ދަތުރުނާމާ (އަށާރަވަނަ ބައި)

ދަތުރުނާމާ (ފަނަރަވަނަ ބައި)

ޝިޔާމާ އަޙްމަދު (ސިޔައްތަ)
ސެޕްޓެމްބަރ 20, 2025

ރަސްފަންނުގެ ހަލަބޮލި މާހައުލުގެ ތެރޭގައި ތިއްބެއްކަމަކު، އަރުޝީއަށް އެވަޤުތުކޮޅަކީ ހިތަށް ބުނެދޭން ނޭންގޭފަދަ ހިތްހަމަ ޖެހުމެއް ގެނުވައިދިން ވަޤުތުކޮޅެކެވެ. އެހެނީ އަރުޝީ މިހާރު އިށީންދެލައިގެން އެއިނީ އޭނާގެ ހަޔާތުގެ ދުތުރުގައި އެންމެ އިތުބާރު ކުރެވޭ އެކުވެރިޔާގެ ގާތުގައެވެ. އަރުޝީގެ ޙަޔާތަށް ކުރިމަތިވެފައިވާ ތޫފާނުގައި، އޭނާގެ އަތުގައި ހިފައިގެން އަމާން ބަނދަރަކަށް ވާސިލުކޮށްދޭނެ ބައިވެރިޔާއެވެ. އެވަޤުތުކޮޅު ނިމިގެން ދާން އަރުޝީ ބޭނުންވެސް ނުވާކަހަލައެވެ. އެހެނީ ހިތަށް ލިބެމުންދިޔަ ހަމަޖެމަކީ، އަރުޝީއަށް އެވަޤުތު އެންމެ ބޭނުންވެފައިވާ ފަރުވާއެވެ. އެހެނަސް އަރުޝީގެ ޙަޔާތުގެ ނަލުގެ މާލިމީއަކަށް ސާމިރު ހެދުން އޮތީ ސާމިރުގެ މައިބަފައިންގެ ރުހުން ލިބޭނެ ގޮތެއްގެ މައްޗަށް ބިނާވެފައެވެ. އެހުރިހާ ވިސްނުމެއްގެ ތެރެއިން އަރުޝީއަށް ބޭއިޚްތިޔާރުގައި ސާމިރުގެ ކޮނޑުގައި ބޯ އަޅާލެވުނެވެ. އެހިނދު ސާމިރު ދިޔައީ ސިއްސައިގެންނެވެ. އެހެނަސް އަރުޝީގެ އެޢަމަލުގައި އެއްވެސް ކަހަލަ ނޭދެވޭ ވިސްނުމެއް ނެތްކަންވެސް ސާމިރުއަށް އެނގެއެވެ. އަރުޝީ އެހާހިސާބަށް ގެނުވީ، އޭނާގެ ފިކުރުކަންވެސް ސާމިރުއަށް އެނގެއެވެ. އެހެނެއްކަމަކު އޭގެ ނާޖާއިޒް ފައިދާ ނަގާކަށް ސާމިރުއެއްވެސް ނުވިސްނައެވެ. އަދި އެއީ އަރުޝީ، ސާމިރުއަށްކުރާ އިތުބާރުކަންވެސް އޭނާއަށް ވިސްނެއެވެ.

ސާމިރުގެ ކޮނޑުގައި ލުއިލުއި ގޮތަކަށް ބޯއަޅާލައިގެން، ލޯމަރާލައިގެން ކުޑަ ހިނދުކޮޅަކު އަރުޝީ އިނުމަށްފަހު މަޑުމަޑުން ބޯ ހިއްލައިލިއެވެ. އަދި އެކުރެވުނު ކަމެއް ރަނގަޅަށް ވިސްނާލެވުމާއިއެކު، ވަރަށް ލަދުވެތި ގޮތަކަށް ސާމިރުގެ ކިބައިން މަޢާފަށް އެދުނެވެ. އެހެނީ އެއީ އޭނާ ކުރަން ބޭނުންވާކަމެއް ނޫންކަން ސާމިރުއަށް އަންގައިދޭން އަރުޝީ ބޭނުންވިއެވެ. ”އެއީ އެއްވެސް ކަމެއް ނޫން. އަހަރެން އަރުޝީއަށް ފުރިހަމައަށް އިތުބާރުކުރަން.“ އަރުޝީ އެދުނު މަޢާފަށް ސާމިރު އިޖާބަ ދިނީ، ޚާލިސް ހިތަކައިގެންނެވެ. އަދި އޯގާތެރި ހިނިތުން ވުމަކާއިއެކު އަރުޝީއާއި ދިމާއަށް ބަލައިލިއެވެ. އަރުޝީވެސް ލަދުވެތި ގޮތަކަށް އިސްދަށަށް ޖަހާލިއެވެ. ”ދެން ހިނގާ ދާން ދޯ. މިހާރު މާ ލަސްވެސް ވެއްޖެއެއްނު.“ އަރުޝީގެ އެބުނުމަށް ސާމިރުވެސް އެއްބަސް ވިއެވެ. ”އަހަރެން މި އިންނަނީ އަރުޝީ ދާން ބޭނުންވެގެން ބުނަންދެން. އަހަރެންނަކަށް ލަހެއްނުވޭ ވިއްޔަ.“ އަރުޝީ އިސްއުފުލާފައި ސާމިރުއަށް ބަލައިލިއެވެ. ”އެކީއްވެ ލަހެއް ނުވެޔޭ ތިބުނީ، މާދަމާވެސް ޗުއްޓީތަ؟ ނޫނީ ހުރިހާ މަތިންދާ ބޯޓުތަކުން ތެޔޮ ހުސްވީތަ؟“ ސަމާސާ ކޮށްލަން ބޭނުންވެފައި ހުރިގޮތަކަށް އަރުޝީ ސުވާލުކޮށްލިއެވެ. އޭގެ ޖަވާބުގައި ސާމިރުވެސް ރައްދު ދިނީ ހިނިތުން ވުމަކުންނެވެ. ”އަހަރެން މިހުރީ އަހަރީ ޗުއްޓީގަ. އެހެންވީމަ މިދުވަސްކޮޅު އެއްވެސް ބޯޓަކަށް ތެޔޮއަޅަން ދާކަށް ނުޖެހޭނެ.“ ސާމިރުވެސް އަރުޝީއާއި ސަމާސާ ކޮށްލިއެވެ. އަދި އެހެން ބުނުމާއިއެކު، ސާމިރުކޮޅަށް ތެދުވެ، އަރުޝީއާއި ދިމާއަށް އަތްދިއްކޮށްލިއެވެ. އެއީ އަރުޝީގެ އަތުން ދުވަހަކުވެސް ދޫވެގެން ނުދާނެ އަތެއް ފަދައިންނެވެ. ވޭތުވެދިޔަ ވަޤުތުކޮޅުގެ ތެރޭގައި، އެދެމެދަށް ވެރިވެފައިވި މާޔޫސްކަން، ދެމީހުންވެސް މުޅިންހެން ހަނދާންނެތުނު ކަހަލައެވެ.

