ބަލާފާސް ކުރުމަށްފަހުު ލަންކާގެ މަސްބޯޓު އެމްއެންޑީއެފާ ހަވާލުކޮށްފި

މުހައްމަދު އަލީ
ނޮވެމްބަރ 10, 2025

ދިވެހިރާއްޖޭގެ ހާއްސަ އިގްތިސާދީ ސަރަހައްދުން ފެނުނު، ސްރީލަންކާގެ މަސް ބޯޓެއްކަމަށް ބެލެވޭ ”އަވިޝްކާ ޕުތާ“ މިހާރުވަނީ ކޯސްޓްގާޑުގެ ބެލުމުގެ ދަށަށް ގެނެވިފައި ކަމަށް ފުލުހުން ބުނެފިއެވެ.

މި އުޅަނދު ރާއްޖޭގެ ސަރަހައްދަށް ވަދެފައިވަނީ އެއްވެސް ހުއްދައެއް ނެތި ގާނޫނާއި ގަވާއިދާ ހިލާފަށް ކަމަށްވެސް ފުލުހުން ވަނީ ބުނެފައެވެ.
އެމް.އެން.ޑީ.އެފްއިން މި އުޅަނދު ބަލައި ފާސްކުރި އިރު، މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ ގޯނިތަކެއް ހުރިކަން ފާހަގަކުރެވިގެން، އުޅަނދާއި އުޅަނދުގައި ތިބި 05 ފަޅުވެރިން 2025 ނޮވެމްބަރ 9 ވަނަ ދުވަހު ދިވެހި ފުލުހުންގެ ހިދުމަތާ ހަވާލުކުރިއެވެ.
ނޮވެމްބަރ 10 ވަނަ ދުވަހު ކޯޓު އަމުރެއްގެ ދަށުން ފުލުހުން ވަނީ މިއުޅަނދު ބަލައި ފާސްކޮށްފައެވެ. ބެލިބެލުމުން މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ އެއްޗެއްހުރި 24 ގޯނި ފެނިފައިވާ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.

މިތަކެތީގެ ވަގުތީ ބަރުދަނުގައި 355.9 ކިލޯ ގްރާމެވެ. އޭގެތެރޭގައި ހިމެނެނީ ހެރޮއިން ކަމަށް ޝައްކުކުރެވޭ 58.6 ކިލޯ ގްރާމް އަދި މެތަމްފެޓަމިން ކަމަށް ޝައްކުކުރެވޭ 297.3 ކިލޯ ގްރާމްގެ ތަކެއްޗެވެ.
މި މައްސަލައިގެ ތުހުމަތުގައި ސްރީލަންކާއަށް ނިސްބަތްވާ 5 މީހުން ހައްޔަރުކުރެވިފައިވެއެވެ. އެއީ 39، 42، 28، 34 އަދި 63 އަހަރުގެ 5 ފިރިހެނުންނެވެ.
މި މައްސަލަ، ދިވެހި ފުލުހުންގެ ހިދުމަތް، މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް، ސްރީލަންކަން ނޭވީ، އަދި ސްރީލަންކަން ޕޮލިސް ގުޅިގެން ދަނީ ތަހުގީގު ކުރަމުން ކަމަށް ފުލުހުން ވަނީ ބުނެފައެވެ.

މި ލިޔުމާ ގުޅޭ