މިދިޔަ ހުކުރު ދުވަހުގެރޭ އެމްޑީޕީން ބޭއްވި ”ލޫޓުވައިފި ލޫޓުވައިފި“ މުޒާހަރާއާ ދެކޮޅަށް ލޯންގް ރޭންޖް އެކޯސްޓިކް ޑިވައިސް (އެލްއާރުއޭޑީ) ފުލުހުން ބޭނުންކުރީ ގާނޫނާހިލާފަށް ކަމަށް ބުނެ ހުށަހެޅި ކުއްލި މައްސަލަ ރައްޔިތުންގެ މަޖިލީހުން ބޭރުކޮށްލައިފިއެވެ.
މި ކުއްްލި މައްސަލަ މަޖިލީހަށް ހުށަހެޅުއްވީ، ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއީލް އަހުމަދު ނަސީމެވެ.
މިކުއްލި މައްސަލަ ހުށަހަޅުއްވަމުން މީކާއީލް ވިދާޅުވީ، އެ މުޒާހަރާއަށް ހުރަސްއެޅުމަށް ފުލުހުން މެދުވެރިކޮށް އެކި ގޮތްގޮތުން މަސައްކަތްކޮށްފައިވާކަމާއި، އެއްވުމުގެ ސުލްހަވެރިކަން ގެއްލުވާލުމަށް ހާލަތާއި ނުބައްދަލު ބާރުގެ ބޭރުން އެކި ފަހަރުމަތިން ކޮށްފައިވާކަމަށެވެ.
އެގޮތުން ލޯންގް ރޭންޖް އެކޯސްޓިކް ޑިވައިސް (އެލްއާރުއޭޑީ) ނަމަކަށްކިޔާ ހަތިޔާރެއް މުޒާހަރާއާދެކޮޅަށް، ފުލުހުން ބޭނުންކުރި ހަތިޔާރުގެ ސަބަބުން ފެންނަ ގޮތަކަށް ލިބޭ އަނިޔާއެއް ނެތް ނަމަވެސް، ނަފްސާނީގޮތުންނާއި، މީހުންގެ އަޑުއިވުމުގެ ހިއްސަށް ލިބޭ ގެއްލުން ބޮޑުކަމަށްވެސް ވިދާޅުވިއެވެ.
”އެ ހަތިޔާރުގެ ސަބަބުން މީހުންގެ ކަންފަތް ބީރު ވުމުގެ ފުރުސަތު އޮތް ކަމަށް ބޭރުގެ ސިއްހީ ޖަމްއިއްޔާތަކުން ވެސް ކަނޑައަޅާފައިވާހިނދު، އެ ހަތިޔާރު ހުއްޓުމެއްނެތި އެތަނުގައި ބޭނުން ކުރުމުގެ ސަބަބުން އެ އެއްވުމުގައި ބައިވެރިވި ރައްޔިތުންގެ އިތުރުން އެ ސަރަހައްދުގައި ދިރިއުޅޭ ރައްޔިތުންނަށް، ކަންފަތަށް ތަދުވުން އަދި ބޮލުގައި ރިއްސުމާއި ބޯ އެނބުރުން ފަދަ މައްސަލަތައް ދިމާވުމާއި އަދި ކުޑަކުދިންނަށް ނަފްސާނީ ގޮތުން އުނދަގޫވެގެން ފަރުވާ ހޯދަމުންދޭ،“
ގާނޫނު ބުނާގޮތުން ހަތިޔާރު ބޭނުންކުރުމުގައި ފުލުހުން އަމަލުކުރަންޖެހޭ ގޮތުގެ އުސޫލެއް އޮންނަންޖެހޭކަމާއި، ޕެޕާ ސްޕްރޭ އާއި ކަރުނަގޭސް އަދި މުގުރު ބޭނުންކުރުމުގައި އަމަލު ކުރާނެ ގޮތުގެ އުސޫލުތައް ހަދާފައިވީނަމަވެސް އެލްއާރުއޭޑީ ބޭނުންކުރާނެގޮތް ފުލުހުން އާއްމުކޮށްފައި ނެތުމަކީ އެއްވެސް ހަމައެއް ލަމައެއްނެތި ރައްޔިތުންނާ ދެކޮޅަށް އޭގެ ބޭނުން ކުރުމަށް ފުރުސަތު ލިބިގެންދާކަމެއްކަމަށް ވެސް ވިދާޅުވިއެވެ.
އެ ހަތިޔާރުގެ ބޭނުން ފުލުހުން ކޮށްފައި ވަނީ، އެ ހަތިޔާރު ބޭނުން ކުރުމުގައި އުލުހުން އަމަލުކުރަންޖެހޭ ގޮތުގެ އުސޫލު އާއްމުނުކޮށް ކަަމަށްވާތީ ފުލުހުން އެ ހަތިޔާރު ބޭނުންކުރީ ގާނޫނާހިލާފަށްކަމަށްވެސް ބުނެފައިވެއެވެ
މި ކުއްލި މައްސަލަ މަޖިލީހަށް ބަލައިގަންނަން ނެގި ވޯޓުގައި، މަޖިލިސް ޖަލްސާގައި ތިއްބެވި 52 މެންބަރުންގެ ތެެރެއިން، މައްސަލަ ބަަލައިގަންނަން ވޯޓު ދެއްވީ އިދިކޮޅު އެމްޑީޕީގެ 12 މެންބަރުންނެވެ. ކުއްލި މައްސަލަ ބަލައިނުގަތުމަށް 40 މެންބަރުން ވޯޓު ދެއްވިއެވެ.






