ފުން ނޭވާއެއްލުމާއިއެކު، އަރުޝީ އަނެއްކާވެސް ޑައިރީ ހުޅުވާލިއެވެ. ވަރަށް ބިރުން އިނދެ އަދި އެހާމެ މަޑުމައިތިރި ކޮށެވެ. ޑައިރީ ހުޅުވާލިއިރު އަރުޝީ އިނީ ތުރުތުރު އަޅައަޅައެވެ. އެހެނަސް ހިތްވަރު ކޮށްލާފާ ޑައިރީ ކިޔަން ފެށިއެވެ.
”އަހަރެންނަށް އަނެއްކާވެސް ސަމްސުއްނިސާއާއި ދިމާއަށް ހަޅޭއް ލަވައިގަނެވުނެވެ. ”ކިހިނެއް ވެގެންތަ ތިއުޅެނީ؟ އެންމެ ފުރަތަމަ އަމިއްލަ މީހާގެ ޙާލާމެދު ވިސްނާލަބަލަ. ހަމަ އެއްވެސް އެއްޗެއް ހިތަށް ނާރަނީތަ؟ ސަމްސުއްނިސާ ތިބުނާ އެއްޗެއް އަހަރެން ޤަބޫލެއް ނުކުރާނަން. ނުވާނެ ތިހެންނެއް. އެންމެ ފުރަތަމަ ބުނެބަލަ، ސަމްސުއްނިސާއަށް ހަމަ ޔަޤީންތަ ސަމްސުއްނިސާ ބަނޑުބޮޑުކަން؟“ އަހަރެން އައިސް ހުރި ރުޅިޔާއި ވެފާ ހުރި ހައިރާންކަން އެއްފަހަރާ ސަމްސުއްނިސާގެ ކުރިމައްޗަށް ބަންޑުން ޖަހާލެވުނު ކަހަލައެވެ. އެހެންނަމަވެސް އަހަރެންނަށް މި ރުޅި އާދެވެނީ ކީއްވެގެން ކަމެއް ޚުދު އަހަރެންނަކަށްވެސް ނޭންގުނެވެ. ސަމްސުއްނިސާ އެޢަމަލުގެ ސަބަބުން އޭނާއަށް ވާނެގޮތަކާއިމެދު ވިސްނުނީބާއެވެ. ނުވަތަ އޭގެ އިލްޒާމު ޢަލީ ފިރާޤުގެ ބޮލުގައި އެޅުވުން އަހަރެންނަށް ހަޖަމު ނުވީބާއެވެ. ކަންއޮތީ ކޮންމެ ގޮތަކަށް ކަމަށްވިޔަސް ސަމްސުއްނިސާއަށް އެވަރުގެ ދެރައެއް ލިބި މުޞީބާތެއް ކުރިމަތިވާކަށްވެސް އަހަރެންނެއް ބޭނުމެއް ނުވިއެވެ. އަހަރެންގެ ޚިޔާލަށް މިކަހަލަ ވިސްނުމެއް އައުމާއިއެކު، އަމިއްލައަށްވެސް ކޮންމެވެސް ވަރަކަށް މައިތިރި ވެވުނެވެ. އަދި ފުން ނޭވާއެއް ލުމާއިއެކު އަނެއްކާވެސް ސަމްސުއްނިސާއާއި ސުވާލު ކުރަން ފެށީމެވެ. ކޮންމެވެސް ވަރަކަށް ހަމަޖެހިލެވޭތޯވެސް އަހަރެން މަސައްކަތް ކުރީމެވެ. ”އެންމެ ރަނގަޅު. ތި ވީކަމެއްވީ. ދެން ނިކަން ތެދުތެދަށް ބުނެބަލަ. ހަމަ ޔަޤީންތަ ތިހެން ތިވަނީ ބަނޑުބޮޑު ވެގެންކަން؟“ އޭރުވެސް ސަމްސުއްނިސާ ގެންދިޔައީ އޯކާދެމެމުން ރޮމުންނެވެ. ”އާން ނަފީސާ، އަހަރެންނަށް ޔަޤީން އަހަރެން ބަނޑުބޮޑުކަން. އަހަރެންނަށްތާ އެނގޭނީ މިވޭތުވެ ދިޔަ ދުވަސްތަކުގަ ކަންތައްތައް ވަމުންދިޔަ ގޮތް. އަހަރެން ނަފީސާޔާ ދުރަށް ޖެހިލީވެސް މިކަން މިހެން ހިނގީމަ. ގޮތަކަށް ބުނަންޏާ އަހަރެން ހުރީ ނަފީސާޔާމެދު ކޮންމެސް ވަރަކަށް ހަސަދަވެރިވެފަ. އެކަމަކު ފަހުން ކުރިމަތިލާންވެސް ނުކެރުނީ“ ގިސްލަމުން ކަހަލަ ގޮތަކަށް ސަމްސުއްނިސާ ވާހަކަ ދައްކަމުން ގެންދިޔައެވެ. ”އެކީއްވެ އަހަރެންނާމެދު ހަސަދަވެރި ވާންވީ؟ ތި ކަމަކާ މަށަކާ އޮތީ ކޮންގުޅުމެއް؟“ އަހަރެން ހައިރާންވާ ގޮތްވިއެވެ. ”ހަނދާން އެބަހުރިތަ އެއްދުވަހު ނަފީސާ ގޭގެ މަސައްކަތްތައް ނުނިމޭތީ، ޢަލީ ފިރާޤު ބުނެގެން އަހަރެން ކައިރީގަ އެގެއަށް ގޮސްދޭށޭ ބުނި ދުވަސް؟