ރައީސް ސާލިހާއި އެމްޑީޕީގެ ކުރީގެ ޗެއަރޕާސަން

ފައްޔާޒުގެ ޚިދުމަތް ރައްޔިތުން ބަލައިގަންނާނެ: ރައީސް ސާލިހު

މުހައްމަދު އަލީ
ނޮވެމްބަރ 24, 2025

އެމްޑީޕީގެ ޗެއަރޕާސަންގެ މަގާމުގައި ފައްޔާޒު އިސްމާއީލް ހުންނެވި ދުވަސްވަރު ޕާޓީއަށް ކޮށްދެއްވި މަސައްކަތްތައް ޕާޓީގެ ހުރިހާ މެންބަރުން ބަލައިގަންނާނޭ ކަމަށް ރައީސް އިބްރާހީމް މުހައްމަދު ސާލިހު ވިދާޅުވެއްޖެއެވެ.

އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވެފައިވަނީ އެމްޑީޕީގެ ޗެއަރޕާރސަންގެ މަޤާމުގައި ހުނަވައިގެން ފައްޔާޒު ޕާޓީއަށް ކޮށްދެއްވި ޚިދުމަތްތަކަށް ޝުކުރު ދަންނަވާ ކަމަށެވެ.

”މަނިކުފާނުގެ ޗެއަރޕާސަންކަމުގެ ދައުރު ވެގެންދިޔައީ ސަރުކާރު ހިންގާ ޕާޓީއެއް ގޮތުގައާއި އިދިކޮޅު ސިޔާސީ ޕާޓީއެއްގެ ގޮތުގައި އޮވެ މަސައްކަތް ކުރަން ޖެހުނު ދުވަސްވަރަކަށެވެ. އެ ހުރިހާ ވަގުތެއްގައި ވެސް އަދި ބައެއް ފަހަރު އުނދަގުލާ އެކުވެސް ޕާޓީ ހިންގެވުމުގައި ވަރަށް ބުރަކޮށް މަސައްކަތް ކުރެއްވިކަން އަޅުގަނޑު ފާހަގަ ކުރަމެވެ.“

ފައްޔާޒު އިސްމާއީލަށް ބާއްޖަވެރި ދުވަސްތަކަކަށް އެދިވަޑައިގަންނަވާ ކަމަށާއި، ކުރިއަށް އޮތް ތަނުގައިވެސް އަލަށް އިންތިޚާބުވާ ޗެއާޕާސަނަކަށް އެއްބާރުލުމާއި އެހީތެރިކަން ދެއްވާނޭ ކަމަށް ރައީސް ސާލިހުން ވިދާޅުވެފައިވެއެވެ. އަބަދުވެސް އެމްޑީޕީ އަށް ކުރިއެރުން ލިބުން އެދޭ ކަމަށްވެސް ވަނީ ވިދާޅުވެފައެވެ.

މި ލިޔުމާ ގުޅޭ