ޑިސެމްބަރ 23, 2024 12:15

ފޮނި އަންނާރެއް ހުތް އަންނާރެއް ވަކިކުރާކަށް ނޭނގޭ!

މުހައްމަދު އަލީ
ސެޕްޓެމްބަރ 14, 2024

އަބްދުﷲ ބުން މުބާރަކުގެ ބައްޕާފުޅު އަލްމުބާރަކު އަކީ بنو حنظلة ޤަބީލާގެ  ވިޔަފާރިވެރިއަކު ގެންގުޅުއްވި އަޅެކެވެ. ނަމަވެސް އެކަލޭގެފާނަކީ ވަރަށް ޞާލިޙު ބޭކަލެކެވެ. ގިނަވަގުތު މީސްތަކުންނާ އެކަހެރިވެ، الله އަށް އަޅުކަންކުރުމުގައި ވަގުތު ހޭދަކުރެއްވިއެވެ. ހެޔޮލަފާ ބޭކަލެކެވެ. ޞާލިޙް އަޅުވެރިއެކެވެ.

شـذرات الـذهـب އާއި وفـيـات الأعـيـان ފަދަ ތާރީޚީ ފަތްފުށްތަކުގައި އަލްމުބާރަކު އާއި ބެހޭގޮތުން ވަރަށް ޝައުޤުވެރި ވާހަކައެއް ގެންނަވާފައިވެއެވެ. އެގޮތުން އެކަލޭގެފާނުގެ މަސައްކަތްޕުޅަކީ އިސްވެދެންނެވި بنو حنظلة ގަބީލާގެ ވިޔަވާރިވެރިޔާގެ ދަނޑުބިންތައް ބެލެހެއްޓުމާއި ގަސްއިންދުމުގެ މަސައްކަތްޕުޅެވެ.

އެކަލޭގެފާނު މިމަސައްކަތުގައި އެތައް ދުވަހެއްވީފަހުން، އެއްދުވަހު އެކަލޭގެފާނުގެ ސާހިބުމީހާ ދަނޑަށް ވަޑައިގަތެވެ. އަދި ފޮނި އަންނާރެއް ބިނދެގެން ގެނެސް ދިނުމަށް މުބާރަކުގެ އަރިހުން އެދުނެވެ. އެހިނދު އެކަލާގެފާނު ދަނޑަށް ވަދެފައި އެނބުރި އައިސް ސާހިބުމީހާއަށް އަންނާރެއް ދިނެވެ. ނަމަވެސް ސާހިބު މީހާ އެއަންނާރުގެ ރަހަ ބަލާފައި ބުންޏެވެ. މިއީ ހުތް އަންނާރެކެވެ. ފޮނި އަންނާރެއް ގެނެސް ދޭށެވެ. ދެންފަހެ އަނެއްކާވެސް މުބާރަކު ދަނޑަށް ވަދެފައި އެނބުރި އައިސް ސާހިބު މީހާއަށް އަންނާރެއް ދިނެވެ. އެފަހަރުވެސް އޭގެ ރަހަބަލާފައި ސާހިބު މީހާ ބުންޏެވެ. ”މިވެސް ހުތް އަންނާރެކެވެ. އަހަރެން ތިބާގާތުގައި އެދުނީ ފޮނި އަންނާރެއް ގެނެސްދޭށެވެ. އެނބުރި ގޮސް ފޮނި އަންނާރެއް ހިފައިގެން އަންނާށެވެ.“

ކޮންމެއަކަސް މިކަން މިގޮތަށް ތިންވަނަފަހަރު ތަކުރާރުވުމުން ސާހިބުމީހާ ހިސާބަކަށް ކޯފާވެފައި ބުންޏެވެ. ”ބަލަ! މިހާދުވަހު މިކަމުގެ ތެރޭގައި އުޅުނުއިރުވެސް ފޮނި އަންނާރާއި ހުތް އަންނާރު ވަކިކުރަން ތިބާއަށް ހަމަ ނޭނގެނީ ހެއްޔެވެ.؟”

