ދަތުރުނާމާ (އަށާރަވަނަ ބައި)

ދަތުރުނާމާ (ނުވަވަނަ ބައި)

ޝިޔާމާ އަޙްމަދު (ސިޔައްތަ)
އޯގަސްޓް 2, 2025

އަރުޝީ ހަދާނެގޮތް ހުސްވިކަހަލައެވެ. އަމިއްލަ ނަފްސަށް އެކަނިވެރިކަން އިހުސާސް ކުރެވެން ފެށިކަހަލަވެސް މެއެވެ. ވަރަށް ބާރަށް ރޮއެގަންނަންވެސް ހިތަށް އެރިއެވެ. އެހެންނަމަވެސް އަރުޝީއަކީ ހިތްވަރުގަދަ ކަނބަލެއްކަން އޭނާގެ އަމިއްލަ ނަފްސަށް ވިސްނައިދެމުން ގެންދިޔައެވެ. އޭނާގެ މަންމަ ފަދައިންނެވެ. އެހެނީ ނަފީސާއަކީ އޭނާގެ އަސްލު މަންމަ ނޫންކަން ޤަބޫލުކުރާކަށް އަދިވެސް އަރުޝީ ބޭނުމެއް ނުވެއެވެ. އެހެނަސް ޙަޤީޤަތަކީ، ކިތަންމެ ސިއްރުކުރަން މަސައްކަތް ކުރިނަމަވެސް ކޮންމެވެސް ދުވަހަކުން ދުނިޔެއަށް ފައުޅުވާނެ އެއްޗެކެވެ. އެއީ އިލާހީ ޤާނޫނެވެ. އެއިން އެއްވެސް ކަމަކީ އެއްވެސް އިންސާނެއްގެ އިޚްތިޔާރާއި ބާރުގައި އޮންނާނެ ކަމެއް ނޫނެވެ. އެހެންނަމަވެސް ޤަބޫލުކުރެވޭ ޙަޤީޤަތެއް އެބައޮތެވެ. އިންސާނެއްގެ އުޅުމާއި އަޚްލާޤަކީ ލިބިދޭ ތަރުބިއްޔަތުން ހަރުލާ އެއްޗެއް ކަމެވެ. އެހެނެއްކަމަކު އެއީ ވަކި މީހެއްގެ ބަނޑުން އުފަންވުމަކުން  ލިބިދޭ އެއްޗެއް ނޫނެވެ. ނުވަތަ ވަކި ޢާއިލާއަކަށް ނިސްބަތް ވުމަކުން ވާރުތަވާ އެއްޗެއްވެސް ނުމެނޫންމެއެވެ. އެގޮތުން އަރުޝީއަށްވެސް ލިބިފައިވަނީ، ނަފީސާގެ ހިތްވަރާއި ކެތްތެރިކަމެވެ. ރިވެތި އަޚްލާޤާއި ނުގުޑާފަދަ ޢަޒުމެކެވެ. އެގޮތުގެ މަތިން، އަރުޝީގެ ޙަޔާތަށް މިކުރިމަތިވި ކުއްލި ތޫފާނާއި ފިސާރި ކެރިގެން ކުރިމަތިލާން އޭނާ ޢަޒުމު ކަނޑައެޅިއެވެ. އަދި ނަފީސާގެ ޑައިރީ އެއްކޮން ކިޔާ ނިންމާލެވެންދެން، މިހާތަނަށް ޖެހެންދެން ސަމްސުއްނިސާއާއި އޮތް ގުޅުން އެގޮތުގައި ދެމެހެއްޓުމަށް އަރުޝީ ނިންމިއެވެ. އެހެނީ ފުރިހަމަ ޙަޤީޤަތް ރަނގަޅަށް އެނގުމަކާއިނުލާ، ސަމްސުއްނިސާއާއިމެދު ގޮތެއް ނިންމުމަކީވެސް އިންސާފަކަށް ނުވާނެކަމަށް އަރުޝީގެ ހިތް ބުނަމުން ގެންދިޔައީތީއެވެ. އަދި ނަފީސާގެ ބެލުމުގެ ދަށަށް އަރުޝީ އަންނަން ޖެހުނު ޙަޤީޤަތަކީވެސް އަދި އަރުޝީއަށް އަރަތަކަށް ވެފާ އޮތަތީވެސް މެއެވެ. އެކަމުގެ ޙަޤީޤަތް ޑައިރީގެ ޞަފްޙާތަކުން ނަމަވެސް އޮޅުން ނުފިލާހާ ހިނދަކުއެވެ. މިކަހަލަ ވިސްނުމެއްގައި ހުރެ، އަރުޝީއަށް ފުން ނޭވާއެއް ލެވުނެވެ. އަދި ރަނގަޅަށް ހަމަޖެހިލާފައި، ކޮޓަރިތެރެއަށް ރަނގަޅަށް ބަލައިލެވުނެވެ. ކޮޓަރިތެރެއަށް އޮތީ ކޮންމެވެސް ވަރަކަށް އަނދިރިކަން ވެރިވެފައެވެ. އެވަޤުތު އަރިޝީއަށް ބަލައިލެނީ ފާރުގައި ބަހައްޓާފައި ހުރި ގަޑިއާއި ދިމާއަށެވެ. ގަޑިން އިރުއޮއްސި ހައެއްޖަހަނީއެވެ. އެވަޤުތު އަރުޝީ އަވަސްވެގަތީ ޢަޞުރު ނަމާދުކުރުމަށެވެ. ފާޚާނާއަށް ވަދެ ވުޟޫކޮށްލައިގެން ޢަޞުރުނަމާދު ކޮށްލިއެވެ. އަދި ހަވީރުގެ ޒިކުރުތައް ކިޔާ ނިންމާލުމަށްފަހު، ކޮޓަރިން ބޭރަށް ނިކުތުމަށް ހިނގައިގަތެވެ. އެވަޤުތު އަރުޝީގެ ހަނދާނަށް އައީ މީގެ އިރުކޮޅެއް ކުރިން ސަމްސުއްނިސާއާއިމެދު ކަންތައް ކުރެވުނު ގޮތެވެ. އޭނާއާއި މުޚާތަބު ކުރެވުނު ހަރުކަށި ރާގެވެ. ސަމްސުއްނިސާ ކޮޓަރިން ފޮނުވާލުމަށް ކުރެވުނު އަމުރެވެ. އެހިނދު އަރުޝީއަށް މަޑުމަޑުން ފަހަތަށް ޖެހެވެން ފެށުނެވެ. އަދި އަނބުރާ ގޮސް އެނދުމަތީގައި އިށީނދެލިއެވެ. ދެން ކަންތައް ކުރާނެ ގޮތަކާއިމެދު ވިސްނަން ފެށިއެވެ. ސަމްސުއްނިސާގެ ކިބައިން މަޢާފަށް އެދެންވެސް ވިސްނަމުން ގެންދިޔައެވެ. އެއީ އޭނާގެ މަންމަ ކަމުގައި ވީނަމަވެސް އަދި ނޫންނަމަވެސް އެންމެ ފުރަތަމަ އެއީވެސް އަރުޝީ ފަދައިން އިންސާނެއްކަން ވިސްނާލިއެވެ. އޭނާއަށް ވުރެ އެތައް ތަނެއް އުމުރުން ދޮށީ މީހެކެވެ. އެގޮތުގެ މަތިން އޭނާއަށްވެސް އިހުތިރާމު ޙައްޤުވާނެ ކަމުގައި އަރުޝީގެ ހިތް ބުނަމުން ގެންދިޔައެވެ.