“ އަހަރެން ކޮންމެވެސް ވަރަކަށް ވިސްނާލީމެވެ. އަދި އެދުވަސް މަތިން ހަނދާން ވެގެން އާނއެކޭ ބުނެލީމެވެ. ”އެރޭ އަހަރެން ދިޔައީ އެދުވަހު ނަފީސާއަތުން އަހަރެން ގެނައި ހެދުން ލައިގެން. އެއީ ހަމަ އަސްލުވެސް އަހަރެނަށް ވަރަށް ރީތި ހެދުމަކަށް ވީމަ، އެރޭ އެއީ އަހަރެންނަށްވެސް ވަރަށް ޚާއްޞަ ރެއަކަށް ވީތީ، އެހެދުން ލާން ބޭނުންވީ.“ ސަމަސުއްނިސާ ބުނަން ބޭނުންވެގެން އުޅުނު ވާހަކަ އަހަރެންނަކަށް އެއްގޮތަކަށްވެސް އޮޅުންފިލާ ގޮތެއް ނުވިއެވެ. ”ސަމްސުއްނިސާ ބުނަން ރަނގަޅު ވާހަކައެއް. މިހާރު މިތާ މިދައްކަނީ ސަމްސުއްނިސާއަށް ދިމާވެގެން ތިއުޅޭ ޙާލަތުގެ ވާހަކަ. އެކަމަކާ އަހަރެން އަތުން ގެންދިޔަ ހެދުމަކާ، އެރޭ ސަމްސުއްނިސާ އެހެދުން ލައިގެން އެގެއަށް ދިއުމާ އޮތީ ކޮން ގުޅުމެއް؟ ތިބުނަން އުޅޭ ވާހަކައެއް ނިކަން ސާފުކޮން ބުނެލަ ދީބަލަ. މިހާރު އަހަރެންގެ ބޮލުގަ ރިއްސަން ފަށައިފި.“
ސަމްސުއްނިސާ ވަރަށް ހިތްވަރު ކޮށްލާފާ އޭނާގެ ވާހަކަ އަނެއްކާވެސް ކުރިއަށް ގެންދިޔައެވެ. ”އަހަރެން އެރޭ އެގެއަށް ދިޔައިރު ޢަލީ ފިރާޤު އޮތީ ހުންއައިއްސަ. ކޮޓަރީގެ ބޮކިވެސް ހުރީ ނިއްވާލާފަ، ނޫނީ ނުދިއްލާ ބަހައްޓާފަ ހުރީ ކަންނޭންގެ. ކުޑަދޮރުން ބޭރުން ހުރި ބޮތްކެއްގެ އަލިއެކަނި ކޮޓަރިތެރެއަށް އެޅިފަ ހުރީ. އަހަރެން ވަނުމާއެކީ ޢަލީ ފިރާޤު ވަރަށް ބަލިކަށި އަޑަކުން ބުނެލީ ނަފީސާ ތިއައީ ދޯއޭ. އަހަރެން އިތުރު އެއްޗެއް ނުބުނެ އުޅެނިކޮން އަހަރެންނާ ދިމާއަށް އަތްދިއްކޮށްލީ. އަދި އޭނާގެ ކައިރިއަށް ދިއުމަށް ދަޢުވަތު ދިން. އަހަރެންނަށް ބޭއިޚްތިޔާރުގަ އޭނަ ކައިރީގަ ގޮސް އިށީންދެލެވުނީ. އެވަޤުތު ކުޑަދޮރުން އެޅިފަ ހުރި އަލިން އޭނައަށް އަހަރެންގެ ހެދުން ފެނުނީ. ދެން ބުނީ އެއީ އޭނާއަށްވެސް ވަރަށް ރީތި ހެދުމެކޭ.“ ސަމްސުއްނިސާ ދައްކަމުން ގެންދިޔަ ވާހަކަ މެދުކަނޑުވާލަން އަހަރެން އަނެއްކާވެސް މަސައްކަތް ކުރީމެވެ. އެހެންނަމަވެސް އަހަރެން އިތުރު އެއްޗެއް ބުނުމުގެ ކުރިން ސަމްސުއްނިސާ އޭނާގެ ވާހަކަ ކުރިއަށް ގެންދަން ފެށިއެވެ. ”އަހަރެން މީ ނަފީސާ ނޫންކަން ބުނެދޭން އަހަރެން ވަރަށް މަސައްކަތް ކުރިން. އެކަމަކު އަހަރެން އިތުރު އެއްވެސް އެއްޗެއް ނުބުނެ އުޅެނިކޮން އަހަރެންގެ އަތްމަތީގަ އޭނަގެ އަތް ބޭއްވީ. ނަފީސާ ވިސްނާލަބަލަ، އަހަރެންފަދަ، ދުވަހަކުވެސް ފިރިހެނަކާ ދިމާލަށް ބަލާވެސްނުލާ ހުރި މީހަކު، އެންމެ ލޯބިވާ މީހާ އަތުގައި ހިފީމަ އަހަރެންނަށް ނޫނެކޭ ބުނެވޭނެތަ. އަހަރެން ޤަބޫލުކުރަން ޢަލީ ފިރާޤު ހިތުން އެރޭ ހިފީކީ އަހަރެންގެ އަތަކު ނޫންކަން. އޭނައަށް ހީވީ އެތާ އޭނަ ކައިރީގަ އިނީ ނަފީސާއޭ. އެކަމަކު އެވަޤުތު ލިބުނު ފުރުޞަތު ނަގާނުލުމަށް އަހަރެންގެ ހިތް ބުނަމުން ގެންދިޔައީ. އަހަރެންގެ ބޮލަށްވެސް އިބިލީސް ސަވާރުވީ. އަހަރެންގެ އަތުގަ އަތްލީމަ އަހަރެންނަށް އެނގުނު ޢަލީ ފިރާޤު ހުންގަދަ ވެފަ އޮތް މިންވަރު. އޭގެ ސަބަބުން އޭނަވެސް އޮތީ މާބޮޑަށް ހަމަހޭގަ ނޫންކަން އަހަރެންނަށް އެނގުނު. އެކަމަކުވެސް އަހަރެން ބޭނުންވީ އޭގެ ފައިދާ ނަގަން. ގޮތަކަށް ބުނަންޏާ އެރޭ ޢަލީ ފިރާޤު ދެއްކި ވާހަކައިން ތި ދެމީހުންގެ މެދުގަ އޮތް ގުޅުންވެސް އަހަރެންނަށް އެނގުނީމަ އަހަރެން ކައިރިޔަށްވެސް ރުޅި އައީ. އަދި އަހަރެންގެ ހިތުގަ ނަފީސާޔާމެދު ހަސަދަވެރިކަންވެސް އުފެދުނީ. އަދި ޒާތަކަށް ބަދަލު ހިފާކަހަލަ ޚިޔާލެއް އުފެދުނީ.