ޗައިނާގެ ބެލްޓް އެންޑް ރޯޑް ޕްރޮޖެކްޓްތަކުން އެހެން ގައުމުތަކުގެ ގާނޫނުތަކަށް އަސަރު ކުރޭ

އިބްރާހީމްް ސަމީރު
ނޮވެމްބަރ 18, 2025

ޗައިނާގެ ބެލްޓް އެންޑް ރޯޑް އިނިޝިއޭޓިވް (ބީއާރުއައި) އަކީ ހަމައެކަނި ދަރަނި އާއި ކޮރަޕްޝަންގެ މައްސަލަތަކެއް ނޫނެވެ. މި ޕްރޮޖެކްޓްތަކުގައި ބައިވެރިވާ ގައުމުތަކުގެ ގާނޫނުތަކާއި، މިންގަނޑުތަކާއި، ޑޭޓާގެ ނިޒާމުތަކަށް ބޮޑެތި ބަދަލުތަކެއް މިކަމުން އަންނަމުންދާކަމަށް ރިޕޯޓްތައް ބުނެއެވެ. މި ބަދަލުތައް އަންނަނީ ސިއްރުން އަދި ގިނަ ފަހަރު އެ ގައުމުތަކުގެ ސިޔާދަތަށް ވެސް ނޭދެވޭ އަސަރުތަކެއް ކުރުވާފަދަ ގޮތަށެވެ.

ބީއާރުއައިގެ އެއްބަސްވުންތަކުގައި ގިނަ ފަހަރު ޗައިނާއަށް ފަހިވާ ގާނޫނީ މާއްދާތަކާއި، ޓެކްނިކަލް ސްޓޭންޑަރޑްތަކާއި، ފުށުއަރާ ކަންކަން ހަމަޖައްސާނެ ގޮތްތައް ހިމަނާފައި ހުރެއެވެ. މިކަމުގެ ސަބަބުން އެ އެއްބަސްވުންތައް އަމާޒު ކުރެވޭ ގައުމުތަކުގެ ސިޔާދަތު ހަނިކޮށްލާ ކަމަށް ބުނެއެވެ.

ސްމާޓް ސިޓީއައި އިންފްރާސްޓްރަކްޗާގެ މަޝްރޫޢުތަކުގައި ޗައިނާގެ ސޮފްޓްވެއަރ އާއި ހާޑްވެއަރ ބޭނުންކުރަން ޖެހުމުގެ ސަބަބުން، އެ ގައުމުތަކުގެ ރެގިއުލޭޓަރުންނަށް ޗައިނާގެ ސްޓޭންޑަރޑްތައް ބަލައިގަންނަން މަޖުބޫރުވެއެވެ. މީގެ ނަތީޖާއަކީ ދިގު މުއްދަތަކަށް ޓެކްނޮލޮޖީގެ ގޮތުން ޗައިނާއަށް ބަރޯސާވާން ޖެހުމެވެ.

ޑޭޓާގެ ކަންކަން ހިންގާ ގޮތަކީ މިކަމުގައި އޮތް އެންމެ ބޮޑު ކަންބޮޑުވުމެވެ. މަޝްރޫޢުތަކުގެ އޮޕަރޭޝަނަލް ޑޭޓާ ގިނަ ފަހަރު ރައްކާކުރަނީ އެ މަޝްރޫޢު ހިންގާ ވެންޑަރުންގެ ކޮންޓްރޯލްގެ ދަށުގައިވާ ނިޒާމުތަކުގައި ނުވަތަ ޗައިނާގެ ޑޭޓާ ސެންޓަރުތަކުގައެވެ.

މިއީ އެ ގައުމުތަކުގެ އަމިއްލަ އިދާރަތަކަށް އެ ޑޭޓާތައް މޮނިޓަރ ކުރުމުގެ ފުރުސަތު ކުޑަވާ ކަމެކެވެ. މީގެ އިތުރުން، އެއްބަސްވުންތަކުގައި ހިމެނޭ ސިއްރުކުރުމުގެ މާއްދާތަކާއި ގަވާއިދުތަކުގެ ސަބަބުން، އާންމުންނަށް މި މަޝްރޫޢުގެ ކަންކަން ބެލުމާއި ދެފުށްފެންމނަ ގޮތަށް ބަލާލުމާއި، ޖަވާބުދާރީ ކުރުވުމުގެ ފުރުސަތު ވަރަށް ބޮޑަށް ހަނިވެއެވެ.

ތަރައްގީވަމުން އަންނަ ގައުމުތަކަށް މިފަދަ އުނދަގޫ އެއްބަސްވުންތައް އޮޑިޓް ކުރުމަށް ނުވަތަ އެއްބަސްވުންތަކާ ބެހޭ ގޮތުން ވާހަކަ ދެއްކުމަށް ބޭނުންވާ ފަންނީ ގާބިލުކަމެއް ނުހުރެއެވެ. މިކަމުގެ ސަބަބުން އެ ގައުމުތަކަށް ގެއްލުންވާ ގޮތަށް އެއްބަސްވުންތައް ހެދުމުގެ ފުރުސަތު ބޮޑުވެއެވެ.

މާހިރުން އިންޒާރުދޭ ގޮތުގައި، މިކަމަށް ކިޔަނީ ޖުޑިޝަލް ކެޕްޗަރ އެވެ. މާނައަކީ މި އިންފްރާސްޓްރަކްޗާ އެއްބަސްވުންތައް މަސައްކަތްކުރަނީ އެ ގައުމުތަކުގެ އަސާސީ ގާނޫނަށް ގެނެވޭ ބަދަލުތަކެއްގެ ގޮތުގައެވެ. މިކަމުގެ ސަބަބުން ޗައިނާގެ ނުފޫޒު ދިގު މުއްދަތަކަށް އަށަގަންނުވައެވެ.

މިކަމަށް ހައްލު ހޯދުމަށް ސިޔާސަތު އެކުލަވާލާ ފަރާތްތަކުން ހުށަހަޅަނީ އިތުރު  ދެފުށް ފެންނަ ގޮތަށް ކަންކަން ކުރުމާއި، އޯޕަން-ސޯސް ސްޓޭންޑަރޑްތައް ބޭނުންކުރުމާއި، އަދި އެއްބަސްވުންތައް ހަދާ ގައުމުތަކަށް ގާނޫނީ އެހީތެރިކަން ފޯރުކޮށްދިނުމެވެ. މި ފިޔަވަޅުތަކަކީ އެ ގައުމުތަކުގެ ސިޔާދަތު ރައްކާތެރިކޮށް، ޗައިނާގެ ނުފޫޒު ކުޑަކުރުމަށް އެޅޭނެ މުހިންމު ފިޔަވަޅުތަކެއް ކަމުގައި ދެކެއވެ.

މި ލިޔުމާ ގުޅޭ