ފުން ނޭވާއެއް ލުމާއިއެކު، އަރުޝީ އެނދުމަތިން ތެދުވިއެވެ. އަދި ކޮންމެވެސް ވަރަކަށް ހަމަޖެހިލާފައި، ކޮޓަރިން ބޭރަށް ނިކުތުމަށް ހިނގައިގަތެވެ. ބޭރަށް ނިކުމެ ބަލައިލިއިރު، ސަމްސުއްނިސާ ފެންނާކަށް ނެތެވެ. ”އަނެއްކާ މިގެއިން ނިކުމެގެން ދިޔައީބާ؟“ އަރުޝީއަށް ހިތާއިހިތުން ބުނެލެވުނެވެ. ހަމައެއާއިއެކު، ކޮބައިތޯ ބަލައިލަން ގޭތެރޭގެ އެތަން މިތަނަށް ބޯދިއްކޮށްލެވުނެވެ. ބަލަމުންބަލަމުން ގޮސް ބަދިގެއަށް ބޯދިއްކޮށްލިއިރު، ސަމްސުއްނިސާ އިނީ ކާމޭޒުދޮށުގައެވެ. މޮޅިވެރިކަމާއިއެކު ދަތްދޮޅީގައި އަތް ވިއްދާލައިގެން ކޮންމެވެސް ފިކުރެއްގެ ތެރެއަށް ގެއްލިފައެވެ. ދައްތާއޭ ކިޔާފައި ސަމްސުއްނިސާއަށް ގޮވާލަން އަރުޝީ މަސައްކަތް ކުރިއެވެ. އެހެނަސް ”ދައްތަ“ އެލަފުޒު އަރުޝީގެ ދުލުން ބޭރުނުކުރެވުނީ ކީއްވެގެން ކަމެއް އަރުޝީއަކަށް ނޭންގުނެވެ. ހަމަޖެހިލާފައި، ސަމްސުއްނިސާގެ ކައިރިއަށް ދިއުމަށް އަރުޝީ ހިނގައިގަތެވެ. މަޑުމަޑުން ކައިރިއަށް ގޮސް، ސަމްސުއްނިސާގެ ކޮނޑުގައި މަޑުމައިތިރި ކަމާއިއެކު އަތްއަޅާލިއެވެ. ކޮނޑުގައިއަތްލަން ނުކެރިފައި ހުރިކަހަލަ ގޮތަކަށެވެ. ”ކިހިނެއްވެފަ ތީނީ؟ އަހަރެން އޭރުގަ އެހެން ބުނީމަ ހިތްހަމަ ނުޖެހުނީތަ؟“ އަރުޝީގެ އަޑުގައި ހުރީ ނުތަނަވަސްކަމެވެ. ވާހަކަދައްކަން ނުކެރި ހުރެގެން ވާހަކަ ދެއްކި ކަހަލަ ކުލަވަރެއް ހުރިކަން ޚުދު ސަމްސުއްނިސާއަށްވެސް ފާހަގަ ކުރެވުނެވެ. ”ނޫނޭ. މާބޮޑުކަމެއް ނުވޭ. އަރުޝީ އެހެން ބުނެގެން ދައްތަ ހިތަހަމަ ނުޖެހިފަ އިންކަމަށް ހީނުކުރައްޗޭ. ދައްތައަށްވެސް އެނގޭ އަރުޝީ އޭރުގަ އިނީ ކޮންމެސް

