ޔޫރަޕިއަން ޓައިމްސްއިން ރިޕޯޓުކޮށްފައިވާ ގޮތުގައި، ބަންގްލަދޭޝްގެ ވަގުތީ ސަރުކާރުން އިސްލާމީ ޕާޓީތަކުން އެދޭ ކަންކަމަށް އިޖާބަދިނުމަށް ވިސްނަމުންދާ ކަމަށް ބެލެވެއެވެ. މި ފިޔަވަޅު އަޅަން ޖެހިފައި ވަނީ ޙިފަޒާތޭ އިސްލާމް ފަދަ ޖަމާޢަތްތަކުން ސިޔާސީ މައިދާނުގައި ބޮޑު ނުފޫޒެއް ހޯދުމަށް ކުރަމުންދާ މަސައްކަތްތަކާއި އެ ފަރާތްތަކުން ޔޫނުސްގެ ސަރުކާރަށް ކުރަމުންދާ ޕްރެޝަރުގެ ސަބަބުންނެވެ.
މުޙައްމަދު ޔޫނުސްގެ ޒަޢާމަތުގެ ދަށުން ހިނގަމުންދާ ވަގުތީ ވެރިކަމަށް ދިމާވެފައިވަނީ ޢިލްމާނީ އަދި ދީނީ ފަރާތްތަކުގެ މެދުގައި އުފެދިފައިވާ ކޯޅުންތަކެވެ. އަދި މިކަން އިތުރަށް ހަރު ކަށިވަމުންދާ ދަނޑިވަޅެއްގައި ސިޔާސީ ހާލަތު ވަނީ ނާޒުކު ވެފައެވެ.
އާންމު އިންތިޚާބު ބޭއްވުން ފަސްކުރުމަކީ އިސްލާމީ ޕާޓީތަކަށް އެމީހުންގެ ބާރު އިތުރަށް ވަރުގަދަކުރުމުގެ ފުރުޞަތު ލިބޭ ކަމެކެވެ. މިއީ، 1971 ވަނަ އަހަރުން ފެށިގެން ބަންގްލަދޭޝްގައި ޤާއިމުކުރެވިފައިވާ ޢިލްމާނީ އޮނިގަނޑަށް ބަދަލުތަކެއް އަތުވެދާނެ ކަމެއް ކަމަށް މުހައްލިލުން ދެކެއެވެ.
މިކަމުގެ ސަބަބުން ޑިމޮކްރެޓިކް އުޞޫލުތައް ހީނަރުވެ ހިންދޫންނާއި ކްރިސްޓިއަނުންނަށް އަމާޒުކޮށްގެން ކުރެވޭ ތަފާތުކުރުންތައް އިތުރުވެ، މައިނޯރިޓީ ޖަމާޢަތްތަކާ ސިޔާސީ ޕާޓީތައް ދުރުވުމުގެ ނުރައްކާ އޮތްކަމަށް ފާޑުކިޔާ ފަރާތްތަކުން އިންޒާރުދެއެވެ.
ބަނގްލަދޭޝްގެ ވަގުތީ ސަރކާރުން މިމީހުންނަށް ދީލާލަން ނިންމާފައިވަނީ އިޤްތިޞާދީ ގޮންޖެހުންތަކާއި އިޖްތިމާޢީ ހަމަނުޖެހުންތަކުގެ ތެރޭގައި އިސްލާމީ ޕާޓީތަކުން ޢާންމުންގެ ހިތްހަމަނުޖެހުން ބޭނުންކޮށްގެން އެމީހުންގެ އެޖެންޑާ ކުރިއަށް ގެންދާ ދަނޑިވަޅެއްގައެވެ.
މުހައްލިލުން ލަފާކުރާ ގޮތުގައި އާންމު އިންތިޚާބު ލަސްވުމުގެ ސަބަބުން ސިޔާސީ ބައިބައިވުން އިތުރަށް ބޮޑު ވެދާނެއެވެ. އަދި ޢިލްމާނީ ޖަމާޢަތްތަކުން ތުހުމަތުކުރަނީ ހަރުކަށި އެދުންތަކަށް ސަރުކާރުން މިހާރު ބޯލަނބާފައިވާ ކަމަށެވެ.
އިންޑިއާ އާއި އެމެރިކާ ފަދަ ގައުމުތަކާއި ބައިނަލްއަޤްވާމީ މުޖުތަމަޢުން ދަނީ ބަންގްލަދޭޝްގެ ހަމަޖެހުމާއި ދެކުނު އޭޝިއާގެ ޖިއޯޕޮލިޓިކްސްގައި ބަންގްލަދޭޝްގެ ދައުރާ މެދު ކަންބޮޑުވެ، މި ޙާލަތު ވަރަށް ގާތުން ދިރާސާކުރަމުންނެވެ.






