ދަތުރުނާމާ (އަށާރަވަނަ ބައި)

ދަތުރުނާމާ (ބާރަވަނަ ބައި)

ޝިޔާމާ އަޙްމަދު (ސިޔައްތަ)
އޯގަސްޓް 30, 2025

އަހަރެންގެ އަތުން ފޯރމު އަތުލުމާއިއެކު، ޢަލީ ފިރާޤު ޖީބުގައި އިން ގަލަން ނަގާ، އެފޯރމުގައި ސޮއި ކޮށްލުމާއިއެކު، އަހަރެންގެ އަތަށް ފޯރމު އަނބުރާ ދިއްކޮށްލިއެވެ. ނިކުންނާނެ ނަތީޖާއަކަށްވެސް ބެލުމެއް ނެތިއެވެ. އަދި އިތުރު އެއްވެސް އެއްޗެއް ނުބުނެ އެތަނުން ނިކުމެގެން ދިޔައީއެވެ. ޢަލީ ފިރާޤު ބޭރަށް ނިކުމެގެން ދިޔަތަން ބަލަހައްޓައިގެން އަހަރެންނަށް ހުރެވުނީއެވެ. ސަމްސުއްނިސާވެސް އޮތީ ބުނާނެ އެއްޗެއް ނޭންގިފައެވެ. އަހަރުމެން ދެމީހުންނަށްވެސް ބަލައިލެވުނީ، އެކަކު އަނެކަކާއި ދިމާއަށެވެ. ސަމްސުއްނިސާއަށް ބާރަށް ރޮއެގަނެވުނެވެ. އެއްވެސް އިޚުތިޔާރަކާއި ނުލައެވެ. ވާނީވެސް އެހެންތާއެވެ. އެވަޤުތު ވޯރޑުގައި ތިބި އެންމެން ކަހަލަ ގޮތަކަށް އަހަރުމެންނާއި ދިމާއަށް ބަލަން ފެށިއެވެ. އަހަރެންނަށް ހަދާނެގޮތް ހުސްވި  ކަހަލައެވެ. ދުރުގައި ބަލަން ތިބި ދެތިން މީހަކު އަހަރުމެންގެ ކައިރިޔަށް އައެވެ. ވީގޮތް އޮޅުން ފިލުވުމުގެ ބޭނުމުގައެވެ. އެހެނީ އެމީހުން ގެންދިޔައީ އަހަރެމެންނާއި އެތައް ސުވާލުތަކެއް ކުރަމުންނެވެ. އެވަޤުތު އެތަނުން ނިކުމެގެން އެދިޔައީ ސަމްސުއްނިސާގެ ފިރިމީހާތޯވެސް ބައެއް މީހުން އަހަމުން ގެންދިޔައެވެ. އޭނާ އެހެން ކަންތައް އެކުރީ، ސަމްސުއްނިސާ ވަރިކޮށްފައި އިނީމާތޯވެސް ބައެއް މީހުން ބަލަން ބޭނުންވި ކަހަލައެވެ. އެހެނަސް އެސުވާލުތަކަށް ދޭނެ ޖަވާބެއް އަހަރެންގެ އަތަކު ނެތެވެ. ސަމްސުއްނިސާގެ ދުލަކުންވެސް ބަހެއް ބޭރެއް ނުކުރެވުނެވެ. އެވަޤުތު އަހަރެންނަށް ހަދަން ޖެހުނީ ކަނޑައެޅިގެން ދޮގެކެވެ. އެއީ އަހަރެން ކުރަން ބޭނުން ކަމެއްވެސް ނޫނެވެ. ޠަބީޢަތުގައި ހަރުލާފައި ހުންނަ އާދައަކަށް ނުވާތީ ކަމަށްވެސް ވެދާނެއެވެ. އެހެނަސް ކުރާނެ ކަމެއް ނެތެވެ. މިއަދު މިއޮތީ އެކަންވެސް ކުރަން ޖެހިފައެވެ. ކޮންމެ ގޮތެއްވިޔަސް ނުދަންނަ ބައެއްގެ ކުރިމަތީގައި ސަމްސުއްނިސާ ބޭޒާރުކޮށްލާކަށްވެސް އަހަރެންގެ ހިތެއް ނުރުހުނެވެ. ސަމަސުއްނިސާ އެއުޅެނީ ވަރަށް ބޮޑަށް ބަނޑުގައި ރިއްސާތީ ކަމަށް އަހަރެން ބުނީމެވެ. އަދި އެތަނުން އެދިޔައީ ކުއްޖާގެ ބައްޕަ ކަމަށްވެސް އަހަރެން އެމީހުންނަށް ބުނެދިނީމެވެ. އެހެންނަމަވެސް އަހަރެން ބުނި އެއްޗެއް ޤަބޫލުކުރާނީ ކުރާނެ މީހަކުތާއެވެ. އެގޮތުން އެއްބަޔަކަށް އަހަރެން ބުނި އެއްޗެއް ޤަބޫލުކުރެވުނުއިރު، އަނެއް ބަޔަކު ތިބީ، ސުވާލުން ފުރިގެންވާ ނަޒަރަކުން ބަލަހައްޓައިގެންނެވެ.

