އެދުވަހުގެ މެންދުރުގެ ކެއުން ތައްޔާރުކުރުމަށް ޢަލީ ފިރާޤު ހުންނަ ގެއަށް އަހަރެން ދިޔައީމެވެ. އޭރުގައި އޭނާ ފެންނާކަށް ނެތެވެ. ގޭގައި އުޅޭތޯ ބަލާކަށްވެސް އަހަރެން ބޭނުންނުވި ކަހަލައެވެ. އަހަރެން ބެލީ އަހަރެންގެ ޒިންމާ އަދާކުރެވޭތޯއެވެ. އެގޮތުގެ މަތިން މެންދުރުގެ ކެއުން ތައްޔާރުކޮށް ނިންމާލުމަށްފަހު ބަދިގެތެރެ ސާފުކޮށްލާފައި އަހަރެން ގެއަށް ދިއުމަށް ނިކުތީމެވެ. އޭރު ޢަލީ ފިރާޤު އައިސް ގެއަށް ވަންނަނީއެވެ. އަހަރެން ފެނިފައި ކުޑަކޮން މަޑުކޮށްލިއެވެ. ކޮންމެވެސް އެއްޗެކޭ ބުނަން އުޅުނުހެންވެސް ހީވިއެވެ. އެހެންނަމަވެސް އަޅާނުލާ ގޭތެރެއަށް ވަދެގެން ދިޔައީއެވެ. އަހަރެން ހެނދުނު ދައްކަން އުޅުނު ވާހަކަ މިފަހަރު ޢަލީ ފިރާޤުއަށް އިއްވާނަމޭ ހިތާ، ގޭތެރެއަށް ވަނީމެވެ. އޭރު ޢަލީ ފިރާޤު އުޅުނީ ކޮޓަރިތެރޭގައެވެ. އޭނާ ނިކުންނަންދެން އަހަރެން ބޭރުގައި އިށީނދެލައިގެން އިނީއެވެ. ދިހަވަރަކަށް މިނެޓުވީއިރުވެސް ބޭރަށް ނުނިކުތުމުން، އަހަރެން އޭނާގެ ކޮޓަރީގައި ޓަކިވެސް ޖަހާލީމެވެ. އެހެންނަމަވެސް އަނެއްކޮޅަކުން އެއްވެސް ޖަވާބެއް ނުދިނެވެ. އަހަރެން ކުޑަކޮން ކަންބޮޑުވާގޮތްވެސް ވިއެވެ. އެހެންނަމަވެސް އަހަރެން ކެތްކޮށްލައިގެން އިނީއެވެ. މިއަދު އެހުރިހާ ވާހަކައެއް ޢަލީ ފިރާޤުއަށް އޮޅުން ފިލުވައިދީފައި ނޫނީ ގެއަށް ނުދާން އަހަރެން ޢަޒުމު ކަނޑައެޅީމެވެ.
ކުޑައިރުކޮޅެއްގެ ތެރޭގައި ޢަލީ ފިރާޤު ކޮޓަރިން ބޭރަށް ނިކުތެވެ. ”އެހުރީ ކާން ހަދާފަ. ދޭ އަވަހަށް ކާން.“ އަހަރެންގެ އަޑުގައި ހުރީ މަޑުމައިތިރި ކަމާއި މައިތިރި ކަމެވެ. ކީއްވެގެން ކަމެއް އަހަރެންނަކަށް ނޭންގުނެވެ. ”އަހަރެން މިއައީ ކަތީބުގެއިން ކައިގެން.“ ވަރަށް ފޫހިވެފަ ހުރިކަހަލަ ގޮތަކަށް ޢަލީ ފިރާޤު ބުނެލިއެވެ. ”އަދިވެސް ތިހުރީ އަހަރެން ދެކެ ރުޅި އައިސްތަ؟“ އެވަޤުތު ލޯއަޅާ ޒާތަކަށް ޢަލީ ފިރާޤު އަހަރެންނާއި ދިމާއަށް ބަލައިލިއެވެ. ”ދެން އެހެންނޫނީ ނަފީސާގެ ކަރުގަ މާފަތި އަޅުވަންވިތަ. އަހަރެންނަށް ހީވަނީ އަހަރެން އަދިވެސް ރުޅިމަޑުހެން.“ އެވަޤުތު އަހަރެންނަށްވެސް ރުޅިއާދެވޭ ގޮތްވިއެވެ. އަދި އިށީންދެގެން އިން ގޮނޑިން ފުންމައިގެން ތެދުވީމެވެ. ”އަހަރެންނަށްވެސް ރުޅިގަދަ ކުރެވިދާނެ ޢަލީ ފިރާޤޫ. ކަމުގެ ދެކޮޅާ ޙަޤީޤަތް ބަލާނުލާ ޢަލީ ފިރާޤަކަށްވެސް ރުޅިއައުމުގެ ޙައްޤެއް ނޯންނާނެ.“ މަލާމާތުގެ ރާގަކަށް ޢަލީ ފިރާޤު ހީނލިއެވެ. ”ދެކޮޅު ބަލާލަން އަހަރެންނަށް ފުރުޞަތެއް ދިނީ ކޮންއިރަކު؟ ދެ ރަޙުމްތްތެރިން ވެގެން އަހަރެން ޙަލާކުކޮށްލަން ރޭވި ރޭވުން ފިސާރި ރަނގަޅަށް ތިއޮތީ ކާމިޔާބު ކޮށްފަ. ދެންވެސް އަހަރެންނަށްތަ ކަމުގެ ދެކޮޅު ނުބެލިގެން މިއުޅެނީ.“ ”އާން ޢަލީ ފިރާޤަށް ތިއޮތީ ވަރަށް ރަނގަޅަށް ހަޤީޤަތް އޮޅިފަ. ދެން އިހަށް އަހަރެން ދައްކަން ބޭނުންވާ ވާހަކަވެސް އަޑުއަހާލަބަލަ. އަމުދުން އަހަރެންދެކެ ލޯބިވާ ކަމަށް ވާނަމަ، ނުވަތަ ހިދުކޮޅަކަށްވެސް ލޯބިވީ ކަމަށް ވާނަމަ.“ އެންމެ ފަހު ޖުމުލަ ބުނެ ނިންމާލިއިރު، އަހަރެންގެ އަޑުގައި ހުރީ މަޑުމައިތިރި ކަމެވެ. އާދޭހުގެ ރާގެވެ. އެމޭރުމުން އަހަރެންނަށް ވާހަކަ މިދެއްކެނީ ކީއްވެގެން ކަމެއްވެސް ޚުދު އަހަރެންނަކަށް ނޭންގުނެވެ. އެހެނަސް ހިތްވަރުކޮށްލާފައި އަހަރެންގެ ވާހަކަ ކުރިއަށް ގެންދެވޭތޯ މަސައްކަތް ކުރީމެވެ. ކަންތައް ވެފައޮތްގޮތް ޢަލީ ފިރާޤަށްވެސް އެނގުމަކީ އޭނާއަށްވެސް ލިބިގެންވީ ޙައްޤަކަށްވީތީއެވެ. އެހެނީ އެރޭ ކަން ހިނގާދިޔަގޮތް ޢަލީ ފިރާޤަށް އެންމެ ރަނގަޅަށް އެނގިފަ އޮތުމާއިމެދު މިހާރު އަހަރެންނަށްވެސް ޔަޤީންނުވާތީއެވެ. ”ދެން އެހެންވިއްޔާ ތިބުނާ ޙަޤީޤަތެއްގެ ވާހަކަވެސް ބުނެބަލަ.