަމްސުއްނިސާ އަހާލިއެވެ. ”ސާބަހޭ. އެއީ ދެން އެހާ ފަސޭހައިން ޖަވާބު ލިބޭނެ ކަހަލަ ކަންކަމެއްވެސް ނޫނެއްނު. އެހެން ނޫނަސް އަހަރެންނަކަށް ނުކެރުނު އަހާކަށްވެސް. އެހާ ހިތްވަރެއް ނުލިބުނު އަހަންނަކަށް.“ ސަމްސުއްނިސާއާއި ވާހަކަ މިދެއްކެނީ ބޮޑާވެރި ގޮތަކަށްކަން އަހަރެންނަށް ރެޔަކާލީ ކަހަލަ އިހުސާސެއް ކުރެވުނެވެ. އަދި ކުޑަކޮން ހަމަޖެހެން މަސައްކަތް ކުރަމުން ސަމްސުއްނިސާއާއި ދިމާއަށް ބަލައިލީމެވެ. ސަމްސުއްނިސާ ހުރީ އަހަރެންނާއި ދިމާއަށް ފާޑަކަށް ބަލަހައްޓައިގެންނެވެ. ހައިރާނުން ފުރިގެންވާ ނަޒަރަކުންނެވެ. އެއަށްފަހު އޭނާގެ ލާނެއް މިޒާޖުގައި ވަށައިގެން އެކި ދިމަދިމާއަށް ބަލަމުން ގެންދިޔައެވެ. މޫނުމަތިން ބިރުވެރި ޝުޢޫރެއް ދައްކަމުންނެވެ. އަހަރެން ކުޑަކޮން ހައިރާންވާ ގޮތްވިއެވެ. އަދި ސަމްސުއްނިސާއާއި ސުވާލު ކޮށްލީމެވެ. ”ކޮންތާކަށް ތިވަރަކަށް ތި ލޯދެނީ؟ މިތާނގަ ބިރުވެރި ކަމެއް އުޅެނީތަ؟“ އެހެން ބުނުމާއިއެކު އަހަރެންވެސް ވަށައިގެން ބަލައިލީމެވެ. އަހަރުމެން ތިބީ ހަނި މަގެއްގެ މެދުގައެވެ. ތަންކޮޅެއް ވަލާއި ކައިރި މަގަކަށް ވީތީ، އެމަގުގައި ރުއްގަސް ފުދޭ ވަރަކަށް ގިނައިން ހުރެއެވެ. ކޮންމެވެސް ވަރަކަށް ނާމާންކަންވެސް ވެރިވެފައިވާ ކަހަލައެވެ. އެހެނީ އެއީ ތަންކޮޅެއް ދަންގަޑިޔަކަށް ވީތީވެސް މެއެވެ. ޢިޝާ ނަމާދަށްފަހު ރަށުތެރެއިން މީހުން ފެނުމަކީ ވަރަށް މަދުން ނޫނީ ނުވާނެ ކަމެކެވެ. ރަށަށް ގެނެވުނު ތަރައްޤީގެ ތެރެއިން ކަރަންޓުގެ ޚިދުމަތް ލިބެމުން ދިކަމުގައި ވީނަމަވެސް، މަގުތައް އޮންނަނީ އަނދިރިކޮންނެވެ. ރަށުގެ ބޮޑުމަގު ފިޔަވައެވެ. ވީއިރު ބިރުވެރި ނުވާންވީ ސަބަބެއްވެސް ނެތްތާއެވެ. ސަމްސުއްނިސާ ހުރިގޮތުން އެވަޤުތު އަހަރެން ހީކުރީ، ހަމަ ޙަޤީޤަތުގައިވެސް ކޮންމެވެސް ކަމެއް ދިމާވެގެން ބިރުން ހުރީ ކަމަށެވެ. ”އަހަރެން މި ބަލާލީ ތިޔައީ ހަމަ ޙަޤީޤަތުގަވެސް އަހަރެންގެ އެކުވެރި މިތުރާތޯ. އެހެން ނޫނީ ޖިންނިއެއްތޯ. އެހެންނު ވާނީ، ތީ މީގެ ކުރިން ތިޔަ ނަފީސާ، މި ސަމްސުއްނިސާޔާ ދުވަހަކުވެސް ވާހަކަ ދެއްކި ގޮތެއް ނޫންވިއްޔަ.“ ”ސާބަސް ސަމްސުއްނިސާ. އެކަމަކު ތިހާ ލާނެއް ވާކަށް ނުވާނެ.“ ހީނލުމާއިއެކު ސަމްސުއްނިސާގެ ކޮނޑުގައި ބާރަށް ޖަހާލަމުން، އަހަރެން ބުނެލީމެވެ. ސަމްސުއްނިސާވެސް ހޭންފެށިއެވެ. އެހެނަސް އަހަރެންގެ ޚިޔާލުތަކުގައި އޭރުވެސް ދައުރުވަމުން ދިޔައީ، ޢަލީ ފިރާޤު ދެއްކި ވާހަކަތަކެވެ. އަދި އެއިން އެއްވެސް ކަމެއް ސަމްސުއްނިސާއަށް އެނގިއްޖެނަމަ ދެން ވާނެ ގޮތަކާއިމެދުވެސް އަހަރެންނަށް ވިސްނެން ފެށިއެވެ. އެކަހަލަ އެއްވެސް ކަމެއް އަހަރެންގެ މޫނުމަތިން ސަމްސުއްނިސާއަށް ފާހަގަ ވެދާނެތީވެސް އަހަރެން ޖެހިލުންވިއެވެ. އެހެންކަމުން ވާހަކައިގެ މަޢުލޫ ބަދަލުކޮށްލެވޭތޯ އަހަރެން މަސައްކަތް ކުރީމެވެ. ”ދެން މިތާ މާގިނައިރު ތިބޭނެކަމެއް ނެތް. އެހެންނޫނީ ހަމަ އަސްލުވެސް ކަމެއް ދިމާވެދާނެ. ހިނގާ އަވަހަށް ދަމާ. އަނެއްކާ އިތުރު މީހަކަށް ފެނުނަސް ދެން ދައްކަން ފަށާނީ އިތުރު ވާހަކަތަކެއް.“ އަހަރެންގެ ވާހަކައަށް ސަމްސުއްނިސާ އެއްބަސް ވިއެވެ. ”އާން އެއްކަލަ ނަފީސާޔާ، ސަމްސުއްނިސާ ރޭގަވެސް އެއުޅޭ ފިރާޤު ކައިރިއަށް ދިޔައޭވެސް ކިޔާފާނެދޯ.“ މިހެން ބުނުމާއިއެކު ހޭންފެށިއެވެ. އަހަރެންނަށްވެސް ހެވުނެވެ. ދެމީހުން ހެމުން ސަކަރާތް ޖަހަމުން މިސްރާބު ޖެހީ ގެއާއި ދިމާއަށެވެ.
އަނެއް ދުވަހު ފަތިހު ތެދުވިއިރު ހުރީ ކޮންމެވެސް ވަރަކަށް ބޮލަށް ބަރުވާގޮތް ވެފައެވެ. އެރޭ ހަމައަށް ނުނިދުނީތީ ކަމަށްވެސް ވެދާނެއެވެ. ވާނީވެސް އެހެންތާއެވެ. އެރޭ ހިނގާދިޔަ ކަންތައް ހިތުން ފިލައިގެން ދާގޮތެއް ނުވިއެވެ. އެކަމަކު އިތުރު އެއްކަމަކަށްވުރެވެސް ބޮޑަށް އަހަރެންނަށް ޢަލީ ފިރާޤާއިމެދު ޚިޔާލު ކުރެވެމުން ދިޔައެވެ. އެއްވެސް އިޚްތިޔާރަކާއި ނުލައެވެ. އަހަރެންނަށް މިވަނީ ކީއްކަން ޚުދު އަހަރެންނަށްވެސް ނޭންގޭ ޙާލުގައެވެ. އެކަހަލަ ވިސްނުމެއްގައި އިންދާ ފަތިސް ނަމާދު ބަންގިގޮވާ އަޑު އިވެން ފެށިއެވެ. އަހަރެން ތެދުވެގެން ގޮސް ދަތްއުނގުޅާ ތައްޔާރުވެލައިގެން ވުޟޫ ކޮށްލައިގެން ނަމާދަށް އެރީމެވެ. ނަމާދުކޮށް ނިންމާލުމަށްފަހު ޤުރުއާން ކިޔަވާލައިގެން ގޯތިތެރެއާއި މަގުމަތި ކުނިކަހަން ނިކުތީމެވެ. ޢަލީ ފިރާޤުގެ ކެއުމުގެ ކަންކަމާއި ޙަވާލުވި ދުވަހުން ފެށިގެންވެސް، އަހަރެންގެ ގޭތެރޭގެ ކަންކަން ތަންކޮޅެއް އަވަހަށް ނިންމާލެވޭތޯ މަސައްކަތް ކުރަމެވެ. އެގޮތުގެ މަތިން އެދުވަހުވެސް ގޭގެ ގޯތިތެރެއާއި މަގުމަތި ކުނިކަހާ ނިންމާލުމަށްފަހު، ހެނދުނުގެ ސައިގެ މަސައްކަތް ނިންމާލީމެވެ. އަދި އާދައގެ މަތިން ހަތެއް ޖަހަންވާއިރަށް، ޢަލީ ފިރާޤުގެ ހެނދުނުގެ ނާސްތާ ތައްޔާރު ކުރުމަށް އެގެއާއި ދިމާއަށް މިސްރާބު ޖެހީމެވެ. އެދުވަހުވެސް، އަހަރެންނާއި ދިމާއަށް ހުއްޓިފާ ހުންނަ ކަޅިތައް އޭގެ ވާޖިބު އަދާކުރަމުން ގެންދިޔައެވެ. ކޮންމެ ދުވަހެއްގެވެސް އާދައިގެ މަތިންނެވެ. ޚާއްޞަކޮށް ޢަލީ ފިރާޤު ހުންނަ ގެއަށް އަހަރެން ދާ ވަޤުތު ތަކުގައެވެ. އެހެނަސް އެއީ މާބޮޑު ކަމެއް ކަމަކަށް އަހަރެން ނުދެކެމެވެ. އެހެނީ އެކަޅިތަކަށް އަހަރެން ހުރީ ފިސާރި ރަނގަޅަށް އާދަވެފައެވެ. އެހެނެއްކަމަކު އެކަން އެހެން ނުވާނަމަ އަހަރެންނަށް އިތުރު ހައިރާންކަމެއް ލިބުނީހެވެ.
އަހަރެން އެގެއަށް ވަދެގެން ދިޔައިރު، ޢަލީ ފިރާޤު އިނީ އުނދޯލީގައި މަޑުމަޑުން ހެއްލާލަ ހެއްލާލައެވެ. ދެއަތް އޮތީ އުނދޯލީގައި ވިއްދާލާފައެވެ. އިސްދަށަށް ޖަހައިގެން އިންއިރު ހީވަނީ ކޮންމެވެސް ކަހަލަ ފިކުރެއްގައި އިންހެނެވެ. އަހަރެން ވަދެގެން ގޮސް އެހިސާބަށް އަރާ ހަމަވިއިރުވެސް ނޭންގޭ ކަހަލައެވެ. އެހެނީ އަހަރެން ގޮވާލުމުން އިސްއުފުލާ ބަލައިލީ ސިއްސައިގެން ދިޔުމާއި އެކުގައެވެ. ”އަހަން ނަފީސާ ދޯ. ތި އައީ ދޯ. މިއަދު ރޮށި ނުފިހައްޗޭ އިނގޭ. އަހަރެން އެހާ ވަރުގަދަކޮށް ކާހިތެއް ނެތް. ކޮންމެވެސް ކަހަލަ ލުއި އެއްޗެއް ހަދާލަދީ.“ ވާހަކަ ދައްކަމުން ގެންދިޔައިރުވެސް މޫނުމަތިން ފެންނަނީ މާޔޫސް ކަމެވެ. ”އަނެއްކާ ކިހިނެއްވީ މާބޮޑަށް މާޔޫސްވެފަ ތިއިނީ؟ މާލެއިން މާ
ހިތްހަމަ ނުޖެހޭ ކަހަލަ ޚަބަރެއް ލިބުނީތަ؟“ އިތުރު އެހެން ކަހަލަ ވާހަކައެއް ދައްކަން އުޅެފާނެ ކަމުގެ ބިރަށް އަހަރެން ތަންކޮޅެއް ދުރުން ވާހަކަ ފެށޭތޯ މަސައްކަތް ކުރީމެވެ. ”ނޫނޭ. މާލެއަކުން އެކަހަލަ އެއްވެސް ޚަބަރެއް ނުލިބޭ. ރޭގަވެސް މަންމަޔާ ވާހަކަ ދެއްކިން. އިރާދަކުރެއްވީތީ މަންމަގެ ޙާލުވެސް ހަމަ ރަނގަޅު. އެހެންވިމަ އެކަހަލަ އެއްވެސް ކަމަކާ އަދި ހާސްވާކަށް ނުޖެހޭ.“ އަހަރެން އިތުރު އެއްވެސް އެއްޗެއް ނުބުނެ ހަމައެކަނި ލުއިލުއި ހިނިތުން ވުމަކުން ފުއްދާލަން މަސައްކަތް ކުރީމެވެ. އަދި ބަދިގެއާއި ދިމާއަށް މިސްރާބުޖެހުމުގެ ގަސްތުގައި މަޑުމަޑުން އެނބުރިލީމެވެ. އެވަޤުތު އަނެއްކާވެސް އަހަރެންނަށް ގޮވާލިއެވެ. ”ނަފީސާ މަޑުކޮށްލަބަލަ. ރޭގަވެސް އެއްވެސް އެއްޗެކޭ ނުބުނެ ދިޔައީ. އަނެއްކާ މިއަދުވެސް ހަމަ އެގޮތަށް ކަންތައްކުރަން ނިންމައިގެންތަ ތި އައީ؟ އަހަރެންގެ ހުށައެޅުމަށް ނޫނެކޭ ބުނަން ބޭނުންވިޔަސް ރީތިކޮން ބުނެލީމަ ހަމަ ރަނގަޅުވާނެ. މީގެ ކުރިންވެސް ނަފީސާއަށް ހުށައެޅި މީހުންނަށް ނޫނެކޭ ބުނި ފަދައިން.“ އަހަރެން ކޮންމެވެސް ވަރަކަށް ހައިރާންވާގޮތް ވިއެވެ. ”ޢަލީ ފިރާޤަށް އަހަރެންނާ ބެހޭގޮތުން ލައްކަ މަޢުލޫމާތު ލިބިފަ އެބަހުރި ދޯ. އެހެންވިއްޔާ އަހަރެން ތިކަމަށް އިންކާރު ކުރާނަމަ، އިންކާރު ކުރި ސަބަބުވެސް އެނގެންވާނެތާ.“ އެއްވެސް ޖެހިލުމެއްނެތި އަހަރެން ޖަވާބު ދިނީމެވެ. ”އެކަމަކު ތެދުތެދަށް ބުނަންޏާ، ތިޔަ ހުށައެޅުމަށް ސީދާސީދާ ނޫނެކޭ ނުބުނެވުނީ ކީއްވެކަމެއް ބުނާކަށް ނޭންގެ. އެކަމަކު އޭގެ މާނައަކީ އާނއެކޭ ބުނުމެއްވެސް ނޫންތާ. އަދި ހަމަ އެއީ އިންކާރު ކުރުން ކަމަކަށްވެސް ނުވާނެ ކަންނޭންގެ.“ އެވަޤުތު ޢަލީ ފިރާޤު މަޑުމަޑުން އުނދޯލިން ތެދުވެގެން އަހަރެންގެ ކައިރިއަށް އައިސް ހުއްޓުނެވެ. ”ނަފީސާއަށް ތިކިޔޭ އެއްޗެއް ޚުދު ނަފީސާއަށް އެބަ އެނގޭތަ؟ ހަމަ ގައިމުވެސް އަހަރެންނަކަށް ނުވިސްނުނު.“ ”ކިޔޭ ނުކިޔޭ އެއްޗެއް ނޭންގެންޏާ އެންމެ ރަނގަޅުވާނީ އެއްވެސް އެއްޗެއް ނުކިޔުން.“ ފާޑަކަށް ހީނލާފާ އަހަރެން ޖަވާބު ދިނީމެވެ. އަދި ބަދިގެއާއި ދިމާއަށް ހިނގައިގަތީމެވެ. ”ތިޔަ ބަސްތަކުގެ މާނަ ދޭހަވާނެ ދުވަހެއް އަދި އަންނާނެ.“ އަހަރެން އެނބުރިލި ވަޤުތު ޢަލީ ފިރާޤު ގޮވާލިއެވެ. އަހަރެންވެސް ހީނލާފައި ދިޔައީއެވެ.
ބަދިގެ ތެރޭގައި މަސައްކަތްކުރަން ހުރެގެންވެސް އަހަރެންނަށް ވިސްނުނީ ރެއިން ފެށިގެން ޢަލީ ފިރާޤުއާއި ކުރެވުނު މުޢާމަލާތްތަކާއި މެދުގައެވެ. އޭނާގެ ހުށައެޅުމަށް ސީދާ އިންކާރުނުކޮށް، އަހަރެންނަށް މިދެވެނީ އިތުރު އުންމީދެއް ބާއޭ އަހަރެންނަށް ވިސްނެން ފެށުނެވެ. މިދާގޮތަށް ކަންތައް ވަމުން ދާނަމަ، މީގެ ނަތީޖާ ނިކުންނާނީ ކޮންގޮތަކަށް ބާއޭވެސް އަހަރެން ހިތަށް އަރަމުން ދިޔައެވެ. މިފަދަ ވިސްނުމެއްގައި ހުރެ، އަހަރެން ބަދިގެއަށް ކުރަންދިޔަ މަސައްކަތް މަތިންވެސް ހަނދާން ނެތުނެވެ. އަހަރެން ސިއްސައިގެން ދިޔައީ، ޢަލީ ފިރާޤު ގޮވާލި އަޑަށެވެ. ނާސްތާ ތައްޔާރުކޮށް ނުނިމޭތޯ ސުވާލުކޮށްލިއެވެ. މީގެކުރިން ދުވަހަކުވެސް އެސުވާލު ކުރުމުގެ ފުރުޞަތެއް ނުދޭ މި ނަފީސާއަށް މިއަދު ވެފައި މިހުރީ ކީއްބާވައޭ ޚުދު އަހަރެންގެ ހިތަށްވެސް އަރަމުން ދިޔައެވެ. ހަމަހޭވެރިކަން ވުމާއިއެކު، ވަރަށް އަވަހަށް ބިސްގަނޑެއް އަޅައިގެން ގެންގޮސް ދިނީމެވެ. އެއާއިއެކު ގެންދިޔައީ ކިރުސައި ތައްޓެކެވެ. އެއީ ޢަލީ ފިރާޤު ތަންކޮޅެއް ލުއިކޮށް ކާން ބޭނުންވާނަމަ އާދަކޮށް ކައިއުޅޭ ގޮތްކަމަށް ވީތީއެވެ. އަހަރެން ކާމޭޒުދޮށަށް ސައި ހިފައިގެން ދިޔައިރު، ޢަލީ ފިރާޤު އިނީ، ތައްޔާރުވެގެން އައިސް ކާމޭޒުދޮށުގައި އިށީނދެގެންނެވެ. އެވަޤުތު އެއްވެސް އެއްޗެއް ނުބުނެ މަޑުމަޑުން އިދެގެން ސައިބޮއެ ނިންމާލިއެވެ. ތެދުވެގެން ހިނގައިގަންނަން އުޅެނިކޮށް އަހަރެންނަށް އިޚްތިޔާރަކާއިނުލާ ސުވާލެއް ކޮށްލެވުނެވެ. ”ތިހުރީ އަހަރެން ޖަވާބެއް ނުދީގެން ރުޅި އައިސްތަ؟“ އެވަޤުތު މަޑުމަޑުން އަހަރެންނާއި ދިމާއަށް އެނބުރިލިއެވެ. ”ނަފީސާގެ ފަރާތުން އެދެވޭ ޖަވާބެއް އަންނާނެ ކަމުގެ އިންތިޒާރުގަ އަހަރެން ހުންނާނަން.“ ހިނތުންވެލުމާއިއެކު އެހެން ބުނެލާފާ، ނިކުމެގެން ދިޔައީއެވެ. ރައްދުގައި އަހަރެންނަކަށް އެއްވެސް އެއްޗެއް ނުބުނެވުނެވެ. ކީއްވެގެން ކަމެއްވެސް ނޭންގުނެވެ. އެހެންނަމަވެސް އަހަރެންގެ ތުންފަތްމައްޗަށް ލުއިލުއި ހިނިތުންވުމެއް ވެރިވެގެން ދިޔައެވެ. އަދި އެއާއި އެކުއެކީ، ލަދުވެތިކަންވެސް އިހުސާސް ކުރެވުނެވެ. އަހަރެންނަށް މިވަނީ ކިހިނެއްކަން ޚުދު އަހަރެންނަށްވެސް ނޭންގޭ ޙާލުގައެވެ.
