ގައުމުގައި ހަގީގީ މިނިވަންކަން ފުރިހަމައަށް ގާއިމް ވުމަށްޓަކައި އިގްތިސާދީ މިނިވަންކަން ގާއިމް ވެފައި އޮތުމަކީ ވަރަށް މުހިންމުކަމެއް ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
މިއަދު ބޭއްވި ނަސްރުގެ ދުވަހުގެ ރަސްމީ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން އެމަނިކުފާނު ވިދާޅުވީ ”އިގްތިޞާދުގެ މިނިވަންކަން ގާއުމުގައި ގާއިމުވުމަކީ، ހަގީގަތުގައި ގައުމުގައި މިނިވަންކަން ފުރިހަމައަށް ގާއިމުވެގެންދިޔުމުގައި ވަރަށް މުހިންމު ކަމެއް. ހަމައެފަދައިން، ދެންހުރި ކޮންމެ ދާއިރާއަކުންވެސް. އަޅުގަނޑުމެން ކޮންމެ މީހަކަށްވެސް ކުރެވޭނެ، އެހެންނަމަވެސް ވަރަށް މާނަ ފުން، ވަރަށް ބޮޑެތި ކަންކަން އެބަހުރި،“ ރައީސް ވިދާޅުވިއެވެ.
”އެހެންވީމާ، އަޅުގަނޑުމެންނަކީ ކޮންބައެއްކަން ގަބޫލުކޮށް، ދިވެހީން، ދިވެހީންނަށް ވަނީ ކީއްވެކަން ގަބޫލުކޮށް، ދިވެހިވަންތަކަން އިސްކޮށް، ތިމަންނައަކީ ފަޚުރުވެރި މައް ދިވެއްސެއްކަން، ފަޚުރުވެރިކަމާއެކީގައި ޤަބޫލުކޮށް، ފަޚުރުވެރިވާނީ ކިހިނެއްތޯ؟ އިސްލާމްދީނަކީ އަޅުގަނޑުމެންނަށް ލިބިފައި އޮތް އެންމެ މަތިވެރި ނިއުމަތްކަން ފުރަތަމަ ގަބޫލުކުރަންވީ. ކޮށްގެން، އެ ދީނުގައި އޮތްގޮތަށް އަމަލާއި ބަސް ދިމާކުރަންވީ އަބަދާއި އަބަދު. އަމަލާއި ބަސް އަބަދާއި އަބަދު ދިމާކުރަންވީ. އެއީ، އޮޕްޝަނެއް ނޫން، މި ވަގުތު އެއިން އެއްބައި ގަބޫލުކޮށް، އަނެއްވަގުތު އަނެއް ތަންކޮޅެއް ގަބޫލުކޮށް. ނޫން. އަޅުގަނޑުމެންނަށް ލިބިފައި މިއޮތް އެންމެ މަތިވެރި ނިއުމަތަށް ފުރަތަމަ ފަޚުރުވެރިވާންވީ،“ ރައީސް ވިދާޅުވިއެވެ.
އެމަނިކުފާނު ވިދާޅުވީ ފަޚުރުވެރިވެވޭނީ އެއަށް ޢަމަލުކޮށްގެން ކަމަށެވެ. ހަމަ އެއާއެކު، ކާބަފައިން ގެނެސްދީފައިވާ މަތިވެރި ގައުމު އެގޮތުގައި، އަންނާން އޮތް ޖީލުތަކަށް ފޯރުކޮށްދިނުމުގައި، އެ ގުރްބާނީތައް ޒުވާނުންނާއި ތުއްތުކުދިންނަށް ކިޔައިދީ، އަންނާން އޮތް ޖީލުތަކަށް އެ ފޯރުކޮށްދިނުމަށް މަސައްކަތްކުރަންޖެހޭ ކަމަށެވެ.






