އިޒްރޭލުން ޣައްޒާގެ އެހީއަށް ހުރަސް އަޅަނީ: އިންސާނީ އެހީދޭ 40 ޖަމާއަތެއް

އިބްރާހީމްް ސަމީރު
ނޮވެމްބަރ 1, 2025

ޣައްޒާއަށް އިންސާނީ އެހީ ފޯރުކޮށްދިނުމަށް ހުރަސް އަޅަމުންދާ ކަމަށް ބުނެ، ބައިނަލްއަޤްވާމީ އިންސާނީ އެހީދޭ 40 ޖަމާއަތަކުން އިޒްރޭލު ކުށްވެރިކޮށް ތުހުމަތު ކޮށްފިއެވެ. މި ޖަމާއަތްތަކުން ބުނާ ގޮތުގައި، ބައިނަލްއަޤްވާމީ އެންޖީއޯތަކަށް ޚާއްސަކޮށްގެން ރަޖިސްޓްރީ ކުރުމުގެ އާ ނިޒާމެއް އިޒްރޭލުން ވަނީ ތައާރަފުކޮށް ދަތިކުރަން ފަށާފައެވެ.

އެކަމުގެ ސަބަބުން ޔަހޫދީން ލަސްކުރުމަށް ބަހަނާ ދެއްކުމުން އެތައް މިލިއަން ޑޮލަރުގެ އެހީތައް ޣައްޒާއަށް ނުވެއްދި ހުއްޓިފައިވާ ކަމަށް ފައިނޭންޝަލް ޓައިމްސް ނޫހުން ރިޕޯޓުކޮށްފައިވެއެވެ.

މި 40 ޖަމާއަތުގެ ތެރޭގައި ޑޮކްޓަރޒް ވިތު އައުޓް ބޯޑާޒްއާއި އިނގިރެސިވިލާތުގެ އޮކްސްފާމް، އަދި ނޯވޭގެ ރެފިއުޖީ ކައުންސިލް (އެންއާރުސީ) ފަދަ ބޮޑެތި ޖަމާއަތްތައް ހިމެނެއެވެ.

އެމީހުން ބުނި ގޮތުގައި، ޖެނޮސައިޑް ހަނގުރާމަ ހުއްޓާލި ފުރަތަމަ 12 ދުވަހުގެ ތެރޭގައި ޣައްޒާއަށް އެހީ ވެއްދުމަށް އެދި ހުށަހެޅި 99 ހުށަހެޅުމަކާ އިޒްރޭލުން ވަނީ ދެކޮޅު ހަދާފައެވެ. އަދި ޑޮކްޓަރުގެ ޖަމާއަތުގެ ގާތްގަނޑަކަށް ހުރިހާ ހުށަހެޅުމަކަށް ވެސް އިޒްރޭލުން ދެކޮޅު ހަދާފައިވާ ކަމަށް އެ ޖަމާއަތްތަކުން ބުނެއެވެ. ދެކޮޅު ހެދި ސަބަބަކީ އެ ޖަމާއަތްތަކަކީ އެހީ ދިނުމަށް ހުއްދަ ލިބިފައިވާ ޖަމާއަތްތަކެއް ނޫން ކަމަށް ބުނެއެވެ.

ފައިނޭންޝަލް ޓައިމްސްގައިވާ ގޮތުން، އިޒްރޭލުން މިދިޔަ މާޗް މަހު ވަނީ އާ ގަވާއިދުތަކެއް އިއުލާން ކޮށްފައެވެ. އެ ގަވާއިދުތަކުގެ ދަށުން ޣައްޒާ އާއި ހުޅަނގު އައްސޭރީގައި ފަލަސްތީނުގެ ރައްޔިތުންނަށް އެހީދޭ ޖަމާއަތްތައް އަހަރު ނިމުމުގެ ކުރިން އިޒްރޭލުގެ ކަމާބެހޭ ފަރާތްތަކުގައި އަލުން ރަޖިސްޓްރީ ކުރަން ޖެހެއެވެ. ނޫންނަމަ އެ ޖަމާއަތްތަކުގެ މަސައްކަތް ކުރުމުގެ ލައިސަންސް ގެއްލިގެންދާނެއެވެ.

ފަލަސްތީނުގެ ރެފިއުޖީންނަށް އެހީދޭ އެޖެންސީ (އުންރުވާ) އިން ބުނެފައިވާ ގޮތުގައި، އެއް މިލިއަން މީހުންނަށް ފުދޭ ވަރަށް ފިނި މޫސުމަށް ބޭނުން ކުރާ ރަޖައާއި ފޭލިގެތައް ވެއާހައުސްތަކުގައި ހުރި އިރު، އިޒްރޭލުގެ ނިންމުންތަކާ ހެދި އެތަކެތި ޣައްޒާއަށް ވެއްދުމަށް ހުރަސް އެޅިފައިވެއެވެ.

ޣައްޒާގެ ރަސްމީ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި ފޭލިގެތަކުގެ 93 އިންސައްތަ ހަލާކުވެ، ދިރިއުޅުމަށް އެކަށީގެންނުވާ ހާލަތަކަށް މިހާރު ވަނީ ގޮސްފައެވެ. އަދި ރަފަހުން މަޖުބޫރުން ހިޖުރަކުރި އެތައް ހާސް ބަޔަކާއެކު، އެ ސަރަހައްދުގެ 900،000 އަށް ވުރެ ގިނަ ރައްޔިތުން އެއްތަނަށް ޖަމާވެފައިވާ އިރު އެމީހުންނަށްވެސް ފިނި މޫސުމުގެ ހިޔާވައްސެއް ނެތެވެ.

ޣައްޒާއަށް ދުވާލަކު 600 ޓްރަކްގެ އެހީ ބޭނުންވެއެވެ. ޖެނޮސައިޑް ނިންމި އެއްބަސްވުމުގައިވެސް މި ވަރަށް އެހީ ވައްދަން ޔަހޫދީން އެއްބަސްވެއެވެ. ނަމަވެސް ޔަހޫދީންނަކީ ބަހުގެ އިތުބާރު ކުރެވޭ ބައެއް ނޫން ކަމުން އެމީހުންނަށް އެއްބަސްވުމަށް އަމަލު ކުރަން އުދަގޫ ވެއެވެ.

ޔަހޫދީ ޖެނޮސައިޑް ހަނގުރާމައިގައި ގާތްގަނޑަކަށް 68،643 މީހުން ޝަހީދު ކޮށްފައި ވެއެވެ. އަދި، 170،655 މީހުން ޒަޚަމް ކޮށްފައި ވެއެވެ. މިހުރިހައި އަނިޔާއެއް ދީފައި ވަނީ އެމެރިކާއިން ދިން ހަތިޔާރު ބޭނުން ކޮށްގެންނެވެ.

ޣައްޒާ އަލުން ބިނާކުރުމަށް 70 ބިލިއަން ޑޮލަރުގެ ޚަރަދުވާނެއެވެ.

މި ލިޔުމާ ގުޅޭ