މިސަރުކާރު ރައްޔިތުންނާއެކު ދެމިއޮންނާނެ: ނާއިބު ރައީސް

މުހައްމަދު އަލީ
ނޮވެމްބަރ 17, 2025

މިސަރުކާރު ވެރިކަމާ ހަވާލުވިއިރު ރާއްޖޭގެ އިގްތިސާދު އޮތީ ވަރަށް ދަށުގައި ކަމަށާއި އެކަން އެހެން އޮތަސް ރައްޔިތުންނަށް ދޭންޖެހޭ ޚިދުމަތްތައް ދިނުމުގައި މިސަރުކާރު ދެމިއޮންނާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާގެ ނާއިބު ހުސައިން މުޙައްމަދު ލަތީފް ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ ސަރުކާރަށް ދެއަހަރު ފުރުމުގެ މުނާސަބަތުގައި ސަންގު ޓިވީއަށް ދެއްވި ޚާއްސަ ބަސްދީގަތުމެއްގައެވެ.

އެމަނިކުފާނު ވިދާޅުވީ މިސަރުކާރު ފެށިގެން އައިއިރު ރާއްޖެ އޮތީ ދަރަނިވެރި ވެފައި ކަމަށެވެ. އޭރު ރާއްޖެއަށް ފުދޭވަރަށް ބޭރުފައިސާވެސް ނެތްކަމަށް ވިދާޅުވިއެވެ. އެ ދަތިތަކާ އެކުގައިވެސް ރާއްޖޭގެ ދަރަނި ދެއްކޭނެގޮތް ހަމަޖެއްސުމާއި، އިގްތިސާދު ހަމަމަގަށް އެޅުވުމުގެ މަސައްކަތް ރައީސް މިހާރުވެސް ގެންދަވަނީ ކުރައްވަމުން ކަމަށް ނާއިބު ވިދާޅުވިއެވެ.

އިގްތިސާދީގޮތުން ދައުލަތް ބާރުވެރި ކުރުވުމަށްޓަކައި، ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުގެ އައު ޓާމިނަލް ނިންމައި، ހުޅުއްވައިދެއްވުމަކީ ދިވެހިރާއްޖެއަށް އަންނަ ފަތުރުވެރިން އިތުރުކުރުމަށްޓަކައި އެޅުއްވި މުހިންމު ފިޔަވަޅެއްކަމަށް ވެސް ވިދާޅުވިއެވެ.

މީގެ އިތުރުން ރިސޯޓުހަދަން ކުރިން ދީފައިވާ ރަށްތަކަށް ލުއިތަކެއް ދެއްވުމުގެ ސަބަބުން، އޭގެތެރެއިން ބައެއް ރަށްރަށް މިހާރު ފަތުރުވެރިކަމަށް ހުޅުވާލެވިފައިވާ ކަމަށާއި އިތުރު ރަށްރަށް ކައިރި މުސްތަގުބަލެއްގައި ހުޅުވިގެން ދާނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. އޭގެ ސަބަބުން ރައްޔިތުންނަށް ޑޮލަރު ލިބުމުގައި މިހާރު ހުރި ލިމިޓު ހަމަމަގަށް ގެނެވި، އަދި އިގްތިސާދު ހަމަމަގަށް އެޅެމުންދާ ވަރަކަށް އެ ލިމިޓު ބޮޑުވެގެން ދާނެ ކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.

މި ލިޔުމާ ގުޅޭ