މަޖިލިސް ޖަލްސާތައް މާދަމާ ފަށަނީ

މުހައްމަދު އަލީ
އޮކްޓޯބަރ 1, 2025

ދެ ވަނަ ދައުރުގެ ޗުއްޓީ ނިންމާލުމަށް ފަހު، ރައްޔިތުންގެ މަޖިލީހުގެ މި އަހަރުގެ ތިންވަނަ ދައުރުގެ ޖަލްސާތަށް މާދަމާ ފަށާނެއެވެ.

މަޖިލިސް މެންބަރަކު މިއަދު ވިދާޅުވީ، ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއް މާދަމާ ބާއްވަން އޮތް ނަމަވެސް މަޖިލިސް ގަވާއިދު ބުނާގޮތުން ތިންވަނަ ދައުރު ފެށޭނީ މިމަހުގެ ހަވަނަ ދުވަހުން ފެށިގެން ކަމަށެވެ.

މަޖިލީހުގެ ޖަލްސާއެއް މާދަމާ ބާއްވަން ތާވަލުކުރި ނަމަވެސް އެ ޖަލްސާގެ އެޖެންޑާ އަދި ހާމަކޮށްފައެއްނުވެއެވެ.

ނޫސްވެރިން ދެކޮޅު ހަދަމުންދިޔަ ”މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިން ކޮމިޝަން“ގެ ގާނޫނުގެ ބަހުސް ފެށުމަށްޓަކައި، މިދިޔަ އޯގަސްޓްމަހުގެ 15 އާހަމައަށް އޮތް މަޖިލީހުގެ ދެވަނަ ދައުރު، އެމަނުގެ 21 ވަނަ ދުވަހަށް ދައްމާލަން ފާސްކޮށް، ބިލްގެ ބަހުސް ހޫނު ވުމުގެ ސަބަބުން މަޖިލީހުގެ ދައުތު ނިންމާލައި ދެވަނަ ދައުރުގެ ޗުއްޓީއަށް ދިޔައީ 19 އޯގަސްޓްގައެވެ.

ނަަމަވެސް ”މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިން ކޮމިޝަން“ގެ ބިލާއި ”އާއްމުންގެ ހިޔާލު ހޯދުމުގެ ވޯޓު ނެގުމުގެ“ ބިލް ފާސްކުރުމަށާއި ބައެއް މަސައްކަތްތަަކަށް މަޖިލިސް ޗުއްޓީތެރޭގައި، މިދިޔަ އޯގަސްޓް މަހާއި ސެޕްޓެބަރު މަހުގެ ތެރޭގައި ދައުރުން ބޭރުން ހަތަރުޖަލްސާއެއް ބޭއްވިއެވެ.

މިފެށޭ ތިން ވަނަ ދައުރަށް އެންމެ މުހިއްމު މަސައްކަތެއްގެ ގޮތގައި މަޖިލީހުގައި އޮންނާނީ އަންނަ 2026 ވަނަ އަހަރުގެ ދައުލަތުގެ ބަޖެޓްގެ މަސައްކަތެެވެ.

އޭގެ އިތުރުން ފަނޑިޔާރުންގެ ގާނޫނަށް އިސްލާހު ގެނައުުމުގެ ބިލާއި، ޓްރޭޑްމާކް ބިލާއި ގާނޫނުލްއުގޫބާތަށް އިސްލާހު ގެނައުމުގެ ބިލާއި ޓެކުހާ ބެހޭ އިދާރީ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލާއި، ޒަކާތުގެ ބިލުގެ އިތުރުން ބައެއް ކޮމިޝަންތަމަށް މެންބަރުން ލުމުގެ މަސައްކަތްވެސް އެބައޮތެވެ.

މި ލިޔުމާ ގުޅޭ