އަރުޝީގެ ހިތުގައިވާ އެންމެހާ އުދާސްތައް ސާމިރުގެ ކުރިމަތީގައި ބަންޑުން ޖަހާލުމުން ލިބުނު ހިތްހަމަޖެހުން އޭނާގެ މޫނުމަތިން ފެންނަން ހުއްޓެވެ. އެހެންނަމަވެސް ގެއާއިހަމައަށް ދެވުމާއިއެކު، އަނެއްކާވެސް ހިތްހަމަ ނުޖެހުމާއި ނުތަނަވަސްކަން އަރުޝީ ވަށާލިކަހަލައެވެ. އެހެނީ، ގެއަށް ވަނުމަށް އެޅި ފިޔަވަޅު ޖައްސާލީ ފަހަތަށެވެ. ސާމިރުގެ ލޮލަށް އެމަންޒަރު ފެނުމާއިއެކު، ސުވާލުވެސް ކޮށްލިއެވެ. ”އަރުޝީ ކިހިނެއްވީ؟“ ”އަހަންނަކަށްވެސް ނޭންގެ ވާގޮތެއް. އެއްގޮތަކަށްވެސް ގެއަށް ވަންނަ ހިތެއްނެތް.“ ސާމިރުގެ ސުވާލަށް އަރުޝީ ޖަވާބުދިނީ ވަރަށް ފޫހިވާ ކަހަލަ ގޮތަކަށް ކަރު އެލުވާލައިގެން ހުރެއެވެ.  ”އާދޭ އަހަރެންނާ އެއްކޮން ވަންނަން.“ އެހެން ބުނުމާއިއެކު، ސާމިރު އޭނާގެ އަތް، އަރުޝީއާއި ދިމާއަށް ދިއްކޮށްލިއެވެ. ”އޭނަގެ ކުރިމައްޗަށް އަހަރެން އަރަން ބޭނުން ނުވަނީ ކަންނޭންގެ.“ އަމިއްލަ ނަފްސަށް ޔަޤީންކަން ނެތް ކަހަލަ ގޮތަކަށް އަރުޝީ ްަނެއްކާވެސް ބުނެލިއެވެ. ”އެއްވެސް ކަމަކާ ކަންބޮޑުވާނެ ކަމެއް ނެތް. އަރުޝީއަކީ ނުލާހިކު ހިތްވަރުގަދަ ކުއްޖެއް. މިހާތަނަށްވެސް ހުރިހާ ކަމަކާވެސް ކުރިމަތިލީ ފިސާރި ކެރިގެން. ދެންވެސް އަރުޝީއަށް ކުރެވޭނެ. އިންޝަﷲ ހުރިހާ ކަމެއްވެސް ރަނގަޅުވާނެ.“ ހިތްވަރު ދިނުމުގެ ގޮތުން ސާމިރު ބުނެލިއެވެ. ސާމިރު އެއިރުވެސް ހުރީ އަރުޝީއާއި ދިމާއަށް އަތްދިއްކޮށްލައިގެންނެވެ. އަރުޝީ ފުންނޭވާއެއް ލުމާއިއެކު، ސާމިރުގެ އަތުގައި މަޑުމަޑުން ހިފާލިއެވެ. އަދި ވަރަށް ޖެހިލުންވެ ހުރެ، ގޭތެރޭގެ ތަންތަން ހޯދަމުން ކަހަލަ ގޮތަކަށް އެތެރެއަށް ވެނެވެ. ”އަރުޝީ.“ ސަމްސުއްނިސާގެ އަޑު ޖެހުމާއިއެކު، އަރުޝީ ދިޔައީ ސިއްސައިގެންނެވެ. ”ދައްތަ ކޮންއިރެއް އަރުޝީ ހޯދަނީ. ބުނެނުލާ ގެއިން ބޭރަށް ދިޔައިމަ ވަރަށް ކަންބޮޑުވެފަ މިހުންނަނީ. މިހާރު އެހާ ލަސްވެސް ވެއްޖެވިއްޔަ.“ ސަމްސުއްނިސާގެ

 

މޫނުމަތިން ފެންނަންހުރީ ކަންބޮޑުވުމެވެ. ދަރިފުޅު ނުފެނި ގިނައިރު ވުމުގެ ހާސްކަމެވެ. ”އަހަރެން މީ އެހާ ކުޑަކުއްޖެއްވެސް ނޫނެއްނު.“