ދުވަސްތައް ފާއިތުވަމުން ދިޔަވަރަކަށް އަހަރެންނާއި ޢަލީ ފިރާޤުގެ ރައްޓެހިކަމަށް ދުރުކަމެއް އަންނަން ފެށިއެވެ. އެހެނީ ކުރީގައި ވާހަކަ ދައްކާ އުޅުނު ބީދައިން ވާހަކަދެއްކުން ވަރަށްބޮޑުތަން މަދުވެގެން ދިޔައެވެ. މަދުން ނަމަވެސް ކުރެވޭ މުޢާމަލާތްތަކުގެ ވައްޓަފާޅިއަށްވެސް ބަދަލު އައެވެ. އެހެނީ މިހާރު ޢަލީ ފިރާޤުގެ މުޢާމަލާތް ކުރުމުގައި ތަންކޮޅެއް ބީރައްޓެހި އަދި މަޑުމައިތިރި ގޮތެއް ހުރެއެވެ. ކޮންމެހެން ބުނަންޖެހޭ ވާހަކައެއް ފިޔަވާ އިތުރު ވާހަކަތައް ދެއްކުން މުޅިން ކަހަލަ ގޮތަކަށް ހުއްޓާލިއެވެ. އެހެންނަމަވެސް ސަމްސުއްނިސާއާއި މުޢާމަލާތް ކުރުމުގައި، އެއްވެސް ތަފާތެއް ނެތެވެ. ހަމަ ކުރިއެކޭވެސް އެއްގޮތެވެ. އަހަރެންނާއިމެދު ތަފާތެއް ހުރިކަން ޚުދު ސަމްސުއްނިސާވެސް ފާހަގަ ކުރިއެވެ. އަދި އެކަމާ ބެހޭގޮތުން ޢަލީ ފިރާޤުއާއި ސުވާލުވެސް ކުރިއެވެ. އޭނާގެ ހިތުގައި ޢަލީ ފިރާޤާއިމެދު ކޮންމެފަދަ އިހުސާސެއް އޮތަސް އެކަން
ބޭރުފުށުން ނުދައްކާ ވޭތޯ ވަރަށް މަސައްކަތް ކުރަމުން ގެންދިޔައެވެ. އެހެނީ އޭނާގެ ދިރިއުޅުމުގެ މިސްރާބު ހެޔޮ މަންޒިލަކާއި ދިމާއަށް ބަދަލުކޮށްލުމުގެ ޒިންމާ ޙަވާލުކޮށްފައި އޮތީ އަހަރެންނާއިއެވެ. ސަމްސުއްނިސާ ބުނަމުން އައީ އަހަރެން އޭނާގެ ހުށައެޅުން ޢަލީ ފިރާޤުގެ ކުރިމަތީގައި ހުށައެޅުމަށްފަހު އޭނަ ދޭނެ ޖަވާބަކަށް އިންތިޒާރު ކުރާނެ ކަމުގައެވެ. އެކަމަށް ކިތަންމެ ގިނަ ދުވަހެއް ނެގިޔަސްވެސް މެއެވެ. އޭގެ ކުރިން ސަމްސުއްނިސާގެ ހިތުގެ ޝުޢޫރު ޢަލީ ފިރާޤުގެ ކުރިމަތީގައި ބޭޒާރުވިޔަ ނުދީ ހިފަހައްޓަން މަސައްކަތް ކުރާނެ ކަމަށްވެސް ބުނަމުން ގެންދިޔައެވެ. އެގޮތުގެ މަތިން އެއްވެސް ޖެހިލުމެއްނެތި އަހަރެންނާއި ބެހޭގޮތުންވެސް ސުވާލު ކުރީއެވެ. އެސުވާލަށް ޢަލީ ފިރާޤުގެ ފަރާތުން އެއްވެސް ޖަވާބެއް ނުލިބުން އެއީ އެހެންކަމެއްތާއެވެ. އަހަރެންވެސް އެކަމާއި ގުޅެގޮތުން އިތުރު ވާހަކައެއް ސަމްސުއްނިސާއަކާއި ނުދައްކަމެވެ. ބުނާނީވެސް ވަކިން ކީކޭ ހެއްޔެވެ.
