އެމްޑީޕީން މިރޭ ނުކުންނަނީ ގައުމު ހަލަބޮލި ކުރަން: ޚަލީލް

މުހައްމަދު އަލީ
އޮކްޓޯބަރ 3, 2025

އެމްޑީޕީން މިރޭ މަގުމައްޗަށް ނުކުންނަނީ ގައުމު ހަލަބޮލުކުރަން ކަމަށް މިސަރުކާރުގެ ފޮރިން މިނިސްޓަރ ޑރ. އަބްދުﷲ ޚަލީލް ވިދާޅުވެއްޖެއެވެ.

ޚަލީލް އެކްސްގައި ވިދާޅުވެފައިވަނީ އެމްޑީޕީ ވެރިކަމުގައި އޮތްއިރު އެޕާޓީގެ ވެރީން ހިންގާފައިވާ ކޮރަޕްޝަންގެ އަމަލުތައް މިސަރުކާރުން ބަލާނެ ކަން އެމްޑީޕީއަށް މިހާރު ވަނީ ކަށަވަރު ވެފައި ކަމަށެވެ. ގައުމު ހަލަބޮލިކުރަން މިރޭ ނުކުންނަނީ އެހެންވެ ކަމަށްވެސް ވިދާޅުވެފައިވެއެވެ.

”އެމްޑީޕީގެ ވެރިން ހިންގާފައިވާ ކޮރަޕްޝަނުގެ ބޮޑެތި އަމަލުތައް ބަލާނެކަން ކަށަވަރުވުމުން އަނެއްކާވެސް އެދިމާކުރީ ގައުމު ހަލަބޮލިކުރަން. ފުލުހުންނަށް ހަމަލާދީ ދައުލަތުގެ މުދަލަށް ގެއްލުންދިނުން އެއީ އެމްޑީޕީގެ މުޒާހަރާތަކުގައި އާންމުކަމެއް. މިއަދުގެ މުޒާހަރާގެ އަމާޒު ވެސް ހުރީ އެގޮތަށް ކަމަށް ވަރަށް އެކަށީގެންވޭ،“ ޚަލީލް ވިދާޅުވެފައިވެއެވެ.

އެމްޑީޕީގެ އިސްވެރީން ވިދާޅުވެފައިވަނީ މިރޭގެ މުޒާހަރާއަކީ ސުލްވެރި އެއްވުމެއް ކަމަށެވެ. އެއްވެސް ކަހަލަ ހަމަނުޖެހުމެއް ނުހިނގާނޭ ކަމަށް އެޕާޓީން ވަނީ ބުނެފައެވެ. މިރޭގެ އެއްވުމާ ހެދި ސަރުކާރުން އެއްވެސް ވަރަކަށް ކަންބޮޑުވާނޭ ކަމެއްނެތް ކަމަށް ވެސް ވަނީ ބުނެފައެވެ. އެހެނަސް މިރޭގެ މުޒާހަރާ ބާއްވާތީ ސަލާމަތީ ބާރުތަކުން ވަނީ އެލާޓްވެފައެވެ.

މި ލިޔުމާ ގުޅޭ