“ މައިތިރި ގޮތަކަށް ޢަލީ ފިރާޤު ބުނެލިއެވެ. ވަރަށް ހިތްވަރު ކޮށްލާފައި އަހަރެން ވާހަކަ ދައްކަން ފެށީމެވެ. ”އެރޭ ޢަލީ ފިރާޤު ކުއްޖަކު ފޮނުވާފަ ތަންކޮޅެއް ކުރިން އަހަރެންގެ ގާތުގާ އަންނާށޭ ބުނިއިރު އަހަރެން ހުރީ ގޭތެރޭގަ މަސައްކަތެއް ކުރަން. އަހަރެން ދިއުން ތަންކޮޅެއް ލަސްވެދާނެހެން ހީވާތީ، ސަމްސުއްނިސާ ކައިރީގަ މިގެއަށް އައިސްދޭން އެދުނީ.“ ޢަލީ ފިރާޤު ކުއްލިއަކަށް އަހަރެންގެ ވާހަކަ މެދުކަނޑުވާލިއެވެ. ”އެހެންވެ ތިމަންނަ ލާން ގެންގުޅޭ ތަނުން ހެދުމެއް އޭނައަތަށް ދިނީ ދޯ.“ އަހަރެން ކައިރިއަށް އަނެއްކާވެސް ރުޅިއަންނަ ގޮތްވިއެވެ. ”ސާބަސް އިހަށް އަހަރެންގެ ވާހަކަ ނިމެންދެން އަޑުއަހާލަބަލަ. ހެޔޮނުވާނެ.“ އެވަޤުތު ޢަލީ ފިރާޤުގެ މޫނުމަތިން މައިތިރިވާން ބޭނުންވާ ކަހަލަ ޝުޢޫރެއް ދައްކާލިއެވެ. އަހަރެން އަނެއްކާވެސް ފުންނޭވާއެއް ލުމާއިއެކު، ލިބުނު ފުރުޞަތުގެ ބޭނުން ހިފީމެވެ. ”ތިބުނާ ހެދުމަކީ ހަމަ އެދުވަހު އަހަރެން އަތުން ސަމްސުއްނިސާ ގެންދިޔަ ހެދުމެއް. އޭނާއަށް އެހެދުން ވަރަށް ރީއްޗޭ ބުނެ ބޭނުންވެގެން ބުނީމަ އަހަރެންވެސް އޭނާއަށް އެހެދުން ދިނީ. އެރޭ ސަމްސުއްނިސާއަށް މިގެއަށް އަންނަން ޖެހުން އެއީ އިއްތިފާގަކަށްވުން ކަމަށް އަހަރެންނަށް ޤަބޫލު ކުރެވެނީ. އެކަމަކު އޭނަ މިގެއަށް އަންނަން ވެގެން ލީ އެހެދުން ކަމެއް އަހަރެންނަކަށް ނޭންގެ. ޢަލީ ފިރާޤު ޤަބޫލުކުރިއަސް ނުކުރިއަސް ޙަޤީޤަތަކީ އެއީ.“ އަހަރެންގެ ވާހަކަ ކުރިއަށް ގެންދިޔަ ވަރަކަށް ޢަލީ ފިރާޤު ތަންކޮޅެއް ހަމަޖެހެމުން ދިޔަހެން އަހަރެންނަށް ހީވިއެވެ. ”އަހަރެންނަށް އެނގޭ ކަމަކީ އެރޭގެ ފަހުން ސަމްސުއްނިސާ އަހަރެންނާ ތަންކޮޅެއް ދުރަށް ޖެހިލިކަން. އަދި ޢަލީ ފިރާޤު އަހަރެންނާ ގާތްކޮށް ވާހަކަ ދައްކަން ފެށިކަން.“ ޢަލީ
ފިރާޤު އަހަރެންނާއި ދިމާއަށް ފާޑަކަށް ބަލައިލިއެވެ. ސުވާލެއް ކޮށްލަން ބޭނުންވެފައިވާ ޒާތަކަށެވެ. އެހެންނަމަވެސް އެއްވެސް އެއްޗެކޭ ނުބުނެ މަޑުން އިނީއެވެ. އަހަރެންގެ ވާހަކަ މެދުކަނޑުވާލަން ބޭނުން ނުވިކަހަލައެވެ. ”ތިދެމީހުންގެ މެދުގަ ކަމެއް ހިނގިކަން އަހަރެންނަށްވެސް އެނގުނީ މިއަދު. ސަމްސުއްނިސާ ބަލިވެގެން ކުއްޖަކު ފޮނުވައިގެން އަހަރެން އެގެއަށް ދިޔައިން. އެވަޤުތު ސަމްސުއްނިސާ އަހަރެންނަށް ދިން ޚަބަރުން އަހަރެންގެ ހިތުގަ ޢަލީ ފިރާޤަށްޓަކާ އޮތް ޤަދަރާ އިޙުތިރާމް މުޅިން ނެތިގެން ދިޔައީ.“ ޢަލީ ފިރާޤު އަނެއްކާވެސް ރުޅިގަދަވާން ފެށިއެވެ. ”ބަލަ އަހަރެން ކީއްހޭ ކުރީ؟ އެރޭ އައީ ނަފީސާ ނޫންކަން މިހާރު އަހަރެންވެސް ޤަބޫލުކޮށްފިން. އެކަމަކު ސަމްސުއްނިސާވެސް އެރޭ އަހަރެންނަށް ދިނީ ބަލި މީހަކަށް ދޭންޖެހޭނެ ޚިދުމަތް. އޭނާއަށް ވީ އެންމެ ފުރިހަމައަކަށް. އެކަމަކު އަހަރެންވެސް ޤަބޫލުކުރަން އެރޭ އަހަރެން އޮތީ މުޅިއަކުން ހަމަހޭގަ ނޫންކަން. ވާނުވާ އެނގުމާ ނޭންގުމުގެ ތެރޭގަކަން އަހަރެން އޮތީ. އެހެންވިއްޔާ އޭގަ އަހަރެންގެ މައްސަލައަކީ ކޮބާ؟“ ވަރަށް ވަރުގަދަ އަޑަކުން ޢަލީ ފިރާޤު ސުވާލު ކޮށްލިއެވެ. ”ތިޔަ ބުނާ ނޭންގުމުގެ ތެރެއިން ކަންވެގެން ދިޔަގޮތުގެ ނަތީޖާގެ ވާހަކަ އަހަރެން އަސްލު ދައްކަން މިއުޅެނީ. ޢަލީ ފިރާޤުއަށް އެނގޭތަ؟ ސަމްސުއްނިސާ އިނީ ބަލިވެ. މާނައަކީ ސަމްސުއްނިސާ ބަނޑުބޮޑޭ.“ ”ކީކޭ. ސަމްސުއްނިސާ ބަނޑުބޮޑޭ؟ ނަފީސާއަށް އެބަ އެނގޭތަ ނަފީސާއަސް ތިކިޔޭ އެއްޗެއް. އަހަރެންގެ ބޮލުގަ ތިއެޅުވެނީ ކިހާބޮޑު އިލްޒާމެއްކަން ނަފީސާއަށް އެނގޭތަ؟“ ޢަލީ ފިރާޤު ހުރީ ރުޅިއައިސް ރަތްވެފައެވެ. ހަމައެއާއިއެކު ހައިރާނުން ފުރިގެންވާ ނަޒަރަކުން އަހަރެންނާއި ދިމާއަށް ބަލަމުން ގެންދިޔައެވެ. އަހަރެންގެ ޖަވާބެއްގެ އިންތިޒާރުގައި ހުރިހެންވެސް ހީވިއެވެ. ”އާން މިވާހަކަ މިދައްކަނީ ފިސާރި ޔަޤީންކަމާއެކީ. އަހަރެން ކައިރީގަ މިވާހަކަ ބުނީ ޚުދު ސަމްސުއްނިސާ. އޭނާއަކީވެސް އުމުރުން ތިރީސް އަހަރުފުރި ރަނގަޅަށް ހެވާނުބައި ވަކިވާ ވަރުގެ އަންހެނެއް.“ އެވަޤުތު ޢަލީ ފިރާޤު މަލާމާތުގެ ރާގަކަށް ހީނލިއެވެ. ”ހެވާނުބައި ވަކިވެފައެއް ނެތެއްނު. އެހެރީ އަހަރެންގެ ބޮލުގަ އެޅުވި ތުހުމަތު. އަހަރެންނަށް މިހާރު ސަމްސުއްނިސާޔާމެދު ޝައްކުވާން ފަށައިފި. މީހަކާ ނީންދެ އެގޮތަށް ހުރެގެން ނޭންގެ ކިތައް މީހުންގެ..“ ޢަލީ ފިރާޤުގެ ވާހަކަ އެހާ ހިސާބަށް ދިއުމުން އަހަރެންގެ ކައިރިއަށްވެސް ރުޅި އާދެވުނެވެ. އަދި ތަންކޮޅެއް ހަރުކަށިކޮށް ވާހަކަ ދައްކަން ފެށުނެވެ. ”ސަމްސުއްނިސާއަކީ އެކަހަލަ އަނެހެނެއް ނޫން. ޢަލީ ފިރާޤުއަށް އެނގޭތަ؟ އޭނަ އަލަށްވެސް ލޯބިވީ މީހަކީ ތީ. އޭނަ ޢަލީ ފިރާޤު ބޭނުންވާ ވާހަކަ އެތައް ފަހަރަކު އަހަރެންގެ ކައިރީގަ ބުނި. އަހަރެން އެވާހަކަ ޢަލީ ފިރާޤުގެ ގާތުގަ ބުނަން ގަސްތުކޮށްގެން އައިރޭ ޢަލީ ފިރާޤު ބުނީ އަހަރެންނާ އިންނަން ބޭނުންވާ ވާހަކަ. އެހެންވެ އެރޭ އެވާހަކަ ދައްކަން ނުކެރުނީ.“ ”އާން މިހާރު މިއެނގުނީ ކަންވީގޮތް. އޭނަގެ ބޭނުން ފުއްދުމަށްޓަކާ މަގޭ ޙާލަތުގެ ފައިދާ އެނެގީ. އެހެންވީމަ ސަމްސުއއްނިސާ އޮޅުވާލީ އަހަރެންނަށް އެކަންޏެއް ނޫންތާ. ނަފީސާއަށްވެސް އެއޮތީ ފިސާރި ރަނގަޅަށް އޮޅުވާލާފަ. ހާދަ މަކަރުވެރި އަންހެކޭ އެއީ ދޯ. އަހަރެން ހަމަ ހައިރާން ވެއްޖައިން.“ ޢަލީ ފިރާޤު ތުންދަމާލުމާއިއެކު ދެފަރާތަށް ބޯހޫރާލަމުން ބުނެލިއެވެ. ”އަހަރެންވެސް މިހާރު ޤަބޫލުކުރަން ސަމްސުއްނިސާ ނެގީ ޢަލީ ފިރާޤުގެ ޙާލަތުގެ ފައިދާކަން. އެކަމަކު އެއީ އޭނައަށް ކުރެވުނު ކުށްހީއެއްގެ ސަބަބުން ވީކަމެއް ކަމަށް އަހަރެންނަށް ޤަބޫލުކުރެވޭ. އެއީ އޭނަ ބުނީ އޭނަ ހީކުރީ އަހަރުމެން ދެމީހުންގެ މެދުގަ ގުޅުމެއް އޮންނަކަމަށް ހީކުރި ކަމަށް. އަދި އަހަރެން އެކަން ސިއްރުކުރީމަ ހިތްހަމަ ނުޖެހުނީކަމަށް.“ ޢަލީ ފިރާޤު ދެއަތަށް އަތްތިލަ ފުރޮޅާލަމުން ބުނެލިއެވެ. ”އެހެންވީމަ ތިއޮތީ ތިކަން ސާބިތު ވެފައެއްނު. އެއީ އަހަރެން ހުވާކޮށްފަ މިބުނަނީ އަހަރެންގެ ހަމަހޭގަ އެކަހަލަ އެއްވެސް ކަމެއް ކޮށްފައެއް ނޯންނާނެ. އަދި އެއީ ޚުދު ނަފީސާ ކަމުގަ ވީނަމަވެސް އަހަރެން އެހާ ދަށުދަރަޖައަކަށް ގަސްތަކު ނުވެއްޓުނީމުސް. ދެން ސަމްސުއްނިސާ ކައިރީގަ ބުނޭ އަހަރެން އެކަމުގެ ޒިންމާ ނަގާނެ ކަމުގެ ކުށްހީގަ ނުހުންނައްޗޭ. އެއީކީ ވާނެ ކަމެއް ނޫނޭ.“ އަހަރެން ކަންބޯޑުވާގޮތް ވިއެވެ. އެހެނީ ޢަލީ ފިރާޤު މިކަމުން ދުރަށް ޖެހިލައިފިނަމަ، ސަމްސުއްނިސާއަށް ވާނެގޮތް އަހަރެންނަށް އެނގޭތީއެވެ. މުޅި ރަށުގެ ރައްޔިތުންވެސް އޭނާއަށް ފުރައްސާރަ ކުރާނެތީއެވެ. އޭނާ ބާކީވެސް ކޮށްލާނެތީއެވެ. އަހަރެން ޢަލީ ފިރާޤު ކައިރީގައި އާދޭސްކުރަން ފެށީމެވެ. ”ހެޔޮނުވާނެ ޢަލީ ފިރާޤް. ސަމްސުއްނިސާއަށް އެވަރުގެ ނިކަމެތި ކަމެއް ނުދޭތި. އޭނަ ޢަލީ ފިރާޤްދެކެ އެހާ ލޯބިވެސް ވޭ.