ކޮންމެއަކަސް ނުދަންނަ އެތައް ބައެއްގެ ސުވާލުތަކަށް ޖަވާބުދޭން އަހަރެންނަށް މިއޮތީ މަޖުބޫރު ވެފައެވެ. އެހެންނަމަވެސް އަހަރެން ހިތާއި ސިކުނޑީގައި އެއަށްވުރެ ވަރުގަދަ ފިކުރެއް ދައުރުވަމުން ދިޔައެވެ. އަހަރެން ބޭނުންވީ ވީ އެންމެ އަވަހަކަށް ޢަލީ ފިރާޤާއި ބައްދަލު ކުރާށެވެ. އަހަރެންގެ ހިތުގައި އެތައް ދުވަހެއް ވަންދެން ދައުރުވަމުންދާ އެތައް ސުވާލު ތަކެއްގެ ޖަވާބު ހޯދަން ބޭނުންވީތީއެވެ. ޢަލީ ފިރާޤުގެ ވިސްނުމުގައި އޮތީ ކޮންކަމެއްތޯ ބަލަން ބޭނުންވިއެވެ. ޖާއިޒު ނޫން ކަމުގައި ވީނަމަވެސް އެއީ ޢަލީ ފިރާޤުގެ ދަރިއެއްތާއެވެ. އެދަރިފުޅުގެ މައްޗަށް ކުޑަވެސް ކުލުނެއް ނެތީބާއެވެ؟ ދެންވެސް ރުޅި މައިތިރި ކޮށްފާ، އެދަރިފުޅަށްޓަކާ ނަމަވެސް ސަމްސުއްނިސާއާއިއެކު ޒަވާޖީ ޙަޔާތެއް ފަށާކަށް ނުވިސްނާނެ ބާއެވެ؟ ޢަލީ ފިރާޤު އަދިވެސް އެހުންނަނީ އޭނާގެ ގޮތުގައި ބާއެވެ؟ މިފަދަ އެތައް ސުވާލެއް އަހަރެންގެ ހިތުގައި އުފެދިފައި އޮތެވެ. ވާހަކަ ދައްކައިގެން ކަންކަން ހައްލުވޭތޯ ބަލަންވެސް އަހަރެން ބޭނުންވިއެވެ. އެތުއްތު މަޢުސޫމު ކުއްޖާގެ ޙައްޤުގައެވެ. އަހަރެންނަށް ބޭއިޚްތިޔާރުގައި ބޭރަށް ނިކުންނަން ހިނގައިގަނެވުނެވެ. ސަމްސުއްނިސާވެސް އަހަރެން ދަނީ ކޮންތާކަށްތޯ ސުވާލެއްވެސް ކޮށްނުލިއެވެ. އެހެނީ އަހަރެންގެ ހިތުގައި އޮތީ ކޮންއެއްޗެއްކަން އޭނާއަށް އެނގުނު ކަހަލައެވެ. އަހަރެން އެދިޔަ ބާރުމިނުގައި ގޮސް ހޮސްޕިޓަލުގެ ބޭރުދޮރާއި ހަމަވިއިރު، ޢަލީ ފިރާޤު އޭނާގެ ސައިކަލަށް އަރަން ތައްޔާރުވަނީއެވެ. އަހަރެންގެ އަޑަށް ލެވުނުހާ ބާރެއްލާފައި ގޮވާލީމެވެ. ވަށައިގެން ތިބި ބަޔަކަށްވެސް ބެލުމެއް ނެތިއެވެ. އެއީ ފުރަމާލޭގެ ބޮޑުސިންގާ މަގެއްކަންވެސް ބެލުމެއް ނެތިއެވެ. ޢަލީ ފިރާޤު، އޭނާގެ ސައިކަލު މަޑިމަތިން ހުރަސްކޮށްލަން ތައްޔާރުކޮށްލި ފައި، މަޑުމަޑުން އަނބުރާ ބިންމަތީގައި ބަހައްޓާލިއެވެ. އަދި ސައިކަލުގެ ތަޅުދަނޑި އަތަށް ނަގާފައި އަހަރެންނާއި ދިމާއަށް ހިނގައިގަތެވެ. އޭނާ އަހަރެންނާއި އަރާ ހަމަވަންދެން މަޑުކުރާކަށް އަހަރެން ބޭނުންނުވި ކަހަލައެވެ. އެހެނީ ގައިގާ ހުރި ބާރެއްލާފައި އަހަރެން އެދިމާއަށް ދުއްވައިގަތީމެވެ. މަގު ހުރަސްކޮށްލި ވަޤުތު ކާރެއްގެ ކުރިމައްޗަށްވެސް އެރުނެވެ. ކާރު ބުރަކި ޖެއްސިކަން އެއީ އަހަރެންގެ ނަސީބެވެ. ޢަލީ ފިރާޤު ދުވެފައި ކަހަލަގޮތަކަށް އައިސް އަހަރެންގެ އަތުގައި ހިފަހައްޓާލިއެވެ. އަދި ބަލައިގެން އުޅުމަށް ބުނެ އަހަރެންނާއި ދިމާއަށް ހަޅޭއްލަވައިގަތެވެ. އަހަރެންނަށް ވެފައި ހުރިގޮތެއް ޚުދު އަހަރެންނަކަށްވެސް ބުނެދޭކަށް ނޭންގުނެވެ. އަހަރެން ބެލީ އަވަހަށް ޢަލީ ފިރާޤުގެ އަތް ފޮޅުވާލެވެތޯއެވެ. ޢަލީ ފިރާޤު ވަށައިގެން މަގުމައްޗަށްވެސް ބަލައިލިއެވެ. އެއަށްފަހު މަޑުމައިތިރި ކަމާއިއެކީ އަހަރެން ރަނގަޅުތޯ ސުވާލުވެސް ކޮށްލިއެވެ. އޭނާގެ އެސުވާލަށް ޖަވާބުދިނުން އެއީ އެހާ މުހިންމު ކަމެއް ކަމަކަށް އަހަރެންނެއް ނުދެކެމެވެ. އެއަށްވުރެ މާބޮޑަށް

