މޭޔަރު ކަމަށް މި ނިކުންނަނީ މަންޒަރު ބަދަލުކޮށްލުމުގެ ޢަޒުމާއި އުންމީދުގައި: އީނާ

ޟަމްރަތު އަހްމަދު
ޑިސެމްބަރ 3, 2025

ކުރިއަށްއޮތް ލޯކަލް ކައުންސިލް އިންތިޚާބުގެ އައްޑޫސިޓީ، މޭޔަރު ކަމަށް އާމިނަތު އީނާ މިނިކުންނަނީ ރައްޔިތުންގެ އުދާސްތައް ވަރަށް ރަނގަޅަށް އެނގިހުރެއެވެ. ރައްޔިތުންގެ ކެކުޅުންތަކާއި އުންމީދުތައް ހިތުދަސްކޮށްގެންނެވެ. ރައްޔިތުން ބޭނުންވާ ކަންކަން ސިކުނޑީގައި ފިސާރި ރަނގަޅަށް ނޯޓުކޮށްގެންނެވެ.

އީނާ ރައްޔިތުންގެ ގާތަށް މިއަންނަނީ ހުރިހާ އެއްޗެއް ހިފައިގެންނެވެ. ރައްޔިތުން ބޭނުންވާ ހުރިހާ އެއްޗެކެވެ. ރައްޔިތުން ކުރަންވީ ކަމަކީ އެ ލިބިގަތުމެވެ. އެކަމަށް ރައްޔިތުން ކޮށްދޭންވީ ކަމެއް އެބައޮތެވެ. އައްޑޫ ސިޓީގެ މޭޔަރުކަމަށް އީނާ އިންތިޚާބު ކޮށްދިނުމެވެ. އެ ހިސާބުން އީނާއަށް ހައިސައްޔަތު ލިބުނީއެވެ. މަސައްކަތުގެ އިންޖީން އިސްޓާޓުވީއެވެ.

އީނާއަކީ ކާކު؟

އީނާއަކީ އައްޑޫ ސިޓީ ފޭދޫ ފަރިމާގޭ، އާމިނަތު އީނާ އެވެ. ބައްޕައަކީ މަރަދޫ، ކަތީބު ޖަމާލުގެ އަލީ ނަސީރެވެ. މަންމައަކީ، ފޭދޫ، ކަތީބު ދޮންރަހާގެ ޒާހިރާއެވެ. އީނާއަކީ މި ދެމަފިރިންގެ ދޮށީ ދަރިފުޅެވެ.

ސިޔާސީ ދާއިރާގައި ޚިދުމަތް ކުރާތާ ނަވާރަ އަހަރު ވެއްޖެއެވެ. މި މުއްދަތުގައި އޭނާ ވަނީ ސިޔާސީ ގޮތުން އެތައް ތަޖުރިބާއެއް ކޮށްފައެވެ. ސިޔާސަތުގެ ހިއްޗާއި ފޮނި ތަޖުރިބާ ކޮށްފައެވެ. ރައްޔިތުންގެ ހިތުގައި ސިޔާސީ ފިކުރާއި ވިންދު ޖަހާގޮތް ފިސާރި ރަނގަޅަށް އޭނާ ދަނެއެވެ.

އީނާއަކީ ވެރިކަންކުރާ ޕީއެންސީގެ މެންބަރެކެވެ. ސަރުކާރުގެ ސިޔާސީ މަގާމެއް އަދާކުރައްވާ ސިޔާސީއެކެވެ. މިހާރުގެ ވަޒީފާއަކީ މިނިސްޓްރީ އޮފް ކޮންސްޓްރަކްޝަން ހައުސިން އެންޑް އިންފްރާސްޓްރަކްޗަރގެ ސީނިއަރ ޕޮލިޓިކަލް ޑައިރެކްޓަރ ކަމުގެ މަގާމެވެ. މި ހައިސިއްޔަތުން ރައްޔިތުންނާ އެކު އުޅުމުގެ ފުރުސަތު ތަންމިނަށް އޮންނަނީ ހުޅުވިފައެވެ. މި ހުޅުވުމާއި ގުޅުމުގެ ތެރެއިން ހުރިހާ ފިކުރެއްގެ މީހުންނާ ބައްދަލުވެ އެމީހުންގެ އުދާސްތައް އީނާ ހިތުދަހެވެ. ރައްޔިތުން ބޭނުންވާ ކަންކަމާއި އެންމެ ބޭނުންވާ ކަންކަން ވަރަށް ރަނގަޅަށް އޭނާ ދަނެއެވެ. އެހެން ކަމުން އައްޑޫ ސިޓީ މޭޔަރު ކަމަށް ކުރިމަތިލީ ހުރިހާ ފިކުރެއްގެ ތެރެއިން ރައްޔިތުންނަށް ފުރިހަމަ ޚިދުމަތެއް ކޮށްދެވޭނޭ ކަމުގެ ފުރިހަމަ އިތުބާރާއި ޔަގީންކަން އަމިއްލަ ނަފުސަށް އޮތުމުންނެވެ.