ކަމަކާ ކަންބޮޑުވެފަކަން. އެކަހަލަ ދަނޑިވަޅެއްގަ އަހަރެންވެސް ޖެހޭނީ ވިސްނާފަތާ ވާހަކަ ދައްކަން ދޯ. އަރުޝީއާ ދޭތެރޭ އެއްވެސް ހިތްބުރަ ކަމެއް ދައްތަގެ ނެތް. އެއްގޮތަކަށްވެސް އެހެން ހީނުކުރައްޗޭ.“ ސަމްސުއްނިސާގެ ވާހަކައިން އަރުޝީއަށް ކޮންމެވެސް ވަރެއްގެ ހިތްހަމަ ޖެހުމެއް ލިބުނެވެ. އެހެނަސް ސަމްސުއްނިސާ އެބުނި އެއްޗެއް އެންމެ ރަނގަޅަށް ޤަބޫލުކުރަން އަރުޝީއަށް ދަތިވިއެވެ. އެހެނީ އެވަރުގެ ކަމެއް ވެގެން ދިޔުމުން އެއްވެސް އެއްޗެއް ހިތަށް ނާރާނެކަމަށް ޤަބޫލުކުރަން އަރުޝީއަށް އުނދަގޫވީތީއެވެ. ”އެހެންވިޔަސް އަހަރެން ބޭނުން މަޢާފަށް އެދެން. އަސްލުގަ ކިތަންމެ ހިތްހަމަ ނުޖެހިފަ ހުއްޓަސް އަހަރެންވެސް ބަލައިލަން ވާނެތާ އަހަރެންގެ ކުރިމަތީގަ ހުރީ ކާކުކަން. އަދި ކޮން އުމުރެއްގެ މީހެއްކަންވެސް ދޯ.“ އަރުޝީ އެހެން ބުނުމުން ސަމްސުއްނިސާ ކޮންމެވެސް ވަރަކަށް ފެންކަޅިވާގޮތް ވިއެވެ. އަދި މަޑުމަޑުން ކޮޅަށް ތެދުވެގެން އައިސް އަރުޝީގެ ކައިރިއަށް ހުއްޓިލިއެވެ. ”ނޫނޭ ނަފީސާ ކުޅަދާނަ. ނަފީސާ އަރުޝީއަށް ދީފަ ތިހުރީ ހާދަ ފުރިހަމަ ތަރުބިއްޔަތެކޭ. އަހަރެން، އަހަރެންގެ ރަޙުމަތްތެރިޔާއާމެދު ފަޚުރުވެރިވަން. އަދި މުޅި އުމުރަށްވެސް ޝުކުރުވެރިވާނަން.“ މަޑުމައިތިރި ގޮތަކަށް އަރުޝީގެ ދެކޮނޑުގައި އަތްބާއްވަލަމުން ސަމްސުއްނިސާ ބުނެލިއެވެ. އަރުޝީއަށް ބޭއިޚްތިޔާރުގައި ފަހަތަށް ޖެހިލެވުނެވެ. ހިތްނުތަނަވަސް ވެފައިވާ ކަހަލަ ގޮތަކަށެވެ. ސަމްސުއްނިސާ އަރުޝީގެ ގައިގާ އަތްޖައްސާލުން މިއަދަކު އޭނާއަކަށް ކަމަކު ނުދިޔައެވެ. ސަމްސުއްނިސާއަށް އެކަން ފާހަގަވެސް ވިއެވެ. އެހެންނަމަވެސް އެކަމާ ސުވާލުކުރާކަށް ސަމްސުއްނިސާ ބޭނުމެއް ނުވިއެވެ. އެހެނީ ސުވާލުތަކެއް ކޮށްގެން އިތުރު ނުތަނަވަސްކަމެއްގެ ތެރެއަށް ޙާލަތު ގެންދަން ސަމްސުއްނިސާވެސް ބޭނުމެއް ނުވިއެވެ. އެހެންނަމަވެސް ކޮޓަރިތެރޭގައި ހިނގާދިޔަ ކަންތަކުގެ ފަހުން އަރުޝީއަށް ކޮންމެވެސް ވަރެއްގެ ބަދަލެއް އައިސްފައިވާކަން ސަމްސުއްނިސާ ފާހަގަ ކުރިއެވެ. އެހެނީ އޭގެފަހުން އަރުޝީ، ސަމްސުއްނިސާއާއި މުޚާތަބު ކުރުމުގައި ”ދައްތަ“ މި ލަފުޒު ބޭނުން ނުކުރާކަން އެވީ ކުޑަ ވަޤުތުކޮޅުގެ ތެރެއިންވެސް ސަމްސުއްނިސާއަށް ފާހަގަ ވެއްޖެއެވެ. ކޮންމެއަކަސް އަރުޝީ ފަހަތަށް ޖެހިލުމާއިއެކު، އޭނާގެ މަންމައަށް ސަމްސުއްނިސާގެ ފަރާތުން ލިބުނު ތަޢުރީފަށް އަރުޝީ ޝުކުރު އަދާކުރިއެވެ. އަދި އޭނާގެ މަންމަ، ނަފީސާއަކީ މައިވަންތަ ކަމުގެ ފުރިހަމަ ނަމޫނާއެއް ކަމުގައިވެސް ސަމްސުއްނިސާއަށް އަންގައިދޭން ބޭނުންވެފައި ހުރި ކަހަލައެވެ. ސަމްސުއްނިސާގެ ވާހަކައަށް އަރުޝީ ޖަވާބުދިންއިރު، އޭނާއަށް ފާހަގަވި ޚާއްޞަ ނުކުތާއަށް އަރުޝީ އަލި އަޅުވާލިއެވެ. ”އަހަރެންގެ މަންމަ އަހަރެންނަށް ދިން ތަރުބިއްޔަތުގެ ފުރިހަމަ ކަމަށްޓަކާ އިތުރު މީހަކު އެކަމާ އަހަރެންގެ މަންމައަށް ޝުކުރުވެރިވާންވީ ކީއްވެ؟“ ސަމްސުއްނިސާގެ ދުލުން ޙަޤީޤަތް ހާމަކުރުވަން އަރުޝީ ބޭނުންވެފައި ހުރިކަހަލައެވެ. އެހެނަސް އަރުޝީއަށް ސަމްސުއްނިސާގެ މޫނުމަތިން ފެނުނީ ހިތްނުތަވަސް ކަމުގެ ކުލަވަރެކެވެ. ދޭނެ ޖަވާބެއް ނޭންގިގެން އުޅުނު ކަހަލައެވެ. އަރުޝީއަށް އިތުރު އެއްޗެކޭ ނުބުނެވި އުޅެނިކޮށް ކުއްލިއަކަށް އޭނާގެ އަތުގައި އޮތް މޯބައިލް ފޯނު ރިންގްވާން ފެށިއެވެ. ގުޅަނީ ކާކުތޯ ބަލައިލުމަށް އަރުޝީ ފޯނު އަތްމައްޗަށް ހިއްލައިލިއެވެ. އެގުޅަނީ ސާމިރުއެވެ.

