އުމުރުން ދުވަސްވީ ކޮންމެ މީހަކީ މި ޤައުމަށް ތަޖްރިބާގެ އަގުހުރި މުތެއް ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ރައީސް ވިދާޅުވެފައިވަނީ ”އެއިން ކޮންމެ ބޭފުޅަކު މާޒީގައި ދެކެވަޑައިގަތް ކަންކަމަކީ، ބާއްޖަވެރި މާދަމާއެއް ބިނާކުރުމަށްޓަކައި އިބުރަތުގެ ދަރުސްތަކެއް،“ ކަމަށެވެ.
އުމުރުން ދުވަސްވީ މީހުންގެ ދުވަހާގުޅިގެން އެމަނިކުފާނު ކުރެއްވި މި ޕޯސްޓުގައި ވިދާޅުވެފައިވަނީ، ސަރުކާރުން އެންމެ ސަމާލުކަންދޭ އެއް ސިޔާސަތަކީ ރާއްޖޭގެ ކޮންމެ ރަށަކީވެސް ދޮށީ އުމުރުގެ ރައްޔިތުންނަށް ފަހި، ފަސޭހަ، އޯގާތެރި ވެއްޓަކަށް ހެދުން ކަމަށެވެ. އަދި ހުރިހާ އުމުރު ފުރައަކަށް އުފާފާގަތި މާހައުލެއް އަބަދުމެ އޮތުން ކަމަށްވެސް ވިދާޅުވެފައިވެއެވެ.
”ތިޔައިން ކޮންމެ އިސްރަށްވެއްސެއްގެ ޙަޔާތުގެ މި ދުވަސްތަކަކީ، ލޯތްބާއި ކުލުނުން ފުރިފައިވާ، ދުޅަހެޔޮ، ބާއްޖަވެރި ދުވަސްތަކެއް ކަމުގައި މާތްﷲ ލައްވާށި،“ ރައީސް ވިދާޅުވިއެވެ.ތޯ