ކީއްވެ މޭޔަރު ކަމަށް؟

އިނާއަކީ ހަކަތަހުރި ނޫކަށި ފުރައިގެ ޒުވާނެކެވެ. އައްޑޫގެ ލޭހިނގާ ފަޚުރުވެރި އައްޑޫ ދަރިއެކެވެ. އަބަދުވެސް އައްޑޫ ސިޓީއަށާއި ރައްޔިތުންނަށް އެންމެ ރަނގަޅުގޮތަކީ ކޮބައިތޯ ވިސްނައި އެކަމެއް ކޮށްދެވޭތޯ މަސައްކަތް ކުރުމަކީ އޭނާގެ އުފަލެކެވެ. މޭޔަރު ކަމަށް ނުކުތީ ރައްޔިތުން ބޭނުންވާ ތަރައްގީ ހުރިހާ މާނައެއްގައި ހޯދައިދިނުމަށެވެ. އޭނާ ގަބޫލުކުރާ ގޮތުގައި މިކަން ކުރެވޭނީ ރައްޔިތުންގެ ތެރެއިން ރައްޔިތަކު ޚިދުމަތްދޭން ނުކުމެގެންނެވެ. ޚާއްސަކޮށް ސަރުކާރަށް ތާއިދުކުރާ، ސަރުކާރު ހިންގާ ޕާޓީގެ ކެންޑިޑޭޓަކު މޭޔަރުކަމަށް ހޮވުމަކީ ރައްޔިތުންނަށް އެންމެ ރަނގަޅު ގޮތެވެ.

އާމިނަތު އީނާ ޖަލްސާއެއްގައި ބައިވެރިވަނީ/ ފޮޓޯ އީނާ

”މާޒީގައްޔާއި މިހާރުވެސް އައްޑޫގެ މޭޔަރުކަން ކޮށްފައިވަނީ އެމްޑީޕީގެ ބޭފުޅުން. މިހާރުވެސް ހުންނެވީ އެމްޑީޕީ ބޭފުޅެއް. ސަރުކާރަކީ ޕީއެންސީ ސަރުކާރެއް. އެހެންވީމާ ސަރުކާރަށް ނިސްބަތްވާ މޭޔަރަކު ހުރުމަކީ ސިޓީއަށާއި ސިޓީގެ ރައްޔިތުންނަށް އެންމެ މަންފާ ކުރާނޭގޮތް ކަމަށް އަޅުގަނޑު ދެކެން. އަޅުގަނޑު މަސައްކަތް ކުރާނީ ސަރުކާރާ ގުޅިގެން،“ އީނާ ބުންޏެވެ.

ގަދަފަދަ އަޒުމާއި އުންމީދު!

އީނާއަކީ ހިތްވަރުގަދަ ޒުވާނެކެވެ. ޒުވާންކަމުގެ ޖޯޝާއި ސިޔާސީ ފިކުރުގެ ތެރެއިން އުފަންވެފައިވާ އޭނާގެ ޢަޒުމަކީ ގުޑުވައިލެވޭނޭ އެއްޗެއް ނޫނެވެ. މާޒީއަށް ބަލާއިރު މުސްތަގުބަލަށް، އައްޑޫ ސިޓީގެ މޭޔަރު ކަމަށް މިވަގުތަށް އެންމެ އެކަށީގެންވަނީ އީނާ ކަމަށް އޭނާ އަމިއްލައަށް ވެސް ގަބޫލު ކުރެއެވެ. މިހާރުގެ މޭޔަރަށާއި ކުރީގެ މޭޔަރުންނަށް ވެސް އެކަށީގެންވާ ނަތީޖާ ނެރެވިފައިވާ ކަމަށް އީނާ ގަބޫލެއް ނުކުރެއެވެ. އެކަމަކު އީނާއަށް ނަތީޖާ ނެރެވޭނޭ ކަމަށާއި އެފުރުސަތު މުޅިންވަނީ ފަހިވެފައި ކަމަށް އިތުބާރާއެކު އޭނާ ބުންޏެވެ.