“ ޢަލީ ފިރާޤު އަހަރެންނާއި ދިމާއަށް ފިސާރި ރަނގަޅަށް ބަލައިލިއެވެ. އަދި ބުންޏެވެ. ”ނަފީސާ ނިކަން ވިސްނާލަބަލަ. އަހަރެންމީ ބޮޑު ކުންފުންޏެއްގެ ޒިންމާދާރު މަޤާމެއްގަ ހުރި މީހެއް. މިރަށަށް އަހަރެން އައިސް މިހުރީ ބޮޑު ޒިންމާއެއް ކޮނޑުގަ އަޅައިގެން. އަނެއްކާ ތިޔައީ އަހަރެން ގަސްތުގަ ކުރި ކަމެއްވެސް ނޫން. އެހެންވިއްޔާ އަހަރެންގެ ވަޒީފާޔާ، މީހުން އަހަރެންނަށް ކުރާ ޤަދަރާ އިހުތިރާމު ނުރައްކަލެއްގެ ތެރެއަކަށް ވައްޓައެއް ނުލެވޭނެއެއްނު. ނަފިސާއަށްވެސް އެވަރު ޤަބޫލުކުރެވެން ވާނެ. އާން ތިކަމެއް ދިމާވީ ނަފީސާއަށް ނަމަ އަހަރެންނަށް ފަހަރެއްގަ ދެވަނަ ވިސްނުމަކަށް ދެވުނިސް.“ ޢަލީ ފިރާޤު އެބުނި އެއްޗަކާމެދު ވިސްނަން އަހަރެން ބޭނުންނުވި ކަހަލައެވެ. އަދި ތަކުރާރުކޮށް އާދޭސް ކުރަމުން ގެންދިޔައީމެވެ. ޙަޤީޤަށް ބުނާނަމަ ޢަލީ ފިރާޤު އެބުނަނީކީ މުޅިޔަކުން ދޮގުވާހަކައެއްވެސް ނޫންތާއެވެ. އެހެންނަމަވެސް އަހަރެންނަށް ވެފަ ހުރިގޮތެއް ޚުދު އަހަރެންނަށްވެސް ބުނެދޭން ނޭންގުނު ކަހަލައެވެ.
އަހަރެން ޢަލީ ފިރާޤުގެ ކައިރިން މިއެދެނީ ޖާއިޒު އެދުމެއް ނޫންކަން އަހަރެންނަށް ޤަބޫލުވެސް ކުރެވުނެވެ. އެހެންނަމަވެސް އެއަށްވުރެ ބޮޑަށް އަހަރެން ބޭނުންވެފައި ހުރީ ސަމްސުއްނިސާއަށް އިންސާފު ހޯދައިދިނިމަށެވެ. އެންމެފަހުން އައިސް އަހަރެންނަށް ހުށައެޅުނީ، އޭގެ ނަތީޖާ ޚުދު އަހަރެންނަށް ހިތިވާނެ ވަރުގެ ހުށައެޅުމެކެވެ. ”ޢަލީ ފިރާޤު ބުނި ކޮންމެ ގޮތެއްވެސް އަހަރެން ހަދާނަން. އަހަރެންނަށްޓަކާ މިކަން ކޮށްދީ. ހެޔޮނުވާނެ.“ ޢަލީ ފިރާޤު ހައިރާނުން ފުރިގެންވާ ނަޒަރަކުން އަހަރެންނާ ދިމާއަށް ބަލައިލިއެވެ. ”ތިޔައީ އަހަރެންނަށް ނަފީސާދެކެ ލޯބިވެވުނު އެއްސިފަ. ސަމްސުއްނިސާ ނަފީސާއަށް އެވަރުގެ ބޮޑު ލަނޑެއް ދިނީމަވެސް އަދިވެސް ތިއުޅެނީ އޭނަގެ ޙައްޤުގަ ވަކާލާތު ކުރަން. އޭނައަށް އޭނަގެ ހައްޤުތައް ހޯދައިދޭން.“ އަހަރެންނަށް އިސްދަށަށް ޖަހާލެވުނެވެ. ބޭއިޚްތިޔާރުގައެވެ. ”އަހަރެންނާ ސަމްސުއްނިސާއަކީ ދެރަޙުމަތްތެރިންގެ އިތުރުން ކޮންމެސް ހިސާބަކުން ލޭގެ ގުޅުންވެސް އޮތް ދެމީހުން. އެހެންވީމަ އަހަރެން ބޭނުމެއް ނޫން އޭނައަށް ދެރަގޮތެއް ވާކަށް. އޭނަ ކަންކަމާމެދު ވިސްނާގޮތް އެއީ އޭނަގެ އަމިއްލަ ކަމެއް. އެހެންނެކޭ ކިޔާފަ އަހަރެންނަކަށް ނުޖެހޭނެ އެދަރަޖައަށް ވެއްޓޭކަށް.“ ޢަލީ ފިރާޤު މަޑުމަޑުން ހިނގާލާފައި އައިސް އަހަރެންގެ ކައިރިއަށް ހުއްޓުނެވެ. ”ހަމަ ޔަޤީންތަ އަހަރެން ބުނި ކޮންމެ ގޮތެއް ހަދާނަން ކަމަށް؟“ ޢަލީ ފިރާޤުގެ އަޑުގައި ހުރީ މަޑުމައިތިރި ކަމެވެ. ބަލައިލުމުގައި ހުރީ އޯގާތެރި ކަމެވެ. ހަހަރުވެތި ނަޒަރެކެވެ. އަހަރެންގެ ހިތް އޭނާގެ މައްޗަށް ވިރިގެން ނުގޮސް ހުރީ ހަމަ ކިރިޔަކިރިޔާއެވެ. އެތަނުން ދުރަށްދާންވެސް ހިތަށް އެރިއެވެ. ދުއްވައިގަންނަންވެސް ހިތަށް އެރިއެވެ. އެހެންނަމަވެސް އަހަރެން އެތަނުގައި ހުރި މަޤްޞަދު ޙާޞިލު ނުވަނީސް ދާން ބޭނުންނުވި ކަހަލައެވެ. އެހެނީ އަހަރެންގެ އެތެރެ ހަށީގައި ހިނގަމުންދިޔަ އިހުސާސްތައް ފޮރުވަން މަސައްކަތް ކުރީމެވެ. އަދި ޢަލީ ފިރާޤުގެ އެވާހަކަތަކަށް އަހަރެން މުޅިން އެއްބަސް ނުވާކަހަލަ ކުލަވަރެއް ދައްކަން އުޅުނީމެވެ. ”އަހަރެން މިއީ ސަމްސުއްނިސާއެއް ނޫން އިނގޭ. ފަހަރެއްގަ ޢަލީ ފިރާޤު ހުށައަޅާ ކޮންމެ ހުށައޭލުމަކަށް އާނބަސް ނުދެވި ހުރެދާނެ.