އަހަރެން ބޮލަށް ހުރީ ރުޅި ސަވާރުވެފައެވެ. އަހަރެންނަށް ހިފާލެވުނީ ޢަލީ ފިރާޤުގެ އަތު މުލައްދަނޑީގައެވެ. އަދި ދަމާފައި ގެންގޮސް މަގުގެ އެއްފަރާތަކަށް ޖެއްސީމެވެ. އަހަރެންނާއިއެކު ނުދާކަށް ދެކޮޅެއްވެސް ނުހަދައެވެ. ”ހާދަ ރުޅިގަދަވެފައޭ ނަފިސާ ތިހުރީ.“ ވަރަށް ހަމަޖެހިލާ ކަމަށް ހަދާފައި އަހަރެންނާއި ސުވާލު ކޮށްލިއެވެ. އަހަރެން އައިސްހުރި ރުޅި އިހުސާސް ކުރެވުނީ އެހާ ހިސާބުންނެވެ. ކޮންމެވެސް ވަރަކަށް ހަމަޖެހިލަން މަސައްކަތް ކޮށްލުމާއިއެކު، އަހަރެން ވާހަކަ ދައްކަން ފެށީމެވެ. ”އަލީ ފިރާޤު ތިއުޅެނީ ކީކޭ ހިތަށް އަރައިގެންތަ. ކާކުގެ ކިބައިން ކޮން ބަދަލެއް ހިފާނަމޭ ހިތާތަ ތިއުޅެނީ؟“ އެއްވެސް އިޚްތިޔާރަކާއި ނުލާ އަހަރެންގެ ލޮލުން ފެން އަންނަން ފެށިއެވެ. ބާރަށް ރޮއެގަންނަން ބޭނުންވި ކަހަލައެވެ. އަހަރެންނަށް މިވަނީ ކީއްކަން ޚުދު އަހަރެންނަށްވެސް ބުނެދޭކަށް ނެންގުނެވެ. އެއީ ރުޅި ކަމެއް، ނުވަތަ ސަމްސުއްނިސާއާއި އޭނަގެ ދަރިފުޅަށްޓަކާ އަހަރެންގެ ހިތުގައި އުފެދިފައި އޮތް ހަމްދަރުދީ ކަމެއް އަހަރެންނަކަށް ނޭންގުނެވެ. އެނގޭހާވެސް އެއްޗަކީ އަހަރެން ހުރީ އަހަރެންގެ އަމިއްލަ ނަފްސު ކޮންޓްރޯލު ކުރެވޭ ހިސާބުގައި ނޫންކަމެވެ. ”ނަފީސާ ނިކަން ހަމަޖެހިބަލަ. އަދި ނިކަން ރަނގަޅަށް ހަނދާން ކޮށްބަލަ. ނަފީސާމެން މާލެއަށް އައުމުގެ ކުރިން އަހަރެންނާ ވާހަކަތަކެއް ދެއްކި ހަނދާނެއް ވޭތަ؟ އަހަރެނަށް ނަފީސާ ވެފައޮތް ވަޢުދު އަދި އަހަރެން ނަފީސާއަށް ވީ ވަޢުދު ހަނދާން އެބަހުރިތަ؟“ ޢަލީ ފިރާޤުގެ އެސުވާލުތަކުން އަހަރެންގެ ހިތުގައި އުފެދުނީ ސުވާލު ތަކެކެވެ. އެހެނީ އެކަހަލަ އެއްވެސް އެއްޗެއް އަހަރެން ހަމަ އެއްގޮތަކަށްވެސް ހަނދާނެއް ނެތެވެ. ވޭތުވެދިޔަ ދުވަސްތަކުގައި އުޅެން ޖެހުނު ގޮތުން ކަމަށްވެސް ވެދާނެއެވެ. ނޫނީ ސަމްސުއްނިސާގެ ޙާލަތާއި އޭނާގެ ރުއިން، އަހަރެންގެ ހިތާއި ސިކުނޑިގައި މާބޮޑަށް ހަރުލާފައި ހުރީ ކަމަށްވެސް ވެދާނެއެވެ. އަހަރެންނަށް ހުރެވުނީ ޢަލީ ފިރާޤުއާއި ދިމާއަށް ސުވާލުން ފުރިގެންވާ ނަޒަރަކުން ބަލަހައްޓައިގެންނެވެ. އެވަޤުތު ފާޑަކަށް ހީނލާފައި ޢަލީ ފިރާޤު ބުނެލިއެވެ. ”އެހާ އަވަހަށް ހަނދާން ނެތުނީތަ؟ އެންމެ ރަނގަޅު. އަހަރެން މިއަދު މިފުއްދީ އަހަރެން ނަފީސާއަށް ވެފައޮތް ވަޢުދު. ދެން އޮތީ ނަފީސާގެ ވަޢުދު ނަފީސާ ފުއްދުން.“ އަހަރެންގެ މޭގަނޑު އަނގަޔަށް އައި ކަހަލައެވެ. އަހަރެމެން މާލެއަށް އައުމުގެ ކުރިން ދެމީހުންގެ މެދުގައި އެއްބަސްވުމެއް ވެވުނުކަން ހަނދާން މިވީ އަދި ކިރިޔާއެވެ. މިއޮއްހުރިހާ ދުވަހު އެކަމާމެދު އަހަރެން ވިސްނީމެވެ. އެހެންނަމަވެސް ސަމްސުއްނިސާ ވިހެމާއިއެކު، އަހަރެންނަށް ވިސްނެމުން އައީ ހަމަ އެންމެ ކަމަކާއި މެދުގައެވެ. ކުށެއްނެތް މަޢުސޫމު ކުއްޖަކަށް އޭނާގެ ހައްޤުތައް ހޯދައިދިނުމަށެވެ. ”ނަފީސާ؟“ އަހަރެން ދިޔައީ ސިއްސައިގެންނެވެ. އާނއެކެވެ. އަހަރެންނަށް ޢަލީ ފިރާޤުއަށް ވަޢުދު ވެވުނެވެ. އެހެންނަމަވެސް އެއީ އެހެން މީހެއްގެ ޙައްޤުގައެވެ. އަހަރެންނަށް މޮޅު ގޮތްތަކެއް ހޯދާކަށް ނޫނެވެ. އެހެންނަމަވެސް ވަޢުދެއް ވިއްޔާ ވާނީ ވީކަމަށްތާއެވެ. ”އާން. ހަނދާން ވެއްޖެ. އެކަމަކު މިހާރުގެ ޙާލަތު ތަފާތުކަން ޢަލީ ފިރާޤަށްވެސް އެނގޭނު. އަހަރެން މިހެން މިބުނީ ކޮންމެހެން ވަޢުދާ ޚިލާފުވެގެންނެއް ނޫން އިނގޭ.“ އަހަރެންނަށް ކިޔޭ ނުކިޔޭ އެއްޗެއްވެސް ނޭންގޭ ހާލުގައި ހުރެ ޖަވާބު ދިނީމެވެ. ”ބަލަ އޭރުގަވެސް މިއަދު މިޙާލަތަށް އަންނާނެކަން ނަފީސާއަށް އެނގެން ވާނެއެއްނު. ކަން ދިމާވެފަ އޮތްގޮތުންތާ މިހުރިހާ ވާހަކަތަކެއް އޭރުވެސް އަދި މިހާރުވެސް މިދައްކަނީ. ދެން އެހެން ނޫނަސް އަހަރެން އޭރުވެސް ބުނިންތާ އަހަރެން ބޭނުންވަނީ ނަފީސާޔާ ގުޅޭށޭ. އަހަރެން ވަޢުދުވީގޮތަށް އެއޮތީ ފޯރމުގަ ސޮއެކޮށްފަ. ދެން ތިއޮތީ ނަފީސާއަށް ޖެހިފަ. ވިސްނާނެ ގޮތަކަށް ވިސްނާ. އެކުއްޖާ ގޮވައިގެން އަޔަސް އަހަރެންގެ މައްސަލައެއް ނެތް. އެއީ އަހަރެންގެ ޒިންމާއެއްކަން އަހަރެން ޤަބޫލުކުރަން.“ އަހަރެންނަށް ހިތްހަމަ ޖެހުމުގެ ނޭވާއެއް ލެވުނެވެ. ކީއްވެގެން ކަމެއް ނޭންގުނެވެ. އެހެންނަމަވެސް އަނބުރާ ގޮސް ސަމްސުއްނިސާއަށް ދޭނީ ކޮން ޖަވާބެއް ކަމެއް އަހަރެންނަކަށް ނޭންގުނެވެ. ”އަހަރެން ތިކަމާ ވިސްނާފަ ޖަވާބެއް ދޭނަން. ސަމްސުއްނިސާއަށްވެސް މިހާރު އޮތީ ޢަލީ ފިރާޤުގެ ވިސްނުން ހުރިގޮތް ކޮންމެސް ވަރަކަށް އެނގިފަ.“ ”އަހަރެން ބޭނުންވަނީ ސަމްސުއްނިސާއަށް ހުރިހާ އެއްޗެއްވެސް ހަމަ އެންމެ ރަނގަޅަށް އެނގެން. ނަފީސާ ހުރިހާ ވާހަކަތަކެއް ކިޔައިދީ.“ ޢަލީ ފިރާޤު ވާހަކަ ދައްކަންމުން ގެންދިޔައީ އަމިއްލަ ނަފްސާމެދު ޔަޤީންކަން އޮވެގެންކަން ވަރަށް ރަނގަޅަށް އަހަރެންނަށް އެނގުނެވެ. އެހެނީ އެވަރުގެ ކަމަކާއި ކުރިމަތިލާން އެއްވެސް ޖެހިލުމެއް ނެތްކަން އޭނާގެ ޙަރަކާތުން ދައްކަމުން ގެންދިޔައެވެ. އޭގެ އިރުކޮޅެއް ކުރިން ޢަލީ ފިރާޤު ސޮއިކުރި ފޯރމަކީ، އޭނާގެ މުޅި ދިރިއުޅުމުގެ މިސްރާބު މުޅިން އެހެން ދިމާއަކަށް ބަދަލުކޮށްލާނެ އެއްޗެއްކަން ރަނގަޅަށް ދެނެހުރެ މެއެވެ. ”ޢަލީ ފިރާޤު ތިހާ ހަމަޖެހިގެން ހުރެ ތިހުރިހާ ވާހަކަތަކެއް ތި ދައްކަނީ ކުރިޔަށް އޮތްތަނުގައި އަމިއްލަ ޤަދަރާ އިޙުތިރާމް ގެއްލިގެން ދާނެކަން ރަނގަޅަށް އެނގިހުރެގެންތަ؟ ނޫނީ އެކަންވެސް އެހާ އަވަހަށް ހަނދާން ނެތުނީތަ؟ ދެންމެގަ ތި އައީ ތިމަންނަގެ ދަންމަޅި ރަނގަޅަށް ކަރަށް ހެޔޮވަރު ކޮށްލާފައެއްނު.“ އަހަރެންގެ ވާހަކައަށް ޢަލީ ފިރާޤު ޖަވާބުދިނީ ފިސާރި ސާބިތުކަންމަތީ ހުރެގެންނެވެ. ”އަހަރެންނަށް އެނގޭ އަހަރެން ކުރީ ކިހާ ވަރެއްގެ ކަމެއްކަން. ކޮންމެ ގޮތެއްވިޔަސް ނޭންގުމުގެ ތެރެއިން ވިޔަސް އަހަރެންނަށްވެސް އޮތީ ތަޢުބާވާން ޖެހޭނެ ބޮޑު ފާފައެއް ކުރެވިފަ.

