ދައުލަތުގެ އިންޓާނަލް އޮޑިޓަރުންގެ މުސާރައަށް ހެޔޮ ބަދަލެއް ވަރަށް އަވަހަށް އަންނާނެ ކަމަށް ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފް ވިދާޅުވެއްޖެއެވެ.
ނައިބުރައީސް މިހެން ވިދާޅުވީ، ފިނޭންސް މިނިސްޓްރީން ކުރިއަށް ގެންދާ ”އިންޓާނަލް އޮޑިޓް ކޮންފަރެންސް 2025“ ފަަށަން ބޭއްވި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައި ވާހަކަފުޅު ދައްކަވަމުންނެވެ.
އިންޓާނަލް އޮޑިޓަރުންނަށް މަސައްކަތްކުރުމުގައި ކުރިމަތިވާ ގޮންޖެހުންތައް ކުޑަކުރުމަށް އިނޓާނަލް އޮޑިޓަރުންނަށް ހާއްސަކޮށް، އޮނިގަނޑެއް އެކުލަވާލާފައިވާކަން ފާހަގަކުރައްވައި ނައިބު ރައީސް ވިދާޅުވީ، ކައިރި މުސްތަގްބަލެއްގައި ދައުލަތުގެ އޮފީސްތަކުގެ އިންޓާނަލް އޮޑިޓަރުންގެ މުސާރައަށް ހެޔޮބަދަލު އަންނާނެކަމަށެވެ.
”މިހާރު ވަނީ އިންޓާނަލް އޮޑިޓަރުންނަށް ހާއްސަ އޮނިގަނޑެއް އެކުލަވާލެވިފައި. އަދި ކައިރި މުސްތަގުބަލެއްގައި ދައުލަތުގެ އޮފީސްތަކުގެ އިންޓާނަލް އޮޑިޓަރުންގެ މުސާރައަށް ހެޔޮ ބަދަލެއް އަންނާނެ ކަމުގެ އުފާވެރި ހަބަރު އަޅުގަނޑު ހިއްސާކޮށްލަން،،“ ނައިބު ރައީސް ވިދާޅުވި އެވެ.
މިއަހަރުގެ އިންޓަރނަލް އޮޑިޓް ކޮންފަރެންސްގެ ޝިޢާރަކީ ”ބަދަލުވަމުންދާ ވެއްޓެއްގައި ޖަވާބުދާރީ ކުރުވުމުގައި އިންޓާނަލް އޮޑިޓްގެ ދައުރާއި، އާންމު މަސްލަހަތު ކުރިއެރުވުން“ މިޝިއާރުންވެސް ފާހަގަވެގެންދަނީ ދުނިޔެ ބަދަލުވަމުން، ތަހްޒީބުވަމުންދާ ދިއުމުގައި ތަފާތު އީޖާދުތަކާއެކު ކުރިއަށް ދެނެނުގަނެވޭނެ ހިރާސްތަކާއި ގޮންޖެހުންތަކާއި އޮޑިޓްކުރުމުގައިވެސް ކުރިމަތިލާންޖެހޭނެ ކަންކަމަށް ނައިބު ރައީސް ވިދާޅުވިއެވެ. އެހެންކަމުން މިފަދަ ހިރާސްތައް ދެނެގަނެ އެކަންކަމަށް އޮޑިޓަރުން ފާރަވެރިވާން ޖެހޭ ކަމަށާއި، ކަންކަން ބޮއްސުންލައިގެން ދިއުމުގެކުރިން އެކަންކަމަށް ފާރަވެރިވެ އިދާރާތަކުގެ އިންޓާނަލް ކޮންޓްރޯލް ވަރުގަދަ ކުރުމަށްވެސް އެދިވަޑއިގެންނެވިއެވެ.