“ ޢަލީ ފިރާޤު ފާޑަކަށް ހީނލާފައި އޭނާގެ ވާހަކަ ކުރިއަށް ގެންދިޔައެވެ. ”އަހަރެންވެސް މިއީ ސަމްސުއްނިސާފަދަ ދަށު ދަރަޖައިގެ މީހެއް ނޫން. ކަންބޮޑުނުވޭ. ނަފީސާ އެކަމެއް ކުރަން ނަފީސާގެ ޒަމީރު ތަންނުދޭނެ އެއްވެސް ކަމެއް ކުރާކަށް އަހަރެންނެއް ނުބުނާނަން.“ ޢަލީ ފިރާޤުއަށް އިތުބާރުކުރެވޭ ފަދަ ނަޒަރަކުން އަހަރެންނަށް އޭނާއާއި ދިމާއަށް ބަލައިލެވުނެވެ. ”ދެން އެހެންވިއްޔާ އަހަރެންނަށް ކޮށްދެވޭނީ ކޮންކަމެއް؟“ ޢަލީ ފިރާޤު އަނެއްކާވެސް މަޑުމަޑުން ފަހަތަށް ޖެހިލިއެވެ. ”އަދި މިހާރަކު ނުބުނާނަން. އިހަށްދެން މިވަޤުތު ސަމްސުއްނިސާއަށް ހަދާނެ ގޮތަކާމެދު ވިސްނަމާ ހިނގާ. މިހާރުދެން މާބޮޑަށް ލަސްވެސް ވެއްޖެ. އެއޮށް އަޞުރުވަނީ. ނޭންގި ނަމަވެސް އަހަރެންނަށްވެސް ކުރެވުނީ ފާފައެއް ކަމަށް އަހަރެންނަށްވެސް ޤަބޫލުކުރެވޭ. އަހަރެންވެސް ތަޢުބާވާން ޖެހޭނެކަމަށް އަހަރެން ޤަބޫލުކުރަން. އަހަރެން ބޭނުންވަނީ ދުނިޔެއާއި އަޚިރަތުގަވެސް މިކަމުން އަހަރެންނަށް ސަލާމަތް ވެވޭނެ ގޮތެއް ހޯދަން. އެހެންވީމަ މިކަމާ ވާހަކަ ދައްކާނީ ތަންކޮޅެއް ފަހުން. ވަޤުތު ޖެހުނީމަ ބުނާނަން.“ ޢަލީ ފިރާޤު ދެއްކި ވާހަކައަށް އަހަރެން އިތުބާރު ކުރީމެވެ. އޭނާ ކޮންމެ ގޮތަކަށް ނިންމިޔަސް އެގޮތަކަށް ރުހި ޤަބޫލުވާން އަހަރެންގެ ހިތް ބުނަމުން ގެންދިޔައެވެ. އެގޮތުގެ މިތިން އަހަރެން އަނބުރާ ގެއަށް ދިއުމަށް ނިކުމެ ހިނގައިގަތީމެވެ.
ގެއަށްދިޔަ މަގުމަތީގައި ސަމްސުއްނިސާގެ ޙާލު ބަލައިލާނަމޭ ހިތާ އެގެއަށް ވަދެލީމެވެ. ސަމްސުއްނިސާއަށް އޮތީ ނިދިފައެވެ. ހޮޑުލާލާ ވަރުބަލި ވެގެން ކަމަށްވެސް ވެދާނެއެވެ. ގޭތެރޭގެ ޙާލަތު ފެނިފައި އެތަން ސާފުކޮށްލަން އަހަރެން ގަސްތުކުރީމެވެ. ގޭތެރޭގައި ފަތުރާފައި ހުރި ކަށިވެލިތަކުގައި އިލޮށިފަތި ކާއްތާލި އަޑަށް ސަމްސުއްނިސާއަށް ސިއްސައިގެން ގޮސް ހޭލެވުނެވެ. އަދި ކާކުތޯ މަޑުމަޑުން ގޮވާލިއެވެ. ”އަހަރެން.“ އަހަރެންވެސް ޖަވާބުދިނީފުދޭވަރަކަށް މަޑުމައިތިރި ކޮންނެވެ. ”ސަމްސުއްނިސާ އެއްޗެއް ކައިފިންތަ؟“ އަހަރެން އަހާލީމެވެ. ”ނޫން އަދި ނުކަން. ކާއެއްޗެއް ހަދަން އުޅުނިން. އެކަމަކު ވަރުބަލިކަމުން ކޮޅަށް ނުހުރެވިގެން އައިސް އޮށޯވެލީ. ހަމަ ލޯމެރިލިތަނާ ނަފީސާ ތިއައީ.“ ”އަހަރެންނަށް ސަމްސުއްނިސާއަށް އުނދަގޫ ކުރެވުނީތާ ދޯ.“ ”ނޫނޭ. އުނދަގުލެއް ނުވޭ. މިތާ އޮވެގެން މިހިތަށް އަރަނީ ނަފީސާއަށް އަންގާލާނީ ކިހިނަކުން ބާއޭ. ބުނަން ކުއްޖަކު ފޮނުވަންވެސް ޖެހޭނީ ބޭރަށް ނިކުންނަން ވިއްޔަ. އެހެންވެ އެވިސްނުމުގަ އޮއްވާ ލޯމެރުނީ.“ އަހަރެން ސަމްސުއްނިސާގެ ކައިރިއަށް ޖެހިލީމެވެ. އަދި ގައިގާ އަތް ޖައްސާލީމެވެ. ކޮންމެވެސް ވަރަކަށް ތުރުތުރުވެސް އަޅައެވެ. ވަރުބަލިކަމާއި ބަނޑުހައި ހޫނުކަމުގެ ސަބަބުންނެވެ. ”އަންނާނަށް ބަތްޕެން ކޮޅެއް ކައްކައިގެން.“ އެހެން ބުނުމާއިއެކު އަހަރެން ގެއަށް ދިއުމަށް ހިނގައިގަތީމެވެ. އެވަޤުތު ސަމްސުއްނިސާ އަހަރެންނަށް ގޮވާލިއެވެ. “ ބަތްޕެން ކެއްކެން ހުންނާނެ މިގޭގަވެސް. އޭރުން ތަންކޮޅެއް އަވަހަށް
ކެކޭނެއެއްނު ދޯ.“ އަހަރެން އެގޮތަށް އެއްބަސް ވީމެވެ. ”އާން ތިގޮތް މާރަނގަޅުވާނެ.“ އެހެން ބުނުމާއިއެކު އަހެރެން ހިނގައިގަތީ އެގޭ ބަދިގެއާއި ދިމާއަށެވެ.