އަހަރެންނަކީވެސް ކޮންމެސް ދުވަހަކުން ﷲ ގެ ޙަޟްރަތަށް ދާން ޖެހޭނެ މީހެއް. އެހެންވީމަ އަހަރެން ބޭނުންވަނީ ވިހާވެސް އަވަހަކަށް މިކަމުން ސަލާމަތްވާން. އަހަރެންނަށް ލިބެން އޮތް އުގޫބާތެއް ވިއްޔާ ލިބިގެންވެސް އަހަރެންގެ ރައްކާތެރިކަން ކަށަވަރުކުރަން އަހަރެން ބޭނުން. މިކަމުގަ ދުނިޔޭގެ ލަދަށް ބަލައިގެން ވާކަށް ނެތް. އެހެންވީމަ އަހަރެން އެހެން ކަންތައް ކުރީ. ދެން އަނެއްކޮޅުން އަހަރެން ބުނެފިންތާ އެކުއްޖާއަށް ބޭނުންވާ ޙައްޤު އަހަރެން ހޯދައިދޭނަމޭ. އާން އަހަރެންވެސް ޤަބޫލުކުރަން ޝަރުޢީ ގޮތުން އެކުއްޖާއަށް އަހަރެންގެ ނަންދިނުމުގެ ޙައްޤެއް ނޯންނާނެކަން.“ އަހަރެންގެ ހިތުގައި މީގެ ކުރިން ޢަލީ ފިރާޤުއަށްޓަކާ އޮތް ޤަދަރާއި އިޙުތިރާމު އާލާވެގެން ދިޔައެވެ. އަދި އަހަރެން އޭނާއަށް ވެފައިވާ ވަޢުދު ފުއްދުމަށް ފަސްނުޖެހުމަށް އަހަރެންގެ ހިތް ބުނަމުން ގެންދިޔައެވެ. އެހެނީ  ސަމްސުއްނިސާވެސް ބުނިގޮތުގައި، އޭނާވެސް ބޭނުންވަނީ އެގޮތް ކަމަށް ވީތީއެވެ.

