ޣައްޒާގެ ޖެނޮސައިޑް ހަނގުރާމަ ފެށުނު ފަހުން އެމެރިކާގައި އިސްރާއީލްގެ ފޮރިން މިނިސްޓްރީން ހިންގާ އެންމެ ބޮޑު ޕަބްލިކް ޑިޕްލޮމަސީ ކެމްޕޭން ފަށައިފިއެވެ. މި ކެމްޕޭނުގެ މައިގަނޑު އަމާޒަކީ އެމެރިކާގެ ޒުވާން ޖީލު ނުވަތަ ޖެނެރޭޝަން ޒީގެ ވިސްނުން ބަދަލުކުރުމެވެ. މި ކެމްޕޭނަށް 145 މިލިއަން ޑޮލަރުގެ ބަޖެޓެއް ޔަހޫދީން ކަނޑައަޅާފައިވެއެވެ.
މި ކެމްޕޭނުގައި ޗެޓްޖީޕީޓީ އަދި ޖެމިނައި ފަދަ މަސްނޫއީ ބުއްދި (މަބު)ގެ ވަސީލަތަތްތަކުން އިސްރާއީލާ ގުޅޭ ގޮތުން ދޭ ޖަވާބުތައް ބަދަލުކުރުމަށް މަސައްކަތް ކުރުން ހިމެނެއެވެ. މި މަސައްކަތުގައި ޓްރަމްޕްގެ ކެމްޕޭން މެނޭޖަރުކަން ކުރި ބްރެޑް ޕާސްކޭލްގެ ކްލޮކް ޓަވަރ ކުންފުންޏާއެކު ޒަޔަނިސްޓު އިސްރާއީލުން މަސައްކަތް ކުރާނެއެވެ.
މި ކެމްޕޭނުގެ 80 އިންސައްތަ އަމާޒުކުރެވިފައިވަނީ ޒުވާން ޖީލަށެވެ. މި ގޮތުން ޓިކްޓޮކް، އިންސްޓަގްރާމް، ޔޫޓިއުބް އަދި ޕޮޑްކާސްޓްތައް މެދުވެރިކޮށް ޔަހޫދީންނަށް ފަހިވާފަދަ ކޮންޓެންޓް ފެތުރުމަށް ރޭވިފައިވެއެވެ. އަދި ”ޕްރޮޖެކްޓް އެސްތަރ“ ގެ ދަށުން އެމެރިކާގެ އިންފްލުއެންސަރުންނަށް ބޮޑެތި އަދަދުތަކުން ފައިސާ ދީގެން އިސްރާއީލަށް ފައިދާވާ ގޮތަށް ޕޯސްޓް ކުރުވުމަށް ހަމަޖެހިފައިވެއެވެ. ޔަހޫދީން ހޮވާފައިވާ މަދު އަދަދެއްގެ ކޮންމެ އިންފުލުއެންސަރެއްގެ ޕޯސްޓަކަށް 7 ހާސް ޑޮލަރު ދޭ ކަމަށްވެސް އެއް ރިޕޯޓެއްގައި ވެއެވެ.
މި ކެމްޕޭން ފެށިފައިވަނީ އެމެރިކާގެ ޒުވާނުންގެ މެދުގައި އިސްރާއީލަށް އޮތް ތާއީދު ދަށްވަމުން ދާތީއެވެ. ގެލަޕް ހޯދުމަކުން ދައްކާ ގޮތުގައި މިހާރު ޔަހޫދީންގެ ޖެނޮސައިޑް ދައުލަތަށް ތާއީ ކުރަނީ 18އަހަރާއި 34 އަހަރާ ދެމެދުގެ އެމެރިކާގެ 9 އިންސައްތަ މީހުން އެކަންޏެވެ. އަދި އިސްރާއީލްގެ އަމިއްލަ ސަރވޭއަކުން ދައްކާ ގޮތުގައި ގާތްގަނޑަކަށް ދެބައިކުޅަ އެއްބައި އެމެރިކާ މީހުން ދެކޭ ގޮތުގައި އިސްރާއީލަކީ ޖެނޮސައިޑް ހިންގާ ގައުމެކެވެ.