އަރުޝީ އިތުރު އެއްޗެއް ބުނުމުގެ ކުރިން ސާމިރު، އަރުޝީގެ އަތަށް ފިތާލިއެވެ. އިތުރަށް އެއްވެސް އެއްޗެއް ނުބުނާށޭ ބެނެލާ ކަހަލަ ގޮތަކަށެވެ. ސާމިރުގެ ޢިޝާރާތް އަރުޝީއަށް ވިސްނުނު ކަހަލައެވެ. އެހެނީ ދެން އިތުރު އެއްވެސް އެއްޗެއް ނުބުނެ، އަރުޝީ ހިނގައިގަތީ ކޮޓަރިއާއި ދިމާއަށެވެ. ”ސާމިރުއަށް އެނގޭތަ އަރުޝީއަށް ވެގެން އެއުޅެނީ ކީއްކަން؟ ދުވަސްކޮޅެއް ވެއްޖެ ފާޑަކަށް ހުންނަތާ. ހީވަނީ ކޮންމެސް ކަމަކާ ހިތްހަމަ ނުޖެހިފަ ހުންނަހެން. ދައްތައަކަށްވެސް އަރުޝީ ހިތްހަމަޖެހޭ ގޮތަކަށް އަނގަޔަކުންވެސް ނުބުނެވޭ. ކެއުމާވެސް ވަރަށް ދުރުވެއްޖެ. އަރުޝީއަށް މީރުހެން ހީވާކަހަލަ އެއްޗެހި މި ހަދަނީވެސް.“ ސަމްސުއްނިސާ، އޭނާގެ ހިތުގެ އުދާސްތައް ސާމިރުގެ ކުރިމައްޗަށް ބަނޑުންޖަހާލިއެވެ.  ސާމިރު ހުރީ ބުނާނެ އެއްޗެއް ނޭންގިފައެވެ. ދޭނީވެސް ކޮން ޖަވާބެއް ހެއްޔެވެ؟ އެއްކޮޅުން އެއީ މައެއްގެ ކަންބޮޑުވުންކަން ސާމިރުއަށް ވިސްނެއެވެ. އަނެއްކޮޅުން އަރުޝީގެ ފިކުރާއި ރުޅިއަކީވެސް ޖާއިޒު އެއްޗެއްކަން ސާމިރުއަށް ޤަބޫލުކުރެވެއެވެ. ”އަހަރެންނަކަށްވެސް ނޭންގެ ދައްތާ. ވެދާނެއެއްނު އަދިވެސް އޭނަގެ މަންމަގެ ހަނދާންތައް އާލާވަނީކަމަށް ދޯ.“ ސާމިރު މަސައްކަތްކުރީ ސަމްސުއްނިސާވެސް ހިތްހަމަޖެހޭ ކަހަލަ ޖަވާބެއް ދިނުމަށެވެ. ”އަހަރެން މިހުރީ އޭނައަށްޓަކާ ކޮންމެ ކަމެއްވެސް ކޮށްދޭން ތައްޔާރަށް. އޭނަ ބޭނުންވަންޏާ މައެއްގެ ލޯބިވެސް އަހަރެން ދޭނަން. ނަފީސާ ނޫނަކަސް އަހަރެންވެސް މީ އޭނަގެ މަންމައެއްފަދަ މީހެއްނު.“ ސާމިރު ހުރީ ކިޔަމަންތެރި ދަރިއެއް ފަދައިން ސަމްސުއްނިސާ ދައްކާ ވާހަކަ އަޑުއަހާށެވެ.  އަދި މަޑުމަޑުން ބޯ ޖަހާލިއެވެ. ”އެކަމަކު މަންމަ ވާނީ މަންމައަށްތާ ދޯ.“ ވަރަށް ނޫންކަމަށް ހަދާލާފައި ސާމިރު ބުނެލިއެވެ. އެއަށްފަހު، އޭނާ ގެއަށް ދިއުމަށް ބޭނުންވުމަށް ބުނާކަހަލަ ގޮތަކަށް، ސަމްސުއްނިސާގެ ކިބައިން އިޒުނައަށް އެދުނެވެ.

އަރުޝީ އެދިޔަ ބާރުމިނުގައި ގޮސް ވަނީ ކޮޓަރިއަށެވެ. އަދި ރުލގަދަވެފައިވާ ހާލު، އެނދުމަތީގައި ވަރަށް ބާރަށް އިށީނެވެ. ރުޅިގަދަވެގެން މައިނޭވާވެސް ލެވެނީއެވެ. ލޮލުން ފެންވެސް އަންނަނީއެވެ. އަތުގައި އޮތް ދަބަސް އެނދުމައްޗަށް އެއްލާލުމާއިއކު، ދެއަތްތިލައިން ވަރަށް ބާރަށް ލޮލުން ފައިބަމުންދިޔަ ކަރުނަތައް ފޮހެލިއެވެ. އަދި ފުންނޭވާއެއް ލުމާއިއެކު، ހަމަޖެހެން މަސައްކަތް ކުރިއެވެ. ”އަހަރެންނަށް މި ކަންތައް ކުރެވެނީ ރަނގަޅަށްބާ؟ ކޮންމެ ގޮތެއްވިޔަސް އެއީ އަހަރެން ބަނޑުއަޅާ ވިހޭ މައިމިހާ. އޭނައަށް މިހާ ނިކަމެތިކޮށް ހިތާކަށް ނުވާނެ. އެހެން ކަންތައް ކޮށްގެން އަހަރެންނަކަށްވެސް ލިބޭނެ މޮޅެއް ނޯންނާނެ.“ އަރުޝީ އޭނާގެ ނަފްސާއި ވާހަކަ ދައްކަމުން ގެންދިޔައެވެ. ”އަހަރެން ދެން އޭނަޔާ ރަނގަޅަށް ވާހަކަ ދެއްކޭތޯ ވަރަށް މަސައްކަތް ކުރާނަން. ފަހަރެއްގަ ހުރިހާ ކަމެއް ރަނގަޅުވެސް ވެދާނެ.“ މިހުރިހާ ފިކުރަކާއި ކިޔާލަކަށް ގެއްލިފައި އިންދާ ކުއްލިޔަކަށް ދޮރުގައި ޓަކި ޖަހާލުމާއިއެކު ސަމްސުއްނިސާ އަރުޝީއަށް ގޮވާލިއަޑު އިވިއްޖެއެވެ. އަރުޝީ އޭނާގެ މޫނުމަތި ރަނގަޅަށް ފޮހެލާފައި ސަމްސުއްނިސާ އެތެރެއަށް ވަނުމަށް ބުނެލިއެވެ. ސަމްސުއްނިސާ ކޮޓަރިއަށް ވަނެއްކަމަކު، އަރުޝީގެ ކައިރިއަކަށް ނުދެއެވެ. ވޭތުވެދިޔަ ދުވަސްތަކުގައި، އަރުޝީގެ ފަރާތުން ފެންނަމުންދިޔަ ޢަމަލުތައް، އެކަމަށް ހުރަސް އެޅީތީއެވެ. އެހެންކަމުން ވަރަށް ނުކެރިފައި ހުރިކަހަލަ ގޮތަކަށް ހުރެ، ސަމްސުއްނިސާ ވާހަކަ ދައްކަން ފެށިއެވެ. ”އަރުޝީ މިރޭ އެއްވެސް އެއްޗެއް ކައިފިންތަ؟“ އިތުރު ސުވާލުތަކެއް ކޮށްފިއްޔާ އަރުޝީ ހިތްހަމަ ނުޖެހިދާނެ ކަމުގެ ބިރަށް އިތުރު ސުވާލެއް ކުރަން ނުކެރުނު ކަހަލައެވެ. އެހެންނަމަވެސް އަރުޝީ އެސުވާލަށް ޖަވާބުދިނީ ވަރަށް މަޑުމައިތިރި ކަމާއިއެކުގައެވެ. ”އަދި  ނުކަން. ވަރަށް ބަނޑުހައިވެސް ވެފަ މީނީ. އެކަމަކު ދެން މިހާ ލަސްވީމަ އެއްޗެއް ކާކަށް ބޭނުމެއް ނޫން. ކޮންމެސް އެއްޗެއް ބޯލައިގެން ނިދާނީ.“ ސަމްސުއްނިސާއަށް ލިބުނު އުފަލެއްގެ ބޮޑުކަމާއެވެ. އެހެނީ ހަމަ އެވަޤުތު، އަރުޝީ ބޯން ބޭނުންވާ އެއްޗެއް ގެނެސްދިނުމަށް ބުންޏެވެ. އަދި ކައިރިއަށް ޖެހިލުމާއިއެކު،  އިތުރު ކަމެއް ބޭނުންވޭތޯވެސް ސުވާލުކުރިއެވެ. ނޫނެކޭ ބުނުމުގެ ގޮތުން އަރުޝީ ބޯ ހޫރާލިއެވެ. އެއްވެސް ކަހަލަ ނުރުހުމަކާއި ނުލައެވެ. އަދި ޖޫސްތައްޓެއް ގެނެސްދިނުމަށް އެދުނެވެ. ސަމްސުއްނިސާ އަވަސްވެގަތީ، އަރުޝީގެ އެދުމަށް އިޖާބަދިނުމަށެވެ.