އެހިނދު މުބަރަކު ދެންނެވިއެވެ. “އާދޭހެވެ. އަޅުގަނޑަކަށް ފޮނި އެއްޗެއް ހުތް އެއްޗެއް ވަކިކުރާކަށް ނޭނގެއެވެ.” ސާހިބު މީހާ ދެންނެވިއެވެ. “ތިޔައީ ކިހިނެއްވާނެ ކަމެއް ހެއްޔެވެ.؟”  މުބާރަކް ދެންނެވިއެވެ. “’އެހެނީ އަހަރެން ދުވަހަކުވެސް މީން އަންނާރެއް ނުކަމެވެ. ރަހަ ނުބަލަމެވެ. އެހެންކަމުން އަހުރެންނަށް ފޮނިއެއްޗެއް ހުތް އެއްޗެއް ވަކިކުރަން އެނގޭނީ ކިހިނެއް ހެއްޔެވެ.؟“

އެހިނދު ސާހިބު މީހާ ހިސާބަކަށް ހައިރާންވެފައި އެއްސެވިއެވެ. ”ތިބާ އެއިން  ނުކަނީ ކީއްވެހެއްޔެވެ.؟” މުބާރަކު ދެންނެވިއެވެ. “ކަލޭގެފާނު ދުވަހަކުވެސް އަޅުގަނޑަށް އެއިން ކެއުމުގެ އިޒުނަ ދެއްވާފައި ނުވެއެވެ،“

ކޮންމެއަކަސް މިހުރިހާ އަހަރުތަކެއް ވީއިރުވެސް އެއިން މޭވާއެއްގެ ރަހަވެސް މުބާރަކު ބަލާފައި ނުވުމާއި އެކު، އެކަލޭގެފާނުގެ ފަރާތްޕުޅުން ފެނުނު ތަޤުވެރިކަމާއި،  ﷲ ސުބުޙާނަހޫ ވަތަޢާލާދެކެ ބިރުވެތިވާ މިންވަރާއި ކިޔަމަންތެރިކަން އަދާކުރާ މިންވަރު ފެނިފައި ސާހިބުމީހާ އޭނާގެ ދަރިކަނބަލުނާ ކައިވެނިކުރުމަށް މުބާރަކަށް ހުށަހެޅިއެވެ. އެހިނދު ދެންނެވިއެވެ. ”ޖާހިލިއްޔަ ޒަމާނުގައި މީހުން ކައިވެނި ކުރަނީ ނަސްލަށްޓަކައެވެ. ޔަހޫދީން ކައިވެނިކުރީ މުއްސަނދިކަމަށްޓަކައެވެ. އަދި ނަޞާރާއިން ކައިވެނި ކުރީ ރީތިކަމަށްޓަކައެވެ. ނަމަވެސް މިއުންމަތުގެ މީހުން ކައިވެނި ކުރައްވަނީ ދީންވެރިކަމަށްޓަކައެވެ.“

ފަހެ މުބާރަކުގެ މިޖަވާބާ މެދު ސާހިބު މީހާ އިތުރަށް ގަޔާވިއެވެ. އަދި މިވާހަކަ ގޮސް އޭނާގެ އަންހެނުން ގާތު ވިދާޅުވިއެވެ. އެހިނދު އެކަނބުލޭގެ ދެންނެވިއެވެ. “އަހުރެމެންގެ ދަރިފުޅު ކައިވެނި ކުރަން ތިޔަށްވުރެ އެކަށީގެންވާ ދެވަނަ މީހަކު އަހުރެން ނުދެކެމެވެ.“ އެއަށްފަހު އަލް މުބާރަކު ސާހިބު މީހާގެ ދަރިކަނބަލުންނާ ކައިވެނި ކުރެއްވިއެވެ. އަދި އެކައިވެންޏަށް އަބުދުﷲ ބުނު މުބާރަކު ލިބިވަޑައިގަތެވެ.

 

މަސްދަރު: ދަ ގާރޑެން އޮފް ހަދީޘް ސްކްލާސް / شاہ عبد العزیز دھلوی

މި ލިޔުމާ ގުޅޭ