”ނަތީޖާ ނުނެރެވެނީ ކޮންމެ ބޭފުޅަކުވެސް މޭޔަރުކަމަށް ވަޑައިގެންފައި ސިޓީކައުންސިލުގެ އިދާރާ ޕާޓީގެ އައްޑާއަކަށް ހަދާތީ. އެއީ ޕާޓީގެ އޮފީހެއްނޫން. އެއީ ރައްޔިތުންނަށް ޚިދުމަތްދޭ ރައްޔިތުންގެ އޮފީހެއް. ޕާޓީގެ ކަންކަން ކުރަންވާނީ ޕާޓީ އޮފީހުގައި. އަޅުގަނޑުގެ އުންމީދަކީ ރައްޔިތުންނަށް ބޭނުންވާ ޚިދުމަތް އަވަހަށް ފޯރުކޮށްދިނުން. އަޅުގަނޑުމެންގެ އަދުގެ ރައީސުލްޖުމްހޫރިއްޔާ ވެސް އެދިވަޑައިގަންނަވަނީ ރައްޔިތުންނަށް ދޭންވާ ޚިދުމަތް ދުވަހުން ދުވަހަށް އަވަހަށް ދިނުމަށް. އެކަން އަޅުގަނޑު ކުރާނަން އިރާދަ ކުރެއްވިޔާ،“ އީނާ ބުންޏެވެ.

ގޮންޖެހުންތަކާ ކުރިމަތިލާން ތައްޔާރު!

މަލްޓި ޕާޓީ ޑިމޮކްރަސީއެއްގެ ތެރެއިން ސިޓީއެއްގެ މޭޔަރުކަން ކުރުމަކީ ގޮންޖެހުން ބޮޑުކަމެކެވެ. އެކަން އީނާ ގަބޫލުކުރެއެވެ. ސިޔާސީ މަސައްކަތުގެ ތެރެއިން އީނާ ވަނީ މިކަން އިންތިހާއަށް ތަޖުރިބާ ކޮށްފައެވެ. ”ގޮންޖެހުންތައް ކުރިމަތިވަނީ ރައްޔިތުންނަށް ދޭންޖެހޭ ޚިދުމަތް ނުދެވޭތީ. އަޅުގަނޑު އެންމެ އިސްކަމެއް ދޭނީ ޚިދުމަތް ދިނުމަށް. ދުވަހުން ދުވަހަށް ހިނދުން ހިނދަށް ދޭންޖެހޭ ޚިދުމަތް ދިނަސް ފާޑުކިޔުންތައް އަންނާނެ. އެތެރެއާއި ބޭރުންވެސް އަންނާނެ. ޚާއްސަކޮށް އިދިކޮޅު ސިޔާސީންގެ ފަރާތުން އަންނާނެ ހަމަލާތައް ހޫނުވެފައި ތަދާއި ވޭން ބޮޑުވާނެ. އެކަންކަމަށް ވެސް އިރާދަކުރެއްވިއްޔާ ތައްޔާރު. ސައްހަ މައުލޫމާތު ފޯރުކޮށްދީގެން އެންމެންގެ އިތުބާރު ލިބޭނެ،“

ސިޓީ ހިންގުމުގައި ހުރަހެއް އޮވެގެން ނުވާނެ!