“ އެހެން ބުނުމާއިއެކު ސަމްސުއްނިސާ އިސްދަށަށް ޖަހާލިއެވެ. އަހަރެން ހައިރާންވާ ގޮތްވިއެވެ. ”ބަލަ ސަމްސުއްނިސާ، ކީއްވެހޭ އަހަރެންނަށް ހަސަދަވެރިވީ. އަހަރެން ކީއްތަކުރީ؟“ ތަންކޮޅެއް އަޑުހަރުކޮށް އަހަރެންނަށް ސުވާލު ކޮށްލެވުނެވެ. ”އެއޮއް ހުރިހާ ދުވަހު އަހަރެންގެ ހިތުގައި ޢަލީ ފިރާޤުއަށްޓަކާ އުފެދިފަ އޮތް އިހުސާސްތައް އެންމެ ރަނގަޅަށް ނަފީސާއަށް ކިޔައިދެމުން ގެންދިޔައީ. އެކަމަކު ތި ދެމީހުންގެ މެދުގަ ގުޅުމެއް އުފެދިފަ އޮތް ވާހަކަ އަހަރެން ކައިރީގަ ބުނެ ނުލީމަ. އަހަރެންގެ ހުށައެޅުން ޢަލީ ފިރާޤު ކުރިމާތީގަ ހުށައަޅަން ހަވާލުކުރީވެސް ނަފީސާޔާ. އެކަމަކުވެސް އަހަރެނަށް ޙަޤީޤަތް ހާމަކޮށްނުދީ އަހަރެން ވާވައްދާފަ ބެހެއްޓީ. އެންމެ ފަހަރަކުނަމަވެސް އަހަރެން ކައިރީގަ ރީތިކޮން ބުނެލިނަމަ އަހަރެންވެސް އެކަމާ ވިސްނާލިސްތާ. ނަފީސާއަކީވެސް އެކަނިވެރިކަންމަތީ ދިރިއުޅެމުން އަންނަ އަންހެނެއް. އަހަރެން ތިދެމީހުންގެ މެދަކަށް ނުވަނީމުސް.“ ސަމްސުއްނިސާގެ ވާހަކަ އެހާ ހިސާބަށް ދިއުމުން އަހަރެންނަށް ރޮވޭގޮތް ވިއެވެ. ރުޅިއައިސްގެން ކަމެއް ނުވަތަ ދެރަވީ ކަމެއް އަހަރެންނަކަށް ނޭންގުނެވެ. އެހެންނަމަވެސް އެހާ ހިސާބުން އަހަރެން، ސަމްސުއްނިސާ ދައްކަމުން ގެންދިޔަ ވާހަކަ މެދުކަނޑުވާލީމެވެ. އަދި ކަމުގެ ޙަޤީޤަތް ސަމްސުއްނިސާއަށް އޮޅުންފިލުވައިދޭން މަސައްކަތް ކުރީމެވެ. ”ސަމްސުއްނިސާއަށް ތިއޮތީ ވަރަށް ބޮޑަށް އޮޅިފަ. އަހަރުމެން ދެމީހުންގެ މެދުގަ އެކަހަލަ އެއްވެސް ގުޅުމެއް ނެތް. އެކަހަލަ ގުޅުމެއް ބާއްވަން އަހަރެންގެ ހިތަށްވެސް ނާރާ. ސަމްސުއްނިސާ ޤަބޫލުކުރިޔަސް ނުކުރިޔަސް ޙަޤީޤަތަކީ މީ. ޢަލީ ފިރާޤު އަހަރެންނާމެދު އެވިސްނާ އެއްޗެއް އެއީ އޭނަގެ އަމިއްލަ ކަމެއް. އެކަމަކަށް އަހަރެނަކަށް ޒިންމާވާކަށް ނުޖެހޭނެ. އަހަރެން އަސްލު މިއަދު ވަރަށް ދެރަވެއްޖެ. އެންމެ ކުޑައިރުއްސުރެ އަހަރެންގެ އެންމެ ގާތުގަ އުޅުން މީހާއަށް އަހަރެން ނޭންގުނީމަ. ތިހާ ހިސާބަށް ކަންތައް ގެންދިއުމުގެ ކުރިން އެންމެ ކުޑަމިނުން އަހަރެން ކައިރީގަ އަހާލަން ރަނގަޅުތާ“ އަހަރެންނަށް ރޮވެން ފެށުނެވެ. އަހަރެންނަށް ސަމްސުއްނިސާދެކެ ރުޅިއައުމުގެ ޙައްޤު އޮތްއިރުވެސް އަހަރެންގެ ހިތުގައި އޭނާއާއިމެދު އުފެދުނީ ހަމްދަރުދީއެވެ. ކީއްވެކަމެއް ޚުދު އަހަރެންނަކަށްވެސް ނޭންގުނެވެ. އެވަޤުތުވެސް ސަމްސުއްނިސާ އޯކާދެމެން ފެށިއެވެ. އަދި ހޮޑުލާން ދުއްވައިގަތެވެ. އެވަޤުތަކު އަހަރެންނަކަށް އޭނާއަށް އެހީތެރިވާން ފަހަތުން ދާނެހާ ހިތްވަރެއް ނުލިބުނެވެ.