އެހުރިހާ ވާހަކައެއް ދެއްކުމަށްފަހު، ޢަލީ ފިރާޤު ދިޔައީ އަނާގެ ގެއަށެވެ. އަދި އަހަރެންނާއި ކައިވެނި ކުރަން ބޭނުންވާ ވާހަކަ އޭނާގެ މަންމަ ގާތުގައި ބުނާނަން ކަމަށްވެސް ބުނުމާއި އެކުގައެވެ. އަހަރެން އަވަސްވެގަތީ، އަނބުރާ ސަމްސުއްނިސާ ކައިރިއަށް ދިޔުމަށެވެ. އޭނާވެސް  އޮންނާނީ ވާނުވާ ނޭންގިގެން ކަންބޮޑުވެފައިކަން އަހަރެންނަށް އެނގޭތީއެވެ. އަހަރެން އެތަނުން ދިޔައިރު ބައެއް މީހުންގެ ސުވާލުތަކުގެ ޝިކާރައަކަށްވެސް ސަމްސުއްނިސާ ވެފައި އޮތަތީއެވެ. އަދި އަހަރެންނާއި އެތައް ސުވާލެއް ކުރަން ބޭނުންވާނެކަން އަހަރެންނަށް އެނގޭތީވެސް މެއެވެ. ހޮސްޕިޓަލުގެ ކޮރިޑޯތެރެއިން މަޑުމަޑުން ހިނގާލާފައިގޮސް އަހަރެން ގޮސް ވަނީ ސަމްސުއްނިސާ އެނދުމަތި ކޮށްފައިވާ ވޯރޑަށެވެ. އަހަރެން ފެނުމުން ސުވާލުން ފުރިގެންވާ ނަޒަރަކުން ސަމްސުއްނިސާ އަހަރެންނާއި ދިމާއަށް ބަލައިލިއެވެ. އެހެންނަމަވެސް އަހަރެންގެ ނަޒަރު އެންމެ ފުރަތަމަ ދިޔައީ އެތަނުގައި ތިބި އެހެން މީހުންނާއި ދިމާއަށެވެ. އެހުރިހާ އެންމެން ކަހަލަ ގޮތަކަށް ތިބީ، އަހަރެންނާއި ދިމާއަށް ބަލަހައްޓައިގެންނެވެ. އެހެނެއްކަމަކު އެއްވެސް މީހަކު އެއްވެސް އެއްޗެކޭ ނުބުނެއެވެ. އަހަރެންވެސް ނޫންކަމަށް ހަދާފައި ސަމްސުއްނިސާ ކައިރިއަށް ގޮސް ހުއްޓުނީމެވެ. އެތައް ސުވާލެއް ކުރަން ބޭނުންވާކަހަލަ ނަޒަރަކުން އަހަރެންނާއި ދިމާއަށް ބަލައިލިއެވެ. އެހެންނަމަވެސް ސަމްސުއްނިސާ އިތުރު އެއްވެސް ސުވާލެއް ކުރުމުގެ ކުރިން އަހަރެން ވާހަކަ ދައްކަން ފެށީމެވެ. މަޢުލޫ އޮޅުވާލުމުގެ ގޮތުންނެވެ. އެހެނީ އިތުރު އެއްވެސް ވާހަކައެއް އެހެން މީހަކަށް އަޑުއިވޭ ހިސާބުގައި ދައްކަން އަހަރެން ބޭނުން ނުވީއެވެ. ސަމްސުއްނިސާގެ ރައްކާތެރިކަމަށް ވިސްނާފަވެސް މެއެވެ. އެހެނީ އެޒަމާނަކީ ދިމާވާ ކުދިކުދި ކަންކަމަކީވެސް މުޅި މާލެތެރޭގައި ބޮޑު ރޯގާއެއްހެން ފެތުރިގެންދާ ކަންކަމަށް ވީތީއެވެ. އެއީ މީހެއްގެ އަބުރު ވެއްޔާ މޮޑެލަން އެއްވެސް މީހަކު ޖެހިލުންވީ ޒަމާނެއް ނޫނެވެ. މީސްމީހުންނަށް ދިމާވާ އެފަދަ ކަންކަމަކީ ކޮންމެ ގެއެއްގެ ދުވަހުކޮއްތުގެ ތެރޭގައި ހިމެނޭ ކަންކަމެވެ. ”ސަމްސުއްނިސާ ތިއޮތީ ވަރަށް ބޮޑަށް ބަނޑުހައި ވެފައެއްނު ދޯ. ހިނގާ ކޮންމެސް އެއްޗެއް ކާލަން. އަހަރެން ހުންނާނެ އާފަލުކޮޅަކާ އެއްޗިހި ގެނެއްސަ.“ އެޒަމާނަކީ ހޮސްޕިޓަލުގައި ކެންޓީނު ހުންނަ ޒަމާނެއް ނޫނެވެ. ކޮންމެ އެއްޗެއްވެސް ގެންނަން ޖެހޭނީ ގެއިން ތައްޔާރު ކޮށްގެންނެވެ. އެގޮތުގެ މަތިން ކައިރި ފިހާރަ ނޫނީ ކައިރީގައި ހުންނަ ހޮޓަލަކުންނެވެ. އެހެންކަމުން، ކައިރި ފިހާރައަކުން އާފަލުކޮޅެއް ގަނެގެން ގެނެސް އަހަރެން ބެހެއްޓީމެވެ.

