ރާއްޖެއަށް އެތެރެކޮށް ވިއްކުން މަނާ ވޭޕް އަދި ވޭޕް ކާޓްރިޖްތަކެއް ފުލުހުން ހޯދައިފިއެވެ. މިތަކެތި ހޯދީ މާލޭގައި ހިންގި އޮޕަރޭޝަނެއްގައި ކަމަށް ފުލުހުން ވިދާޅުވިއެވެ. މިތަކެތި މިހާރުހުރީ ފުލުހުންގެ ބެލުމުގެ ދަށުގައެވެ.
ފުލުހުން މިއޮޕަރޭޝަން ހިންގާފައިވަނީ ރާއްޖެއަށް އެތެރެކޮށް ވިއްކުން މަނާ ވޭޕް އަދި ވޭޕް ކާޓްރިޖްގެ ވިޔަފާރިކުރާކަމުގެ މައުލޫމާތު ލިބިގެން ކަމަށްވަނީ ވިދާޅުވެފައެވެ. މި އޮޕަރޭޝަން ހިންގާފައިވަނީ މިހިނގާ ޑިސެންބަރުމަހު ފަސް ވަނަ ދުވަހުއެވެ. މި އޮޕަރޭޝަނުގައި ފުލުހުން ވަނީ ކޯޓު އަމުރެއްގެ ދަށުން މާލޭގެ ދެ ގެއަކާއި ދެ އުޅަނދެއް ބަލައިފާސްކޮށްފައެވެ.
މި އޮޕަރޭޝަނުގައި ބަލައިފާސްކުރި ސައިކަލެއްގެ މަޑިދަށުން 89 ވޭޕް ކާޓްރިޖް ފެނިފައިވާ ކަމަށް ފުލުހުން ވިދާޅުވިއެވެ. އަދި ބަލައިފާސްކުރި ދެގޭގެ ތެރެއިން އެއް ގެއެއްގެ އެޕާޓްމަންޓަކުން ޖުމްލަ 59 ވޭޕް އަދި ކާޓްރިޖް ފެނިފައިވެއެވެ. މީގެއިތުރުން މި މައްސަލައާ ގުޅިގެން ވޭޕް އާއި ވޭޕް ކާޓްރިޖް ވިއްކަމުންދިޔަ ފޭސް ބުކް ޕޭޖެއްވެސް ފުލުހުންގެ ބާރުގެ ދަށަށް ވަނީ ގެނެސްފައި ކަމަށް ފުލުހުން ވަނީ ވިދާޅުވެފައެވެ.
މިމައްސަލާގައި އެއްވެސް މީހަކު ހައްޔަރު ކޮށްފައެއް ނުވެއެވެ. އެހެންނަމަވެސް އެކަކު ވަނީ ޖޫރިމަނާކޮށްފައެވެ.
މިމައްސަލަ ފުލުހުން ދަނީ ތަހުގީގު ކުރަމުންނެވެ.