ސަމްސުއްނިސާ ގެނައި ޖޫސްތަށި ބޯލައިގެން އަރުޝީ ހަމަޖެހިލައގެން އެދުގައި އޮށޯވެލިއެވެ. ހަމަޖެހިލާފައި ގަޑި ބަލައިލިއިރު އެގާރަގަޑި ބައިވަނީއެވެ. އަރުޝީ އަނެއްކާވެސް އޭނާގެ މަންމަގެ ޑައިރީ ނެގިއެވެ. އެނަމެފަހުން ކިޔަން ފަށާފައި އޮތް ޞަފްހާ ހުޅުވާލުލިއެވެ. ހަމަޖެހުމުގެ ފުން ނޭވާއެއް ލުމާއިއެކު، ޑައިރީ ކިޔަން ފެށިއެވެ.

”ހޮސްޕިޓަލުން ދޫކޮށްލުމާއިއެކު އަހަރެން ދިޔައީ ސަމްސުއްނިސާއާއި ކުޑަމީހާ ގޮވައިގެން އަހަރުމެން ކުރިންވެސް ތިބި ގެއަށެވެ. ވަރަށް ފޮނި އުންމީދު ތަކަކާއިއެކުގައެވެ. އެ އުންމީދުތަކަކީ ހަމައެކަނި އަހަރެންގެ ހިތުގައި އުފެދިފައިވާ އެއްޗެކެވެ. އެހެނީ ސަމްސުއްނިސާގެ

ޙަޔާތަށް އަންނަންއޮތް ތޫފާނަކީ، އޭނާއަށް ފޮރުވިފައިވާ އެއްޗެއް ނޫނެވެ. އެހެނީ އޭނާގެ މައްޗަށް އަންނަން އޮތް ޝަރުޢީ ހުކުމް އޭނާއަށް އިންތިޒާރުކުރާކަން ރަނގަޅަށް އެނގެއެވެ. ވީއިރު، ހިތްހަމަ ޖެހުމަކީ ސަމްސުއްނިސާއަށް ޙައްޤު އެއްޗެއް ނޫންކަން އޭނާއަށް ޤަބޫލުކުރެވެއެވެ. އެޒަމާނުގައި ކުދިންނަށް ނަންކިޔާ އުޅުނީ ދަރިފުޅު ވިހާތާ ހަތްދުވަސް ވުމުންނެވެ. އެހެންކަމުން ހަތްދުވަސް ވުމުން ސަމްސުއްނިސާގެ ދަރިފުޅަށްވެސް ނަންކީއެވެ. އޭނާގެ ނަމަކަށް ކިޔަން ކަނޑައެޅީ އަހަރެން ކިޔަން ވިސްނާފަ އޮތް ނަމެވެ. އަރުޝީއެވެ. އާނއެކެވެ. އޭނާގެ ފުރިހަމަ ނަމަކަށް ކިޔުނީ ފާތިމަތު އަރުޝީއެވެ. އެހެނަސް ނަން ކިޔުމުގެ ކަންކަން ނިންމާލީ މާބޮޑު ރަސްމިއްޔާތެއް ބޭއްވުމަކާއި ނުލައެވެ. ދުނިޔެއަށް އުފަންވާ ކޮންމެ ކުއްޖަކަށްވެސް މީކޮށް ނަމެއް ދޭން ޖެހޭތީއެވެ. ކޮންމެ ކުއްޖަކަށްވެސް ލިބިދޭންޖެހޭ ޤާނޫނީ ޙައްޤުތަކެއް އޮންނާތީ އެކަން ފުރިހަމަ ކުރުމުގެ ގޮތުންވެސް މެއެވެ.

