ތައިލެންޑްގެ ސޯޝަލް މީޑިއާ އިންފްލުއެންސަރެއް ކަމަށްވާ 32 އަހަރުގެ ޕަރިންޔާ ޕާކްޕޫމް ގޭގައި އޮޅުކޮށްގެން ގެންގުޅުނު މިނިކާވަގު ގެއިން ފިލައިގެން ނިކުމެ ބޯ ޕްލޯއި ސަރަހައްދުގެ ދެ ރައްޔިތަކަށް ހަމަލާދީފިއެވެ. މި ހާދިސާގައި 43 އަހަރުގެ ސަރަވުޓް ޓޮކާއޯ އާއި 11 އަހަރުގެ އާތިޓް ނުއެންގްނުއި އަށް ހަމަލާދީ، ބޮޑެތި އަނިޔާތަކެއް ކޮށްފައި ވެއެވެ.
މި ހާދިސާއާ ގުޅިގެން ތައިލެންޑްގެ ނެޝަނަލް ޕާކްސް، ވައިލްޑްލައިފް އެންޑް ޕްލާންޓް ކޮންޒަވޭޝަން ޑިޕާޓްމަންޓުން ވަނީ ޕާކްޕޫމްގެ މައްޗަށް ޤާނޫނީ ފިޔަވަޅު އަޅަން ނިންމާފައެވެ. އަދި އޮޅުކޮށްފައިވާ ނުރައްކާތެރި ޖަނަވާރުތައް މީހުންގެ ތެރެއަށް ދޫކޮށްލުމަކީ މަނާކަމެއް ކަމަށްވާތީ، އޭނާއަށް 6 މަސްދުވަހުގެ ޖަލު ޙުކުމެއް އަންނާނެ ކަމަށް ލަފާ ކުރެވެއެވެ. އަދި ސަރުކާރުން އެދިއްޖެނަމަ، ބައިލައްކަ ބާތުގެ ޖޫރިމަނާއެއް ވެސް ދެއްކިދާނެއެވެ.
މި މިނިކާވަގު ވަނީ ހޭނައްތާލުމަށްފަހު ޖަނަވާރުތައް ބަލަހައްޓާ މަރުކަޒަކަށް ގެން ގޮސްފައެވެ. އަދި އަނބުރާ ވެރިފަރާތާ ހަވާލުނުކުރެވޭނެކަން ވަނީ ބުނެފައެވެ. މި ހާދިސާއާ ގުޅިގެން ތައިލެންޑްގައި އާންމުން ގޭގައި ވަލު ޖަނަވާރު ގެންގުޅުމާމެދު ބަހުސްތަކެއް އަލުން ފެށިފައި ވެއެވެ.