އަހަރެން ބުނި އެއްޗަކާއި އެކު، ކޮށްލި އިޝާރާތް ސަމްސުއްނިސާއަށް ވިސްނުނު ކަހަލައެވެ. އެހެނީ ދެން އިތުރު އެއްވެސް ސުވާލެއް ނުކޮށް އެވަޤުތަށް ހަނުހުރުމަށް ސަމްސުއްނިސާވެސް ނިންމިއެވެ. އަދި ކާން އެއްބަސްވުމުގެ ގޮތުން ބޯ ޖަހާލިއެވެ. ސަމްސުއްނިސާގެ އެނދުކައިރީގައި ބަހައްޓާފައި ހުރި ކަބަޑުތެރެއިން އާފަލުކޮތަޅު ނަގާ، އެތަނުން އާފަލެއް ކޮށާލާފައި ދިއްކޮށްލި ވަޤުތު ނަރުހަކު އައިސް އޭނާއަށް ދޭން ޖެހޭ ބޭސް ދީފައި ޙާލު އަހާލިއެވެ. އަދި ދަރިފުޅާއި ދިމާއަށް ބޯދިއްކޮށްލާފައި ހީނލިއެވެ. އެކުއްޖާ ވަރަށް ލޯބި ކަމަށް ބުނެލާފައި އޭނާ ދިޔައީއެވެ.

އަހަރުމެން ދެމީހުން ވާހަކަ ދައްކަން ތިއްބާ ކުޑަމީހާ ރޯއަޑު އިވެން ފެށިއެވެ. އަހަރެން ދުވެފައި ކަހަލަ ގޮތަކަށް ގޮސް އެކުއްޖާ އަހަރެންގެ އަތްމައްޗަށް ނެގީމެވެ. އަތްމައްޗަށް ނެގުމާއިއެކު، އޭނާއާއި ދިމާއަށް ބަލަހައްޓައިގެން އަހަރެންނަށް ހުރެވުނީއެވެ. ފަސް އަހަރުވަންދެން ލޯބިވެތި ޒަވާޖީ ޙަޔާތެއް ވޭތިކުރިއިރުވެސް ނުލިބުނު އުފަލެއް ކުއްލިޔަކަށް އަހަރެންގެ އަތްމައްޗަށް އެރި ކަހަލަ އިހުސާސެއް ކުރެވުނެވެ. އެތުއްތު ކުއްޖާއާއި ދިމާއަށް ބަލަހައްޓައިގެން ޚިޔާލުތަކަށް ގެއްލިފައި ހުއްޓާ، އަހަރެން ސިއްސައިގެން ދިޔައީ، ސަމްސުއްނިސާ ގޮވާލި އަޑަށެވެ. އަހަރެން އަވަސްވެގަތީ ސަމްސުއްނިސާގެ އަތްމައްޗަށް ދަރިފުޅު ގެންގޮސްދޭށެވެ. އެއީ އެހެން މީހެއްގެ އަމާނާތެއްކަން ހަނދާނވުމާއިވެސް އެކުގައެވެ. ސަމްސުއްނިސާ އަވަސްވެގަތީ، އޭނާގެ ބަނޑުހައިކަން ފިލުވައިދޭށެވެ. އެވަޤުތު ސަމްސުއްނިސާގެ ލޮލުން ފައިބަމުންދިޔަ ކަރުނަ އަހަރެންނަށް ފެނުމާއިއެކު، އަހަރެންނަށްވެސް ރޮއުނެވެ. އެހެންނަމަވެސް އެމަންޒަރު ނުދައްކާ ވޭތޯ އަހަރެން މަސައްކަތް ކުރީމެވެ. އަހަރެން

މަޑުމަޑުން ސަމްސުއްނިސާގެ ބުރަކަށީގައި ފިރުމާލީމެވެ. އަދި ހިތްވަރު ކުރުމަށް ބުނީމެވެ. ހުރިހާ ކަމެއް ރަނގަޅުވާނެ ކަމަށްވެސް ބުނީމެވެ.

ސަމްސުއްނިސާ އަހަރެންނަށް އިތުބާރުކުރާކަން އަހަރެންނަށް އެނގެއެވެ. ވީއިރު، އެއްވެސް ކަމެއް އޭނާއަށް ސިއްރުކުރާނެ ކަމެއް ނެތްތާއެވެ. އެގޮތުން ހުރިހާ ވާހަކައެއް ސަމްސުއްނިސާއަށް ކިޔައިދޭން އަހަރެން ނިންމީމެވެ. އެއްވެސް އެއްޗެއް ސިއްރުނުކޮށެވެ. އަހަރެން އަލީ ފިރާޤުއަށް ކުރާ އިތުބާރުގެ މައްޗަށް ބިނާވެ ހުރެމެއެވެ. އެހެނީ އޭނާ މިދަރިފުޅަށް ދެރަވާނެ ގޮތަކަށް އެއްވެސް ކަމެއް ނުކުރާނެކަން އަހަރެންނަށް އެނގޭތީއެވެ. އޭނާ މިހާރު އެހުރީ، ލިބޭނެ އުޤޫބާތަކަށްވެސް ފިސާރި ރަނގަޅަށް ތައްޔާރުވެގެންނެވެ. އެކަމުންވެސް އަހަރެންނަށް ލިބުނީ ހިތްހަމަ ޖެހުމެކެވެ. އެހެނީ އަހަރެން ކައިވެނި ކުރާނީ ސާފު ހިތެއްގެ ވަރިޔަކާއި ކަމަށް ވީތީއެވެ. މިތުއްތު ކުއްޖާވެސް ނިކަމެތި ވެގެން ނުދާނެތީއެވެ. ދެން އޮތީ ސަމްސުއްނިސާގެ ކުރިމަގު ކަނޑައެޅުމެވެ. އާނާއަށްވެސް ޝަރުޢީ ހުކުމެއް އަންނާނެތާއެވެ. އެކަމަށް އޭނާ އެހުރީ ތައްޔާރުވެގެންނެވެ. އާނއެކެވެ. އަހަރެންނަށްވެސް ތަކުލީފު ތަކަކާއި ކުރިމަތިލާން ޖެހޭނެއެވެ. އެތައް ބައެއްގެ ނުރުހުމާއިވެސް ކުރިމަތިލާން ޖެހޭނެއެވެ. އެތައް ބައެއްގެ ސުވާލުތަކެއްގެ ޝިކާރައަކަށްވެސް އަހަރެން ވެގެން ދާނެއެވެ. މުޖުތަމަޢުގައި މި ތުއްތު ކުއްޖާގެ މަގާމު ކަށަވަރު ކޮށްދިނުމަކީވެސް އަހަރެންގެ ޒިންމާއަކަށް ވެގެން ދާނެކަން އަހަރެން ޤަބޫލުކުރީމެވެ. ވަކި މުއްދަތެއް ވަންދެން އެތުއްތު ކުއްޖާގެ މަންމަ އަދި ބައްޕައެއްގެ ޒިންމާވެސް އަދާކުރަން ޖެހޭނީ އަހަރެން އެކަނިމާ އެކަނިކަންވެސް އަހަރެންނަށް ޤަބޫލުކުރީމެވެ. އެހެންވިޔަސް އެންމެ ރަނގަޅެވެ. އޭނާ ބިކަވެގެންނެއް ނުދާނެތާއެވެ. ނުވިތާކަށް އޭނާގެ މައިންބަފައިންނަށް ދުނިޔެމަތީގައި ތަޢުބާވުމުގެ ފުރުޞަތުވެސް ލިބެނީތާއެވެ. އަހަރެންނަށް މަންމައަކަށް ވުމުގެ ފުރުޞަތުވެސް ލިބެނީތާއެވެ. ދުނިޔޭގެ ހުރިހާ ތަކުލީފަކަށްވުރެ މަޔަކަށް ވުމުގެ ނިޢުމަތަކީ މާ ބޮޑު ރަޙުމަތެކެވެ. ވީއިރު، ކުރިމަތިވާން އޮތް އެއްވެސް ކަމަކީ ތަކުލީފެއް ކަމަށް ޤަބޫލުކުރާކަށް އަހަރެން ބޭނުމެއް ނޫނެވެ.