އޭގެ ދުވަސްކޮޅެއް ފަހެވެ. އަހަރެން އިނީ އަރުޝީ ފެންވަރުވާށެވެ. ކުއްލިޔަކަށް ސަމްސުއްނިސާ އަހަރެން ކައިރިއަށް އައިސް ބުނީ އޭނާ މާލެ ދޫކޮށްލާފައި ދާން ބޭނުންވާ ވާހަކައެވެ. އަރުޝީ އަހަރެންނާއި ރަސްމީކޮށް ހަވާލުކޮށްފައެވެ. ޤާނޫނީ ގޮތުން އެކަމަށްޓަކާ ކުރަންޖެހޭ ހުރިހާ ކަމެއްވެސް ފުރިހަމަ ކުރުމަށް ފަހުގައެވެ. އަހަރެން ދިޔައީ ސިއްސައިގެންނެވެ. މީގެކުރިން ސަމްސުއްނިސާ އެހެން ބުނެފައި ވީނަމަވެސް، އެކަމަށް ޢަމަލީ ފިޔަވަޅެއް އަޅަން ކެރޭނެކަމަކަށް އަހަރެން ޤަބޫލެއް ނުކުރަމެވެ. އެހެނަސް މިދުވަސް މިއޮތީ އައިސް ޖެހިފައެވެ. ސަމުއްނިސާ ބުނިފަދައިންނެވެ. އަހަރެންނަށް ހަދާނެގޮތް ހުސްވި ކަހަލައެވެ. ޢަލީ ފިރާޤުއާއި މަޝްވަރާ ކޮށްފަި ނޫނީ އެވަރުގެ ބޮޑު ނިންންމުމެއް ނުނިންމުމަށް، ސަމްސުއްނިސާ ކައިރީގައި އަހަރެން ބުނީމެވެ. އެހެންނަމަވެސް މިފަހަރު ސަމްސުއްނިސާގެ ޖަވާބު ތަފާތެވެ. “ މީ އަހަރެންގެ ދަރިއެއް. މިދަރިފުޅަކާ ޢަލީ ފިރާޤަކާ ބެހޭ ކަމެއް ނޫން. އަރުޝީއާ ގުޅިފައޮތް އެއްވެސް ކަމެއްގަ އަހަރެން މަޝްވަރާ ކުރަންޖެހޭ އިތުރު އެއްވެސް މީހެއް ނުހުންނާނެ. ދެން އަހަރެން އެޙައްޤު ދޭން ބޭނުންވަނީ ނަފީސާއަށް.“ އެހެން ބުނުމާއިއެކު، އެތަނުން ދުރަށް ޖެހިލިއެވެ. އަހަރެން އަވަސްވީ ގޮތަކަށް އަރުޝީ ފެންވަރުވާލއިގެން ނިކުމެ އޭނާ ރީތި ކޮށްލީމެވެ. އަދި އުރާލައިގެން ގޮސް ސަމްސުއްނިސާ އަތަށް ދިނީމެވެ. މިފަހަރު އަހަރެންނަށް ލިބުނީ ކުރިއަށްވުރެ ބޮޑު ހައިރާން ކަމެކެވެ. ސަމްސުއްނިސާ އެއްގޮތަކަށްވެސް އަރުޝީގެ ގައިގާ އަތްލާކަށްވެސް އެއްބަހެއް ނުވިއެވެ. ނުވިތާކަށް އެފަކީރާއި ދިމާއަށް ބަލައިވެސް ނުލިއެވެ. އަހަރެން ކައިރިއަށް ރުޅިއާދެވޭގޮތް ވިއެވެ. ”ސަމްސުއްނިސާ ތީދެން ކޮންކަމެއް؟ މީނަގެ އޮތީ ކޮން ކުށެއް؟ އިހަށް މީނަ ގައިގަ އަތްލަބަލަ. މިހާރު އޮންނާނީ ބަނޑުހައިވެސް ވެފަވިއްޔަ.“ އަހަރެން ކައިރީގައި ހުރެގެން އެތައް އާދޭހެއް ކުރިއިރުވެސް އަރުޝީއާއި ދިމާއަށް ހިނދުކޮޅަކަށްވެސް ސަމްސުއްނިސާ ބަލައިނުލިއެވެ. އޭރު އަރުޝީ ބާރަށް ރޮނީއެވެ. އަހަރެންނަށްވެސް ރޮވޭގޮތ ވިއެވެ. “ ސަމްސުއްނިސާ އެކަމަކު ތިހާ ރަހުމުކުޑަވާކަށް ނުވާނެ. މީނަގެ ބަނޑުހައިކަން ފިލުވާލަ ދީބަލަ. އާދޭސްކޮށްފަ މިބުނަނީ.“ އަހަރެން އެހާވަރަށް އާދޭސް ކުރިއިރުވެސް ސަމްސުއްނިސާއަށް ކަހެރުވަކެކޭވެސް ހީނުވި ކަހަލައެވެ. އަހަރެންގެ ހިތަށް އުނދަގުވެގެން ހަދާނެގޮތް ހުސްވިއެވެ.

އަހަރެން ވަޤުތުން ޢަލީ ފިރާޤުއަށް ގުޅީމެވެ. އޭނާވެސް މާގިނައިރުތަކެއް ނުވެ އެގެއަށް އައެވެ. އެހެންނަމަވެސް އަހަރެންނަށް ޢަލީ ފިރާޤުގެ ފަރާތުން ފެނުނީ ކުރިންވެސް އޭނާގެ ފަރާތުން ފެނުނު މަންޒަރަވެ. ކިތަންމެ ކައިރީގައި ހުއްޓަސް ޢަލީ ފިރާޤަކަށް ސަމްސުއްނިސާއެއް ނުފެނެއެވެ. އެހެނީ އޭނާއާއި ދިމާއަށް ބަލައިލާކަށްވެސް ޢަލީ ފިރާޤު ބޭނުމެއް ނުވެއެވެ. އެހެންނަމަވެސް އަރުޝީގެ ޙައްޤުގައި ޢަލީ ފިރާޤުވެސް ބަސްބުނަމުން ގެންދިޔައެވެ. އެހެން ނުހެދުމަށް އެދި އެތައް އާދޭހެއް ކުރަމުން ގެންދިޔައެވެ. ސަމްސުއްނިސާގެ މި ޢަމަލުގެ ފުރަގަހުގައިވާ މަޤްޞަދު އަހަރެންނަކަށްވެސް އަދި ޢަލީ ފިރާޤަކަށްވެސް ނުވިސްނުނެވެ. އެނގުނުހާވެސް އެއްޗަކީ، ސަމްސުއްނިސާގެ މޭގައި އޮތީ ހިތެއް ނޫންކަމެވެ. އެހެނަސް އެއީ ހިލަގަނޑެކެވެ. އެހެންނޫންނަމަ، އަމިއްލަ ބަނޑުގައި ގަރުބަގަނެ، އެތައް ވޭންތަކެއް އުފުލައިގެން ވިހާ ދަރިއަކަށް އެހާ އިހާނެތިކޮން ކަންތަކެއް ނުކުރިސްތާއެވެ. އަރުޝީ އޭނާއާއި ކއިރިކުރަން ބޭނުންނުވާ ވާހަކައާއި އެހެން ރަށަކަށް ފުރައިގެން ދާން ބޭނުންވާ ވާހަކަ ތަކުރާރުކޮށް ބުނަމުން ގެންދިޔައެވެ. އަރުޝީ އޮތީ ރޮއެރޮއެ ހިނދިފައެވެ. އެކުއްޖާ ފަކީރުގެ ލޮލަށް ނިދި ޖަމާވަމުން ދިޔަނަމަވެސް ބަނޑުހައިކަންމަތީގައި އޮވެ، ނުވެސް ނިދޭނެތާއެވެ. އެންމެފަހުން ޢަލީ ފިރާޤުގެ ހިތަށްވެސް ކުޅަދާނަ ނުވެގެން ރޮވެން ފެށިއެވެ. އަވަހަށް ގޮސް ކިރުދަޅަކާއި ބުއްފުޅިއެއް ހިފައިގެން އައެވެ. އަހަރެން އަވަސްވެގަތީ، އަރުޝީއަށް ބުއްފުޅިއެއް ތައްޔާރުކޮށްފައި ދިނުމަށެވެ. ގިސްލަމުން ބުއްފުޅީގައި ތުންޖަހައިގެން ވަކިވަރަކަށް ބޮއުމާއިއެކު އަރުޝީއަށް ނިދިއްޖެއެވެ. ޢަލީ ފިރާޤުއަށް ހހިތްހަމަޖެހުން ލިބުނީ  އަރުޝީއަސް ލޯމެރިލެވުމުންނެވެ. އެއަށްފަހު އޭނާވެސް ދިޔައީ ގެއަށެވެ.  އަހަރެންނަށްވެސް ހަމަޖެހުމުގެ ނޭވާއެއް ލެވުނީ އޭގެ ފަހުންނެވެ.

