މިނިސްޓަރު އިހުސާން ފާހަގަކުރެއްވި ގޮތުގައި، ދުނިޔޭގެ ވަރަށް ގިނަ ގައުމުތަކުގައި ވެސް މައުލޫމާތު ހޯދުމަށް ފީއެއް ނަގައެވެ. ސަބަބަކީ އެ މައުލޫމާތު އެއްކޮށް، ފޯރުކޮށްދިނުމުގެ ފަހަތުގައި އިދާރީ ގޮތުން ކުރަންޖެހޭ މަސައްކަތްތައް ގިނަވެ، އެކަމަށް ހިނގާ ހަރަދު ބޮޑުވުމުން ކަމަށް އޭނާ ވިދާޅުވިއެވެ. އެހެންކަމުން ރާއްޖޭގައި ވެސް މިފަދަ ނިޒާމެއް އޮތުމަކީ، މުއައްސަސާތަކުން ދޭ ހިދުމަތުގެ ފެންވަރު ހިފެހެއްޓުމަށް އެހީތެރިވެދޭނެ ކަމެއް ކަމަށް މިނިސްޓަރު ދެކެވަޑައިގަންނަވައެވެ.
އިތުރަށް މިނިސްޓަރު ވިދާޅުވީ ދައުލަތުގެ 80 އެއްހާ މުއައްސަސާ ހުރިއިރު، ކޮންމެ ތަނެއްގައި މައުލޫމާތާއި ގުޅޭ އޮފިސަރުންނާއި އެޕީލް އޮފިސަރުން ތިބެންޖެހޭ ކަމަށެވެ. ކޮންމެ ދުވަހަކު ލިބޭ ގިނަ ހުށަހެޅުންތަކަށް ޖަވާބުދިނުމަށް، މުވައްޒަފުން ހާއްސަކޮށް ބޮޑު ހޭދައެއް ކުރަންޖެހޭއިރު، މިއީ ހަމައެކަނި ފޮނުވާލާ ލިޔުމެއް ނޫންކަމާއި މިއީ ”ކޮސްޓްލީ ޕްރޮސެސް“ އެއްކަން މިނިސްޓަރު ފާހަގަކުރެއްވިއެވެ.