މާގިނައިރުތަކެއް ނުވެ ބަތްޕެންތަށި ހިފައިގެން އަހަރެން ސަމްސުއްނިސާ ކައިރިއަށް ދިޔައީމެވެ. އޭނާ އޮތީ ދެފައި ކަތުރު ކޮށްލައިގެން ކަނާއަތް ބަނޑުމަތީގައި ބާއްވާލާ، ވައަތް ނިތްކުރިމަތީގައި ބާއްވާލައިގެން ފުރާޅާއި ދިމާއަށް ބަލަހައްޓައިގެންނެވެ. ފިކުރުގެ ތެރެއަށް ގެއްލިފައެވެ. އަހަރެން ގޮސް ތެދުވަން ބުނުމުން ކޮންމެވެސް ވަރަކަށް ސިއްސައިގެންވެސް ދިޔައެވެ. އަދި ލޮލަށް ޖަމާވެފައިވާ ކަރުނަތައް ކޯތާފަތް މައްޗަށް ފައިބައިގެން ދިޔައެވެ. މަޑުމަޑުން ދެލޯ ފޮހެލާފައި ތެދުވަން މަސައްކަތް ކުރިއެވެ. އަހަރެންގެ އެހީތެރި ކަމާއިއެކީ މަޑުމަޑުން ތެދުވެ އިށީންދެލިއެވެ. އަދި އާހުން ފުރިގެންވާ އަޑަކުން އަހަރެންނާއި ވާހަކަ ދައްކަން މަސައްކަތް ކުރިއެވެ. ”ނަފީސާ، އަހަރެންނަށް މަޢާފުކުރޭ. އަހަރެންނަށް ކުރެވުނު ކުށްހީގެ ސަބަބުން ހުރިހާ ގެއްލުމެއް މިލިބުނީ ޚުދު އަހަރެންނަށް. އަހަރެން ދެން ކިހިނެއް ހަދާނީ؟ ޢަލީ ފިރާޤު މީގެ ޒިންމާ ނަގާނެހެން ނަފީސާއަށް ހީވޭތަ؟“ އަހަރެންނަށްވެސް ރޮވޭ ގޮތްވިއެވެ. ޙަޤީޤަތަށް ބުނާނަމަ އަހަރެންނަށް ސަމްސުއްނިސާ ދެކެ ރުޅިއައުމުގެ ޙައްޤު އެބައޮތެވެ. އެހެންނަމަވެސް އަހަރެންނަށް އޭނާއާއިމެދު ވެވުނީ ހަމްދަރުދީއެވެ. އަޅާނުލާ ދޫކޮށްލަން ނުކެރޭ ވަރަށެވެ. އޭނާއަކީވެސް އެކަނި ހުރި އަންހެނެކެވެ. ”ސަމްސުއްނިސާ ކަންބޮޑުނުވޭ. އިރާދަކުރެއްވިއްޔާ ރަނގަޅުވާނެ. ދެންވެސް ތިކަމުން ތަޢުބާވެވޭތޯ މަސައްކަތް ކުރޭ.“ ސަމްސުއްނިސާ ބަތްޕެންފޮދެއް ބޯލެވެތޯ މަސައްކަތް ކުރަމުން ގެންދިޔައެވެ. އެހެންނަމަވެސް އަރުތެރެއިން ދާގޮތެއް ނުވިއެވެ. އަދި ކުއްލިޔަކަށް ރޯން ފެށިއެވެ. އަދި ވާހަކަ ދައްކަން ފެށިއެވެ. ”އަހަރެން ނަފީސާހާ ހިތްވަރުގަދައެއް ނޫންކަން ނަފީސާއަށްވެސް އެނގޭނެ. ރަށުގެ މީހުންނަށް އެގިއްޖިއްޔާ ދެން ވާނެގޮތަކާމެދުވެސް އަހަރެންނަށް ވިސްނޭ. މިހާރުވެސް މީހުން ޝައްކު ނުކުރާ ކަމެއް ނޭންގެ. އަހަރެން ދެން ކިހިނެއް ހަދާނީ ނަފީސާ؟“ އަހަރެންގެ ލޮލުންވެސް ކަރުނަ އޮހެން ފެށިއެވެ. އެހެންނަމަވެސް ނުރޮއެ ވޭތޯ އަހަރެން ވަރަށް މަސައްކަތް ކުރަމުން ގެންދިޔައީމެވެ. ”އަހަރެން ޢަލީ ފިރާޤާ ވާހަކަ ދައްކައިފިން. އޭނަވެސް ހުރީ އޮޅުމެއްގެ ތެރޭގަ. ސަމްސުއްނިސާ ދޮގުނުހަދާ ރަނގަޅަށް ބުނެބަލަ. ހަމަ ޔަޤީންތަ ތިވީކަމެއްވީ ޢަލީ ފިރާޤުގެވެސް ފުރިހަމަ އިޚުތިޔާރުގާތަ؟“ ސަމްސުއްނިސާ އިސްދަށަށް ޖަހާލިއެވެ. އަދި އަމިއްލަ ނަފްސަސަށް ލަދުވެތިވާ ކަހަލަ ގޮތަކަށް އިނދެ ބަތްޕެން ތަށި ތެރޭގައި ސަމްސާ އަނބުރަމުން ގެނދިޔައެވެ. ބުނާނެ އެއްޗެއް ނޭންގިފާ އިންކަހަލައެވެ. ”ތެދުތެދަށް ބުނަންޏާ މިކަމުގަ ޢަލީ ފިރާޤުގެ މާބޮޑު ކުށެއް ނެތް. އޭނައޮތީ މާބޮޑަށް ހަމަ ހެޔަކު ނޫން. ވަރަށް ބޮޑަށް ހުންގަދަވެފަ ބޮލުގަވެސް ރިއްސާ ވާހަކަ ބުނި. އަހަރެން އޭނަގެ ބޯ މޮޑެދޭން ފެށީމަ ކުޑަކޮން ނިދޭގޮތްވެސްވި. އޭގެ ފައިދާ އަސްލު ނެގީ އަހަރެން. އޭނަ ގެންދިޔައީ ހަމައަށް ހޭވެރިކަން ހުރުމާ ނުހުރުމާ ކަހަލަ ގޮތަކަށް ނަފީސާއަށް ގޮވަމުން.“ އަހަރެންނަށް އަނެއްކާވެސް ސަމްސުއްނިސާދެކެ ރުޅި އާދެވުނެވެ. ”އެކަމަކު ސަމްސުއްނިސާ މީހަކު ދެކެ ލޯބިވިޔަކަސް ތީދެން ބޮޑުވަރު. އަހަރެން ހިއެއް ނުކުރަން ސަމްސުއްނިސާ ތިކަހަލަ ކަމެއް ކޮށްފާނެކަމަކަށް.“ ސަމްސުއްނިސާ އަނެއްކާވެސް އިސްދަށަށް ޖަހާލިއެވެ. އަހަރެންގެ ރުޅި މައިތިރި ކުރެވޭތޯ މަސައްކަތް ކުރީމެވެ. ”ދެން އެންމެ ރަނގަޅު. ހިނގާދެން ޢަލީ ފިރާޤުގެ ޖަވާބަކަށް އިންތިޒާރުކުރަމާ. އަހަރެން މިރޭ ގޮއްސަވެސް ވާހަކަ ދައްކާނަން.“ ސަމްސުއްނިސާ އަހަރެންގެ އަތްމަތީގައި އަތް ބާއްވާލިއެވެ. އަދި އަހަރެންގެ އެހީތެރިކަމަށް ޝުކުރުވެރިވާ ވާހަކަ ބުނެލިއެވެ.
