ފޮޓޯ އެސްއެމް

މީޑިއާ ބިލް ބޭރުނުކުރުމުން އެމްއެމްސީން ކަންބޮޑުވުން ފާޅުކޮށްފި

މުހައްމަދު އަލީ
އޯގަސްޓް 28, 2025

މިއަހަރު އޮގަސްޓް ސަތާރަ ވަނަދުވަހު ގައި ބޭއްވެވި ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއަށް، ރައްޔިތުންގެ މަޖިލީހުގެ ތުޅާދޫ ދާއިރާގެ ޢިއްޒަތްތެރި މެންބަރު ޢަބްދުލް ހަންނާން އަބޫބަކުރު، ހުށަހެޅުއްވި ”މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިން ރެގިއުލޭޝަން ބިލު“ ދައުރުން ބޭރުން ބޭއްވެވި ޖަލްސާއެއްގައި ރައްޔިތުންގެ މަޖިލީހުން ބަލައިގަނެ، އިތުރަށް ދިރާސާކުރުމަށް މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީއަށް ފޮނުވުމުން މޯލްޑިވްސް މީޑިއާ ކައުންސިލް (އެމް.އެމް.ސީ) ކަންބޮޑުވުން ފާޅުކޮށްފިއެވެ.

މިކަމާ ގުޅިގެން އެމްއެމްސީން ވަނީ ބައްދަލުވުމެއް ބާއްވައިފައެވެ. އެބައްދަލުވުމުގައި ވަނީ ފުޅާ ދާއިރާއެއްގައި ބިލާބެހޭ ގޮތުން މަޝްވަރާ ކޮށްފައެވެ. އަދި ބިލާ ގުޅޭ ގޮތުން ގިނަ ކަންބޮޑުވުންތަކެއް ކައުންސިލް މެންބަރުން ވަނީ ފާޅުކޮށްފައެވެ.

މިބިލާ ބެހޭގޮތުން ނޫސްވެރިން ކަންބޮޑުވުންތައް ފާޅުކުރަމުން ދަނިކޮށް، އެ ކަމަށް އެއްވެސް ވަރަކަށް ރިއާޔަތް ކުރުމެއް ނެތި، އެ ބިލު ބަލައިގަތުން އެއީ ކަންބޮޑުވާކަމެއް ކަމަށްވެސް އެމްއެމްސީން ވަނީ ވިދާޅުވެފައެވެ. ”ބިލާ ގުޅޭ ގޮތުން ހުރި ކަންބޮޑުވުންތައް ހިއްސާކުރުމަށް މިކައުންސިލުންވާނީ ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުއިއްޒާއި ބަންޑާރަ ނާއިބާއި ބަދަލުކޮށް މަޝްވަރަކާ ކުރުމަށް އެދިފައެވެ. މީގެ އިތުރުން، ޕްރޮގްރެސިވް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ) ގެ ޕީޖީ ގުރޫޕާއި މޯލްޑިވްސް ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) ގެ ޕީޖީ ގުރޫޕަށް، މި ބިލު މަޖިލީހުގެ ތަޅުމުން ބޭރުކޮށްދިނުމަށްވެސް ވާނީ އެދިފައެވެ. ހިތާމައަކީ މިއަދާއި ހަމައަށް އެއްވެސް ފަރާތަކުން މިކަންކަން ކޮށްދެއްވާފައި ނުވާކަމެވެ.“

އެމްއެމްސީން ނެރެފައިވާ ބަޔާނެއްގައި ބުނެފައިވަނީ މަޖިލީހުގެ ޖަލްސާ ކުރިއަށްދިޔައިރު، މި ބިލާ ދެކޮޅަށް ސުލްހަވެރިކަމާ އެކު އިހްތިޖާޖުކުރަމުންދިޔަ ނޫސްވެރިންނާ މެދު ފުލުހުން ހާލަތާ ނުބައްދަލު ބާރުގެ ބޭނުންކޮށްފައިވާ ކަމަށެވެ. މަޖިލީހުގެ ޖަލްސާގައި ބިލަށް ބަހުސްކުރަމުންދިޔަ ވަގުތު، މަޖިލީހުގެ ތަޅުމުގައި ބައެއް މެންބަރުން ނޫސްވެރީންނަށް ކުޑައިމީސްކޮށް ވާހަކަފުޅު ދެއްކެވުމަކީ، ވެސް ކައުންސިލުން ވަރަށް ބޮޑަށް ކަންބޮޑުވާ ކަމެއް ކަމަށްވަނީ ބުނެފައެވެ.

”މި ބިލަކީ ނޫސްވެރިކަމުގެ މިނިވަންކަމަށާއި، ނޫސްވެރިންގެ މުސްތަޤިއްލުކަމަށާއި، އަދި މީޑިއާގައި މަސައްކަތްކުރާ ފަރާތްތަކަށް ޤާނޫނުއަސާސީން ލިބިދޭ ޙައްޤުތަކަށް ނުރައްކާތެރި ބިރެއް ކުރިމަތިކުރުވާ ބިލެކެވެ. މި ބިލަށް އިތުރު އިސްލާޙުތަކެއް ގެނައުމުގެ ބަދަލުގައި ބިލު މަޖިލީހުން ބޭރުކޮށްދެއްވުމަށް ރާއްޖޭގެ ތަޖުރިބާކާރު ނޫސްވެރިންނާއި ޖަމިއްޔާތަކުން ގޮވައިލަމުންދަނިކޮށް ބިލު ބަލައިގަތުމަކީ އިތުރަށް ކަންބޮޑުވާ ކަމެކެވެ.“

ޒިންމާދާރު ނޫސްވެރިކަމުގެ ވެއްޓެއް ޤާއިމުކޮށް ނޫސްވެރިކަމުގެ މިނިވަންކަން ފުޅާ ދާއިރާއެއްގައި ނެގެހެއްޓުމަށް މި ދާއިރާއަށް އިތުރު ބަދަލުތަކެއް ގެންނަން ޖެހޭ ކަމަށް ވެސް ކައުންސިލުން ވަނީ ބުނެފައެވެ. އެކަން ކުރުމަށް ފުޅާ ދާއިރާއެއްގައި މަޝްވަރާކޮށް، ދޭން ޖެހޭ އެއްބާރުލުން ދިނުމަށްވެސް އެ ކައުންސިލް އޮތީ ތައްޔާރަށް ކަމަށް ބަޔާނުގައި ވަނީ ބުނެފައެވެ.

 

މި ލިޔުމާ ގުޅޭ