އަރުޝީ ފޯނަށް ޖަވާބުދިނިމުގެ ގޮތުން ސަމްސުއްނިސާއާއި ތަންކޮޅެއް ދުރަށް ޖެހިލިއެވެ. ”އައްސަލާމު ޢަލައިކުމް.“ ”ވަޢަލައިކުމް ސަލާމް. އާޗާ. ހާދަ ރަނގަޅޭ ދޯ. އެހާ ގިނަދުވަސް ވަންދެން ރާއްޖެއިން ބޭރުގަ ހުރެފަ އައި އިރުވެސް އަހަރުމެން މުސްލިމުންގެ ރީތި އާދަ ހަރުލާފަ އެބަހުރި ދޯ.“ ތަޢުރީފުކުރާ ކަހަލަ ގޮތަކަށް ސާމިރު ބުނެލިއެވެ. ”ދުނިޔޭގެ ކޮންމެތާކު ހުއްޓަސް މުސްލިމަކު ވާނީ މުސްލިމަކަށް. ދިވެއްސަކު ވާނީ ދިވެއްސަކަށް.“ ހީނލާފައި އަރުޝީ ޖަވާބު ދިނެވެ. ”ދެން ބުނެބަލަ، ކަމަކުތަ ތިގުޅީ؟“ ”އާން ވަރަށް ބޮޑުކަމަކު.“ ސަމާސާ ރާގަކަށް ސާމިރު ބުނެލިއެވެ. ”ދެން ސަމާސާނުކޮށް ރީތިކޮން ބުނެބަލަ.“ ތަންކޮޅެއް ސީރިއަސް ގޮތަކަށް އަރުޝީ ބުނެލިއެވެ. ”އަރުޝީ ހާދަ ހާސްވެފަ ހުރިހެން ހީވޭ. އަނެއްކާ ކަމެއް އުޅެނީތަ؟“ މިފަހަރު ސާމިރުގެ އަޑުގައިވެސް ހުރީ ސީރިއަސް ކަމެވެ. ”ނޫން އެއްވެސް ކަމަކާ ހާހެއް ނުވޭ. ސާމިރުއަކީ އަހަރެންގެ ކައިރީގަ މާގިނައިން ކަންކަމު ކިޔާ މީހެއް ނޫންވިއްޔަ. ދެން އެހެން ހުރެފަ ގުޅާލާފަ ކަމަކުއޭ ބުނީމަ ކުޑަކޮން ސީރިއަސް ވެވުނީ.“ އަރުޝީ އަމިއްލަ ނަފްސު ހަމަ ޖައްސާލަން މަސައްކަތް ކޮށްލަމުން ބުންޏެވެ. ”އަނެއްހެން މާބޮޑު ކަމަކު ނޫން. މަށާއެކީ މިރޭ ޑިނާރއަކަށް ދާން ކެރިދާނެތޯ އަހާލަންވެގެން އަސްލު ގުޅާލީ.“ ސާމިރު ގުޅި އަސްލު މަޤުސަދު ހާމަކުރިއެވެ. ”އާން ކީއްވެ ދާން ނުކެރެންވީ؟ ހަމަ ހޭވައްލާ ތައްޔާރު. އަސްލު މަމިހުންނަނީ ބޭރަށް ނިކުމެލަން ބޭނުންވެސް ވެފަ. ނަސީބެއް ސާމިރު ގުޅިކަން.“ އަރުޝީގެ ވާހަކައިގާ ފޮރުވިފައިވާ ކަންތައްތަކެއް އެބަ އުޅޭކަހަލަ އިހުސާސެއް ސާމިރުއަށް ކުރެވުނެވެ. އެހެންނަމަވެސް އެކަމާ ސުވާލުކުރާކަށް ސާމިރު ގަސްތެއް ނުކުރެއެވެ. އެހެނީ އަރުޝީ އޭނާއާއިއެކު ހިނގައްޖެނަމަ އެކަމާ ސުވާލުކުރުމުގެ ފުރުސަތު ލިބޭނެކަން ސާމިރުއަށް އެނގެއެވެ. ”އެހެންވިއްޔާ އަށްގަޑި ބަޔަށް ރެޑީ ވެގެން ހުންނާތި އިނގޭ، މަ ދާނަން ބަލައި.“ އެގޮތަށް އެއްބަސް ވުމާއިއެކީ، އަރުޝީ ފޯނު ބޭއްވީއެވެ.

