އަވަށްޓެރި ސްރީލަންކާގެ ކަމާ ބެހޭ އޮތޯރިޓީތަކުން ހުއްދަ ދީފައިވާ މިންގަނޑާ ހިލާފަށް މަތީ ތައުލީމުދޭ ޕްރޮގުރާމްތަކެއް ހިންގާތީ އެގައުމުގައި ކިޔަވަން ފެށުމުގެ ކުރިން ސަމާލުވުމަށް މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީ، (އެމްކިޔުއޭއިން) އެދިއްޖެއެވެ.
މިކަމަށް ސަމާލުވުމަށް އެދި އެ އޮތޯރިޓީން ނެރުނު ބަޔާނެއްގައި ވަނީ ލަންގެ ޓާޝަރީ އެންޑް ވޮކޭޝަނަލް އެޑިއުކޭޝަން ކޮމިޝަނުން ހުއްދަދޭ މިގަނޑާ ހިލާފަށް އެ މިންގަނޑުން ބޭރުން އެ ގައުމުގެ ބައެއް މަރުކަޒުތަކުން ޕްރޮގްރާމްތައް ހިންގާކަން ފާހަގަވާ ކަމަށެވެ.
އެގޮތަށް މިންގަނޑާ ހިލާފަށް އެ ތަންތަނުން ހިންގާ ހަޔާ ޑިޕްލޮމާއިން މަތީގެ ޓާޝަރީ ޕްރޮގްރާމްތައް އެހެން ގައުމުތަކާ ގުޅިގެން ހިންގާކަން ފާހަގަވެފައިވާކަމަށްވެސް ބުނެފައިވެއެވެ.
އެގޮތަށް ހުއްދަ ދީފައިވާ މިގަނޑާ ހިލާފަށް އެ ތަންތަނުން ހިންގާ ޕްރޮގްރާމްތަކުގެ ސެޓިފިކެޓް މީގެ ފަހުން އެމްކިޔުއޭއިން ޤަބޫލުނުކުރާނެކަމަށް ވެސް އެ އޮތޯރިޓީން ވަނީ ބުނެފައެވެ.
އެ އޮތޯރިޓީން ބުނީ، ދަރިވަރުން ކިޔަވަން ލަންކާއަށް ދިޔުމުގެ ކުރިން އެމްކިޔުއޭއިން ދޫކުރާ ”އިންޓެންޑެޑް“ ލިޔުން ހޯދުމަކީ މުހިންމުކަމެއްކަމަށެވެ.
ސްރީލަންކާގެ ޓާޝަރީ އެންޑް ވޮކޭޝަނަލް އެޑިއުކޭޝަން ކޮމިޝަނުން ހުއްދަ ދެމުން އަންނަނީ ހަޔާ ޑިޕްލޮމާ އިން ދަށުގެ ޓާޝަރީ ޕްރޮގްރާމްތަކަށެވެ. އަދި ސްރީލަންކާގެ ޔުނިވާސިޓީ ގްރާންޓްސް ކޮމިޝަނާއި ސްރީލަންކާގެ މިނިސްޓްރީ އޮފް އެޑިއުކޭޝަންގެ އިތުރުން ހަޔާ އެޑިއުކޭޝަން އެންޑް ވޮކޭޝަނަލް އެޑިއުކޭޝަނުން ހުއްދަ ދެމުން އަންނަނީ ޑިގްރީއަށްވުރެ މަތީގެ ޕްރޮގްރާމްތަކަށެވެ.
އެމްކިޔުއޭއިން ބަޔާނުގައި ވަނީ އެ އޮތޯރިޓީން ގަބޫލުކުރާނީ ރާއްޖޭގެ ގައުމީ ސަނަދުތަކުގެ އޮނިގަނޑަށް ފެތޭ އަދި އެ ފެންވަރުގެ ޕްރޮގްރާމަކަށް ވަނުމަށް ކަނޑައަޅާފައިވާ އެންޓްރީ ކްރައިޓީރިއާ ފުރިހަމަވާ ޕްރޮގްރާމްތައް ކަމަށެވެ. އަދި ލަންކާގެ ކަމާ ބެހޭ އިދާރާތަކުން ހުއްދަ ދީފައިވާ މަތީ ތައުލީމުދޭ މަރުކަޒުތަކުންނާއި އެ މަރުކަޒުތަކުން ހިންގާ ޕްރޮގްރާމްތައްކަމަށްވެސް ބުނެފައިވެއެވެ.
އެހެންކަމުން ދިވެހި ދަރިވަރުން ލަންކާގައި ކިޔަވަން ފެށުމުގެ ކުރިން ކިޔަވަން ގަސްތުކުރާ މަރުކަޒަކީ ސަނަދުތަކުގެ ފެންވަރު ބެލުމުގެ ގަވާއިދުގައި ބަޔާންކުރާ މިންގަނޑަށް ފެތޭ މަރުކަޒެއްކަން ކަށަވަރުކޮށް، އެ ޕްރޮގްރާމަކީ އެ އޮތޯރިޓީން ގަބޫލުކުރާ ޕްރޮގުރާމެއްކަން ކަށަވަރުކުރުމަށްއެމްކިޔުއޭއިން ވަނީ އިލްތިމާސްކޮށްފައެވެ.






