ދުނިޔޭގެ މަޝްހޫރު އިލެކްޓްރިކް ކާރު އުފައްދާ ކުންފުނި ޓެސްލާ، އިންޑިއާގެ ހަލުވިކަމާއެކު ކުރިއަރަމުންދާ އިލެކްޓްރިކް އުޅަނދު (އީވީ) ގެ ބާޒާރަށް ވަނުމަށް ގިނަ ދުވަސްތަކެއް ވަންދެން ކުރަމުން ދިޔަ އިންތިޒާރަށް ނިމުމެއް ގެނެސްފިއެވެ. އެގޮތުން، އެ ކުންފުނީގެ ފުރަތަމަ ޝޯރޫމް މުމްބާއީގައި އަންގާރަ ދުވަހު ރަސްމީކޮށް ހުޅުވައިފިއެވެ. ބްލޫމްބާގް އިން ރިޕޯޓްކޮށްފައިވާ ގޮތުގައި، ޓެސްލާގެ އުޅަނދުތައް ޑެލިވަރީ ކުރުން އަންނަ މަހުގެ ކުރީކޮޅު ފަށާނެ ކަމަށް އަންދާޒާ ކުރެވެއެވެ.
މުމްބާއީގައި ހުޅުވުނު ޓެސްލާގެ ޝޯރޫމުން އަންނަ ހަފްތާގައިވެސް ކާރުތައް ކޮންފިގަރ ކުރުމަށްފަހު އޯޑަރު ކުރެވެން ފެށޭނެއެވެ. އެންމެ ފުރަތަމަ ޑެލިވަރ ކުރުމަށް ހަމަޖެހިފައި ވަނީ ޓެސްލާގެ މަޝްހޫރު މޮޑެލް ވައި އެސްޔޫވީތަކެވެ. މި ކާރުތައް އިންޑިއާއަށް ގެނެސްފައި ވަނީ ޗައިނާގައި ހުންނަ ޓެސްލާގެ ފެކްޓަރީން ނެވެ. ޓެސްލާގެ ދެވަނަ ޝޯރޫމެއް މި މަހުގެ ފަހުކޮޅު އިންޑިއާގެ ވެރިރަށް ދިއްލީގައި ހުޅުވުމަށް ވެސް ވަނީ ހަމަޖެހިފައެވެ.
މި ވަގުތު އިންޑިއާގެ ބާޒާރު ޓެސްލާއަށް ވަނީ ވަރަށް މުހިންމު ވެފައެވެ. ދުނިޔޭގެ އެހެން ގައުމުތަކުގައި ޓެސްލާގެ ކާރު ވިއްކޭ މިންވަރު ދަށްވެފައިވާތީ، ދުނިޔޭގެ ތިން ވަނައަށް އެންމެ ބޮޑު ކާރު ބާޒާރު ކަމަށްވާ އިންޑިއާއަށް ޓެސްލާއިން މިހާރު ވަނީ ބޮޑު ސަމާލުކަމެއް ދީފައެވެ. އިންޑިއާގައި އިލެކްޓްރިކް އުޅަނދުތަކަށް ޝައުގުވެރިކަން ދުވަހުން ދުވަހަށް އިތުރުވަމުން ދެއެވެ.
އެހެން ނަމަވެސް، އިންޑިއާއަށް އެތެރެކުރާ ކާރުތަކަށް ބޮޑު ޑިއުޓީއެއް ނެގުމުގެ ސަބަބުން މިފަދަ އުޅަނދުތަކުގެ އަގު ބޮޑުވެގެން ދެއެވެ. ޓެސްލާގެ ދުނިޔޭގައި އެންމެ ގިނައިން ވިކޭ އިލެކްޓްރިކް ކާރު ކަމަށްވާ މޮޑެލް ވައިގެ އަގު އުޅެނީ 40 ހާސް ޑޮލަރުގައެވެ. އިންޑިއާއިން އިންޕޯޓު ޑިއުޓީއަށް 70 ޕަސެންޓް ނަގާނެއެވެ. އެކަމަކު އިންޑިއާގައި މި މޮޑެލްގެ އަގު ދަށްކޮށްފައި ޑިއުޓީއާއެކު ވިއްކުމަށް ހަމަޖެހިފައި ވަނީ 32270 ޑޮލަރުގައި ކަމަށް ބެލެވެއެވެ.