މިހުރިހާ ވިސްނުމެއްގެ ތެރެއިން މަޑުމަޑުން ބޭރަށް ނިކުމެލުމާއިއެކު، ސަމްސުއްނިސާއާއި ވާހަކަ ދައްކަން ފަށާނެ ގޮތަކާއިމެދު، ވިސްނާލީމެވެ. އަހަރެން ވާހަކަ ފެށީ ދަރިފުޅާއި ގުޅުވާލައިގެންނެވެ. ”ސަމްސުއްނިސާ މިހާރު މީނައަށް ކިޔާނެ ނަމެއް ވިސްނައިފިންތަ؟“ ސަމްސުއްނިސާ އަހަރެންނާއި ދިމާއަށް މަޑުމަޑުން ބަލައިލިއެވެ. އަދި ނޫނެކޭ ބުނުމުގެ ގޮތުން ބޯ ހޫރާލިއެވެ. ”އެކަމަކު އަހަރެން ވިސްނާލައިފިން.“ ހައިރާނުން ފުރިގެންވާ ނަޒަރަކުން ސަމަސުއްނިސާ އަހަރެންނާއި ދިމާއަށް ބަލައިލިއެވެ. އަހަރެން ހީނލާފައި އޭނާގެ އެބަލައިލުމަށް ޖަވާބެއް ދިނީމެވެ. ”ހާދަ ވަރަކަށް ތި ހައިރާންވީ. އެހާވަރު ކޮށްލުމަކަށް އަހަރެންނަކަށް ޙައްޤެއް ނެތްތަ؟“ ”ނޫނޭ، މި ދަރިފުޅުގެ މައްޗަށް އަހަރެންނެކޭ އެއްވަރަށް ނަފީސާއަށްވެސް ޙައްޤު އޮންނާނެ. އަނެއްކާ ކުރިއަށް އޮތްތަނުގަ މީނަގެ މަންމައަކީ ތިޔައީތާ ދޯ.“ ސަމްސުއްނިސާގެ މޫނުމަތީގައި ވަނީ ލުއިލުއި ހިނިތުން ވުމެކެވެ. އަދި ހިތްހަމަ ޖެހުމުގެ ފުން ނޭވާއެއްވެސް އެވަޤުތު އޭނާއަށް ލެވުނެވެ. ހިތުގައި އޮތް ވަރަށް ބޮޑު ބުރައަކުން ލުޔެއް ލިބުނު ކަހަލަ ގޮތަކަށެވެ. ”ސަމްސުއްނިސާ ހަމަ ޙަޤީޤަތުގަވެސް މިދަރިފުޅު އަހަރެންނަށް ދޭން ނިންމީތަ؟“ ޤަބޫލުކުރަން ދަތިވެފައި އިން ކަހަލަ ގޮތަކަށް އިނދެ، އަހަރެން ސުވާލުކޮށްލީމެވެ. ”ނަފީސާއަކަށް އަދިވެސް ޤަބޫލެއް ނުކުރެވޭ ދޯ. ނަފީސާ އަދިވެސް އެއްފަހަރު ވިސްނާލަބަލަ، އަހަރެން ކިހިނެއް މިކުއްޖާ ގޮވައިގެން ބީރައްޓެހި ރަށެއްގަ ގަނަތެޅޭނީ؟ އަނެއްކާ މީނަ ބޮޑުވެގެން އަންނައިރު، މިކަމުގެ ޙަޤީޤަތް އެނގޭކަށްވެސް އަހަރެން ބޭނުމެއް ނޫން.“ އާދޭހުގެ ރާގަކަށް ސަމްސުއްނިސާ ވާހަކަ ދައްކަމުން ގެންދިޔައެވެ. ”އެކަމަކު ކޮންމެސް ދުވަހަކުން މީނައަށްވެސް ހުރިހާ އެއްޗެއް އެނގޭނެތާ ދޯ. އަންގަންވެސް ޖެހޭނެއެއްނު.“ ”އެދުވަހަކުން އެހުރިހާ ވާހަކައެއް ކިޔައިދޭނީވެސް ނަފީސާ.“ ސަމްސުއްނިސާގެ އެޖުމުލައިން އަހަރެންނަށް ލިބުނީ ސިހުމެކެވެ. ”އަހަރެންނޭ؟ ތިޔައީ  އަހަރެން ކުރަން ޖެހޭނެ ކަމެއް ނޫނެއްނު!“ އަހަރެންގެ އަޑު ބާރުވާން އުޅުނުހެން ހީވެގެން ސަމްސުއްނިސާ، އަހަރެން މައިތިރިކުރަން ބޭނުންވާ ކަހަލަ ޢިޝާރާތެއް ކޮށްލިއެވެ. އަހަރެންވެސް ދެން ތިބި މީހުންނަށް ވަށައިގެން ބަލައިލީމެވެ. އެހެނީ މިއޮއްހުރިހާ އިރު، އަހަރުމެން ވާހަކަދައްކަމުން ގެންދިޔައީ ވައިއަޑުން ކަހަލަ ގޮތަކަށެވެ. ”އާން ނަފީސާ، އަހަރެން މިކުއްޖާ ނަފީސާޔާ ހަވާލުކުރުމަށްފަހު މިއީ ނަފީސާގެ ދަރިއެއް. އެހެންވީމަ މީނަގެ އުމުރުން ވަކިވަރެއް ވީމަ، ނޫނީ ތަންދޮރު އޮޅުންފިލާވަރު ވީމަ، ހުރިހާ ވާހަކައެއްވެސް ކިޔއިދޭތި، އޭގެފަހުން ދެން އަހަރެންދެކެ ނަފުރަތު ކުރާނެކަންވެސް އަހަރެންނަށް އެނގޭ. އެކަމަކު ނަމަނަމަ މީނަގެ ހިތުގަ ނަފީސާޔާމެދު އެއްވެސް ކަހަލަ ނަފުރަތެއް އުފެދުނަ ނުދޭތި. މީނަ ގެންގުޅެ ބޮޑުކުރަން ވާނީވެސް ތިޔައީ މީނަގެ އަސްލު މަންމަކަން ޤަބޫލުކުރެވޭ ގޮތަށް. އަހަރެން ބޭނުން ނަފީސާ މިކަމަށް ވަޢުދުވާންވެސް.“ އަހަރެން ބިރުގަންނަން ފެށިއެވެ. ސަމްސުއްނިސާ އެދޭގޮތަށް އަހަރެންނަށް ކަންތައް ނުކުރެވިދާނެ ކަމުގެ ބިރު ހީވާން ފެށިއެވެ. ދިރިއުޅުމުގެ ކޮންމެވެސް ހިސާބަކުން އޭނައަށްވެސް ޙަޤީޤަތާއި ކުރިމަތިލާން ޖެހޭނެތާއެވެ. އެދުވަހަކުން އެންމެ ފުރަތަމަ ސުވާލުވެސް ކުރިމަތި ކުރުވާނީ އަހަރެންނަށްތާއެވެ. އަހަރެންނާއިމެދު

