ޓްރެފިކް ފުލުހުހެއް މަގުމަތި ބަލަހައްޓަނީ

ކަފިހިހުރަހާއި ގޯޅިކަންމަތީ ޕާކުނުކުރަން ފުލުހުން އިލްތިމާސްކޮށްފި

މުޙައްމަދު ގުރައިޝް އަޙްމަދު
ޑިސެމްބަރ 4, 2025

މާލޭގެ މަގުތަކުގައި ދަތުރުފަތުރު ކުރުމަށް ދަތިވާ ގޮތަށް، ގަވާއިދާ ހިލާފަށް ޕާކުކޮށްފައި ހުންނަ އުޅަނދުތައް ނެގުމުގެ ހާއްސަ މަސައްކަތެއް ފުލުހުން ފަށައިފިއެވެ. މި މަސައްކަތުގެ ތެރެއިން އާންމު ދަތުރުފަތުރަށް ހުރަސްއެޅޭ ގޮތަށް މަގުތަކުގައި ބަހައްޓާފައި ހުންނަ އުޅަނދުތައް ނެގުމުގެ މަސައްކަތް ފުލުހުން ދަނީ ކުރަމުންނެވެ.
ފުލުހުން މައުލޫމާތު ދިން ގޮތުގައި ހާއްސަ ސަމާލުކަމެއް ދީގެން ބަލަމުން ދަނީ ކަފިހިހުރަސްތަކާއި، މަގުމަތީގައި ލައިން ދަމާފައިވާ ސަރަހައްދުތަކުގެ އިތުރުން ގޯޅިކަންމަތީގައި ޕާކުކޮށްފައި ހުންނަ އުޅަނދުތަކެވެ. މިފަދަ ތަންތަނުގައި އުޅަނދުތައް ޕާކުކުރުމުގެ ސަބަބުން މަގު ބޭނުންކުރާ އެހެން ފަރާތްތަކަށް އުނދަގޫވެ، ޓްރެފިކް ތޮއްޖެހުމަށް މެދުވެރިވާކަން ފުލުހުން ފާހަގަކުރެއެވެ.
މިކަމާ ގުޅިގެން ފުލުހުން ވަނީ ޕާކުކުރުން މަނާ ސަރަހައްދުތަކުގައި ޕާކުނުކުރުމަށް އާންމުންނަށް އިލްތިމާސްކޮށްފައެވެ. އޭގެ ބަދަލުގައި ޕާކުކުރުމަށް ހާއްސަކޮށްފައިވާ ޒޯންތަކުގައި އުޅަނދުތައް ޕާކުކުރުމަށާއި، މަގުމަތީގެ ގަވާއިދުތަކަށް ހުރުމަތްތެރިކޮށް ހިތުމަށް ފުލުހުން ވަނީ ނަސޭހަތްތެރިވެފައެވެ.

މި ލިޔުމާ ގުޅޭ