ތާރީޚީ ހެކި އޮޅުވާލުން: ޚައިބަރުގެ ޔަހޫދީން ޖިޒްޔާއިން ބަރީއަވުމަށް އުފެއްދި ދޮގު ލިޔުން

އިބްރާހީމްް ސަމީރު
ނޮވެމްބަރ 14, 2025

އިސްލާމީ ތާރީޚުގެ ސަފްޙާތަކުގައި، ޢިލްމުވެރިން ތާރީޚާއި ޙަދީޘް ރައްކާތެރިކުރުމުގައި އަދާކުރައްވާފައިވާ ފުރިހަމަ މަސައްކަތާއި ޔަހޫދީންގެ އޮޅުވާލުންތައް ބޭޒާރުކޮށް ދެއްވުމުގައި އެބޭފުޅުންގެ ހަރުދަނާކަން ދައްކުވައިދޭ އެތައް ތާރީޚީ ވާހަކަތަކެއް ފޮތްތަކުގައި ހިމެނިފައި ވެއެވެ. މިފަދަ ވާހަކަތަކުގެ ތެރެއިން އެންމެ ފާހަގަކޮށްލެވޭ އެއް ޙާދިޘާއަކީ، ބޮޑު މުއައްރިޚް އަދި ހާދީސް އިލްމުވެރިޔާ، ޙާފިޡް އަބޫބަކުރު އަޙްމަދު ބިން ޢަލީ އަލްޚަޠީބު އަލްބަޣްދާދީ (ރަޙިމަހުﷲ) ޔަހޫދީންގެ އޮޅުވާލުން ބެޒާރުކޮށްލެއްވި މަޝްހޫރު ހާދިސާގެ ވާހަކައެވެ.

މިވާހަކައިން ހާމަވަނީ، މުސްލިމުން ތާރީޚު ޑޮކިއުމެންޓު ކުރުމުގައި ގެންގުޅެފައިވާ އިލްމުވެރިކަމުގެ ފުރިހަމަ ކަމެވެ. އަދި ތާރީޚި ވާޤިއާތައް އޭގެ ސައްޙަ ގޮތުގައި ދެމެހެއްޓުމުން ޔަހޫދީންގެ ނުބައި ރޭވުމެއް ބޭޒާރުކޮށް ލެވުނު ގޮތެވެ.

މި ކިޔައިދޭ ހާދިސާ ހިނގާފައިވަނީ ހިޖުރީ ސަނަތުން ފަސްވަނަ ގަރުނުގައި، ބަޣްދާދުގެ ޢައްބާސީ ޚިލާފަތުގެ ޒަމާނުގައެވެ. ޔަހޫދީންނާއި އިސްލާމީ ދައުލަތުން ހިމާޔަތް ހޯދާފައިވާ އެނޫންވެސް އެހެން ޒިންމީން ކޮންމެ އަހަރަކު ’ޖިޒްޔާ‘ ދައްކަމުން ދިޔައެވެ. މި ޖިޒިޔާ ދެއްކުމުން ސަލާމަތްވުމަށްޓަކައި، ޔަހޫދީން ފޯޖުކޮށްފައިވާ ޑޮކިއުމެންޓެއް ޚަލީފާއަށް ހުށަހެޅިއެވެ.

އެ ޑޮކިއުމެންޓަކީ އެމީހުން ބުނިގޮތުގައި ޔަހޫދީންނާއި ދެމެދު ވެފައިވާ އެއްބަސްވުމެއްގެ ކިތާބީ ހެއްކެކެވެ. އެއީ ޚައިބަރު ފަތަޙަ ކުރެއްވުމަށްފަހު ސަލާމާއި ސަލަވާތްލެއްވި ކީރިތި ރަސޫލާ ޔަހޫދީންނާއެކު ސޮއިކުރައްވާފައިވާ ޑޮކިއުމެންޓެއް ކަމަށް ބުންޏެވެ. އަދި އޭގައި ބަޔާންކޮށްފައިޥާ ގޮތުން ޔަހޫދީންނަށް ވަނީ ޖިޒިޔަ ދެއްކުން އަބަދަށްޓަކައި މައާފް ކޮށްދެއްވާފައެވެ.

ޚައިބަތު ހަނގުރާމައިގެ ހާދިސާއަށް 500 އަހަރު ފަހުން ޚައިބަރުގެ ޔަހޫދީން ހުށަހެޅި ޑޮކިއުމެންޓްގެ ފެކްޓްޗެކް ކޮށްލުމަށް ބޭނުންފުޅުވެގެން ޚަލީފާ ސެކްރެޓޭރިއެޓަށް މައްސަލަ ހުށަހެޅުއްވިއެވެ.