އޭނާ ދެކޭނެ ގޮތަކާއިމެދުވެސް ވިސްނެން ފެށުނެވެ. ކަންއޮތީ އެހެން ކަމަށްވީނަމަވެސް އެދަރިފުޅުގެ ކުރިމަގަށްޓަކާ އަހަރެން ޤުރުބާންވާން ތައްޔާރުވާނެ ކަހަލަ އަޒުމެއް އަހަރެންގެ ހިތުގައި ކަނޑައެޅީމެވެ. އަދި ކުރިން ކުރި ސުވާލައިގެން ކުރިއަށް ދިއުމަށް ނިންމީމެވެ. އެދަރިފުޅަށް ކިޔާނެ ނަމަކާއިމެދު ވިސްނުމަށް ކުރި ސުވާލެވެ. ”ދެން ތިހުރިހާ ވާހަކައެއް އިހަށް ބަހައްޓާފަ ހިނގާބަލަ މީނައަށް ކިޔާނެ ނަމަކާމެދު ވިސްނަން. އަހަރެން ބުނީމެއްނު އަހަރެން ނަމެއް ވިސްނައިފީމޭ.“ ސަމްސުއްނިސާވެސް އޭނާގެ ދެލޯ ރަނގަޅަށް ފޮހެލުމާއިއެކު، ފުން ނޭވާއެއް ލިއެވެ. އަދި ކޮންނަމެއްތޯ ސުވާލުކޮށްލިއެވެ. އަހަރެން ކޮންމެ ނަމެއް ކިޔަސް އެންމެ ރަނގަޅުވާނެ ކަމަށް ޤަބޫލުކުރާ ކަހަލަ ގޮތަކަށެވެ. އަހަރެން ވަރަށް ހަމަޖެހިލާފައި އަހަރެން ވިސްނާފައިއޮތް ނަން ބުނެލީމެވެ. ”އަރުޝީ“ އެވަޤުތު ވަރަށް ދަންނަ އަޑަކުން އެނަން ތަކުރާރު ކޮށްލި އަޑު އިވުނެވެ. އަދި އެއީ ވަރަށް ރީތި ނަމެއް ކަމަށްވެސް ބުންޏެވެ. އަހަރުމެން ދެމީހުން އެއްފަހަރާ ކަހަލަ ގޮތަކަށް އެއަޑު އައި ދިމާއަށް ބަލައިލީމެވެ. މޭވާކޮތަޅެއް ހިފައިގެން ހިނިތުންވުމަކާއިއެކު އަހަރެމެންނާއި ދިމާއަށް އަންނަތަން ފެނުނީ ޢަލީ ފިރާޤެވެ. އަހަރެމެން ދެމީހުންވެސް އެކަކު އަމެކަކާއި ދިމާއަށް ބަލައިލީމެވެ. ސުވާލުން ފުރިގެންވާ ނަޒަރަކުންނެވެ. އެހާމެ ހައިރާންވެ ތިބެއެވެ.

  • ނުނިމޭ –

 

 

މި ލިޔުމާ ގުޅޭ