ސަމްސުއްނިސާ އެނބުރި އައީ އޭނާގެ ތުން ހެދުމުގެ އަތުކުރިން ފޮހެމުންނެވެ. އޭނާ ހުރީ ކޮންމެވެސް ވަރަކަށް ވަރުބަލިވެސް ވެފައެވެ. އެހެނީ އަހަރެންނާއި ހަމައަށް އައިސް އޭނާ ނިދާ އެނދުގައި އިށީނދެލިއިރުވެސް މައިނޭވާ ލެވެއެވެ. އަހަރެން ވަރަށް އޯގާތެރި ކަމާއިއެކު ސަމްސުއްނިސާގެ އަތް އަހަރެންގެ އަތްމައްޗަށް ލީމެވެ. އަދި ވަރަށް މަޑުމައިތިރި ކަމާއިއެކީ ވާހަކަ ދައްކަން ފެށިމެވެ. ”ސަމްސުއްނިސާ، ދެން އިހަށް އަހަރެން ދައްކަން މިއުޅޭ ވާހަކަ ވަރަށް ކަނުލާ އަޑުއަހާތި. އޭގެ ފަހުގަ ދެން ތިކަމާ ހަދާނެ ގޮތެއް އަމިއްލައަށް ވިސްނާ.“ ސަމްސުއްނިސާ ވަރަށް ހިތްވަރު ކޮށްގެން އިނދެވޭތޯ ބެލިއެވެ. އަދި އާންއެކޭ ބުނުމުގެ ގޮތުން ބޯޖަހާލުމާއިއެކު، އަޑުއަހަން ތައްޔާރުވިއެވެ. ”އަހަރެން ޤަބޫލުކުރަން ޢަލީ ފިރާޤުގެ ހިތުގަ އަހަރެންނަށްޓަކާ ކޮންމެސް އިހުސާސެއް އެބަ އޮތްކަމަށް. އޭނަ އަހަރެން ކައިރީގަ އެވާހަކަ ދެއްކިވެސްމެ. އެއީ ސަމްސުއްނިސާ ބުނެގެން އަހަރެން އެކަމަށް ތައްޔާރު ވެގެން ދިޔަރޭ. އެހެންވެގެން އަހަރެންނަށް އެރޭ ސަމްސުއްނިސާގެ ވާހަކަ ދައްކަން ނުކެރުނީވެސް. އެކަމަކު އޭގެ މާނައަކީ އަހަރެން އޭނަ އަހަރެންނާމެދު ދެކޭގޮތަށް އަހަރެންވެސް ރުހެނީއެކޭ ނޫން. އާން އަހަރެން އޭނަގެ ހުށައެޅުމަކަށް ސީދާ ސީދާ ނޫނެކޭ ނުބުނަން. އެހެންވެގެން ކަންނޭގެ އަހަރެންގެ ފަރާތުން އެދެވޭ ޖަވާބަކަށް އިންތިޒާރު ކުރާނަމޭ ބުނީ. އެކަމަކު އޭގެ ފަހުން ދުވަސްތަކެއް ވަންދެން އަހަރެންނަކާ ރަނގަޅަކަށް ވާހަކައެއް ނުދައްކާ. އެކަން ޚުދު ސަމްސުއްނިސާވެސް ފާހަގަ ކުރީމެއްނު.“ އަހަރެން ދައްކަމުން ގެންދިޔަ ވާހަކަ ސަމްސުއްނިސާ ވަރަށް ކަނުލާ އަޑުއަހަން އިނެވެ. ”ދެން އެހެންވިއްޔާ ބުނެބަލަ، މިހާރަކުވެސް ވާހަކައެއް ނުދައްކާތަ؟“ ސަމްސުއްނިސާ އަހާލިއެވެ. ”ނޫނޭ. އަހަރެންވެސް ހައިރާންވެފަ މިހުންނަނީ. ދުވަސްކޮޅެއް ވެއްޖެ އަހަރެންނާ ވަރަށް ރަނގަޅަށް ވާހަކަ ދައްކާތާ. އަދި ވަރަށް އޯގާތެރިވެސްމެ. އަހަރެން މިހުންނަނީ ވީގޮތެއް ނޭންގިފަ.“ އަހަރެންގެ ވާހަކަ
އެހާ ހިސާބަށް ދިއުމުން ސަމްސުއްނިސާ ބުނެލިއެވެ. ”އަހަރެންނަށް އެނގޭ ވީގޮތް.“ އަހަރެން ކުޑަކޮން ހައިރާންވިއެވެ. އަދި ސަބަބު އޮޅުން ފިލިވުމުގެ ގޮތުން ސުވާލުކޮށްލީމެވެ. ”އެރޭ އަހަރެންނާ ދިމާވިފަހުން ދޯ ވާހަކަ ދައްކަނީ؟“ އަހަރެން އާނއެކޭ ބުނުމުގެ ގޮތުން ބޯޖަހާލީމެވެ. ”އެރޭ ޢަލީ ފިރާޤުގެ އެދުމަށް އަހަރެން ބޯލަނބާ، އެހުރިހާ ކަމެއް ވެގެންދިޔައިރުވެސް އަހަރެން މިއީ ނަފީސާ ނޫންކަމެއް އަހަރެންނެއް ޢަލީ ފިރާޤު ކައިރިއަކު ނުބުނެވުނު. އެހެންވީމަ އޭނާ ވިސްނައިގެން ހުންނާނީ ނަފީސާގެ އާންބަސް އޭނާއަށް ލިބުނީ ކަމަށް. އެހެންވެގެން އޭގެފަހުން ވާހަކަ އެދައްކަނީ. އެކަމަކު