"ބިގިނަރސް އިލެކްޓްރީޝަން ކޯސް ފޯރ ވިމެން" ނިންމައި ސެޓުފިކެޓު ދީފި

މުހައްމަދު އަލީ
ނޮވެމްބަރ 24, 2025

ސްޓެލްކޯއިން ހިންގި ”ބިގިނަރސް އިލެކްޓްރީޝަން ކޯސް ފޯރ ވިމެން“ ފުރިހަމަކުރި ބައިވެރިންނަށް ސެޓްފިކެޓް ދީފިއެވެ. ބައިވެރިންނަށް ސެޓުފިކެޓު ދީފައިވަނީ މިއަދު ބޭއްވި ރަސްމިއްޔާތުގައި ބައިވެރިންނަށް ސެޓުފިކެޓު ދެއްވީ ޝަރަފުވެރިމެހުމާނާ، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ އަނބިކަނބަލުން، މެޑަމް ސާޖިދާ މުޙައްމަދާއި، ސްޓެލްކޯގެ މެނޭޖިންގ ޑިރެކްޓަރ އަޙްމަދު ޝަމާހް ޝަރީފާއި ސްޓެލްކޯގެ ޑެޕިއުޓީ މެނޭޖިންގ ޑިރެކްޓަރ ޢައިޝަތު މުޒްނާއެވެ.

  • މި ކޯހަކީ އާންމުކޮށް ހުޅުވާލައިގެން 16 އަހަރުން މަތީގެ ކޮންމެ އަންހެނަކަށް ބައިވެރިވެވޭނެހެން ކުރިއަށްގެންދިޔަ ކޯހެކެވެ. ޖުމްލަ 7 ބެޗަކަށް ބަހާލައިގެން ކުރިއަށްގެންދިޔަ މިކޯސް 116 އަންހެނަކުވަނީ ފުރިހަމަކޮށްފައެވެ.

މި ކޯހުގައި ކިޔަވައިދެއްވީ ސްޓެލްކޯގައި ތިބި ޢިލްމާއި ހުނަރުގެ ގޮތުން މި ދާއިރާގެ ތަޖުރިބާކާރުން ކަމަށް އެކުންފުނީން ވަނީ ވިދާޅުވެފައެވެ. މި ކޯހުގެ މަޤުޞަދަކީ ކަރަންޓުގެ ދާއިރާއަށް ދިވެހި އަންހެނުން ޝައުގުވެރިކޮށް، އެ ދާއިރާއިން ކުރިއަށްދިއުމަށް ހިތްވަރުދީ، އެ ދާއިރާއިން ފިރިހެނުންނާއި އެއްހަމައެއްގައި މަސައްކަތް ކުރުމުގެ ފުރުޞަތު ފަހިކޮށްދިނުމެވެ. އަދި އަންހެނުން މިދާއިރާއަށް އަހުލުވެރިކޮށް، އެމަގަށް ހަރުދަނާ ބިންގަލެއް އަޅައިދިނުމެވެ.

މި ކޯހުގެ ބައިވެރިންނަށް އުނގަންނައިދެވުނު ބައިތަކުގެ ތެރޭގައި ހިމެނެނީ:

  • ގޭބީސީ ކަރަންޓު ވަޔަރުކުރުމުގެ އަސާސީ މަޢުލޫމާތާއި އަމަލީ ގޮތުން އެކަން ކުރާނެ ގޮތް
  • ވަޔަރު ކުރުމަށް ބޭނުންވާ ޖެހޭ ސާމާނު
  • އެކި ބޭނުންތަކަށް ކަމުދާނެ ސޮކެޓް އަދި ނަރުގެ ސައިޒު ފަދަ މަޢުލޫމާތު
  • ގޭބިސީގައި އެންމެ އާންމުކޮށް ބޭނުންކުރާ ކަރަންޓު އާލާތްތައް ކަމުގައިވާ ބޮކި، ފަންކާ، ސްވިޗް، ޑީ ބޯޑް ފަދަ ތަކެތި ހަރުކުރުން
  • ޑީ ބޯޑަށް ދިމާވާ މައްސަލަތައް ހައްލުކުރާނެ ގޮތް
  • ގޭބީސީތަކުގައި ބޭނުންކުރާ ކަރަންޓު ސާމާނު ރައްކާތެރިގޮތުގައި ބޭނުންކުރާނެ ގޮތް
  • ކަރަންޓަށް ކުރާ ހޭދަ ކުޑަކުރެވިދާނެ ގޮތްތައް

މި ލިޔުމާ ގުޅޭ