ޔަހޫދީން ހުށަހަޅާފައިވާ ޑޮކިއުމެންޓްގެ ފެކްޓްޗެކް ކުރުމުގެ މަސައްކަތާ ޙަވާލުވެ ވަޑައިގަތީ، ޢައްބާސީ ދައުލަތުގެ ވަޒީރު އަލްޙަސަން ބިން ޢަބްދުﷲ ބިން އަލްމުސްލިމާ އެވެ. އޭނާ އެމަސައްކަތް ހަވާލު ކުރެއްވީ އެޒަމާނުގެ އެންމެ މަޝްހޫރު ނޫސްވެރިޔާ އަދި އިސްލާމީ ތާރީޚު ލިޔުއްވުމުގައި އެންމެ ނަން މަޝްހޫރު މުއައްރިޚަށެވެ.

ޚަތީބު ބަޣުދާދީ އާއި ވަޒީރު ހަސަނުވެސް ޑޮކިއުމެންޓް ބެއްލެވިއެވެ. އަސްޙާބު ބޭކަލުން ހެކިންގެ ގޮތުގައި ސޮއިކުރައްވާފައި ވެއެވެ. އަދި ސަލާމާއި ސަލަވާތްލެއްވި ކީރި ރަސޫލާގެ ސިއްކަވެސް ޑޮކިއުމެންޓްގައި ޖަހާފައި އޮތެވެ.

އަލްޚަޠީބު ބަޣުދާދީ!

އަލްޚަޠީބު ބަޣުދާދީއަކީ، ހިޖުރައިން 392 އަހަރު، މީލާދީ ސަނަތުން 1002 ވަނަ އަހަރު ބަޣްދާދު ކައިރީގައި އޮންނަ ދަރުޒީޖާން އަވަށަށް އުފަންވެވަޑައިގަތް ބޭކަލެކެވެ. އޭނާ އަވަހާރަވީ، ހިޖުރައިން 463 ވަނަ އަހަރު، މީލާދީ ސަނަތުން 1071 ވަނަ އަހަރު ބަޣްދާދުގައެވެ.

އިލްމީ ގޭބިސީއަކަށް އުފަންވެ ވަޑައިގަތް ބޭކަލެއް ކަމުން، އުމުރުން 11 އަހަރުން ފެށިގެން ޙަދީޘް ޢިލްމު އުނގެނެވުމަށް މަސައްކަތް ފެށްޓެވިއެވެ. ބަޞަރާއާއި ނީސާޕޫރާއި ދިމިޝްޤު އަދި މައްކާއާއި، އަސްފަހާނަށް ދަތުރުކުރައްވައި ޢިލްމު ހޯއްދެވިއެވެ.

ފަހުން އެނބުރި އަމިއްލަ ވަޒަން، ބަޣްދާދަށް ވަޑައިގެން ބޮޑު އިސްލާމީ މައުސޫޢާއެއް ކަމަށްވާ ތާރީޚާއި އިލްމުވެރިންނާ ބެހޭ ”ތާރީޚް ބަޣުދާދު“ އެންސައިކްލޮޕީޑިއާ އެކުލަވާލެއްވިއެވެ. އަދި ހަދީސް ޢިލްމު ރިވާ ކުރުމުގެ ސައިންސާ ބެހޭ ގޮތުން ”އަލްކިފާޔާ ފީ އިލްމުއް ރިވާޔާ“ ވެސް އެކުލަވައި ލެއްވިއެވެ. އަދި ހަދީސް އިލްމު ރިވާކުރާ މީހާއާއި ހަދީސް އިލްމު އުނގެނޭ މީހާގެ އަޚުލާޤާ ބެހޭ ގޮތުން ”އަލްޖާމިޢު ލިއަޚްލާޤިއްރާވީ ވަ އާދާބުއް ސާމިޢު“ ގެ ނަމުން ފޮތް ބައެއް ތައުލީފް ކުރެއްވިއެވެ. އަދި ހަދީސް އިލްމު އުނގެނޭއިރު ހަމައެކަނި ހިތުން ދަސްކުރުމުގެ ބަދަލުގައި ހާދިސާތައް ޑޮކިއުމެންޓްކޮށް ހަގީގަތް ހޯދާނެ ގޮތުގެ ސައިންސާ ބެހޭ ގޮތުން ”ތަޤްޔީދުލް ޢިލްމު“ގެ ނަމުންވެސް ފޮތް ބައެއް އެކުލަވައި ލެއްވިއެވެ. އަދި ފިޤުހު އިލްމުގެ އުސްތާޒާއި ދަރިވަރުގެ ސުލޫކާ ބެހޭ ގޮތުން (ދަ ޖުރިސްޓް އެންޑް ދަ ސްޓޫޑެންޓް އޮފް ޖުރިސްޕްރޫޑެންސް: އޮން ދަ އެޓިކެޓް އޮފް ޖުރިސްޕްރޫޑެންސް) ގެ ނަމުގައިވެސް ފޮތްބައެއް ލިޔުއްވިއެވެ.

