ޔޫކޭގެ ތާރީޚުގައި މޯބައިލް ފޯނު ވައްކަމާ ގުޅޭ އެންމެ ބޮޑު އޮޕަރޭޝަނެއްގެ ތެރެއިން، ވޭތުވެދިޔަ އަހަރު ޗައިނާއަށް 40،000 އަށްވުރެ ގިނަ ވަގު ފޯނު އެކްސްޕޯޓް ކުރި ބައިނަލްއަޤްވާމީ ވިޔުގައެއް ހޯދައި ނައްތާލައިފިއެވެ. މި މައްސަލަ ފާހަގަވީ ކްރިސްމަސްގައި ވަގަށް ނެގި ފޯނެއް ހީތްރޯ އެއަރޕޯޓް ކައިރީގައި ހުރި ގުދަނަކުން ފެނުމާ ގުޅިގެންނެވެ.
މި މައްސަލައިގައި 18 މީހުން ހައްޔަރުކޮށްފައިވެއެވެ. މީގެ ތެރޭގައި އަފްޣާން 2 މީހަކާއި އިންޑިއާ ރައްޔިތެއް ހިމެނެއެވެ. ލަންޑަނުގައި ފޯނު ވަގަށް ނެގުމުގެ މައްސަލަތައް 2020 ގައި 28،609 އިން 2024 ގައި 80،000 އަށް އިތުރުވެފައިވާއިރު، މި ގޭންގުން ވަގަށް ނަގާފައިވަނީ ލަންޑަނުގައި ވަގަށް ނެގޭ ފޯނުތަކުގެ ގާތްގަނޑަކަށް ދެބައިކުޅަ އެއްބައިކަމަށް ފުލުހުން ބުނެއެވެ.
ޚާއްޞަކޮށް އެޕަލް ޑިވައިސްތައް ވަގަށް ނަގާފައިވަނީ ޗައިނާގައި މި ފޯނުތައް އަގުބޮޑުކޮށް ވިއްކޭތީއެވެ. އޭގެ ފޯނެއް ޗައިނާގައި 4،000 ޕައުންޑަށް ވިއްކޭކަމަށް ވެއެވެ. މި މައްސަލައާ ގުޅިގެން ލަންޑަނުގެ މޭޔަރ ސާދިޤް ޚާން ވަނީ ވަގަށް ނެގޭ ފޯނުތައް ބޭނުން ނުކުރެވޭ ގޮތް ހެދުމަށް ޓެކްނޮލޮޖީ ކުންފުނިތަކުގައި އެދިފައެވެ.
2003 އިން ފެށިގެން މިހާތަނަށް އެންމެ ގިނައިން މީހުންގެ އަތުން ފޯނު ވަގަށް ނެގިކަމަށް ރިޕޯޓުވެފައިވާއިރު، ސެކަންޑް ހޭންޑް ފޯނު މާރކެޓް ސަބަބުން މި ކުށްތައް އިތުރުވަމުންދާކަމަށް ފުލުހުން ވަނީ އިންޒާރު ދީފައެވެ.






