އެންސްޕާ ހިންގާނޭ އިމާރާތެއް ހޯދުމަށް ކުރި ބިޑާ ގުޅިގެން އިދިކޮޅުފަރާތްތަކުން ކިތަންމެ ވާހަކައެއް ދެއްކިޔަސް އޭގެ ސަބަބުން ދައުލަތަށް ގެއްލުނު އެންމެ ލޯލާރިއެއްވެސް ނޯންނާނޭ ކަމަށް އެންސްޕާގެ ވެރިޔާ ހީނާ ވަލީދު ވިދާޅުވެއްޖެއެވެ.
އާޓިފިޝަލް ބީޗުގައި މިހާރު ކުރިއަށްދާ ޕީއެންސީގެ ބޮޑުޖަލްސާގައި ވާހަކަ ދައްކަވަމުން ހީނާ ވިދާޅުވީ އެ ބިޑަކީ އެންސްޕާއިން ކުރި ބިޑެއް ނޫން ކަމަށެވެ. އެއީ ނިޒާމުގެ ތެރެއިން ފިނޭންސް މިނިސްޓްރީން ކުރި ބިޑެއް ކަމަށެވެ.
”އެއީ އާންމުކޮށް ހުޅުވާލި ބިޑެއް، ބޭނުން ކޮންމެ ބަޔަކަށް އަގު ހުށަހެޅޭ ގޮތަށް ހާމަކަން ބޮޑު ބިލެއް. އެ މުއާމަލާތުން ދައުލަތަށް އެންމެ ލޯލާރިއެއްވެސް ނުގެއްލޭ. އަދި އެހެން ގޮތަކުން ވެސް ދައުލަތަށް ލިބުނު ގެއްލުމެއް ނޯންނާނެ. ނަމަވެސް އަޅުގަނޑު އަންހެނަކަށްވީތީ އިދިކޮޅު ފަރާތްތަކުން އަޅުގަނޑުގެ ބޮލުގައި ނާޅުވަނީ ކޮން ނުހައްގު އިލްޒާމެއްތޯ،“ ހީނާ ވިދާޅުވިއެވެ.