ވަޒީރު އަލްޙަސަން ބިން ޢަބްދުﷲ ބިން އަލްމުސްލިމާގެ ހުށަހެޅުއްވުމަށް ޚަޠީބު ބަޣުދާދީ ވަގުތުން ޔަހޫދީން ގެނައި ޑޮކިއުމެންޓް ފެކްޓް ޗެކް ކޮށްދެއްވިއެވެ. އެކަމަށް މާގިނަ ވަގުތެއް ހޭދައެއް ނުވިއެވެ. ޑޮކިއުމެންޓްގެ ނިމޭތާނގައި ސޮއިކުރައްވާފައިވާ ބޭކަލުންގެ ނަންފުޅުތަކަށް ބައްލަވައި ލެއްވުމަށްފަހު ޚަޠީބު ބަޣުދާދީ ޑޮކިއުމެންޓް ވަގުތުން އަނބުރައި ވަޒީރާ ޙަވާލު ކުރެއްވިއެވެ.

”މިއީ އޮޅުވާލާފައިވާ، ބާޠިލު ލިޔުމެއް“ ޚަޠީބު ބަޣުދާދީ ވިދާޅުވިއެވެ. އަދި ތަފްސީލު ދެއްވިއެވެ.

ޚަޠީބު ބަޣުދާދީ ވިދާޅުވިއެވެ.

”ޚައިބަރު ހަނގުރާމަ ހިނގާފައިވަނީ ހިޖުރައިން 7 ވަނަ އަހަރުގައެވެ. ނަމަވެސް މި ދޮގު ލިޔުމުގައި ހެކިވެރިންގެ ގޮތުގައި ހިމަނާފައިވާ ޞަޙާބީންގެ ތެރެއިން ސަޢުދު ބިން މުޢާޛު (ރަޟިޔަﷲ ޢަންހު) އަދި މުޢާވިޔަތު ބިން އަބީ ސުފްޔާން (ރަޟިޔަﷲ ޢަންހު) ގެ ނަންފުޅު އެ ހާދިސާ ހިނގި ދުވަސްވަރަކާ ދިމައެއް ނުވެއެވެ.“ އަދި އިތުރަށް ސާފުކޮށްދެއްވަމުން ޚަޠީބު ބަޣުދާދީ ވިދާޅުވިއެވެ.

”ސަޢުދު ބިން މުޢާޛު އަވަހާރަވެފައިވަނީ، ބަނީ ޤުރައިޟާ ހަނގުރާމައިގައި ލިބިވަޑައިގެންނެވި ޒަޚަމަކަށް ފަހު، ޚައިބަރު ހަނގުރާމައިގެ ދެ އަހަރު ކުރިންނެވެ.

އެހެންކަމުން، އެކަލޭގެފަނު ޚައިބަރު ހަނގުރާމައިގެ ލިޔުމެއްގައި ހެކިވެރިއެއްގެ ގޮތުގައި ހިމެނިފައި ވުމަކީ މުޅިން ބާޠިލު ކަމެކެވެ.“ އަދި ދެވަނަ ކަމެއްވެސް ފާހަގަ ކޮށްދެއްކެވިއެވެ!

”މުޢާވިޔަތު ބިން އަބީ ސުފްޔާން (ރަޟިޔަﷲ ޢަންހު) އަކީ، ޚައިބަރު ހަނގުރާމަ ހިނގި ދުވަސްވަރު އިސްލާމްވެވަޑައިގެންފައިވާ ބޭކަލެއް ނޫނެވެ! މުޢާވިޔާ އިސްލާމްވެވަޑައިގަތީ އޭގެ ފަހުން، ހިޖުރައިން އަށްވަނަ އަހަރު މައްކާ ފަތަޙަވުމާ ގުޅިގެންނެވެ!“

އެހެންކަމުން، ޚައިބަރުގެ މުޢާހަދާއެއްގައި އެބޭފުޅުން ހެކިންގެ ގޮތުގައި ސޮއި ކުރެއްވުމަކީ ތަރީޚީ ހެކި އޮޅުވާލުމެއް ކަމުގައި ވިދާޅުވިއެވެ. އަދި އެނޫން އެހެން ކަމަކުންވެސް އެ ޑޮކިއުމެންޓްގެ ސައްޙަކަން ނަފީކޮށްދޭ ކަމަށް ވިދާޅުވިއެވެ.

”އޭގައި އިތުރަށް ހިމަނާފައިވާ ސަޙާބިއްޔާއެއް ކަމަށްވާ އަސްމާ ބިންތު ޢުމައިސް (ރަޟިޔަﷲ ޢަންހާ) މަދީނާއަށް ވަޑައިގެންފައިވަނީ މި ހާދިޘާތަކަށް ފަހުގައި ކަމުން އެކަމަނާގެ ވާހަކަ އޮތުމަކީވެސް ތާރީޚީ ހެއްކެއް އޮޅުވާލުމެކެވެ!“

ޔަހޫދީންގެ މަކަރުވެރި ރޭވުން ބެޒާރު ވެގެން ދިޔައީ އިސްލާމީ ތާރީޚުގެ ހާދިސާތަކާއި ވާޤިޢާތަކާއި ބޭބޭކަލުންގެ ވަނަވަރު ސައްޙަ ގޮތުގައި ޑޮކިއުމެންޓް ކުރެވިފައިވާ ގޮތުގެ ފުރިހަމަ ކަމުންނެވެ.

މި ލިޔުމާ ގުޅޭ