އެމްޑީޕީގެ ވަގުތީ ޗެއަރޕާސަން ޢަބްދުލް ޣަފޫރު މޫސާގެ ލީޑަރޝިޕްގެ ދަށުން ޕާޓީ އިތުރަށް ވަރުގަދަވާނޭ ކަމަށް އުންމީދު ކުރައްވާ ކަމަށް ކުރީގެ ނާއިބު ރައީސް ފައިސަލް ނަސީމް ވިދާޅުވެއްޖެއެވެ.
ޣަފޫރަށް މަރުހަބާ ވިދާޅުވެ އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވެފައިވަނީ ޣަފޫރުގެ ލީޑަރޝިޕްގެ ދަށުން އިދިކޮޅު ޕާޓީއެއްގެ ގޮތުގައި ސަރުކާރު ޖަވާބުދާރުމުގެ މަސައްކަތް ވެސް އިތުރަށް ހަރުދަނާ ވެގެންދާނޭ ކަަމށް އުންމީދު ކުރައްވާ ކަމަށް ވެސް ފައިސަލް ވިދާޅުވެފައިވެއެވެ.
”އަޅުގަނޑުގެ އެކުވެރި އެމްޕީ ޣަފޫރަށް މަރުޙަބާ ދަންނަވަން. އަޅުގަނޑުގެ އުންމީދަކީ ޣަފޫރުގެ ލީޑަރޝިޕްގެ ދަށުން ޕާޓީ އިތުރަށް ވަރުގަދަވެ، އިދިކޮޅު ޕާޓީއެއްގެ ގޮތުގައި ސަރުކާރު ޖަވާބުދާރީ ކުރުމުގެ މަސައްކަތް އިތުރަށް ހަރުދަނާ ވެގެން ދިއުން،“ އެމަނިކުފާނު ވިދާޅުވެފައިވެއެވެ.
އޭގެއިތުރުން ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިޚާބު ކާމިޔާބު ކުރުމަށްޓަކައި މުޅި ރާއްޖޭގައި ރަނގަޅު މަސައްކަތް ތަކެއް ކުރައްވައި، އިންތިޚާބު ކާމިޔާބު ކުރައްވާނޭ ކަމަށް ވެސް އުންމީދު ކުރައްވާ ކަމަށް ވިދާޅުވެފައިވެއެވެ.
ޣަފޫރު ވަގުތީ ޗެއަރޕާސަން ކަމަށް އިންތިޚާބު ކުރެއްވީ ރޭ ބޭއްވި ގައުމީމަޖިލިސް ޖަލްސާގައެވެ.