 

އަރުޝީ ބޭއްވުމަށްފަހު، އަހަރެންނަށް ދުންޖަހާފައި ދެވުނީ ސަމްސުއްނިސާއާއި ދިމާއަށެވެ. އަހަރެން އައިސް ހުރި ރުޅިން، ސަމްސުއްނިސާގެ

އަތުގެ މުލައްދަނޑީގައި ހިފާ ހޫރާލެވުނެވެ. ”ކޯޗެއް ސާބިތުކުރާނަމޭ ހިތާތަ ތިއުޅެނީ؟ އެއޮއް ތުއްތު ކުއްޖާ ފަކީރަށް ތިހާ އިހާނެތިކަމެއް ތިދެނީ އެފަކީރުގެ ކޮން ކުށެއް އޮވެގެންތަ؟“ އަހަރެން އެހާ ރުޅިގަދަކޮށް ސުވާލުކުރުމުންވެސް ސަމްސުއްނިސާ އިޚްތިޔާރުކުރީ ހަނުހުރުމަށެވެ. އޭނާގެ އެޢަމަލުގެ ފަހަތުގައި ފޮރުވިފައިވާ ސިއްރެއް އަހަރެންނަކަށް ނުވިސްނުނެވެ. އެހެންނަމަވެސް އަހަރެން ރޯން ފެށުމުން ސަމްސުއްނިސާއަކަށް ކެތެއް ނުވިއެވެ. އޭނާގެ ހަމަހިމޭންކަން ނައްތާލާ، އަހަރެން ކުރަމުންދިޔަ ސުވާލުތަކެއް ޖަވާބުދޭން ނިންމިއެވެ. އެހެންނަމަވެސް އެއީ އެންމެ އެދެވޭ ޖަވާބެއް ނޫނެވެ. ”އަހަރެން މިހެން ކަންތައް މިކުރީ ކީއްވެގެންކަން ނަފީސާއަށް ކޮންމެސް ދުވަހަކުން ވިސްނޭނެ. އެކަމަކު އަހަރެން އަދިވެސް ތަކުރާރުކޮށް ބުނެލަން އަހަރެން ބޭނުންވަނީ މިތަނުން ދާށޭ.“ ”ސަމްސުއްނިސާ ދާނީ ކޮންތާކަށް؟ ދަންނަ މީހަކު ނޫނީ ރައްޓެއްސަކު އުޅޭ އެހެން ރަށެއް އެބައޮތްތަ؟“ ސަމްސުއްނިސާގެ ނިންމުން ބަދަލުވޭތޯ ބަލަން އަހަރެން ސުވާލުކުރީމެވެ. ”އަހަރެން ދަންނަ މީހަކު އުޅޭ ރަށެއްވެސް ނެތް. އެކަމަކު އެކަނި ޙާލައިގެން އުޅެންވެސް އަހަރެން ބޭނުންވަނީ ކޮންމެސް އެހެންތާކަށް ދާން.“ސަމްސުއްނިސާ އޭނާގެ ގޮތުގައި ހިފަހައްޓަމުން ގެންދިޔައެވެ. އަހަރެންވެސް ފޫހިވެގެން އެތަނުން ތެދުވެގެން ދިޔައީއެވެ. އެންމެފަހުން އާދޭސްކޮށްކޮށް އަހަރެން ވަރުބަލިވާގޮތް ވިއެވެ. އަހަރެން ބޭނުންވީ ޢަލީ ފިރާޤުއާއި ވާހަކަދައްކައިގެން މިކަމަށް ކޮންމެވެސް ގޮތެއް ނިންމާށެވެ. ޢަލީ ފިރާޤުގެ ވިސްނުން ހުރީ ސަމްސުއްނިސާ ދާން ބޭނުންވާ ތަނަކަށް ފޮނުވާލާށެވެ. އަދި ޤާނޫނީގޮތުން ކުރެވެން ހުރި ކަމެއް ކޮށްގެން އަރުޝީ އަހަރެމެން ދެމީހުންގެ ބެލުމުގެ ދަށަށް ގެންނާށެވެ.