އެރޭގެ ޢިޝާ ނަމާދުކޮށް ނިންމާލުމާއިއެކު، ސާމިރުއާއިއެކު ބޭރަށް ދިއުމަށް އަރުޝީ ތައްޔާރުވެލިއެވެ. ގަޑިން އަށްގަޑީބައިވި އިރު އަރުޝީ ހުރީ، ސާމިރުގެ ދަޢުވަތަށް ފުރިހަމައަށް ތައްޔާރުވެގެންނެވެ. ސާމިރު ގުޅާލުމާއިއެކު ބޭރަށް ނިކުމެ ސާމިރުގެ އިންތިޒާރުގައި ގޭގެ ދޮރުކައިރީގައި މަޑުކޮށްލައިގެން ހުރީއެވެ. އެވަޤުތު ގޭތެރެއިން އެނުކުތީ ސަމްސުއްނިސާއެވެ. ”އަރުޝީ ކޮންތާކަށް ދާން ތިދަނީ؟ ދައްތަކައިރީގަ ބުނެލަން ހަނދާން ނެތުނީތަ؟“ ވަރަށް އޯގާތެރިކަމާއިއެކީ ސަމްސުއްނިސާ ސުވާލުކޮށްލިއެވެ. ”އާން ހަނދާން ނެތިގެން ބުނެނުލާ މި ނިކުމެވުނީ. މިދަނީ ސާމިރުއާ އެއްކޮން ތަނަކަށް ދާން. ވާނެ ވަޤުތެއް ބުނާކަށް ނޭންގެ. އެއީ ދާވަކި ތަނެއްވެސް ނޭންގޭތީ.“ ސަމްސުއްނިސާގެ ސުވާލަށް އަރުޝީ ދިނީ ވަރަށް އިހުލާސްތެރި ޖަވާބެކެވެ. ”އާން. ދައްތަ އިންނާނަން އަރުޝީ އަންނަންދެން ނުނިދާ އިނގޭ.“  ސަމްސުއްނިސާގެ ވާހަކައިގާ ހުރީ މައިވަންތަ ކަމުގެ ކުލަވަރު އެކުލެވިފައެވެ. އެހެނަސް އެކަމަށް މާބޮޑު ސަމާލުކަމެއް ދޭކަށް އަރުޝީ ބޭނުންނުވާ ކަހަލައެވެ. އެހެނީ އަރުޝީ އެސުވާލަށް ޖަވާބުދިނީ ތަންކޮޅެއް ނައްސި ވިސްނުމަކާއިއެކުގައެވެ. ”ނޫނޭ. އަހަރެން އަންނަންދެން ނުނިދާ ހުންނާނެ ކަމެއް ނެތް. އަހަރެން އަންނާނީ ކައިގެން. އެހެންވީމަ ރަނގަޅުވާނީ އަހަރެން އަންނަނަދެން މަޑުނުކޮށް ކައިގެން ނިދުން.“ ސަމްސުއްނިސާ ފާޑަކަށް ބަލައިލުމާއިއެކު އެގޮތަށް އެއްބަސް ވިއެވެ. ކޮންމެވެސް ވަރަކަށް ދެރަވާގޮތްވެސް ވިއެވެ. އެހެންނަމަވެސް އެކަން ނުދައްކަންވެސް މަސައްކަތް ކުރިއެވެ. އަދި ސާމިރު އަންނަންދެން އަރުޝީ ކައިރީގައި މަޑުކޮށްލަން ގަސްތުކޮށްގެން ހުރީއެވެ. ކުޑަ އިރުކޮޅެއްގެ ތެރޭގައި، ސާމިރު އޭނާގެ އެއާރބްލޭޑްގައި އައިސް އަރުޝީގެ ގޭކައިރިއަށް މަޑުކޮށްލިއެވެ. މަޑު މުށި ކުލައިގެ ގަމީހަކާއި މަޑު ނޫކުލައިގެ ޖީންސެއް ލައިގެން އިންއިރު ސާމިރުގެ ހައިބަތު އިތުރަށް ފުރިހަމަ ކަމަށް ދައްކައެވެ. ބެގީކޮށްލަން ވިސްނުން ނެތްކަހަލައެވެ. ހިތް ފުރިގެންދާފަދަ މަޑުމަޑު ވަހެއްދުވާ ސެންޓަކުން މުޅި ތަންވަނީ އެއްވަސް ކޮށްލާފައެވެ. ”ތަންކޮޅެއް ލަސްވެއްޖެ ދޯ؟ ސޮރީ އިނގޭ.“ ކޮންމެވެސް ވަރަކަށް ކަރު އެލުވާލާފައި ސާމިރު ބުނެލިއެވެ. ”ނޫނޭ އަދި އެހާ ލަހެއް ނުވޭ. ދެން އެކަމަކު ހިނގާ އަވަހަށް ދާންދޯ.“ އެހެން ބުނުމާއިއެކު ސާމިރުގެ ސައިކަލު ފަހަތަށް އަރުޝީ އެރިއެވެ. އަރުޝީ ހުރީ ވަރަށް އަވަހަށް ދާން ބޭނުންވެފައި ކަހަލަ ގޮތަކަށެވެ. ސާމިރު ސައިކަލު ދުއްވާލުމުގެ ކުރިން  ސަމްސުއްނިސާއާއި މުޚާތަބު ކޮށްލިއެވެ. ”ދައްތަ ކިހިނެއްތަ؟“ ”ދައްތަ ހަމަ ރަނގަޅު އަލްޙަމްދުﷲ.“ ސަމްސުއްނިސާ ވަރަށް އުފަލާއިއެކު ޖަވާބު ދިނެވެ. ”ދަނީ“ އެވަޤުތު ވަރަށް ކުރުގޮތަކަށް އަރުޝީވެސް ދަނީ ކަމަށް ބުނެ ސައިކަލު މަތީގައި ހަމަޖެހިލިއެވެ. ”ދަނީ އިނގޭ ދައްތާ.“ ސާމިރުވެސް ދިއުމަށް އިޒުނަ ހޯދުމުގެ ގޮތުން ކަހަލަ ގޮތަކަށް ބުނެލިއެވެ. ”އާން. ބަލައިގެން ދުއްވާތި އިނގޭ ދަރިފުޅާ.“ ”ލައްބަ.“ މިހެން ބުނުމާއިއެކު ސައިކަލު ދުއްވާލިއެވެ. ދެކުދިން ސައިކަލުގައި ގޮސް މަޑުކޮށްލީ މާފަންނުގައި ހުންނަ ރެސްޓޯރެންޓަކަށެވެ. ސާމިރު ހުރީ މާކުރިން އެތަނުން މޭޒެއް ނަގާފައެވެ. ވަރަށް އޯގާތެރިކަމާއެކީ، އަރުޝީ ކުރިއަށް ދިއުމަށް ތަންދެމުން އޭގެ ފަހަތުން ސާމިރު މަޑުމަޑުން ހިނގާލާފައި ދިޔައެވެ. އަދި އަރުޝީ އިށީނުމަށް ގޮނޑި ދެއްކިއެވެ. ރަނގަޅަށް އިށީންދެ ހަމަ ޖެހިލުމާއިއެކު، ވެއިޓަރަކަށް ގޮވާލިއެވެ. އޭނާ އައުމުން ކާނެ އެއްޗަކަށް އޯޑަރު ދިނުމަށްފަހު ދެމީހުންވެސް ހަމަޖެހިލިއެވެ. ”ހޫން ދެން ބުނެބަލަ. އަހަރެން ގޮވައިގެން މިތަނަށް ތި އައީ ކީއްކުރާށޯ؟“ ވަރަށް ހަމަޖެހިލާފައި އަރުޝީ، ސާމިރުއާއި ސުވާލުކޮށްލިއެވެ. ”އިހަށް އަދި މަޑުކޮށްލަބަލަ. ހަމަޖެހިލައިގެން އެއްޗެއް ކާލައިގެން ބުނާނަމޭ.“ އަރުޝީ ފާޑަކަށް ސާމިރުއާއިދިމާއަށް ބަލައިލިއެވެ. ސުވާލުން ފުރިގެންވާ ނަޒަރަކުންނެވެ. ސާމިރު ކޮންމެވެސް ވަރަކަށް އިސްދަށަށްވެސް ޖަހާލިއެވެ. ދެމީހުންވެސް ގެންދިޔައީ، ވޭތުވެ ދިޔަ އަހަރުތަކުގައި ދިރިއުޅުން ހޭދަކުރި ގޮތާއި، ހިނގާދިޔަ ކަންތައްތަކާއިމެދު ވާހަކަ ދައްކަމުންނެވެ. އިރުކޮޅަކުން ކާތަކެތި އައުމުން ކެއުމަށް އިންސާފުކުރިއެވެ. އެއަށްފަހު އަރުޝީ އަނެއްކާވެސް ސާމިރުއާއި ސުވާލުކުރިއެވެ. ”އާން ދެން ބުނެބަލަ. އަހަރެން އަސްލު ކީއްކުރަންހޭ މިތަނަށް ތިގެނައީ. މަށަށް ހަމަ ޔަޤީންވިއްޔަ ހަމައެކަނި މިތާގެ ކައްކާގެ ކެއުން ރަހަބަލަން ނޫންކަން މިއައީ.“ އެވަޤުތު ސާމިރު އަނެއްކާވެސް ކޮންމެވެސް ވަރަކަށް އިސްދަށަށް ޖަހާލިއެވެ. އަދި ކުޑަކޮން ވިސްނާލުމާއިއެކު، އޭނާގެ ވާހަކަ ކުރިއަށް ގެންދިޔައެވެ. އަރުޝީ އޭނާއާއިއެކު ގެނައި އަސްލު މަޤްޞަދާއި ބެހޭގޮތުން ވާހަކަ ދައްކަން ފެށިއެވެ. ”އަހަރެން އަރުޝީ މިގެނައީ ވަރަށް ބޮޑު ވާހަކައެއް ދައްކަން ވެގެން. އަހަރެންނަށް އެނގޭ މިއީ އަސްލުގަ އެހާ ރަނގަޅު ދަނޑިވަޅެށް ނުވެދާނެކަން. އެކަމަކުވެސް އަރުޝީގެ މިހާރުގެ ޙާލަތަށް ބަލާފަ އަހަރެންގެ ހިތް ބުނީ މިވަޤުތު ވާހަކަ ދައްކާލަން އައުލާކަން ބޮޑުކަމަށް. އަހަރެން ބުނާއެއްޗަކަށް އެއްފަހަރުން އެއްބަސްވުން ކޮންމެހެން އަރުޝީއަކަށް ލާޒިމެއް ނޫން އިނގޭ. އެކަމަކު އަހަރެން މާޔޫސްވާނެ ކަހަލަ ޖަވާބެއް ނުދިނުން އެއީ އަހަރެންގެ ވަރަށްބޮޑު އެދުމެއް.“ އެހާ ހިސާބަށް ބުނެލުމާއިއެކު ސާމިރު ފުން ނޭވާއެއް ލިއެވެ. ”ދެން ތިވާހަކަ އޮޅުންސުވާޔެއްހެން އޮޅުން ހުއްޓާލާފަ، ރަނގަޅަށް ބުނެލަ ބަލަ.“