އަހަރެންނަށް ކަންތައް ކުރެވުނު ގޮތުން ފަހުން ވަރަށް ދެރަވި. އަހަރެންގެ ހިތުގަ އޭރުގަ ރުޅިޔާ، ހަސަދަ އުފެދުނު ކަމަށްވިޔަސް ފަހުން އަހަރެންނަށް އެހާ ހިސާބަށް ކަންތައް ގެންދަން ފުރުޞަތު ދެވުނުކަމުގެ މޮޔަ ހިތަށް އެރި. އަދި އެތައް ފަހަރަކު ނަފީސާ ކައިރީގަ އެވާހަކަ ދައްކަން ހިތަށް އެރި. އެކަމަކު ހަމަ ހިތްވަރު ނުލިބުނީ. އަހަރެންނަކަށް ނޭންގެ ކީއްވެ ކަމެއް. ކަން ހިނގާދިޔަ ގޮތާމެދު ލަދުގަތީ ކަމެއް ނޫނީ ނަފީސާ އަންނާނެ ރުޅިއަށް ކަންބޮޑުވީ ކަމެއް.“ ސަމްސުއްނިސާގެ ވާހަކަ އެހާ ހިސާބަށް ދިއުމުން އަހަރެންނަށް ޢަލީ ފިރާޤު ދެކެ ރުޅި އާދެވުނެވެ. އަދި މިއޮއް ހުރިހާ ދުވަހު އޭނާގެ އުޅުމާއި މޫނުމަތިން ދައްކަމުންދިޔަ ރަނގަޅު އަޚުލާޤުގެ ސިފައިން ފަރުދާ ކެހުނީމަ ޒާތަކަށް ފޫހިވާގޮތްވެސް ވިއެވެ. ހަމަ އެވަޤުތު ޢަލީ ފިރާޤު ހުރިތަނަކަށް ގޮސް އޭނާއާއި ދިމާއަށް އެއްޗެހި ގޮވަންވެސް ހިތަށް އެރިއެވެ. އެކަމަކު އެހެން ހަދައިފިނަމަ ސަމްސުއްނިސާވެސް ބޭޒާރުވާނެއެވެ. ސަމްސުއްނިސާ ސާފުތާހިރު ވެލުމަށް އެހީތެރިވެދީފާ، އަހަރެން ދިޔައީ ގެއަށެވެ. އެއްވެސް ކަމަކު ބޭނުންވެއްޖެނަމަ އަންގާލުމަށް ބުނެފައެވެ. އެހެންނަމަވެސް އަހަރެންނަށް ހުރެވުނީ ސަމްސުއްނިސާ ދެކެ އައިސްފާ ހުރި ރުޅި އޭރުވެސް މައިތިރިއެއް ނުވެއެވެ. އަދި އެއީ ޖާއިޒު ރުޅިއެއްކަން އަހަރެންނަށް ޤަބޫލުކުރެވެމުން ދިޔައެވެ. އެހެންނަމަވެސް ސަމްސުއްނިސާގެ ހިތް އަހަރެންގެ މައްޗަށް ސާފުވެއްޖެކަން އަހަރެންނަށް އެނގެއެވެ. އެކަމަށްޓަކާ އޭނަ އަހަރެންގެ ކިބައިން އެތައްފަހަރަކު މަޢާފަށްވެސް އެދުނެވެ. އެހެނަސް އޭނާއަށް މަޢާފު ދޭކަށް އަހަރެންގެ ހިތެއް ނުރުހުނެވެ.
އަހަރެން ގެއަށްވެސް ދިޔައީ އެވިސްނުމުގައި ހުރެގެންނެވެ. ގެއަށްގޮސް ވައިންއިރު ގޭގައި މީހަކު އުޅޭހެން އަހަރެންނަށް ހީވިއެވެ. ކާކުތޯ ގޮވަމުން އަހަރެން ގޭތެރެއަށް ވަނީމެވެ. އެހެނީ އެވަޤުތަކީ މުހައްމަދުފުޅުގެ ކޮއްކޮވެސް ގޭގައި ނޫޅޭނެ ވަޤުތެއްކަން އަހަރެންނަށް އެނގެއެވެ. ވަރަށް މަޑުމަޑުން ހިނގަމުންގޮސް އަހަރެން ގޭތެރެއަށް ވަނީމެވެ. އެވަޤުތު އަހަރެންގެ މޭގަނޑު ހީވީ އަނގަޔަށް އައިހެންނެވެ. ސިއްސައިގެން ގޮސް ފަހަތަށް ނުވެއްޓުނީ ހަމަ ކިރިޔާއެވެ. އާނއެކެވެ. ގޭތެރޭގައި ބަހައްޓާފައި ހުރި އުނދޯލީގައި އިށީންދެލައިގެން އިނީ ޢަލީ ފިރާޤެވެ. އަހަރެން ކޮންމެވެސް ވަރަކަށް ހަމަޖެހިލާފައި، ކުރިއަށް ޖެހިލީމެވެ. އަދި އަހަރެންގެ ގޭތެރެއަށް ވަދެގެން ކީއްކުރަނީތޯ ސުވާލު ކުރީމެވެ. އަހަރެންނަށް ސުވާލުކުރެވުނީ ވަރަށް ފޫހިވެފައި ހުރެގެންނެވެ. އެކަން ޢަލީ ފިރާޤު ވަޤުތުން ފާހަކޮށްލިއެވެ. ”ހާދަ ހިތްހަމަ ނުޖެހިފަ ހުރިހެން އެބަ ހީވޭ! އަނެއްކާ އަހަރެންނަށް މިކުރެވުނީ ވަރަށްބޮޑު ކުށެއްތަ؟ އަހަރެން މިގޭތެރެއިން ނިކުމެގެން ދާތަން މީހަކަށް ފެނިދާނެތީ ކަންބޮޑުވީ ދޯ؟ އަހަރެން މި އައީ މިއަދު ސައިދޭންވެސް ނުދިޔައީމަ.“ ވަރަށް ހިތްހަމަޖެހުމާއިއެކު، އުފަލުން އިނދެ ޢަލީ ފިރާޤު ބުނެލިއެވެ. އޭނާ އެބުނި އެއްޗަކުން އަހަރެން ވަކިން ބޮޑަށް ފޫހިވިއެވެ. ”ޢަލީ ފިރާޤަށް ހަމަ ނޭންގެނީތަ ކަންތައްތައް ހުންނަގޮތް؟ މިހާ ދުވަސްވަންދެން މިރަށުގަ އުޅޭއިރު މިހާރު ހުންނަން ޖެހޭނީ މިރަށު މީހުންގެ ގޮތްފާޑު އެނގިފަ.“ އަހަރެން ވަރަށް ރުޅިއައިސް ހުރިކަން ޢަލީ ފިރާޤަށް ވަރަށް ރަނގަޅަށް އެނގުނެވެ. ”އައްދޭ ހާދަ ރުޅިއެކޭ ދޯ ތިއައީ! އެހާ އަވަހަށް އަހަރެން މަތިން ފޫހިވީތަ؟ ނޫނީ އެންމެ ރެއަކުން ފުދުނީތަ؟“ ”ޢަލީ ފިރާޤޫ.“ އަހަރެންނަށް ރުޅިއައިސް ހަޅޭއް ލަވައިގަނެވުނެވެ. އެވަޤުތު ޢަލީ ފިރާޤުވެސް ކަންބޮޑުވާގޮތް ވިއެވެ. އަދި ފުންމައިގެން އުނދޯލިން ތެދުވިއެވެ. ދުވެފައި ކަހަލަ ގޮތަކަށް އައިސް އަހަރެންގެ އަނގަމަތީގައި އަތްއަޅަން މަސައްކަތް ކުރިއެވެ. އަހަރެން ވަޤުތުން އަތްފޮޅުވާލުމާއިއެކު ޢަލީ ފިރާޤު ދުރަށް ކޮށްޕާލީމެވެ. ”ދުރުގަ ހުރޭ. އަހަރެންނާ ކައިރިނުވޭ.“ އޭރުގައިވެސް އަހަރެންގެ ބާރު އަޑަކަށް ބަދަލެއް ނާދެއެވެ. އެހެންނަމަވެސް މިފަހަރު ޢަލީ ފިރާޤުވެސް އިސްކުރީ ރުޅިއެވެ. ”ކިހިނެއްތަ ނަފީސާއަށް ތިވަނީ؟ ކޮންހާ ހަޅޭކެއްތަ ތިލަވަނީ. ދެންވެސް ވިސްނާލާ. ނަފީސާގެ ތިގަދަ އަޑަށް މިގޭދޮށަށް މީހަކު އަޔަސް ބަދުނާމުވާނީ ހަމަ ނަފީސާ އިނގޭ.“ ރުޅިއައިސްގެން ނަމަވެސް ޢަލީ ފިރާޤު އެބުނީ ހަމަ ތެދެއްކަން އަހަރެންނަށް ޤަބޫލުކުރެވުނެވެ. އަދި ކޮންމެވެސް ވަރަކަށް ރުޅި މައިތިރިކުރަން އަހަރެން މަސައްކަތް ކުރީމެވެ. ”ދެން އެހެންވިއްޔާ މިގެއަށް ޢަލީ ފިރާޤު ވަންނަތަން ފެނުނީމަކާ އަހަރެން ބަދުނާމެއް ނުވާނެތަ؟“ ތަންކޮޅެއް މަޑުމައިތިރިކަން ދައްކަމުން އަހަރެން ސުވާލުކޮށްލީމެވެ. ”އެކަމާ ހާސްނުވޭ. އަހަރެން ކަންކަން ކޮށްލާއިރު މީހަކަށް ހިލަމަކަށްވެސް އަންގާނުލާނަން. އެކަން މިހާރު އޮންނާނީ ނަފިސާއަށް ފިސާރި ރަނގަޅަށް އެނގިފަ.“ ލާނެއް ގޮތަކަށް ހީނލަމުން ޢަލީ ފިރާޤު ބުންޏެވެ. ”ޢަލީ ފިރާޤަށް ތިހުރެވެނީ ވަރަށްބޮޑު ކުށްހިއެއްގެ ތެރޭގަ.“ ޢަލީ ފިރާޤު ހައިރާންވާ ގޮތްވިއެވެ. އަދި އަހަރެންނާއި ކައިރިއަށް ޖެހިލިއެވެ. އަހަރެން ދެފިޔަވަޅު ފަހަތަށް ޖެހިލީމެވެ. ”އަހަރެންނަށް ކުށްހީ ކުރެވުނީ އަނެއްކާ ކޮންކަމަކާ؟“ އެހެން ބުނުމާއިއެކު އަނެއްކާވެސް އަހަރެންނާއި ކައިރިއަށް ޖެހިލިއެވެ. އަހަރެން މިފަހަރު ފަހަތަކަށް ނުޖެހެމެވެ. އަދި ފިސާރި ސާބިތުކަންމަތީ ހުރެ، ވާހަކަ ދެއްކޭތޯ ބެލީމެވެ. ”އެންމެ ރަނގަޅު. އަހަރެން މިކުރާ ސުވާލަކަށް ވަރަށް ރަނގަޅަށް ވިސްނާފަ ޖަވާބު ދޭތި އިނގޭ. އެކަމަކު އަހަރެންގެ ސުވާލު ކުރުމުގެ ކުރިން އަމިއްލަ ނަފްސަށް އަހަރެންނާމެދު ތިހާބޮޑު ޔަޤީންކަމެއް ތިއޮތީ ކީއްވެގެންތޯ ބުނެލަ ދީބަލަ.