ސަމްސުއްނިސާ ސާފުވެލުމަށް އެހީތެރިވެދީފާ އަހަރެން އައީ ގެއަށެވެ. އެވަޤުތު މަގުމަތިން އަހަރެންނަށް ފާހަގަވި އެއްކަމެއް އޮތެވެ. ތަންތަން ކޮޅުގައި ކުދިކުދި ޖަމާޢަތް ހަދައިގެން މީހުން ވާހަކަ ދައްކަން ތިބި މަންޒަރު އަހަރެންނަށް ފެނުނެވެ. އެހެންނަމަވެސް އެއިން އެއްވެސް ދިމާލަކަށް ސަމާލުކަން ނުދީ މަޑުމައިތިރި ކަމާއިއެކީ ގެއާއިހަމައަށް އޭދެވެންދެން އަހަރެން އައީ އިސްދަށަށް ޖަހައިގެން ހުރެގެންނެވެ. މީހަކު ސުވާލެއް ކޮށްފާނެ ކަމުގެ ބިރުވެސް ހިތުތެރޭގައި އޮތުމާއިވެސް އެކުގައެވެ. އެއްވެސް މީހަކު އެއްވެސް އެއްޗެއް ނޭހުން އެއީ އަހަރެންގެ ނަޞީބު ކަމުގައި އަހަރެންނަށް ޤަބޫލުކުރެވުނެވެ. އެހެންނަމަވެސް އަހަރެން ގެއަށް އައިސް ވަދެ، މާގިނައިރުތަކެއް ނުވަނީސް ގޭދޮށުގެ ދެތިން މީހަކު އައިސް ވަނެވެ. އަހަރެންނަށް ގޮވަމުންނެވެ. އަހަރެންވެސް ބޭރަށް ނިކުމެލީމެވެ. އެތަނުން އެކަކު އަހަރެންނާއި ސުވާލު ކުރިއެވެ. ކަންބަލަން ބޭނުންވެފައި ހުރި ރާގަކަށެވެ. ”ތެދެއް ނަފީސާ، ދެން ތިހެން ވިއްޔާ އެއުޅޭ ސަމްސުއްނިސާ ބަނޑުބޮޑީތަ؟ ދެތިން ދުވަސްވެއްޖެ އަނގަ ތާއްޔަކަށްވެސް ނުޖެހި ހޮޑުލާ އަޑުއިވޭތާ.“ އަހަރެންގެ އަތްފައި ފިނިވާގޮތް ވިއެވެ. އެހެންނަމަވެސް ސާބިތުކަންމަތީ ހުރެވޭތޯ އަހަރެން މަސައްކަތް ކުރީމެވެ. އަދި ވަރަށް ކެތްތެރި ކަމާއިއެކީ އެމީހުންގެ ސުވާލަށް ޖަވާބު ދެވޭތޯ ބެލީމެވެ. ”ވެދާނެ އެއްނު ކާންނުވާ އެއްޗެއް ކެވުނީ
ކަމަށްވެސް. އަހަރުމެންގެ މި ރަށްރަށަކީ ބޭސްފަރުވާގެ ކަންކަން މާފުރިހަމައަކަށް ލިބޭ ރަށްރަށް ނޫންވިއްޔަ. ހަމަ ހުރެފަ ތިހެންވެސް ބުނާކަށް ނުވާނެއެއްނު.“ އެމީހުން ކޮންމެވެސް ވަރަކަށް ނުރުހުން ވާގޮތްވިއެވެ. ”ހޫން. މި ނަފީސާގެ ފަރާތަކުން އެއްވެސް އެއްޗެއް އޮޅުމެއް ނުފިލާނެ. އެހެންނުވާނީ، އެއީ މާގާތް ރަހުމަތްތެރިއެއް ވިއްޔަ. ކަމެއްވިއްޔާ ވަކި އަހަރުމެން ކައިރީގަ ބުނާނެތަ. ހިނގާ ދާން.“ މިހެން ބުނުމާއިއެކު ތުން ދަމާލާފާ ގެއިން ނިކުމެގެން ހިނގައްޖެއެވެ. އަހަރެންނަށް ލެވުނީ ފުންނޭވާއެކެވެ. އަނދަވަޅަކުން ސަލާމަތްވެވުނު ކަހަލަ އިހުސާސެއް ކުރެވުނެވެ.