އެއްދުވަހެއްގެ މެންދުރު ފަހުގެ ވަޤުތެކެވެ. އަހަރެން އިނީ އެދުވަހު ދޮވުނު އަންނައުނުކޮޅު ހިކުމުން އެތަކެތި ރޯނުން ނަގައިގެން ގެނެސް ފަތްޖަހާށެވެ. އެވަޤުތު ގެއަށް އައިސް ވަނީ ސަމްސުއްނިސާއެވެ. އެއީ އާދައިގެ މަތިން ސަމްސުއްނިސާ އަހަރެންގެ ގެއަށް އަންނަ ވަޤުތުވެސް މެއެވެ. އާދައިގެ ހިނގުމެއްގައި ހިނގާލާފައި އައިސް އަހަރެން ފަތްޖަހަން އިން ހެދުންތައް ފަތްޖެހުމުގައި އަހަރެންނަށް އެހީތެރިވާން ފެށިއެވެ.
އެވަޤުތު އެތަނުން ހެދުމެއް ނަގާ، އަހަރެންނަށް ދައްކާލަމުން އެއީ ވަރަށް ރީތި ހެދުމެއް ކަމަށް ބުންޏެވެ. އެހެދުމަކީ މާކަށް އައު ހެދުމެއްވެސް ނޫނެވެ. އެކަމަކުވެސް އެހެދުން އޭނާއަށް އަބަދުވެސް ވަރަށް ރީތި ކަމަށާއި އެހެދުން އޭނާއަށް ދީފާނަންތޯ ސުވާލުކުރިއެވެ. އަހަރެންވެސް އެއްވެސް ޖެހިލުމެއްނެތި އެހެދުން ގެންދިއުމަށް ބުނީމެވެ. އަހަރެމެން ދެމީހުންނަކީވެސް ދިގުހެދުންލާ ދެމީހުންނެވެ. ދެމީހުންގެ އިސްކޮޅާއި ރޫފަވެސް ދާދި އެއްވަރެވެ. އެހެންކަމުން ސަމްސުއްނިސާ، އޭނާއަށް ދިނުމަށް އެދުނު ހެދުން އިތުރަށް ފަތިޖަހަން ނުވަތަ މޮހާކަށްވެސް ނުޖެހޭނެއެވެ. އެދުވަހު ދެމީހުން ވާހަކަ ދައްކަމުން ހީނސަމާސާ ކުރަމުން ގެންދިޔައީމެވެ. އެރޭގެ އިރުއޮއްސުނު ވަޤުތު ޅަފުރައިގެ ފިރިހެން ކުއްޖަކު ގެއަށް އައިސްބުނީ، އެރޭ ތަންކޮޅެއް އަވަހަށް ޢަލީ ފިރާޤުގެ ގެއަށް ދިއުމަށް އޭނާ ބުނި ކަމަށެވެ. އަހަރެން ގޭތެރޭގައި ކުރަންހުރި ބައެއް މަސައްކަތް ނުނިމޭތީ، އެގެއަށް ގޮސްދިނުމަށް ސަމްސުއްނިސާ ގާތުގައި އެދުނީމެވެ. ސަމްސުއްނިސާ ވަރަށް އުފަލާއެކު އެއްބަސް ވިއެވެ.
އޭގެ ދުވަސްކޮޅެއް ފަހެވެ. ސަމްސުއްނިސާ އަހަރެންގެ ގެއަށް އައުން މުޅިން ކަހަލަ ގޮތަކަށް ހުއްޓާލިއެވެ. އެކަން އެހެންވާކަން އަހަރެންނަށް ފާހަގަ ވުމުން ޚުދު އަހަރެން އޭނާގެ ގެއަށް ދިޔައީމެވެ. އެހެންނަމަވެސް އޭނާގެ މިޒާޖާއި ވައްޓަފާޅިއަށް ވަރަށްބޮޑު ބަދަލެއް އައިސް ހުރިކަން އަހަރެންނަށް ފާހަގަކުރެވުނެވެ. އަހަރެން ތަކުރާރުކޮށް ސުވާލުކުރުމުންވެސް އެދެވޭ ޖަވާބެއް ނުދިނެވެ. އޭގެފަހުން އަހަރެންނަށްވެސް ކޮންމެވެސް ވަރަކަށް ސަމްސުއްނިސާއާއި ދުރުވެވެން ފެށިއެވެ. އަހަރެންގެ ހަޔާތަށް ވަރަށްބޮޑު ފަޅުކަމެއްވެސް ވެރިވެގެން ދިޔައެވެ. އެހެނީ، އަހަރެންގެ އެންމެ ގާތް އެކުވެރިޔާ އަހަރެންނާއި ދުރުވުމުން ވަރަށް އެކަނިވެރިކަން އިހުސާސް ކުރެވެން ފެށީތީއެވެ. ސަމްސުއްނިސާގެ މިޒާޖަށް ބަދަލު އަންނަންފެށި ސަބަބު ނޭންގޭތީވެސް މެއެވެ. ކުރިއެކޭ އެއްގޮތަށް ބޭރަށް ނިކުމެ މީހުންނާއި ވާހަކަދެއްކުންވެސް