”އެންމެ ރަނގަޅު. އަހަރެން ބޭނުންވަނީ އަހަރެންގެ ހަޔާތުގެ ބައިވެރިޔަކަށް އަރުޝީ ހަދަން.“ މިހެން ބުނުމާއިއެކު، އަނެއްކާވެސް ސާމިރުއަށް

ލެވުނީ ފުން ނޭވާއެކެވެ. އެތައް ޒަމާނެއް ވަންދެން ހިތުގައި ކަސްތޮޅު އެޅިފައިވާ އުނދަގޫކަމެއް ބޭރުކޮށްލެވުނު ކަހަލަ އިހުސާސެއްވެސް ސާމިރުއަށް ކުރެވުނު ކަހަލައެވެ. އަރުޝީ އިނީ ބުނާނެ އެއްޗެއް ނޭންގިފައެވެ. އަރުޝީގެ މޫނުމަތިން ރޮއުމުގެ ކުލަވަރު ފެންނަން ނެތަސް އޭނާގެ ލޮލުން ހިފެހެއްޓުމެއްނެތި ކަރުނަ ފައިބަން ފެށިއެވެ. ސާމިރު ކަންބޮޑުވާގޮތް ވިއެވެ. ”އަނެއްކާ އަރުޝީ ނުރުހޭ ކަހަލަ އެއްޗެކޭ އަހަރެންނަށް ބުނެވުނީތަ؟“ ”ނޫނޭ އެއްގޮތަކަށްވެސް ތިހެން ހީނުކުރޭ. އަހަރެން މިވިސްނާލީ އަހަރެންގެ ޙާލަތާމެދު. ސާމިރުއަށް ކިޔައިދޭން ބޭނުންވެފަ ހުރި އެތައް ވާހަކަތަކެއް އެބަހުރި. އަހަރެން މި ހިތަށް އެރީ އަހަރެންގެ އަސްލު ޙަޤީޤަތް ސާމިރުއަށް އެނގޭނަމަވެސް ތިވަރުގެ ހުށައެޅުމަށް އަހަރެންގެ ކުރިމަތީގަ ހުށައެޅީސްބާއޭ.“ އަރުޝީގެ ވާހަތަކުން ސާމިރުގެ ހިތުގައި އުފެދުނީ ސުވާލު ތަކެކެވެ. ”އަރުޝީގެ ޙަޔާތުގަ އަހަރެންނަށް ނޭންގޭ ކަމެއް އޮންނާނެ ކަމަކަށް އަހަރެންނަކަށް ޤަބޫލެއް ނުކުރެވޭ. އެކަމަކުވެސް އަރުޝީ ބޭނުންވާނަމަ އަހަރެން މިހުރީ އަރުޝީ ދައްކާ ވާހަކަ އަޑުއަހަން ތައްޔާރަށް. އަޑުއިއްވަން ބޭނުންވާނަމަ އިނގޭ.“ ސާމިރުއަކީ އަބަދުވެސް އަރުޝީއަށް ދިމާވާ ހުރިހާ ކަމެއްގައިވެސް އެންމެ ތުއްތުއިރުއްސުރެވެސް އެންމެ ގާތުގައި ހުރި އެކުވެރިޔާއެވެ. އޭނާގެ ބައްޕަގެ ފަރާތުން ލިބުނު ފުރައްސާރަޔާއި މަންމަގެ އޯގާތެރި ފިރުމުންތައްވެސް އެންމެ ގާތުން ދެކެފައިވަނީ، ސާމިރުއެވެ. ކަންއޮތީ އެހެން ކަމަށް ވާއިރު، އަރުޝީގެ ފަރާތުން އޮޅުން ނުފިލާ ކަމެއް އޮތްކަން އެނގުމަކީ ހަމަ ޙަޤީޤަތުގައިވެސް ސާމިރުއަށް ހައިރާންކަން ލިބުނު ކަމެކެވެ. އެހެނީ އަރުޝީގެ އަޑުގައިވަނީ  ވޭނީ އާހެކެވެ. ހިތުގައި އަނދަމުންދާ ހުޅުގަނޑެއް ނިއްވާލާނެ ފެންފޮދަކަށް ބޭނުންވެފައިވާ އާދޭހެކެވެ. އެފެންފޮދަކީ ސާމިރުކަން އަރުޝީއަށް ޔަޤީނާއި ގާތަށް އެނގެއެވެ. އާނއެކެވެ. ސާމިރު، އަރުޝީ އެކަނިވިޔަކަ ނުދޭނެއެވެ. އެހެނަސް އަރުޝީގެ ޙަޔާތުގެ އަނދިރި ފަރާތް އެނގިއްޖެނަމަވެސް އެކަން އޮންނާނީ އެހެން ބާއެވެ. މިކަހަލަ އެތައް އިހުސާސްތަކަކާއި ސުވާލުތަކެއް އަރުޝީގެ ހިތަށް އަރާ ފައިބަމުން ދިޔައެވެ. އަރުޝީއަށް އިނދެވުނީ އެޚިޔާލުތަކަށް ގެއްލިފައެވެ. ކުއްލިޔަކަށް ސިއްސައިގެން ދިޔައީ، ސާމިރު އޭނާއަށް ގޮވާލި އަޑަށެވެ. ”އަރުޝީ“ ސާމިރު ގޮވާލީ ވަރަށް އޯގާތެރިކަމާއެކީގައެވެ. ”އަހަރެންނަށް ޔަޤީން އަރުޝީގެ ހިތުގައި ވަރަށް ވަރުގަދަ ތޫފާނެއް ހިނގަމުން އެބަދާކަން. އަހަރެންނަށް ބުނެވޭނީ އަރުޝީގެ އެންމެ ގާތުގަ އަހަރެން ހުންނާނަމޭ. އަރުޝީއަށް ކުރިމަތިލާން ޖެހޭ ކޮންމެ ތޫފަނަކާ އަހަރެންވެސް އަރުޝީއާއިއެކީ ކުރިމަތިލާނަން. އެކަމަކު އެފުރުޞަތު އަހަރެންނަށް ދިނުން އޮތީ އަރުޝީގެ އަތްމަތީގަ އިނގޭ.“ އަރުޝީ އިނީ އިސްދަށަށް ޖަހާލައިގެންނެވެ. އޭރުވެސް އަރުޝީގެ ލޮލުން ފައިބަމުންދިޔަ ކަރުނައަކަށް ހުއްޓުމެއް ނާދެއެވެ. ސާމިރު ކަންބޮޑުވާގޮތް ވިއެވެ.

