ސުޕްރީމް ކޯޓުގައި މިއަދު އޮތް އަޑުއެހުމުގައި ދައުލަތުގެ ވަކީލުން ވާހަކަ ދައްކަވަމުން ގެންދަވަނިކޮށް ފަނޑިޔާރު ސަލީމް ވަނީ ޝަރީއަތް މެދުކަނޑާލައްވައިފަ އެވެ. އަދި ބެންޗުގައި ދެން ތިއްބެވި ފަނޑިޔާރު އައިޝާ ޝުޖޫން އާއި ފަނޑިޔާރު އަލީ ރަޝީދާ މަޝްވަރާކުރެއްވުމަށް ފަހު، ރިޔާސަތުގައި އިންނެވި ފަނޑިޔާރުގެ މަސްލަހަތު ފުށުއަރާކަން ހާމަކުރެއްވި އެވެ. އެހެންކަމުން މިކަމާ މެދު ގޮތެއް ނިންމެވުމަށް އަޑުއެހުން ވަނީ ނިންމާލައިފަ އެވެ.
މި މައްސަލައަކީ 2006 އިން 2008 އަށް ހެލްތް މިނިސްޓްރީގެ ދަށުން ހިންގި ޑިޕާޓްމެންޓަކަށް މުދާ ފޯރުކޮށްދިނުމަށް ފަހު ފައިސާ ނުލިބޭ ކަމަށް ބުނެ ސެންޓަ އެންޓަޕްރައިސަސް އިން ދައުވާކުރި މައްސަލައެކެވެ. އެ ފައިސާ ދައްކަން ސިވިލް ކޯޓުން ހުކުމް ކުރި ނަމަވެސް، ހައި ކޯޓުން އޮތީ އެ ހުކުމް ތަންފީޒުކުރުން ފަސްކުރުމުގެ އަމުރެއް ނެރެފަ އެވެ. މި މައްސަލައިގައި ފޭކް އިންވޮއިސްތަކެއް ބޭނުންކޮށްފައިވާ ކަމަށް ތުހުމަތު ކުރެވޭތީ ފުލުހުން އެކަން ތަހުގީގު ކުރަމުންދާކަން ވެސް ފާހަގަކޮށްލެވެ އެވެ.






