ފްލެޓް ލިސްޓަށް ބަޔަކު އިތުރު ކުރުމުގެ ފުރުސަތު އެއްވެސް ފަރާތަކަށް ނޯންނާނެ: މުއްތަލިބު

މުހައްމަދު އަލީ
ސެޕްޓެމްބަރ 28, 2025

ސަރުކާރުން ހުޅުމާލެ ދެވަނަ ފިޔަވަހީގައި ތަރައްގީކުރަމުންދާ 4000 ހައުސިން ޔުނިޓުން ފްލެޓް ލިބޭނެކަމަށް އޮތް ފައިނަލް ލިސްޓަށް ލިސްޓަށް ބަޔަކު އިތުރު ކުރުމުގެ ފުރުސަތު އެއްވެސް ފަރާތަކަށް ނޯންނާނެ ކަމަށް ހައުސިން މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބު ވިދާޅުވެއްޖެއެވެ.

ސަރުކާރުން ހުޅުމާލެ ދެވަނަ ފިޔަވަހީގައި ތަރައްގީކުރަމުންދާ 4000 ހައުސިން ޔުނިޓުން ފްލެޓް ލިބޭނެކަމަށް ކުރީގައި އޮތް އެމްޑީޕީ ސަރުކާރުން ”15 ނޮވެމްބަރު 2023“ ގައި އިއުލާންކުރި ފައިނަލް ލިސްޓާ ހިލާފަށް މި ސަރުކާރުން އެއްވެސްކަމެއް ކޮށްފައިނުވާނެ ކަމަށް ހައުސިން މިނިސްތަރު ޑރ. އަބްދުﷲ މުއްތަލިބު މިއަދު ވިދާޅުވެއްޖެއެވެ.

ސަރުކާރުން އެ ފްލެޓުތަކުގެ ބައެއް ވިއްކަން އުޅޭކަމަށް ބުނެ ފަތުރަމުންދާ ވާހަކަތަކަށް ރައްދު ދެއްވައި ސޯޝަލް މީޑިއާގައި ހިއްސާ ކުރެއްވި މެސެޖެއްގައި މިނިސްތަރު ވިދާޅުވީ، ކުރީގައި އޮތް އެމްޑީޕީ ސަރުކާރުން ”15 ނޮވެމްބަރު 2023“ ގައި އިއުލާންކުރި ފައިނަލް ލިސްޓާ ހިލާފަށް މި ސަރުކާރުން އެއްވެސްކަމެއް ކޮށްފައިނުވާނެ ކަމަށެވެ. އަދި އޭރު ގެޒެޓުކޮށްފައިވާ ލިސްޓާއި އިއުލާނާ ހިލާފަށް ފަހުން ލިސްޓަށް އެއްވެސް ފަރާތެއް އިތުރުކުރެވިފައި ނުވާނެ ކަމަށްވެސް ވިދާޅުވިއެވެ.

މިނިސްޓަރު ވިދާޅުވީ، ފްލެޓްތައް ދެމުން އަންނަނީ ”15 ނޮވެމްބަރު 2023“ ގައި އިއުލާންކުރި ފްލެޓް ލިސްޓަށް ކަމަށެވެ. އަދި އެ ލިސްޓުން އުނިވާނީ ޝަރުތު ހަމަނުވާކަން ޔަގީންވާ މީހުން އެކަނި ކަމަށްވެސް މިނިސްޓަރު ވިދާޅުވިއެވެ.

ފްލެޓް ލިބޭ މީހުންގެ ވަގުތީ ލިސްޓު އާންމުކޮށް، ޝަކުވާއަށް ހުޅުވާލައި ދާއިމީ ލިސްޓު ނެރުނީ މީގެ ކުރިން އޮތް އެމްޑީޕީ ސަރުކާރުންނެވެ. އޭރު ފްލެޓް ލިބޭނެކަމަށް ކަނޑައަޅާ 2023 ނޮވެމްބަރު 15ގައި ނެރެފައިވާ ލިސްޓަކީ، ގިނަ ޝަކުވާތަކަކާ ގުޅިގެން އޭސީސީން އެ މަސައްކަތް މަޑުޖައްސާލުމަށް އަންގާފައިވަނިކޮށް ނެރެފައިވާ ލިސްޓެކެވެ. އޭސީސީން އޭރު ހާމަކުރިގޮތުގައި ލިސްޓުގެ ގާތްގަނޑަކަށް 70 ޕަސެންޓް މީހުންނަކީ ފްލެޓަށް ޝަރުތުހަމަނުވާ މީހުންނެވެ.

މިސަރުކާރުން ވަނީ އޭސީސީގެ ލަފަޔާއެކު ހައްސަ ކޮމިޓީއެއް އެކުލަވާލައި، އެ މައްސަލަ ބައްލާފައެވެ. އެގޮތުން، ފްލެޓް ލިބޭނެކަމަށް ކަނޑައެޅި 2180 މީހުން ޝަރުތު ހަމަނުވާކަމަށް އެ ކޮމިޓީންވެސް ނިންމިއެވެ. ސަރުކާރުން ކުރިއަށްގެންދިޔަ ލިސްޓް އިވެލުއޭޝަން މަސައްކަތުގައި 4939 ފޯމު ބަލާފައިވެއެވެ.

ލިސްޓުގައި މައްސަލައެއް ނެތި، ޝަރުތު ހަމަވާ ފަރާތްތަކާއެކު އެއްބަސްވުމުގައި ސޮއިކުރުމުގެ މަސައްކަތް ފަހިދިރިއުޅުން ކޯޕަރޭޝަން، އެފްޑީސީ މެދުވެރިކޮށް އަންނަނީ ކުރަމުންނެވެ.

މި ލިޔުމާ ގުޅޭ