ބިލް ދެއްކުމަށްފަހު، ސާމިރު ނިކުތީ އަރުޝީ ގޮވައިގެން ބޭރަށެވެ. ނިކުމެގެން ދިޔަ ވަޤުތު އަރުޝީގެ އަމިއްލަ ނަފްސު ކޮންޓްރޯލް ކުރުމަށް ވަރަށް ހިތްވަރާއިއެކު މަސައްކަތް ކުރަމުން ގެންދިޔައެވެ. އެހެނީ އޭނާގެ ކަރުނަ އިތުރު އެއްވެސް މީހަކަށް ފެނުމަކީ ބޭނުންވާ ކަމަކަށް ނުވާތީއެވެ. ސާމިރުވެސް އަރުޝީއަށް ވަރަށް ހިތްވަރު ދެމުން ގެންދިޔައެވެ. ރެސްޓޯރެންޓުން ބޭރަށް ނިކުތުމަށްފަހު އެހާ އަވަހަށް ގެއަށްދާން ބޭނުންނުވާ ކަމަށް އަރުޝީ ބުންޏެވެ. ސާމިރު އެގޮތަށް އެއްބަސް ވުމާއިއެކު، އަރުޝީ ގޮވައިގެން ދިޔައީ ސައިކަލު ބުރެއް ޖަހާލާށެވެ. ސިނަމާލެ ބްރިޖު ހުރަސްކޮށް ހުޅުމާލެއަށް އެރިއެވެ. ހުޅުމާލޭ ފޭސް އެކެއްގެ އިރުމަތި ފަރާތު އަތިރިމައްޗާއި ހަމައަށް ދެވުމުން ސައިކަލު ބަހައްޓާފައި އަރުޝީ ގޮވައިގެން އަތިރިމައްޗަށް ފޭބިއެވެ. އދި އެތަނުން ގޮނޑިއެއްގައި އިށީންދެލިއެވެ. ދެމީހުންކުރެ އެކަކުވެސް ދުލުން ބަހެއް ބޭރުނުކޮށް ހަމަހިމޭން ކަންމަތީ ކުޑަ ވަޤުތުކޮޅެއް ހޭދަކޮށްލިއެވެ. އޭރު ގަޑީން އެގާރަގަޑި ބައިވަނީއެވެ. އެވަޤުތު ދެމީހުންގެ މެދުގައިވާ ހަމަހިމޭންކަން ނައްތާލީ ސާމިރުއެވެ. ”މިހާރު އެއޮއް އެގާރަގަޑީ ބައިވީ. އަރުޝީގެ ދައްތަ މިހާރު ހުންނާނީ އަރުޝީ ނުގޮސްގެން ކަނބޮޑުވެފަ. ދެން ހިނގާ ގެއަށް ދާން.“ ސާމިރު ބުނި އެއްޗަކާމެދު އަރުޝީ ހިތްހަމަ ނުޖެހުނުކަން ސާމިރުއަށް އެނގުނެވެ. ”އަހަރެން ބޭނުމެއްނޫން ކޮންމެހެން ތިބުނާ ދައްތައެއް ހިތްހަމަ ޖައްސައިދޭކަށް. އަހަރެން ގެއަށް ދާނީ އަހަރެންނަށް ގެއަށް ދާން ފެނުނީމަ.“ ވަރަށް ފޫހިވެފައި އިންކަހަލަ ގޮތަކަށް އަރުޝީ ބުނެލިއެވެ. ސާމިރުއަށް ލިބުނީ ހައިރާން ކަމެކެވެ. އެހެންނަމަވެސް އަރުޝީ ވަރަށް ބޮޑު ވާހަކައެއް ދައްކަން އުޅޭހެން ހީވުމާއިއެކު، ސާމިރު ކުރަން ބޭނުންވި ސުވާލު ނުކޮށް މަޑުކޮށްލިއެވެ. އެވަޤުތު އަރުޝީގެ ވާހަކަ ކުރިއަށް ގެންދިޔައެވެ. ”ސާމިރުއަށް އެނގޭތަ އެއީ ބޮޑު މަކަރުވެރިއެއް. އަހަރެންގެ މަންމައަށްވެސް ދިނީ ލަނޑު.“ ”މަންމައަށް ލަނޑުދިނީއޭ؟ ދައްތަ ކޮންކަހަލަ ލަނޑެއް މަންމައަށް ދިނީ؟“ އަރުޝީގެ ވާހަކަތައް މިހާރު ސާމިރުއަށް އަރަތަކަށް ވަމުންދާ ކަހަލައެވެ. ”އާން. އަހަރެންނަށްވެސް އޮޅުވާލައިގެން އުޅެނީ.“ މިހެން ބުނުމާއިއެކު އޭނާގެ މަންމަގެ ޑައިރީއިން ވަރަށް ގިނަ ވާހަކަތައް ސާމިރުއަށް އޮޅުން ފިލުވައިދިނެވެ. އެހެންނަމަވެސް އަރުޝީގެ