އެރޭގެ ރޭގަނޑު ޢަލީ ފިރާޤުގެ ރޭގަނޑުގެ ކެއުން ތައްޔާރުކުރަން އަހަރެން އެގެއަށް ދިޔައީމެވެ. އަހަރެންނާއި ރަށު އޮފީހުން ހަވާލުކޮށްފައިވާ ޒިންމާއަށްވުރެ ބޮޑަށް މިހާރު އަހަރެންގެ ހިތުގައި އޮތީ މުޅިން އެހެން މަޤުޞަދެކެވެ. ސަމްސުއްނިސާއަށް ރަނގަޅު ގޮތެއް ހޯދައިދިނުމުގެ މަޤްޞަދެވެ. ރޭގަނޑުގެ ކެއުމަށް ޢަލީ ފިރާޤު އިންސާފު ކުރުމަށް އިށީނުމާއިއެކު، އަހަރެންގެ ވާހަކަ ކުރިއަށް ގެންދެވޭތޯ މަސައްކަތް ކުރީމެވެ. އެހެންނަމަވެސް ޚުދު ޢަލީ ފިރާޤުވެސް އެއިނީ ފިކުރެއްގެ ތެރޭގައެވެ. ވާނީވެސް އެހެންތާއެވެ. ހިނގާދިޔަ ކަމުގެ ޒިންމާ އޭނާގެ ބޮލުގައިވެސް އެޅިފައި އޮތީ ހަމަ އެއްވަރަކަށެވެ. މިކަން ފަޅާއަރާ ދުވަސް އެއީ އޭނާގެ ވަޒީފާއާއި މީހުން އޭނާއަށްކުރާ ޤަދަރާއި އިޙުތިރާމުވެސް ގެއްލިގެން ދާނެ ދުވަހެވެ. ކަންއޮތީ އެހެން ކަމުގައި ވީނަމަވެސް އަހަރެންގެ ކޮޅަކުން ދުލެއް ނުކުރާމޭ ވިސްނާލުމާއިއެކު ވާހަކަ ދައްކަން ފެށީމެވެ. ”ކޮބާ އެއްވެސް ގޮތަކަށް ނިންމައިފިންތަ؟ ބުނީމެއްނު ފަހުން ވިސްނާލާފަ ބުނާނަމޭ.“ އޭރުވެސް ޢަލީ ފިރާޤު އިނީ ކާން ނުފެށިފައެވެ. ކުއްލިއަކަށް އިސް އުފުލާލާފައި އަހަރެންނާއި ވާހަކަ ދައްކަން ފެށިއެވެ. ”އާން، އަހަރެން ގޮތެއް ނިންމައިފިން.“ އަހަރެންގެ މޭ ބާރަށް ތެޅެން ފެށިއެވެ. ކޮންމެ ގޮތަކަށް ނިންމިއަސް އޭގެ އެދެވޭ ނުވަތަ ނޭދެވޭ އަސަރުވެސް ކުރާނީ ސަމަސުއްނިސާއަށެވެ. އަހަރެންނަކަށް ނޫނެވެ. ވީއިރު އަހަރެން މިހާ ބިރުގަންނަން މިޖެހެނީ ކީއްވެގެން ބާއެވެ. ”ކޮން ގޮތަކަށް؟“ ވަރަށް ބިރުން އިނދެ އަހަރެން ސުވާލު ކޮށްލީމެވެ. ”ސަމްސުއްނިސާ ސަލާމަތްކުރުން އޮތީ ނަފީސާގެ އަތްމަތީގަ.“ މިފަހަރު އަހަރެންނަށް ލިބުނީ ހައިރާން ކަމެކެވެ. ”އެއީ ކީއްވެ އަހަރެންގެ އަތްމަތީގަ އޮންނަންވީ؟“
ފިސާރި ސާބިތުކަންމަތީ އިނދެ، ޢަލީ ފިރާޤުގެ ވާހަކަ ކުރިއށް ގެންދިޔައެވެ. ”ސަމްސުއްނިސާ ސަލާމަތް ކުރުމަށްޓަކާ ޢަލީ ފިރާޤު ބުނި ކޮންމެ ކަމެއްވެސް ކޮށްފާނަމޭ ބުނިތާ އަދި ސައްވިސް ގަޑިއިރުވެސް ނުވޭ. އެހެންވީމަ އިހަށް އަހަރެން މިދައްކާ ވާހަކަ ކަނުލާ އަޑުއަހާ. އޭގެ ފަހުގަ ދެން ގޮތެއް ނިންމާ.“ އަހަރެން ހަމަޖެހިގެން އިނދެވޭތޯ މަސައްކަތް ކުރަމުން ގެންދިޔައީމެވެ. ޢަލީ ފިރާޤުއާއިމެދު އިތުބާރުވެސް އޮތީތީއެވެ. ”ދެން އެހެންވިއްޔާ ބުނެބަލަ ކޮންކަމެއް އަހަރެން ކުރަންވީ؟“ ”ނަފީސާއަކީ އަހަރެންގެ މީހަކަށް ވާން އެއްބަސް ވަނިކޮން އަހަރެން މިހުރީ ސަމްސުއްނިސާގެ ދަރިފުޅުގެ ފޫޅުމާ ފޯރމުގަ ސޮއެވެސް ކުރަން ތައްޔާރަށް.“
އަރުޝީ ވަރަށް ބާރަށް ޑައިރީ ލައްޕާލުމާއިއެކީ، ދުރަށް އެއްލައިލިއެވެ. އަދި އަމިއްލަ ނަފްސާ ވާހަކަދައްކަން ފެށިއެވެ. ”ނުވާނެ އެހެންނެއް. އަހަރެން ޤަބޫލެއް ނުކުރާންނަން.“ އަދި މަންމާއޭ ކިޔާ ބާރަށް ހަޅޭއްލަވައިގަތުމާއެކީ އަޑުގެ ކޮޅަށް ރޯން ފެށިއެވެ. މޫނަތީގައި ދެއަތް އަޅައިގެން އިނދެގެންނެވެ. އެވަޤުތު ސަމްސުއްނިސާ ދުވެފާ ކަހަލަ ގޮތަކަށް އަރުޝީގެ ކޮޓަރިއަށް އައިސް ވަނެވެ. ”ދަރިފުޅާ އަރުޝީ ކިހިނެއްވީ؟ ތަނަކަށް ތަދުވަނީތަ؟“ މިހެން ބުނުމާއިއެކީ ކައިރީގައި އިށީންދެލާފައި ބުރަކަށީގައި ފިރުމަން ފެށިއެވެ. އަރުޝީ އިނީ ހަމަހޭވެރިކަމަކު ނޫންކަހަލައެވެ. ވަޤުތުން ސަމްސުއްނިސާގެ އަތް ފޮޅުވާލިއެވެ. އަދި ރުޅިއައިސް ހަޅޭއްލަވަގަތެވެ. ”އަހަރެންނަށް ދަރިފުޅު ކިޔާނީ އަހަރެންގެ މަންމަ. އެމަންމަ މިހާރަކު ދުނިޔެއަކު ނެތް. ދެން އިތުރު މީހަކަށް އަހަރެންނަށް ދަރިފުޅު ކިޔުމުގެ ޙައްޤެއް ނުދޭނަން. މިތަނުން ދާން އުޅޭ. އަހަރެން އެކަނި ޙާލައިގެން ދޫކޮށްލާ.“ ސަމްސުއްނިސާ ކަންބޮޑުވާގޮތް ވިއެވެ. އަދި އިތުރު އެއްވެސް އެއްޗެއް ނުބުނެ ކޮޓަރިތެރެއިން ނިކުމެގެން ދިޔައީއެވެ.
- ނުނިމޭ –