އީނާގެ ވިސްނުން ވަރަށް ޕޮޒިޓިވް ވެސްމެއެވެ. ސަރުކާރުގެ ކެންޑިޑޭޓަކު މޭޔަރު ކަމަށް އައުމުން ސަރުކާރުން ލިބެންވާ ހުރިހާ އެއްބާރުލުމަކާއި މަދަދުވެރިކަމެއް ލިބޭނޭ ކަމަށް އޭނާ ޝައްކެއް ނުކުރެއެވެ. ”މިހާރު ވެސް ސަރުކާރާ އަޅުގަނޑާ ވަރަށް ގުޅުން ރަނގަޅު. މޭޔަރަކަށް އައުމުން އެންމެ ދަށުން ފެށިގެން އެންމެ މައްޗާ ހަމައަށް ކޮމިޔުނިކޭޓު ކުރެވޭނެ. އެއީ ކަންކަން ރޭވުމާއި ނިންމުމުގައި ވަރަށް ބޮޑު ފަސޭހައަކަށްވާނެ. އެހެންވީމާ އަޅުގަނޑުގެ މޭޔަރުކަމުގެ ދައުރުވެގެންދާނީ ރައްޔިތުންނަށް ތަފާތު ފެންނާނޭ ދައުރަކަށް. މިހާރުވެސް އެންމެބޮޑު މައްސަލައަކީ ސަރުކާރާއި ސިޓީކައުންސިލާ އޮންނަވާ ގުޅުން ނެތުން. އެކަން ހައްލު ކުރުމަކީ ތަރައްގީއަށް ލިބޭނޭ ބޮޑު ކުރިއެރުމެއް. އަޅުގަނޑު ބޭނުންވަނީ ރަައްޔިތުންގެ އިތުބާރު؛“

ރައްޔިތުންނާ ރަނގަޅު ގުޅުމެއް އޮންނަންޖެހޭ!

އީނާ ދެކޭގޮތުގައި ސިޓީކައުންސިލާއި ސަރުކާރާއި ރައްޔިތުންނާ ވަރަށްބޮޑަށް ގުޅުން ރަނގަޅުވާން ޖެހެއެވެ. ކައުންސިލްތައް މިވަނީ މައިސަރުކާރުގެ ފަށަލައެއް ކަމަށާއި ކަންކަން އަވަސްވާނީ ސަރުކާރާ ގުޅުން ރަނގަޅު ކުރިމިންވަރަކުން ކަމަށް އޭނާ ބުންޏެވެ. މީގެ އިތުރުން ރައްޔިތުންނާއެކު ކައުންސިލުން ވަރަށްގާތް ގުޅުމެއް ގާއިމްކޮށް ދަމަހައްޓަންވާނޭ ކަމަށް އޭނާ ބުންޏެވެ. އޭނާގެ މޭޔަރުކަމުގައި މުޅި ސިސްޓަމް ބައްޓަން ކުރާނީ ސަރުކާރާއީ، ކައުންސިލާއި ރައްޔިތުން ގުޅިގެން މަސައްކަތްކޮށް ނަތީޖާ ނެރެދޭނޭ ގޮތަކަށެވެ. ”ރައްޔިތުން ޝަކުވާކުރަނީ ޚިދުމަތް ނުލިބި ލަސްވާތީ. އެކަމުގެ ހައްލަކީ ރައްޔިތުންނާ އޮންނަ ގުޅުން ބަދަހި ކުރުން. މިހާރުވެސް ގުޅުންކުޑަ. އެހެން ކަމުން ރަނގަޅަށް ކަނެކްޝަނެއް ބިލްޑުކުރަންޖެހޭ. ރައްޔިތުން ބޭނުންވާ ގޮތަށް އަވަސް ޚިދުމަތެއްދީގެން ކަނެކްޝަން ބިލްޑުކުރަން އަޅުގަނޑު މަސައްކަތްކުރާނަން،“

ނިންމުން

އީނާ މޭޔަރު ކަމަށް ހޮވިއްޖެނަމަށް އޭނާ ވެގެންދާނީ އައްޑޫސިޓީގެ ފުރަތަމަ އަންހެން މޭޔަރަށެވެ. އަންހެނަކަށްވުމީ އޭނާއަށް އޮތް ޗެލެންޖެއް ނޫނެވެ. އެއީ ހިތްވަރެކެވެ. އެއީ ތަފާތު ދައްކަން ލިބޭ ފުރުސަތެކެވެ. އީނާ ދެކޭގޮތުގައި އައްޑޫ ރައްޔިތުންނަކީ މި ހަގީގަތްތައް ގަބޫލުކުރާ، ތަންދޮރު ދަންނަ، އިލްމީ ވިސްނުންތަކެއް ހުރިބައެކެވެ. އައްޑޫގެ އުންމީދަކީ އެއީއެވެ. އީނާ ހުރީ ތައްޔާރަށެވެ.

 

މި ލިޔުމާ ގުޅޭ