އަސްލު ޙަޤީޤަތް ސާމިރުއަށް އޮޅުންފިލުވައިދޭނެހާ ހިތްވަރެއް އަރުޝީއަކަށް ނުލިބުނެވެ. ”އަރުޝީ ތި ކިޔައިދިނީ އަރުޝީގެ މަންމަޔާ ބައްޕަ ބައްދަލުވި ގޮތުގެ ވާހަކައެއްނު. ދެން އެތަނުން ދައްތަ އަރުޝީއަށް އޮޅުވާލިކަމަށް ބުނެވޭ ވާހަކައަކީ ކޮބާ؟“ ނަފީސާގެ ޑައިރީއިން އިތުރު އެއްޗެއް އޮޅުންފިލާތޯ ބަލަން ސާމިރު ކެތްމަދުވިއެވެ. އެހެންނަމަވެސް އެހާ ހިސާބަށް ކިޔައިދޭ ވަރުގެ ހިތްވަރެއް އަރުޝީގެ ކިބައިގާ ނެތް ކަހަލައެވެ. ”އަހަރެން ބޭނުން ސާމިރުއަށް އަހަރެންގެ ޙަޔާތާ ގުޅިފަ ހުރި ހުރިހާ ވާހަކަތަކެއްވެސް ކިޔައިދޭން. އަދި އަމުދުން މިރޭ ސާމިރު އަހަރެންނަށް ތި ހުށައެޅި ހުށައެޅުން ޤަބޫލުކުރެވޭނީ އަހަރެންގެ ވާހަކަތައް އަޑުއެހުމަށްފަހު، ސާމިރުއަށް އަހަރެން ބަލައިގަނެވޭނެ ކަމަށް ވާނަމަ.“ ”އަރުޝީގެ ތިވާހަކަތަކުން އަހަރެންގެ ހިތުގައި ހައްތަހާވެސް ތިއުފައްދަނީ ސުވާލުތަކެއް. އެހެންނަމަވެސް އެއިން އެއްވެސް ވާހަކައެއް އަޑުއިވިގެން އަހަރެން ފަހަތަށް ޖެހޭނެކަމަށް އަރުޝީ ހީނުކުރާތި އިނގޭ.“ ވަރަށް ސާބިތުކަމާއިއެކީ ސާމިރު، އަރުޝީއަށް ޔަޤީންކަން ދިނެވެ. ”އެނގިދާނެތާ. ދެން ހިނގާ ގެއަށްދަމާ ދޯ. މިހާރު ހަމަ އަސްލުވެސް ވަރަށް ލަސްވެއްޖެ.“

އަރުޝީ ގެއަށް ދިޔައިރު ސަމްސުއްނިސާ އޮތީ ގޭތެރޭގައި ހުރި ސޯފާގައި ވެއްޓިފައި ކަހަލަ ގޮތަކަށް ނިދިފައެވެ. އޭނާ އޮތީ އަރުޝީ އަންނާނެ ވަޤުތެއްގެ އިންތިޒާރުގައިކަން އަރުޝީއަށް އެނގުނެވެ. ސަމްސުއްނިސާއަށް ގޮވާލަން ހިތަށް އަރާފައި ކޮންމެވެސް ވަރަކަށް ފަހަތަށް ޖެހިލިއެވެ. އެހެންނަމަވެސް އެހެން ބާއްވާފައި އަރުޝީ ނިދަން ދިއުމަކަށްވެސް އަރުޝީ ހިތްހަމައެއް ނުޖެހުނެވެ. އެހެންކަމުން އަނެއްކާވެސް މަޑުމަޑުން ކައިރިއަށް ޖެހިލާފައި ހަމަ އެހާމެ މަޑުމަޑުން ގައިގާ ކޮށްޓާލިއެވެ. ސަމްސުއްނިސާއަށް ސިއްސައިގެން ގޮސް ހޭލެވުނެވެ. ”އަރުޝީ އައީތަ؟“ އެއްވެސް އެއްޗެއް ބޯލަން ބޭނުންތަ؟ ޖޫސްތައްޓެއް ހަދައިދެންތަ؟“ ދެލޯ ރަނގަޅަށް ފޮހެލަމުން ސަމްސުއްނިސާ ވާހަކަދައްކަން ފެށިއެވެ.  ”ނޫން އެއްވެސް އެއްޗެއް ބޭނުމެއް ނޫން. ބުނީމެއްނު ކައިގެންނޭ އަންނާނީ. އަހަރެން މިހުރީ ވަރަށް ބޮޑަށް ނިދިވެސް އައިސް. ބޭނުންވަނީ އަވަހަށް ނިދަން. ދެން ދޭ އަވަހަށް ނިދަން.“ މިހެން ބުނުމާއިއެކު އިތުރު އެއްވެސް ވާހަކައެއް ދައްކަން މަޑުނުކޮށް އަރުޝީ ހިނގައިގަތީ ކޮޓަރިއާއި ދިމާއަށެވެ.

ކޮޓަރިއަށްވަދެ ނިދުމަށް ތައްޔާރުވެލައިގެން އަރުޝީ އެނދުމަތީގައި އިށީންދެލިއެވެ. ސަމްސުއްނިސާ ގާތުގައި ނިދިއަންނަ ކަމަށް ބުންޏަސް ޙަޤީޤަތުގައި އަރުޝީވަނީ ނިދިން މަޙުރޫމުވެފައެވެ. އެހެންކަމުން ޑައިރީކޮބައިތޯ ހޯދާބަލަން ފެށިއެވެ. އަނެއްކާވެސް އެއިން އިތުރު އެއްޗެއް އޮޅުންފިލާތޯ ބަލަން ބޭނުންވެސް ވާތީއެވެ. ނަމަވެސް ޑައިރީ އެނދުމަތީގައި ފެންނަން ނެތުމުން ކޮންމެވެސް ވަރަކަށް ކަންބޮޑުވާ ގޮތްވިއެވެ. އިތުރަށް ބަލަމުން ދަނިކޮށް ޑައިރީ ފެނުނީ އެނދުގެ އަނެއް ފަރާތުގައި ބިންމައްޗަށް ވެއްޓިފައި އޮއްވައެވެ. އަރުޝީގެ ހަނދާނަށް ކުއްލިއަކަށް އައީ މިއަދު ރުޅިގަދަވެގެން ޑައިރީ އެއްލައިލެވުނު މަންޒަރެވެ. މަޑުމަޑުން ޑައިރީ ނަގާ ފޮޅާލުމާއިއެކު، ރަނގަޅަށް ހަމަޖެހިލައިގެން އޮށޯވެލާފައި،  އަނެއްކާވެސް ޑައިރީއިން އެންމެފަހުން ކިޔާ ނިންމާލި ޞަފްޙާއާއި ޖެހިގެން އޮތް ޞަފްޙާ ހުޅުވާލިއެވެ.

  • ނުނިމޭ –

މި ލިޔުމާ ގުޅޭ