އުޖާލާ ކުރިމަގެއް ހޯދައިދިނުމުގެ ބާރު އޮތީ މުދައްރިސުންނަށް: ރައީސް

މުހައްމަދު އަލީ
އޮކްޓޯބަރ 5, 2025

ރާއްޖެއަށް އުޖާލާ ކުރިމަގެއް ހޯދައިދިނުމުގެ އެންމެ ބޮޑު ދައުރަކާއި ބާރެއް އޮތީ މުދައްރިސުންގެ އަތްމަތީގައި ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ މިއަދު ފާހަގަކުރަމުންދާ ބައިނަލްއަގުވާމީ މުދައްރިސުންގެ ދުވަހާ ގުޅުވައިގެން ސޯޝަލް މީޑިއާގައި ހިއްސާކުރެއްވި ޕޯސްޓެއްގައެވެ. އެމަނިކުފާނު ވަނީ ދުވަހުގެ ތަހުނިޔާ ހުރިހާ މުދައްރިސުންނަށް ފޮނުއްވާފައެވެ. މުދައްރިސުންގެ ހިދުމަތަކީ މާއްދީ އެއްވެސް އެއްޗަކުން އަގުނުކުރެވޭނެ، ގަދަރުވެރި އަދި ފަހުރުވެރި ހިދުމަތެއް ކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ، މުދައްރިސުންގެ ބުރަ މަސައްކަތާއި ހިންމަތަކީ ދުނިޔެއާއި އާހިރަތުގެ މަންފާ އޭގައި އެކުލެވިފައިވާ ހިދުމަތެއް ކަމަށެވެ.

މާދަމާ ގައުމުގެ ދިދަ އުފުލާނެ ޢަޒުމު ވަރުގަދަ އަދި ހިތްވަރުގަދަ ކުދިން ތިބީ މިއަދު މަދުރަސާގައިކަން ފާހަގަކުރައްވައި ރައީސް ވިދާޅުވީ ދިވެހީން އެދޭ ފަދަ ހަރުދަނާ ޖީލެއްގެ ގޮތުގައި އެ ކުދިން ތަރުބިއްޔަތު ކުރެވޭނީ މުދައްރިސުން މިއަދު ދިން އިރުޝާދަކާއި ތައުލީމާއި އޯގާތެރިކަމަކުން ކަމަށެވެ. އެހެންވެ، ރާއްޖެއަށް އުޖާލާ ކުރިމަގެއް ހޯދައިދިނުމުގެ އެންމެ ބޮޑު ދައުރަކާއި ބާރެއް އޮތީ މުދައްރިސުންގެ އަތްމަތީގައިކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

ރައީސް ވަނީ ރާއްޖޭގެ ތައުލީމީ ދާއިރާގައި މަސައްކަތްކުރާ ހުރިހާ އެދުރުންނަށް ކުރިއެރުމާއި ފަހިކަން ހޯދައިދިނުމަށް ސަރުކާރުން ހާއްސަ ސަމާލުކަމެއް ދޭއްވާނެކަމުގެ ޔަގީންކަންވެސް ދެއްވާފައެވެ.

މި ލިޔުމާ ގުޅޭ