ބިހާރު ސްޓޭޓްގެ އެސެމްބްލީ އިންތިޚާބު ކާމިޔާބު ކޮށްފައި ވަނީ ވެރިކަން ކުރާ ބީޖޭޕީ ހިމެނޭ ކޮއެލިޝަނަކުންނެވެ. މިއިންތިޚާބުގައި ގިނަ ގޮނޑިތައް ލިބިފައި ވަނީ މިހާރުވެސް ސްޓޭޓްގެ ޗީފް މިނިސްޓަރު ނިޓީޝް ކުމާރާއި އޭނާގެ ޕާޓިއާ ގުޅިފައިވާ ބީޖޭޕީގެ އިއްތިހާދަށެވެ.
މިއިންތިޚާބުގައި އެންމެ އާދަޔާ ޚިލާފް ޚަބަރަކީ، ބިހާރު މަޖިލިސް އިންތިޚާބުގައި އަމީތާބް ބައްޗަންއަށް ނާކާމިޔާބިއާ ކުރިމަތިލާން ޖެހުނު ވާހަކައެވެ.

މި އަމީތާބް ބައްޗަން އަކީ ކޮންސްޓްރަކްޗަން މަސައްކަތް ކުރާ މީހެކެވެ. އަދި މިއީ މަޝްހޫރު ފިލްމީ ތަރިއެއް ނޫނެވެ.
ރާޝްޓްރިޔާ ސަނާތަން ޕާޓީ އާރްއެސްޕީ ތަމްސީލުކުރި، މި އަމީތާބް ބައްޗަންއަކީ 38 އަހަރުގެ މީހެކެވެ. އޭނާއަށް އިންތިޚާބުގައި ލިބުނީ އެންމެ 1,340 ވޯޓެވެ. އޭނާ ބަލި ވެފައި ވަނީ 98,106 ވޯޓުގެ ބޮޑު ތަފާތަކުންނެވެ.
އަމީތާބް ބައްޗަންއާ ވާދަކޮށް އެ ގޮނޑި ކާމިޔާބުކުރީ ބީޖޭޕީގެ ސިޔާރާމް ސިންގްއެވެ. އަމީތާބް ބައްޗަންގެ މާލީ ތަފްސީލުތަކަށް ބަލާއިރު، އޭނާއަކީ 10 ވަނަ ގްރޭޑް ނިންމާފައިވާ މީހެކެވެ. އޭނާގެ މިލްކިއްޔާތުގައި 4.1 މިލިއަން ރުޕީސް ހުރިކަމަށް ދައްކައެވެ. އެއްވެސް ދަރަންޏެއް ނުވަތަ ކުށުގެ ރެކޯޑެއް ނެތްކަން ހާމަވެއެވެ.
ބީޖޭޕިއާއި ބައިވެރިންގެ އެންޑީއޭ އިން ވަނީ މިއިންތިޚާބުގައި 203 ގޮނޑި ކާމިޔާބު ކޮށްފައެވެ.