އޭގެ ދުވަސްކޮޅެއް ފަހެވެ. ސަމްސުއްނިސާގެ މައްޗަށް ހުކުމް ކުރެވި، ދަޢުލަތުން އޭނާގެ މައްޗަށް އުފުލަންޖެހޭ ދަޢުވާ އުފުލާ ދޭންޖެހޭ ޢަދަބެއް ދީ ނިންމާލިއެވެ. ހަމައެހެންމެ ޢަލީ ފިރާޤުގެ މައްޗަށްވެސް ޙުކުމް ކުރެވިގެން ދިޔައެވެ. ސަބަބަކަށްވީ އޭނާ ފޫޅުމާ ފޯމުގައި ސޮއިކުރުމާއިއެކު ކުރި ކުށަކަށް އިއުތިރާފު ވުމެވެ. އޭގެ ކުޑަދުވަސްކޮޅެއް ފަހުން ސަމްސުއްނިސާ ފުރައިގެން ދިޔައީ ރާއްޖެތެރޭގެ ރަށަކަށެވެ. އެރަށުގައި ސަމްސުއްނިސާއަށް ހުރެވޭނެ އިންތިޒާމު ހަމަޖައްސައިދިނީ، ޢަލީ ފިރާޤެވެ.  ސަމްސުއްނިސާ ފުރައިގެން ދިއުމުގެ ކުރިން،  އަރުޝީ ދަޢުލަތުގެ ބެލުމުގެ ދަށަށް ޙަވާލުކުރެވުނެވެ. އޭނާއަށް ދަރިފުޅު ބެލެން ނެތްކަމަށް ބުނުމުންނެވެ. އެހެންނަމަވެސް އަރުޝީ އެފަދައިން ދަޢުލަތުގެ ބެލުމުގެ ދަށަށް ދޫކޮށްލާކަށް އަހަރެންގެ ހިތެއް ނުރުހުނެވެ. އެހެންގޮތެއް ނެތިއްޔާ، ޢަލީ ފިރާޤުއާއި ކައިވެނި ކޮށްގެންވެސް އަހަރެން ބޭނުންވީ އަރުޝީ އަހަރެންގެ ބެލުމުގެ ދަށަށް ގެންނާށެވެ. އެގޮތުގެ މަތިން އަހަރެން ޢަލީ ފިރާޤުއާއި ކައިވެނި ކުރީމެވެ. އޭނާވެސް ހިތުން ރުހުމުން ބޭނުން ވެގެންނެވެ. އެއަށްފަހު، ޤާނޫނީގޮތުން ފުރިހަމަކުރަންޖެހޭ ލިޔެކިޔުންތައް ފުރިހަމަ ކުރުމަށްފަހު، އަރުޝީއަކީ ޤާނޫނީގޮތުން އަހަރެންނާނާއި ޢަލީ ފިރާޤުގެ ދަރިއަކަށް ހެދީމެވެ. ޢަލީ ފިރާޤަކީ އަރުޝީގެ އުފަން ބައްޕަކަމުގައި ވީނަމަވެސް، ޝަރުޢީ ގޮތަކުން އެޙައްޤެއް އޭނާއަކަށް ނޯންނާނެތާއެވެ. އެހެނަސް އަރުޝީގެ ޢުމުރުގެ ކުރީކޮޅު، ބައްޕައެއްގެ ފުރިހަމަ ލޯތްބާއި އަޅާލުން ޢަލީ ފިރާޤުގެ ފަރާތުން އަރުޝީއަށް ދެމުން ގެންދިޔައެވެ. އެހެންނަމަވެސް އަރުޝީ ބޮޑުވަމުން ދިޔަވަރަކަށް ސަމްސުއްނިސާގެ ބައެއްކަހަލަ ސިފަތައް އޭނާގެ ކިބައިން  ފެންނަށް ފެށިއެވެ. ސަމްސުއްނިސާއަކީ ވާތްތެރިއެކެވެ. ހަމައެގޮތަށް އަރުޝީވެސް ކަންކަން ކުރުމުގައި ވައަތް އިސްކުރަން ފެށިއެވެ. އެކަހަލަ މަންޒަރު ތަކުން ޢަލީ ފިރާޤުއަށް ސަމްސުއްނިސާގެ އޮޅުވާލުން ހަނދާނަށް އަންނަން ފެށިއެވެ. އަދި އެއީ އަރުޝީއާއި، ޢަލީ ފިރާޤު ދުރުވާންފެށި ސަބަބުތައް ކަމުގައިވެސް ވެގެން ދިޔައެވެ. އަރުޝީގެ އެފަދަ އާދަތައް ކެނޑުވޭތޯ އަހަރެން ވަރަށް މަސައްކަތް ކުރީމެވެ. އިރާދަކުރެއްވީތީ އަހަރެންނަށް އެކަންކަން ކާމިޔާބުވެސް ކުރެވުނެވެ. އަހެރެންގެ މަޤްޞަދަކަށްވީ ބައްޕައަކު އޭނާގެ ދަރިފުޅާއި ދުރުނުވުމެވެ. އެހެންނަމަވެސް އަހަރެންނަކަށް އެކަން އެންމެ ފުރިހަމައަކަށް ޙާޞިލެއް ނުކުރެވުނެވެ. އެއީ ޢާލީ ފިރާޤުގެ ދަރިއެއްކަން އެކިފަހަރުމަތިން ހަނދާން ކޮށްދީގެންވެސް މެއެވެ. އެހެނަސް  އެއިން ކޮންމެފަހަރަކު އަހަރެން ވެގެންދިޔައީ ޢަލީ ފިރާޤުގެ ރުޅިއާއި އަނިޔާގެ ޝިކާރައަކަށެވެ. އަހަރެންދެކެ ޢަލީ ފިރާޤު ލޯބިނުވާތީކީވެސް ނޫނެވެ. އެހެނަސް ޢަލީ ފިރާޤުގެ ހިތުގައި ސަމްސުއްނިސާއާއިމެދު އުފެދިފައި އޮތް ނަފުރަތު އެއަށްވުރެ މާ ބޮޑުވީތީއެވެ. ސަމްސުއްނިސާ އަހަރެމެންނާއި ދުރުގައި ހުއްޓެއްކަމަކު ބަރާބަރަށް އަރުޝީގެ ޚަބަރު ބަލަމުން ގެންދިޔައެވެ. އިތުރު އެއްވެސް މީހަކަށް އެނގުމަކާއިނުލައެވެ. ސަމްސުއްނިސާއާއި ގުޅިފައިވާ އަރުޝީގެ އާދަތައް ކަނޑުވަން އަހަރެންނަށް ލަފާ ދިނީވެސް ޚުދު ސަމްސުއްނިސާއެވެ. ޢަލީ ފިރާޤުގެ ހިތުގައި އަރުޝީއަށްޓަކާ ކުލުނެއް އޮތުން އެއީ ސަމްސުއްނިސާވެސް ބޭނުންވާ ގޮތްކަމަށް ވީތީއެވެ.

އެހުރިހާ އަނިޔާއެއް އަހަރެންނަށް ލިބެމުން ދިޔަނަމަވެސް އަހަރެންގެ މައްޗަށް އޮތް ޙައްޤުތަކާއި ވާޖިބު، ޢަލީ ފިރާޤު އެންމެ ފުރިހަމައަށް

އަދާކުރަމުން ގެންދިޔައެވެ. ހަމައެހެންމެ އަރުޝީއަށްވެސް ހުރިހާ އެއްޗެއް ހޯދައިދެމުން ގެންދިޔައެވެ. ޢަލީ ފިރާޤުގެ ހިތުގައި އަރުޝީއަށްޓަކާ

ކުލުނެއް ނެތީކީވެސް ނޫނެވެ. އާނއެކެވެ. އުފަން ދަރިއެއްފަދައިން، އަރުޝީދެކެ ޢަލީ ފިރާޤު ލޯބިވިއެވެ. އޭނާގެ ހުރިހާކަމެއް އެންމެ ގާތުން ބަލަމުންވެސް ގެންދިޔައެވެ. އެހެންނަމަވެސް އަރުޝީ ބޮޑުވަމުން ދިޔަވަރަކަށް ލޯމައްޗަށް ފެންނާނެހެން އަރުޝީއާއި ގާތްގުޅުމެއް ނުބޭއްވީ ކީއްވެގެންކަން އެއީ ޢަލީ ފިރާޤުގެ މަރުދުވަހާއި ހަމައަށްވެސް އަހަރެންނަށް އެނގިފައިނުވާ އެއްޗެކެވެ. ފަހު ނޭވާއާއި ހަމައަށްވެސް އަރުޝީގެ

