މަކަރާއި ހީލަތުން އެކި މީހުންގެ އަތުން ފައިސާ ހޯދައި އެފައިސާ ވިޔަފާރި އެކައުންޓްތަކަކަށް ޖަމާކުރުވައި، އަދި އެ އެކައުންޓުތަކުން ފައިސާ ނަގަމުންދިޔަ މީހަކު ހައްޔަރުކޮށްފި ކަމަށް ފުލުހުން ވިދާޅުވެއްޖެއެވެ.
ފުލުހުން ވިދާޅުވެފައިވަނީ މިމައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ ބ. ތުޅާދޫ / މަންޒަރުގެ، މުޙައްމަދު ޝާވިން ކަމަށެވެ. އުމުރުން ތޭވީސް އަހަރުގެ މިމީހާ ހައްޔަރުކޮށްފައިވަނީ ޑޮލަރު މާރުކުރުމަށް ވައިބަރ ގްރޫޕަކުން ފެނުނު ފަރާތަކަށް 1250 ޑޮލަރު ޓްރާންފަރކުރުވައި އެޑޮލަރަށްވާ ރުފިޔާ ދީފައިނުވާތީ އެވެ. އެމައްސަލަ ނޮވެމްބަރު 27 ވަނަ ދުވަހުގެ ވަގުތެއްގައި ފުލުހުންނަށް ވަނީ ހުށަހަޅާފައެވެ. އެމައްސަލަ ހުށަހެޅުމުން އެންޓި ސްކޭމް ސެންޓަރގެ ރެޕިޑް ރެސްޕޯންސުން ހިންގި އޮޕަރޭޝަނެއް ހިންގައިފައެވެ. އެމީހާ ހައްޔަރުކޮށްފައިވަނީ، މި އޮޕަރޭޝަނުގެ ތެރެއިން ހުޅުމާލެއިންނެވެ.
މި މައްސަލާގައި މަކަރާއި ހީލަތުން ހޯދާފައިވާ 1250 ޑޮލަރު ރިވަރކޮށްފައިވެއެވެ. އިތުރު ދެ މައްސަލައެއްގައި ހިމެނޭ ފައިސާވެސް ރިކަވަރކޮށްފައިވާ ކަމަށް ފުލުހުން ވިދާޅުވެފައިވެއެވެ.
މިމައްސަލާގައި ހައްޔަރުކޮށްފައިވާ މީހާގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން ވަނީ 10 ދުވަހުގެ މުއްދަތަށް ބަންދުކުރުމަށް އަމުރުކޮށްފައެވެ. މިމައްސަލަ ފުލުހުން ދަނީ ތަހުގީގު ކުރަމުންނެވެ.
”މިމައްސަލާއާ ގުޅިގެން މިހާތަނަށް ބެލިބެލުމުން، ސޯޝަލް މީޑީއާގެ އެކި މަންސަތަކުގައި އެކި ހިދުމަތް ފޯރުކޮށްދޭކަމަށްބުނެ، ރައްޔިތުންގެ ތެރެއިން އެކަންކަމަށް ބޭނުންވާ ފަރާތްތަކުން އެހިދުމަތް ހޯދުމަށް ފައިސާ ފޮނުވުމަށް އެދެމުންދަނީ އެކި ވިޔަފާރީގެ ނަމުގައި ހުންނަ އެކައުންޓްތަކަށްކަން ފާހަގަކުރެވިފައިވެއެވެ.“
އޭނާގެންދިޔައީ ޑޮލަރު މާރުކުރުމާއި ތަކެތި ވިއްކުމާއި އެހެން ބައެއް ޚިދުމަތްތައް ފޯރުކޮށްދޭނެކަމަށް ބުނެ އެހިދުމަތަށް ފައިސާ އެކި ވިޔަފާރި އެކައުންޓްތަކަށް މަކަރާއި ހީލަތުން ޖަމާކުރުވައި، އެ ވިޔަފާރިތަކަށް ގުޅައިގެން ނަގުދު ފައިސާގެ ގޮތުގައި ނަގަމުން ކަމަށް ފުލުހުން ވިދާޅުވެފައިވެއެވެ. ނަގުދު ފައިސާ ނުލިބޭ ހާލަތްތަކުގައި އެފައިސާއަށްވާ މުދާ ނަގަމުންދާކަންވެސް ފާހަގަކުރެވިފައިވާކަމަށް ފުލުހުން ވިދާޅުވިއެވެ.
މިކަމާ ގުޅިގެން ފުލުހުން ވިދާޅުވެފައިވަނީ އާންމު ރައްޔިތުންނާއި ވިޔަފާރިކުރައްވާ ފަރާތްތަކުންވެސް މިކަމަށް ހާއްސަ ސަމާލުކަން ދެއްވުމަކީ މިފަދަ މައްސަލަތަކުން ރައްކާތެރިވެ ތިބުމަށް އެޅޭނެ މުހިންމު ފިޔަވަޅެއް ކަމަށެވެ. އެގޮތުން ޚިދުމަތަކަށް ފައިސާ ދެއްކުމުގެ ކުރިން ފައިސާ ފޮނުވަން ބުނާ އެކައުންޓް ނަންބަރުގައިވާ ވިޔަފާރިއަކީ އެފަދަ ޚިދުމަތެއް ފޯރުކޮށްދޭ ބައެއްތޯ ބަލައި ޔަގީންކުރުމާއި ވިޔަފާރި އެކައުންޓަށް ޖަމާވާ ފައިސާ އަނބުރާ ހޯދުމަށް ގުޅާނަމަ އެފައިސާއަކީ ކޮންގޮތަކުން ޖަމާވި ފައިސާއެއްތޯ، ފައިސާ ހަވާލުކުރުމުގެ ކުރިން ޔަގީންކުރުމަށް ފުލުހުން އެދިފައިވެއެވެ. އެއްވެސް ޝައްކުކުރެވޭ ކަމެއްވާނަމަ އަވަހަށް ފުލުހުންނަށް ރިޕޯޓްކުރުމަކީ މިފަދަ މައްސަލަތައް މަދުކުރުމަށާއި ރައްކާތެރިވެ ތިބުމަށް އެޅޭނެ އެންމެ މުހިންމު ފިޔަވަޅު ކަމަށް ފުލުހުން ވަނީ ވިދާޅުވެފައެވެ.