މަދުވިއެވެ. އޭނާގެ މިޒާޖުގައި ހުންނަ ސަމާސާ ގޮތްގަނޑުވެސް މުޅިން ނެތިގެން ދިޔައީއެވެ. އަހަރެންނަށް އެންމެ ބޮޑަށް ވިސްނެންފެށީ އޭނާގެ އެކަނިވެރި ޙާލާއިމެދުގައެވެ. ކަމެއްދަމެއް ބޮޑުވިޔަސް އަޅާލަންވެސް ހުރީ އަހަރެން ކަމަށް ވީތީއެވެ. އެހެނަސް ގުޅުން ކަނޑާލީ އަހަރެންނެއް ނޫނެވެ، ޚުދު ސަމްސުއްނިސާއެވެ. ވީނުވީއެއް ނޭންގިއެވެ. އެހެންނަމަވެސް އޭނާ އެކަނިވެރި ޙާލުގައި ދޫކޮށްނުލާން އަހަރެން ޢަޒުމު ކަނޑައެޅީމެވެ. އަހަރެން ހުރީ، އޭނާއަށް ބޭނުމެއް ޖެހިއްޖެނަމަ އެއްވެސް ޖެހިލުމެއްނެތި ދާން ތައްޔާރަށެވެ. އަނެއްކޮޅުން އަހަރެންނަށް ފާހަގަވީ ކަމަކީ، ޢަލީ ފިރާޤު ތަންކޮޅެއް ބޮޑަށް އަހަރެންނާއި ވާހަކަދައްކަން ފެށި ކަމެވެ. އޭނާގެ މުޢާމަލާތް ކުރުމުގައި ވަރަށް އޯގާތެރި ގޮތެއް ހުންނަކަމެވެ. ގާތްކަމެއްވެސް ގެންގުޅޭ ކަމެވެ. އަހަރެންވެސް އެކަމާ ހިތްހަމަޖެހެން ފެށިއެވެ. އަދި ހަމައެގޮތުގެ މަތިން އަހަރެންވެސް ޢަލީ ފިރާޤުގެ އެބަދަލު ހިތުން ރުހުމުން ބަލައިގަތީމެވެ. ހިތްހަމަ ޖެހުމާއިވެސް އެކުގައެވެ. އޭނާގެ ވިސްނުމާއި ޚިޔާލު ބަދަލުވީ ކޮންއިރަކު ކީއްވެގެން ކަމެއް އަހަރެން ބަލަންވެސް ބޭނުންނުވި ކަހަލައެވެ.
އެއްދުވަހެއްގެ ހެނދުނެވެ. ކޮންމެ ދުވަހެއްގެވެސް އާދައިގެ މަތިން އަހަރެން އޮތީ ގޯތިތެރެ ކުނިކަހާށެވެ. އެވަޤުތު ކުޑަކުއްޖަކު ދުވެފައި އައިސް ބުނީ ސަމްސުއްނިސާއްތަ ވަރަށް ގިނައިން ހޮޑުލަނީ ކަމަށެވެ. އަދި އަހަރެން ކައިރީގައި އަންނާށޭ ބުނި ވާހަކަވެސް އެކުއްޖާ ބުންޏެވެ. އަހަރެން އިލޮށީފަތި އެއްލައިލާފާ ސަމްސުއްނިސާގެ ގެއާއި ދިމާއަށް ދުއްވައިގަތީމެވެ. އަހަރެން ގޮސް އެގެއަށް ވައިންއިރު ސަމްސުއްނިސާ އަނގަ
ތާއްޔަކަށްވެސް ނުޖަހާ ހޮޑުލަނީއެވެ. ކިހިނެއްވީތޯ ސުވާލުކުރުމުން އަހަރެންގެ ގައިގާ އޮޅުލައިގެންފާ ބާރަށް ރޯންފެށިއެވެ. އެތަނުގައި އިތުރު
ދެތިން މީހަކުވެސް ތިއްބެވެ. ސަމްސުއްނިސާގެ ޢަމަލު ހުރިގޮތުން ވަރަށްބޮޑު ވާހަކައެއް ބުނަން ބޭނުންވެގެން އުޅޭހެން އަހަރެންނަށް ހީވިއެވެ. އިތުރު ބަޔަކު އެތަނުގައި ތިބީތީ ވާހަކަ ނުދެއްކިގެން އުޅޭކަހަލަ ޢިޝާރާތެއްވެސް އޭނާ ކޮށްލިއެވެ. އަހަރެން ނޫންކަމަށް ހަދާފައި، ވަށައިގެން ބަލައިލުމާއެކު، ސަމްސުއްނިސާ ސާފުކޮށްލަން ބޭނުންވާ ކަމަށް ބުނެ، ހުރިހާ އެންމެން އެތަނުން ބޭރަށް ނެރުނީމެވެ. އެވަޤުތު އަހަރެން ދައްކަން ބޭނުންވެފައިހުރި އެތައް ވާހަކަތަކެއް ދައްކަން އަހަރެން ގަސްތުކުރީމެވެ. އެތައް ދުވަހެއް ވަންދެން ހިތުގައި އުފެދިފައިވާ ހުރިހާ ސުވާލުތަކެއްގެ ޖަވާބު ހޯދަން ބޭނުންވިއެވެ. އެހެންނަމަވެސް