ކުރިމަގާއި ކުރިއެރުމާއިމެދު ވިސްނާ ފިކުރުކުރިއެވެ. އެކަމަށްޓަކާ ޢަލީ ފިރާޤުވަނީ ދުރާލާ ތައްޔާރުވެސް ވެފައެވެ. އެހެނީ، އޭނާގެ ގޯތި ވަނީ އަރުޝީއަށް ލިބޭނެހެން ހުރިހާ ލިޔެކިޔުމެއް ތައްޔާރުކޮށް ކޯޓަށް ހުށައަޅާފައެވެ. އެގޮތުން ޢަލީ ފިރާޤުގެ އިޚްތިޔާރުގައިވާ ހުރިހާ ބާރެއް އޭނާ އަރުޝީއަށް ހޯދައިދިނެވެ. ޢަލީ ފިރާޤުގެ ހިތުގައި އަހަރެމެން ދެމައިންނަށްޓަކާ އެއްވެސް ކުލުނެއް ނެތްކަމަށް އަރުޝީއަށް އަބަދުވެސް ހީވަމުން ދިޔައެވެ. އެހެނަސް ޙަޤީޤަތްވަނީ އޭގެ ފަހަތުގައި ފޮރުވިފައެވެ. އަހަރުމެން ދެމައިންނަށް ލިބެންވާ ހުރިހާ ހައްޤެއް އަހަރެމެންގެ ބެލެހެއްޓުންތެރިޔާ ވަނީ ހޯދައިދީފައެވެ. އަހަރެންގެ ނެތް ދުނިޔެއެއްގައި އަހަރެންގެ މިލްކިއްޔާތުގައިވާ ހުރިހާ އެއްޗަކީވެސް އަހަރެންގެ ދަރިފުޅު އަރުޝީގެ މިލްކެކެވެ. އަހަރެން އަބަދުވެސް އަރުޝީއަށް ދެދުނީޔޭގެ ބާއްޖަވެރިކަމާއި އުފާ ފާގަތިކަން އެދެމެވެ. މާތް ﷲ އަހަރެންގެ ދަރިފުޅު ހުރިހާ މުޞީބާތްތަކުން ރައްކާތެރި ކުރައްވާށިއެވެ.

އަހަރެން މިފޮތުގައި މިލިޔުނީ، އަހަރެންގެ ޙަޔާތުގެ ދަތުރުނާމާއެވެ. އެދަތުރުގައި އަހަރެންނަށް އެތައް ތޫފާނަކާއި ކުރިމަތިލާން ޖެހުނެވެ. ދަތުރަށް ފެށުމުގެ ކުރިން އަންދާޒާ ކުރެވިފައިނުވާ އެތައް ރާޅެކެވެ. ބޯމަތިން ދަތުރުކުރި ބަނަ ވިލާތަކެވެ. އަންނާނެކަން އެނގިހުރެ ކުރިމަތިލި އެތައް ކޮޅިގަނޑެކެވެ. ހުދު ބިއްލޫރިކޮޅެއްފަދަ ސާފު ރީތި މޫސުންތަކެވެ. އާނއެކެވެ. ޙަޔާތުގެ ދަތުރަކީ މިފަދަ އެއްޗެކެވެ. އެއިން ކޮންމެ މޫސުމަކަށްވެސް ކެރިގެން ތައްޔާރުވެ ކުރިމަތި ލުމަކީ އަހަރެމެންގެ އަމިއްލަ ޒިންމާއެކެވެ. އެނގިފައި ނުވާނެ އެއްޗަކީ، ތަޤުދީރުގެ ނިޔާއެވެ. އެހެނަސް ހިތްވަރު ހުރިއްޔާ ތަޤުދީރުގެ ނިޔާއަށްވެސް ކެތްތެރިކަމާއިއެކީ ކުރިމަތި ލެވޭނެއެވެ. އެގޮތުން އަހަރެންގެ ހަޔާތަށް މިހާރު ކުރިމަތިވަމުން މިދާ ތޫފާނަކީވެސް އޭގައި އާދަޔާ ޚިލާފު އެތައްކަމެއް ފެންނަމުންދާ ތޫފާނެކެވެ. އާނއެކެވެ. އަހަރެންނަށް ބުނެދޭން ނޭންގޭ އެތައް އުނދަގޫތަކެއް ވަމުންދާތާ ދުވަސްތަކެއް ވެއްޖެއެވެ. މިއީ އާދައިގެ ކަމެއް ނޫންކަން އަހަރެންނަށް އެނގެއެވެ. ޑޮކްޓަރަށް ދައްކައިގެންވެސް މިކަންކަމަކަށް ހައްލެއް ނުލިބުނެވެ. ބުނަނީ މާބޮޑު ކަމެއް ފެންނަން ނެތް ކަމަށެވެ. އެހެންނަމަވެސް އެމީހެއްގެ އެތެރެހަށީގައި އަޅަމުންދާ ވޭނެއް އެނގޭނީ އެމީހަކަށްތާއެވެ. ދެން މާގިނަދުވަހު ދުނިޔޭގައި ހުންނާނެކަމަކަށް އަހަރެންގެ ހިތެއް ނުބުނެއެވެ. އަހަރެންގެ ދަރިފުޅު އަހަރެންގެ ލޮލަށް ދެން ފެންނާނެ ކަމުގެ ޔަޤީންކަމެއްވެސް ނެތެވެ. އެހެނެއްކަމަކު، އަހަރެންގެ ހަޔާތުގެ ދަތުރުގައި ކުރިމަތިލާން ޖެހުނު ކޮންމެ ކޮޅިގަނޑަކާއި ތޫފާނެއްގެ ފުރިހަމަ މަޢުލޫމާތު އަހަރެންގެ ދަރިފުޅަށް ކިޔައިދޭން އަހަރެން ބޭނުމެވެ. އެއީ އޭނާއަށް އެނގުން ޙައްޤު ކަންކަމަށް ވީތީވެސް މެއެވެ.  ވަޤުތު ފާއިތުވުމުގެ ކުރިން މިފޮތުގައި އަހަރެން މިވާހަކަތައް މިލިޔުނީ އެ ސަބަބަށްޓަކައެވެ. އަހަރެން ދިއުމަށްފަހު އަރުޝީގެ އުފަން މަންމައާއި ބައްދަލުވާނެ ކަމުގެ ހިތްހަމަޖެހުން އަހަރެންނަށް ލިބިހުރެވެސް މެއެވެ.

  • ނުނިމޭ –

 

 

މި ލިޔުމާ ގުޅޭ