ދަނޑުވެރިކަން ކުރުމަށް ދިވެހިރާއްޖޭގެ ބިން ކުޑަވެފައި، ފެންފަށަލަތައް ލޮނުވުންފަދަ ގޮންޖެހުންތަކެއް އެބަހުރިކަމަށް ދަނޑުވެރިކަމާއި ދިރޭތަކެއްޗާބެހޭ ވަޒީރު ޑރ. މަރިޔަމް މާރިޔާ ވިދާޅުވެއްޖެއެވެ.
ދަނޑުވެރިކަމުގެ ދުވަހާ ގުޅިގެންދެއްވި ޚިތާބުގައި ވަޒީރު ވިދާޅުވެފައިވަނީ މިފަދަ ގޮންޖެހުންތަކެއް ހުރި ނަމަވެސް، ދިވެހި ދަނޑުވެރިން ދަނީ މިކަންކަމާ ކުރިމަތިލައި، އީޖާދީ ހައްލުތައް ހޯދަމުން ކަމަށެވެ.
އެކަމަނާ ވިދާޅުވީ ”މިހާރު ދަނޑުވެރިކަމުގެ ސިނާއަތުގައި ހޯދަމުންދާ ކުރިއެރުންތަކަށް ބަލާލާއިރު، ހައިޑްރޮޕޮނިކްސް، ވަރޓިކަލްފާމިންގް އަދި އެއިރޮޕޮނިކްސް ފަދަ ގޮތްތައް ބޭނުންކުރުމުގެ އިތުރުން، ތިމާވެއްޓާއި ރައްޓެހި ދަނޑުވެރިކަމަށް އަޅުގަނޑުމެން މިދަނީ އަމާޒުހިފަމުން،“ ކަމަށެވެ.
ވަޒީރު ވިދާޅުވީ މިސިނާޢަތުގައި ޒުވާނުންގެ ދައުރު މިހާރަށްވުރެ އިތުރުކުރުން މިއީ އަންނަންއޮތް ޖީލުތަކަށް ދަނޑުވެރިކަން ފޯރުކޮށްދިނުމަށްޓަކައި ކާނާގެ ޔަޤީކަން ގާއިމްކުރުމަށް މުހިންމު ކަމެއްކަމަށެވެ. މިގޮތުން، ސްކޫލްތަކުގައި ދަރިވަރުންނަށް ދަނޑުވެރިކަން ދަސްކޮށްދިނުމުގެ ޕްރޮގްރާމްތަކަކީ ވެސް މިފަދަ ކުރިއެރުމެއް ކަމަށް ވިދާޅުވިއެވެ.
”ދަނޑުވެރިކަން ތަރައްގީކުރުމަށާއި ސިންދުފާތު ކުރުމަށް އަޅުގަނޑުމެންގެ ވުޒާރާއިން އަންނަނީ ގިނަ މަސައްކަތްތަކެއް ކުރަމުން. މިގޮތުން ދަނޑުވެރިކަމުގެ ދާއިރާއަށް ބޭނުންވާ ތަހުލީލުތައް ކުރުމަށް ދަނޑުވެރިކަމުގެ ލެބޯޓަރީއެއް ގާއިމްކުރުމުގެ މަސައްކަތް މިދަނީކުރެވެމުން، ކާނާގެ ޔަގީންކަން ކަށަވަރުކުރުމަށްޓަކައި ރާއްޖޭގެ އުތުރުން ފެށިގެން ކޮންމެ އަހަރަކު އަތޮޅަކަށް، އެއަތޮޅެއްގެ ގޭބިސީތަކަކަށް މިއަންނަނީ ގަސް ބަހަމުން،“ ވަޒީރު ވިދާޅުވިއެވެ.
އޭގެތެރެއިން މުރަނގައާއި، ފަތްކެޔޮ އާލާކޮށް އެތަކެތިން ނަފާ އިތުރުކޮށް އެ އުފެއްދުންތަކަށް އަގު އެއްކުރެވޭނެ މަގުތައް ފަހިކޮށްދިނުމަށް ވެސް މަސައްކަތްކުރައްވާ ކަމަށް އެކަމަނާ ވިދާޅުވިއެވެ. އޭގެ އިތުރުން ޕަބްލިކް ޕްރައިވެޓް ޕާޓްނަރޝިޕްގެ ދަށުން ދަނޑުވެރި ރައްރަށުގައި އެރަށެއްގެ ދަނޑުވެރިން މިވަގުތައް އެންމެ ބޭނުންވާ ކަންކަން ހަމަޖެއްސުމަށް ޕްރޮޖެކްޓުތައް ފެށުމަށް ވެސް ދަނީ ތައްޔާރުވަމުން ކަމަށް އެކަމަނާ ވިދާޅުވިއެވެ. އަދި ހަމަ އެހެންމެ ދަނޑުވެރިކަން ސިންދުފާތު ކުރުމަށްޓަކައި ވެލިއު އެޑިޝަން ސެންޓަރުތައް ގާއިމް ކުރުމަށްޓަކައި މަސައްކަތް ކުރައްވާ ކަމަށް ވެސް ވިދާޅުވިއެވެ.
”ދިވެހި ދަނޑުތަކުގައި އުފެއްދޭ ތަކެއްޗަކީ ސިއްހަތަށާއި ވެއްޓަށް ފައިދާހުރި ގޮތުގައި ހައްދާފައިވާ ތަކެތިކަން ކަށަވަރުކުރުމުން ދެވޭ ”މޯލްޑިވްސް ގުޑް އެގްރިކަލްޗަރ ޕްރެކްޓިސަސް“ ސެޓިފިކޭޝަންގެ ދަށުން މިއަހަރުވަނީ ށ.ގޮއިދޫގެ 10 ދަނޑެއް ސެޓިފައި ކުރެވިފައި. މިއީ ރާއްޖޭގެ ހުރިހާ ދަނޑުވެރިންވެސް މިސާލުނަގަން ޖެހޭ މުހިއްމު އަދި ތާރީޚީ ކުރިއެރުމެއް ކަމުގައި ދެކެން،“