ސަމްސުއްނިސާ އެދުނީ އެންމެ ފުރަތަމަ އޭނާގެ ވާހަކަ އަޑުއަހާލަދޭށެވެ. އަހަރެން އޭނާއަށް އެފުރުޞަތު ދިނީމެވެ. އެވަޤުތު ސަމސުއްނިސާ އެންމެ ފުރަތަމަވެސް އަހަރެންގެ ކިބައިން މަޢާފަށް އެދުނެވެ. ”އަހަރެން ކޮން ކަމަކާ ސަމްސުއްނިސާއަށް މަޢާފުކުރަންވީ. އާން މިއޮއް ހުރިހާ ދުވަހު ވީނުވީއެއް ނޭންގި އަހަރެންނާ ދުރުވީމަ އަހަރެން މިހުންނަނީ ވަރަށް ދެރަވެފަ. އެކަމަށްޓަކާ އަހަރެން ސަމްސުއްނިސާއަށް މަޢާފު ކޮށްފިން. ދެން ހިނގާ އިހަށް ގައިން ތާހިރުވެލަން. ތިވަރަށް ހޮޑުލެވޭއިރު ހޮޑު މަނާކުރާނެ ބޭހެއްވެސް ހޯދަންޖެހޭނެއެއްނު. އަންނާނަށް ހެލްތު ވޯކަރު ގޮވައިގެން.“ އެހެން ބުނުމާއިއެކު އަހަރެން ތެދުވަން މަސައްކަތް ކުރީމެވެ. އެހެންނަމަވެސް ސަމްސުއްނިސާ އަހަރެންގެ އަތުގައި ބާރަށް ހިފެހެއްޓިއެވެ. އަދި އެތަނުން ނުދިއުމަށް އެދުނެވެ. އަދި އޭނާ ދައްކަން ބޭނުންވާ ވާހަކަ އަޑުއެހުމަށް އިލްތިމާސް ކުރަމުން ގެންދިޔައެވެ. ”ނަފީސާ، އަހަރެން… އަހަރެން ބަނޑުބޮޑު.“ އަހަރެންގެ ފައިދަށުން ބިންގަނޑު ކެހިގެން ދިޔަކަހަލައެވެ. ”ސަމްސުއްނިސާ“ އަހަރެންނަށް ބާރަށް ހަޅޭއްލަވައިގަނެވުނެވެ. ދެލޯބޮޑުކޮށް ރުޅިވެސް ގަދަވުމާއިއެކުގައެވެ. ”ކީކޭ ތިކިޔަނީ؟ ސަމްސުއްނިސާއަށް ތިކިޔޭ ނުކިޔޭ އެއްޗެއް އެބަ އެނގޭތަ؟“ އަހަރެންގެ ލޮލުން ފެން އަންނަން ފެށިއެވެ. ދުވަހަކުވެސް ކައިވެންޏެއް ނުކުރާ ތަނުގައި، އެފަދަ ނިޔަތެއްގައި ފިރިހެނަކާއި އަނގައިންވެސް ނުބުނެ ހުރި އަންހެނަކު ބަނޑު ބޮޑުވާނީ ކިހިނެއް ހެއްޔެވެ؟ ކަންއޮތީ އެހެން ކަމަށް ވީނަމަވެސް އަހަރެން ރޮމުން ރޮމުން ސަމްސުއްނިސާއާއި ސުވާލު ކުރީމެވެ. ”ތިޔައީ ތެދެއް ކަމަށް ވާނަމަ ތިކަމުގެ ޒިންމާ ނަގަންޖެހޭ ފަރާތަކީ ކޮބާ؟“ ވަރަށް ޖެހިލުންވެ ހުރެ އަހަރެން ކުރި ސުވާލަށް ސަމްސުއްނިސާ ޖަވާބު ދިނެވެ. ”ޢަ… ޢަލީ ފިރާޤު.“
އަރުޝީ ކުއްލިޔަކަށް ޑައިރީ ވަރަށް ބާރަށް ލައްޕާލާފައި ފުންމައިގެން ކޮޅަށް ތެދުވިއެވެ. އެވަޤުތު އޭނާގެ ދެލޮލުން ފެން އަންނަން ފެށިއެވެ. އަދި އަމިއްލަ ނަފްސާއި ހިތާހިތުން ސުވާލުކޮށްލިއެވެ. ”އަހަރެންގެ އަސްލު މަންމައަކީ ދައްތަބާ؟ އަހަރެންގެ މަންމައަކީ އަހަރެންގެ މަންމައެއް ނޫންބާ؟ ކީއްވެ އެހެންވާންވީ؟ ނޫން.. އަހަރެންގެ މަންމައަކީ ނަފީސާ.. ސަމްސުއްނިސާއެއް ނޫން.“ ހިތުގައިވާ ޝައްކާއި ވަހުމު ފިލުވާލެވޭނީ އިތުރަށް ޑައިރީ ކިޔައިގެންކަން އަރުޝީއަށް ވިސްނުނެވެ. އަދި މަޑުމައިތިރި ކަމާއިއެކީ އިށީނދެލިއެވެ. އަނެއްކާވެސް ޑައިރީއިން އިތުރު ޞަފްޙާއެއް ކިޔާލުމުގެ ބޭނުމުގައެވެ.
- ނުނިމޭ –






