ބޮޑު ”ހުކުރެއް“ އަންނަކަން އިއުލާން ކުރަމުން އެމްޑީޕީން މިރޭ ބޭއްވި މުޒާހަރާ ބާރަޖަހަން ގާތްވެފައި ވަނިކޮށް ނިންމާލައިފިއެވެ.
މުޒާހަރާ ނިންމާލަމުން ބުނެފައިވަނީ އެމްޑީޕީއާ އިދިކޮޅު ފަރާތްތަކުން މާލެތެރެ ހަލަބޮލިކުރަން އުޅޭކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށެވެ. އެއަށްވުރެ ކުރިން މުޒާހަރާ ނިންމާލީ ސަރުކާރުން އެކަން އެމްޑީޕީގެ ބޮލުގައި އަޅުވާނެތީ ކަމަށް ވެސް ބުންޏެވެ. މިއީ ފެށުމެއް ކަމަށާއި ކުރިއަށް އޮތްތަނުގައި ސިލްސިލާކޮށް މުޒާހަރާ ކުރިއަށްދާނޭ ކަމަށް އެމްޑީޕީން ބުންޏެވެ.
ގިނައަދަދެއްގެ މީހުން ބައިވެރިވި މުޒާހަރާގައި ކުރީގެ ރައީސް، އިބްރާހީމް މުހައްމަދު ސާލިހާއި، އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒު އިސްމާއީލާއި، ޕާޓީގެ ރައީސް އަބްދުﷲ ޝާހިދު ބައިވެރިވެ ވަޑައިގެންނެވިއެވެ.
އާޓިފިޝަލް ބީޗުން ފެށި މުޒާހަރާ ފުރަތަމަވެސް މިސްރާބުޖެހީ މަޖީދީ މަގަށެވެ. އެހެންނަމަވެސް އެއީ ފުލުހުން ހުއްދަ ދީފައިވާ ރޫޓު ނޫންކަމަށް ބުނެ ފުލުހުންވަނީ މުޒާހަރާއަށް ހުރަސް އަޅައި ހުއްޓުވައިފައެވެ. އެ ހިސާބުން މުޒާހަރާގެ ބައިވެރިންނާއި ފުލުހުންނާދެމެދު ހަމަނުޖެހުން ހިނގައި ޕެޕަރސްޕްރޭ ބޭނުން ކޮށްފައިވެއެވެ. އޭގެ ސަބަބުން އެކަކު ހާސްވެގެން ގޮސް ހާޓުއެޓޭކެއް ޖެހުނު ކަމަށްވެއެވެ. އޭނާ ހޮސްޕިޓަލަށް ގެންގޮސް އޮޕަރޭޝަނެއް ކުރުމަށްފަހު ވަނީ ސްޓަންޓް ލައްވައިފައި ކަމަށް މައުލޫމާތު ލިބިފައިވެއެވެ. އޭނާގެ ހާލު މިހާރު ރަނގަޅު ކަމަށާއި އަދި އޮތީ އައީސީޔޫގައި ކަމަށް ވެސް މައުލޫމާތު ލިބިފައިވެއެވެ.