“ އަހަރެން ބޭނުންވީ ޢަލީ ފިރާޤުގެ ދުލުން ހުރިހާ އެއްޗެއް ބުނުވާށެވެ. ”ކީއްވެ ޔަޤީންކަން ނޯންނަންވީ؟ ތީ މިހާރު މަގޭ މިލްކަކަށް ވާން ތައްޔާރުވެފަ ހުރި މީހެއް. އަހަރެން ކައިރިއަށް ނަފީސާ އައީ އަމިއްލަ އިޚްތިޔާރުގަ. މިބުނީ އެރޭ އަހަރެންނާ އެހާ ކައިރީގަ އިށީންދެގެން އިން ވާހަކަ. އެކަން އަހަރުމެން ދެމީހުން ފިޔަވާ އެކަކަށްވެސް ނޭންގޭނެ.“ ”ހަމަ ގައިމުވެސް ހެއްދެވި ފަރާތުން ހުރިހާ ކަމެއްވެސް ދެނެވޮޑިގެން ވާނެ.“ ޢަލީ ފިރާޤު ބުނި ޖުމުލަ ނިމުމާއިއެކު އަހަރެން ބުނެލީމެވެ. ”އާން ތިކަން އޮންނާނީ ތިހެން. އެފަރާތަށް ސިއްރުން ފަތެއްވެސް ފުރޮޅާނުލެވޭނެކަން އެއީ އިލާހީ ޙަޤީޤަތް. އެކަމަކު އެފަރާތަށް އުރެދޭ ވަރުގެ ކަމެއް އަހަރެން ކޮށްފަ އޮތް ކަމަކަށް އަހަރެންނެއް ޤަބޫލެއް ނުކުރަން. އަހަރެން އަސްލު މިދައްކަނީ އަހަރެން ހުންއައިސްގެން އޮތްރޭ ނަފީސާ އަހަރެން ކައިރީގަ މަޑުކޮށްގެން އަހަރެންނަށް އަޅާލި ވާހަކަ. އެކަން ނަފީސާވެސް އެއްވެސް ޖެހިލުމެއްނެތި ކުރާނީ ނަފީސާގެ ހިތުގައިވެސް އަހަރެންނަށްޓަކާ ކޮންމެވެސް ކަމެއް އޮތީމަކަމަށް އަހަރެން ޤަބޫލުކުރަނީ. އަދި އެރޭ ނަފީސާ އަހަރެން ކައިރިއަށް އައިސް، ގެއަށްވެސް ދިޔައީ އެހާ ލަހުން. އެކަންވެސް އެއްވެސް މީހަކަށް އެނގިފައެއް ނެތްތާ.“ ޢަލީ ފިރާޤު ބުނި އެއްޗަކަށް ރައްދު ދޭން އަހަރެން ކެރިގެން ކުރިމަތި ލީމެވެ. އަދި ފިސާރި ރަނގަޅަށް ހަށަން ބަނދެލުމާއިއެކު އެއްފަރާތަށް ބޯ އަރިކޮށްލާފައި ސުވާލު ކޮށްލީމެވެ. ”ޢަލީ ފިރާޤަށް ހަމަ ޔަޤީންތަ އެރޭ ތިގެއަށް ދިޔައީ އަހަރެންކަން؟ ދެން އެހެންވިއްޔާ އަހަރެން ޢަލީ ފިރާޤުއާ ވާހަކަ ދެއްކިންތަ؟ ދެން ތިބުނަނީ ހެއްދެވި ފަރާތަށް އުރެދުން ވާވަރުގެ ކަމެއް ނުކުރަމޭ.“ ”އާން ނުކުރަން. އަހަރެންގެ ހަމަ ހޭގަ ހުރެ އަހަރެން އެކަހަލަ އެއްވެސް ކަމެއް ނުކުރާނަން. އާން ނަފީސާގެ ދުލުން އެއްވެސް ބަހެއް ބޭރެއް ނުކުރޭ. އެކަމަކު އެރޭ ނަފީސާ ލައިގެން ހުރި ހެދުންވެސް އަހަރެން ބުނެދީފާނަން. ދެން އެހެންވިއްޔާ އެއީ ނަފީސާ ނޫނިއްޔާ ކާކު؟“ އަހަރެން ފާޑަކަށް ހީނލާފައި ވާހަކަ ކުރިއަށް ގެންދިޔައީމެވެ. ”އެހެންވީމަ ޢަލީ ފިރާޤު އެރޭ އޮތީ ހަމަ ހޭވެރިކަމަކު ނޫންތާދޯ.“ ޢަލީ ފިރާޤު ކަންބޮޑުވާގޮތް ވިއެވެ. ”ތިބުނަން އުޅޭ ވާހަކައެއް ތަންކޮޅެއް ސާފުކޮން ބުނެލަ ދީބަލަ. އަހަރެން ކީއްކުރީ؟ އާން ޤަބޫލުކުރަން އަހަރެން އޮތީ ވަރަށް ބޮޑަށް ހުންއައިސް ބޮލުގަވެސް ރިއްސާފަ.“ ޢަލީ ފިރާޤު ދެއްކި ވާހަކައިން އެއީ އޭނާގެ އިޚްތިޔާރުގައި ކުރިކަމެއް ނޫންކަން އަހަރެންނަށް ހީވާން ފެށިއެވެ.
