މިދިޔަ މެއި މަހުގެ 18 ވަނަ ދުވަހުގެ ފަތިހު ހ. މިޓާޒް ގޭގެ ފުރާޅުމައްޗަށް ހައްވާ ޔުމްނު (21އ)، ވެއްޓުނު މައްސަލައިގައި ފުލުހުން އަމަލުކޮށްފައިވާގޮތަށް ބަލައި، އިހުމާލް ވެފައިވާ ފުލުހުން އިހުމާލުވެފައިވާ މިންވަރު ދެނެގަތުމުގެ ތަހުގީގެއް ކުރިއަށްސާ ކަމަށް ހޯމް މިނިސްޓަރު އަލީ އިހުސާން ވިދާޅުވެއްޖެއެވެ.
މިނިސްޓަރު އަލީ އިހުސާން މިހެން ވިދާޅުވީ، ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ގަލޮޅު އުތުރު ދާއިރާގެ އެމްޑީޕީ މެންބަރު މުހައްމައު އިބްރާހިމް ލިއުމުން ޖަވާބު ހޯއްދެވުމަށް ކުރެއްވި ސުވާލަށް ޖަވާބު ދެއްވަމުންނެވެ.
މެންބަރު މިނިސްޓަރާ ސުވާލު ކުރައްވާފައިވަނީ ހައްވާ ޔުމްނު ރަޝީދުގެ މައްސަލައިގައި ރައީސުލްޖުމްހޫރިއްޔާ އުފެއްދެވި ރިޔާސީ ކޮމިޝަނުން ނެރުއްވި ރިޕޯޓުގައ،ި ފުލުހުންގެ އިހުމާލުތަކެއް ހުރިކަމަށް ފާހަގަކޮށް އެކަންކަމަށްފިޔަވަޅުއަޅަން ލަފާދެއްވާފައިވާއިރު އެކަމާގުޅިގެން ފުލުހުންގެ އެއްވެސް ފަރާތަކާމެދު ފިޔަވަޅެއްއަޅާފައިވޭތޯ އާއި، ފިޔަވަޅެއް އަޅާފައިވާނަމަ އެޅި ފިޔަވަޅަކީ ކޮބައިތޯއެވެ.
މި ސުވާލަށް ލިމުން ދެއްވި ޖަވާބުގައި މިނިސްތަރު ވިދާޅުވީ، ޔުމްނު ވެއްޓިފައި އޮތްކަމަށް ފުލުހުންނަށް ލިބުނު މައުލޫމާތާގުޅިގެން، ހިނާދިޔަ ކަންތައްތަކުގައި ވަކިވަކި ފުލުހުން އިހުމާލު ވެފައިވާ މިންވަރު ދެނެގަތުމަށްޓަކައި ފުުހުންގެ ޕްރޮފެޝަނަލް ސްޓޭންޑެޑް ކޮމާންޑްސްގެ ފަރާތުން ތަހުގީގު ފަށާފައިވާ ކަމަށެވެ.
އެ ތަހުގޫގުގެ ދަށުން ސުވާލު ކުރަންޖެހޭ ފަރާތްތަކާ ސުވާލު ކުުރުމުގެ މަސައްކަތް ކުރަމުން ގެންދާ ކަމަށާއި، އެތަހުގީގު ވީ އެންމެ އަވަހަށް ނިންމުމުގެ މަސައްކަތް ކުރަމުންދާ ކަމަށްވެސް ވިދާޅުވިއެވެ.
މިނިސްތަރު ވިދާޅުވީ އެ މައްސަލައާ ގުޅިގެން ފުލުހުންގެ ކޮމިއުނިކޭޝަން ސެންޓަރުގެ ޕްރޮސީޖާ ރިވިއުކޮށް، އެސްއޯޕީއަށް މުވައްޒިފުން އަހުލުވެރި ކުރެވިފައިވާކަމަށް ވެސް ވިދާޅުވިއެވެ. އަދި ރައީސް އުފެއްދެވި ރިހާސީ ކޮމިޝަންގެ ހުށަހެޅުންތައް ތަންފީޒުުރުމަށް މަސައްކަތް ކުރަމުންދާ ކަމަށްވެސް ވިދާޅުވިއެވެ.
ޔުމްނު ވެއްޓުނު މައްސަލައިގައި ފުލުހުން އަމަލުކޮށްފައިވަނީ ފަރުވާކުޑަކޮށް ކަމަށާއި ފަރުވާކުޑަކުރި މުވައްޒަފުންގެ މައްސަލަ ބަލައި ފިޔަވަޅު އަޅަންޖެހޭ ކަމަށް ރިޔާސީ ކޮމިޝަނުން އެކުލަވާލި ރިޕޯޓުގައި ވަނީ ބުނެފައެވެ.