އަހަރެން މަޑުމަޑުން ހިނގާލާފައި ގޮސް އުނދޯލީގައި އިށީނދެލީމެވެ. އަދި ވަރަށް މަޑުމަޑުން އުނދޯލި ހެއްލަން ފެށީމެވެ. ޢަލީ ފިރާޤު ހުރީ ވާނުވާ ނޭންގޭ ޙާލު ހައިރާންކަންމަތީ ކޮޅަށެވެ. ދެޖީބަށް އަތްވެސް ޖަހާލައިގެންނެވެ. އަހަރެންގެ ޖަވާބެއްގެ އިންތިޒާރުގައެވެ. އަހަރެންގެ ހަރަކާތުން ކިތަންމެ މައިތިރިކަން ދެއްކި ކަމުގައި ވީނަމަވެސް އެތެރެއިން ރުޅިގަނޑު ކެކި އަރައަރާ ހުއްޓެވެ. ”އެންމެ ރަނގަޅު. އަހަރެން މިދައްކާ ވާހަކަ ވަރަށް ރަނގަޅަށް ކަނުލާ އަޑުއަހާތި.“ އަހަރެން ވާހަކަ ދައްކަން ފެށިއިރު ގޭތެރޭގައި ޢަލީ ފިރާޤު ހުރިކަން އެހެން މީހަކަށް އެނގިދާނެތީ ހިތުގައި އޮތް ބިރުވެސް ފިލައިގެން ހިނގައްޖެއެވެ. ”އެރޭ ތިގެއަށް ދިޔައީ އަހަރެންނެއް ނޫން.“ ”ދެން އެހެންވިއްޔާ ކީއްވެ އަހަރެނަށް ނަފީސާގެ ހެދުން ފެނުނީ؟ ހުންގަނޑު ބޮލަށް އަރާފަ ހުރީމަ ވީގޮތަކަށްދޯ އެވާނީ؟“ އަހެރެންގެ ވާހަކައަށް ޢަލީ ފިރާޤު އަނެއްކާވެސް ހުރަސް އެޅިއެވެ. ”އަހަރެން މިދައްކާ ވާހަކަ އިހަށް އަޑުއަހާބަލަ. ދެން އޭގެ ފަހުގަ ގޮތެއް ނިންމާ. އެރޭ ތިގެއަށް ދިޔަ މީހަކު ލާފަ ހުންނާނީ އަހަރެން ލާން ގެންގުޅުނު ހެދުމެއް. އެކަމަކު އެއީ އަހަރެންނެއް ނޫން. ދެން ތި ބުނަނީ ތިމަންނަ އެމީހަކާއެކު ނޭދެވޭ އެއްވެސް ކަމެއް ނުކުރަމޭ. ވެދާނެ ތިބުނާހެން ހުންގަނޑު ބޮލަށް އަރާފަ ހުރީމަ ހަމަހޭވެރިކަން ނެތީކަމަށް. އެކަމަކު އެރޭ ކަންތައް ވެގެންދިޔަގޮތުން އޭގެ ނަތީޖާ އޮތީ ވަރަށް ހިތިކޮން ނިކުމެފަ.“ ޢަލީ ފިރާޤު ވަރަށް ބޮޑަށް ކަންބޮޑުވިއެވެ. ފަޓުލޫނުގެ ޖީބުން އަތް ނައްޓުވާލުމާއިއެކު އަހަރެންނާއި ދިމާއަށް ވަރަށް ބާރަށް އައެވެ. އަދި ހާސްވެ މުޅި މީހާ ދާހިއްލާގޮތްވެސް ވިއެވެ. ”ކޮންކަހަލަ ނަތީޖާއެއްގެ ވާހަކަ ތިދައްކަނީ؟ އަހަރެން ކީއްކުރީ؟ އެއީ ނަފީސާ ނޫނިއްޔާ ދެން ކާކު؟“ އޭރުވެސް އަހަރެން އިނީ ހަމަޖެހިގެން ކަމަށް ހަދައިގެންނެވެ. ޢަލީ ފިރާޤުއާއި ދިމާއަށް ވަރަށް ބާރަށް ހަޅޭއްލަވައިގަންނަންވެސް ހިތަށް އެރިއެވެ. އެހެންނަމަވެސް އަހަރެން މަސައްކަތް ކުރީ، އަމިއްލަ ނަފްސު ހިފަހައްޓައިގެން ވާހަކަ ކުރިއަށް ގެންދާށެވެ. ”ކަންދިމާވިގޮތުން އެރޭ އަހަރެންނަށް ދެވޭގޮތް ނުވީ. އެހެންވެ އަހަރެންގެ ބަދަލު ތިގެއަށް ފޮނުވީ ސަމްސުއްނިސާ.“ ”ކީކޭ؟ ސަމްސުއްނިސާއޭ؟ އެހެންވީމަ ތީ ނަފީސާ ގަސްތުގަ އަހަރެންނަށް ދިން ލަނޑެއްތާ. އަމިއްލަ ހެދުން ލައްވާފަ އެހެން އަންހެނަކު އަހަރެން ކައިރިއަށް ފޮނުވީ. އަހަރެންނަކީ ފެންނަހާ އަންހެނެއްގެ ފަހަތުން ދުވާނެ މީހެއްކަމަށް ނަފީސާ ހީކުރީތަ؟ އަހަރެން ނަފީސާދެކެވީ
ސާފުސީދާ ތެދުވެރި ލޯބި. އަހަރެންގެ ހުށައެޅުމަށް ހެޔޮހިތުން އިންކާރު ކުރުމުގެ ބަދަލުގަ ތިދިނީ ބޮޑު ލަނޑެއް. ތިކަން އަހަރެން ދުވަހަކުވެސް ހަނދާން ނައްތައެއް ނުލާނަން.“ އަހަރެން ދައްކަން ބޭނުންވި ވާހަކަ އިތުރަށް ކުރިއަށް ގެންދިޔަ ނުދީ ޢަލީ ފިރާޤު ކުރީ އަހަރެންގެ މައްޗަށް ކުށްހީއެކެވެ. އަދި އަހަރެންގެ ވާހަކަ އިތުރަށް އަޑުއަހަންވެސް ބޭނުންނުވެ ގެއިން ނިކުންނަން ހިނގައިގަތެވެ. އަހަރެން ދައްކަން ބޭނުންވާ ވާހަކަ އަޑުއަހާލަން އަހަރެން އިލްތިމާސް ކުރަމުން ގެންދިޔައީމެވެ. އެހެންނަމަވެސް އެވަޤުތު ޢަލީ ފިރާޤު ދިނީ ބީރުކަންފަތެވެ. އަދި ބާރު ހިނގުމެއްގައި ހިނގާފައި ނިކުމެގެން ދިޔައީއެވެ. މީހަކަށް ފެނިދާނެ ކަމުގެ ބިރަށްވެސް ވިސްނާލުމެއް ނެތިއެވެ.
- ނުނިމޭ –






