ދިވެހި|English 9 ޖުލައި 2026 · 05:13
Top banner
Advertisement
މެޑެލި ބަރި ލިބިފައި ނެތަސް ހަގީގީ ފިރިހެނުން
ދުނިޔެ

މެޑެލި ބަރި ލިބިފައި ނެތަސް ހަގީގީ ފިރިހެނުން

އއިބްރާހީމްް ސަމީރު19 ޑިސެމްބަރު 2025
ތިބާއަކީ މައުލޫމާތުގެ ރަސްމަގުގައި އަތްފުނާ އަޅައި އުޅޭ މީހެއް ކަމުގައި ވާނަމަ މި ފޮޓޯ ތިބާގެ ކުޑަ އިސްކިރީނާއި ބޮޑު އިސްކިރީންގައި އައިސްގޮސްފައި ވާނެއެވެ. ހިނދު ކޮޅަކަށް ކަޅި ހުއްޓާލައިގެން މި ފޮޓޯއާ މެދު ވިސްނާލުމަށް ސިކުނޑިއަށް ވަގުތުކޮޅެއް ދެމާ ހެއްޔެވެ؟ މި ތަސްވީރުގެ ފަހަތުގައި ވާކަންކަން ސާދާ ބަސްތަކަކުން މިކިޔައި ދެނީއެވެ. ތަނަކީ ޣައްޒާއެވެ. ތާރީޚަކީ 29 އޮކްޓޫބަރު 2000 ވަނަ އަހަރެވެ. ޔައުނީ، މީގެ 25 އަހަރު ކުރިއެވެ. ފޮޓޯގައި މިފެންނަ ފިރިހެން ބަޠަލަކީ، ފާރިސް ޢޫދާ އެވެ. އޭނާގެ އުމުރަކީ 14 އަހަރެވެ. ސްކޫލު ދަރިވަރެކެވެ. ޣައްޒާ ހިސާރަކޮށްގެން އުޅުނު ޔަހޫދީ ޒަޔަނިސްޓުންނާ ދެކޮޅަށް ދެކިލާސް ދޭތެރޭން ވަގުތުކޮޅެއް ހޯދައިގެން އޮށްގަލުން ދެމުން ދިޔަ ހަމަލަތަކުގައި އޭނާ ވެސް ބައިވެރިވަމުން ދިޔައެވެ. އިޒްރޭލުގެ ބޮޑު ވަޒީރަކީ، މަރުގެ ސަކަރާތުގައި 8 އަހަރު ދުވަސް ހޭދަކޮށް ރެކޯޑެއް ހެދުމަށްފަހު، ފަނާވެގެން ދިޔަ ނުލަފާ ޔަހޫދީއެއް ކަމަށްވާ އެރިއެލް ޝެރޯނެވެ. ޒަމާނަކީ ފަލަސްޠީނުގެ ދެވަނަ އިންތިފާޟާގެ ޒަމާނެވެ. އެ ޒަމާނަކީ، މިހާރެކޭ އެއްގޮތަށް ފަލަސްޠީނުގައި އަބްޠާލުން އުޅުނު ޒަމާނެކެވެ. އަދި މިޒަމާނާ ޚިލާފަށް އަރަބިންގެ ތެރޭގައި ޣަދަރުވެރި ލީޑަރުން މަދު، ހިތްވަރުގަދަ ޔަހޫދީންނަށް ކުރުނީސް ނުކުރާ ވެރިންވެސް ފެނުނު ޒަމާނެކެވެ. ފަލަސްޠީނުގެ ދެވަނަ އިންތިފާޟާ ފެށުނީ، އެރިއެލް ޝެރޯން މަސްޖިދުލް އަޤްޞާގެ ޙުރުމަތް ކަނޑާލުމުންނެވެ. އިޒްރޭލުގެ ޓޭންކުތަކާ ދެކޮޅަށް ހަމަލަ ދޭން ފަލަސްޠީނު ޒުވާނުން ބޭނުން ކުރީ އޮށް ގަލެވެ. ޓޭންކުތަކުގެ ދުވެލި މަޑުކޮށް ހުއްޓުވުމަށް ބޭނުން ކުރީ ފެނު ކެއްކި އަލުއި އޮޅާފައި ހުންނަ ރަޖާތަކެވެ. މިމޮޅު އުކުޅުގެ ސިއްރަކީ ކޮބައި ކަމެއް ނޭނގެއެވެ! ކިޔެވުމުގެ އިތުރުން ފާރިސް ޢޫދާގެ މުޅި ދުވަހުގެ މަސައްކަތަކީ ޔަހޫދީންނާއި އެމީހުންގެ ޓޭންކުތަކާ ދެކޮޅަށް އޮށްގަލުން ހަމަލަ ދިނުމެވެ. ބޮޑެތި ކުދިން ސާޅަނގައިން ހަމަލަ ދީހެއްޖެވެ. ނަމަވެސް ފާރިސް ޢުދާ އަމާޒު ކުރަނީ އޭނާގެ ނާޒުކު އަތުން އުކާލާ ގައުބުރިންނެވެ. ކުރިމަތީގައި އެ އޮތީ ޔަހޫދީންގެ ޓޭންކެކެވެ. ފަހުގެ އިންސާނީ ތާރީޚުގައި ފެނުނު އެންމެ އަނިޔާވެރި، އެންމެ ނުލަފާ، އެންމެ ރަހުމު ކުޑަ އަދި އެންމެ އަޚުލާގެއް ނެތް އިންސާނުންގެ އަނިޔާވެރިކަމުގެ ރަމްޒެކެވެ. ފާރިސް ޢޫދާ ޖެހިލުމެއް ނުވިއެވެ. އޮށްގަލުން ހަމަލަ ދެމުން ދިޔައެވެ. ފާރިސް ޢޫދާ އޮށްގަލުން ޔަހޫދީންނަށް ހަމަލަ ދޭން ހަރަކާތްތެރިވެ ކިލާހަށް ނުދާތީ ސްކޫލުން އޭނާގެ މައިންބަފައިންނަށް ސްކޫލުން ޝަކުވާ ކުރެއެވެ. އޭނާގެ މައިންބަފައިން އޭނާ ހުއްޓުވަން ކުރެވެން ހުރި ހުރިހައި ކަމެއް ކުރިއެވެ. ކޮޓަރީގައި ބަންދު ކުރިއެވެ. ބަނދެފައި ގޭގައި ބެހެއްޓިއެވެ. މައިންބަފައިންގެ ބިރަކީ ޔަހޫދީން އޭނާ ހައްޔަރުކޮށްގެން ގެންގޮސް ޖަލަށް ލައިގެން އަނިޔާ ކޮށްފާނެތީއެވެ. ޔަހޫދީންގެ ޣަދަރުވެރި އުންޑައަކުން އޭނާ ޝަހީދު ކޮށްފާނެތީއެވެ. އެކަމަކުވެސް އޭނާ ހިފަހައްޓާލެވޭ ގޮތެއް ނުވިއެވެ. އޭނާއަކީ އިޚުވާނުލްމުސްލިމޫންގެ މެމްބަރެއް ނޫނެވެ. އަދި ހަމާސްގެ ތަގްރީރުތައް އަޑުއަހައިގެން އިންތިފާޟާއަށް ނިކުތް ބަޠަލެއް ވެސް ނޫނެވެ. ފާރިސް ޢޫދާވެސް ޖެހިލުންވާ ކަމެއް އޮވެއެވެ. އެއީ އޭނާ އޮށްގަލުން ހަމަލަ ދޭން އުޅެނިކޮށް އޭނާ ފޮޓޯއެއް ނޫނީ ވީޑިއޯއެއްގައި ހުންނަ މަންޒަރު އޭނާގެ ބައްޕައަށް ފެނިދާނެތީއެވެ. އެހެންވެ، ކެމެރާތަކަށް ފިލަން އޭނާ މަސައްކަތް ކުރެއެވެ.
"ދަރިފުޅާއެވެ! ކުރީ ސަފަށް ނުނިކުންނާށެވެ! ބޮޑެތި ކުދިންގެ ފަހަތުގައި ހުންނާށެވެ!" ކޮންމެ ދުވަހަކުވެސް އޭނާގެ މަންމަ އޭނާއަށް ނަސޭހަތް ދެމުން ބުނެލައެވެ. ފާރިސް ޢޫދާ ދުއްވައިގަންނަމުން ޖަވާބުގައި ބުނެއެވެ. "ޔަހޫދީންނާ ކުރިމަތިލާކަށް އަހަރެން ޖެހިލުމެއް ނުވޭ!" އެވެ.
ފާރިސް ޢުދާގެ ބުޠޫލީ އަމަލު ތާރީޚަށްޓަކައި ތަސްވީރުކޮށްދިނީ، އެސޯސިއޭޓެޑް ޕްރެސްގެ ފޮޓޯގްރާފަރެއް ކަމަށްވާ ލޯރެން ރެބޯސް އެވެ. އޭނާ ދިޔައީ ޣައްޒާގައި ޔަހޫދީންނާ ދެކޮޅަށް އުތުރިއަރަމުން ދިޔަ ދެވަނަ އިންތިފާޟާގެ މަންޒަރުތައް ނަގަމުންނެވެ. މިފެންނަނީ 29 އޮކްޓޫބަރުގައި ނަގާފައިވާ ތަސްވީރެކެވެ. އޭގެ ދިހަ ދުވަސް ފަހުން ފާރިސް ޢޫދާ ދިޔައީ ޣައްޒާއާ ހިފާފައިވާ ޣާއްޒާގެ ދަނޑުބިންތަކާ ދޭތެރޭ ގައި އޮންނަ ކާރްނީ ބޯޑާ ކްރޮސިންއާ ދިމާއަށެވެ. ނޮވެމްބަރު މަހުގެ 8 ވަނަ ދުވަހު އާދައިގެމަތިން ފާރިސް ޢޫދާ ޔަހޫދީންނަށް އޮށްގަލުން ހަމަލަ ދެމުން ދިޔައެވެ. އާދަވެގެން އޭނާ އޮށްގަލުން ހަމަލަދޭ އުސޫލުން މިއަދުވެސް ޔަހޫދީންގެ ޓޭންކެއްގެ ކުރިމަތީގައެވެ. އެ ދުވަހު އޭނާ ޝަހީދު ކޮށްލީ، ޔަހޫދީއެއްގެ ޣަދަރުވެރި އުންޑައެއް އޭނާގެ ކަރަށް އަމާޒު ކޮށްގެންނެވެ.
ޅެންވެރިޔާ އަބުއްޠައްޔިބު އަލްމުތަނައްބީ (915–965މ) އޭނާގެ ޅެންބައިތުގައި ބުނަނީ: މަތިވެރި ޝަރަފެއް ހޯދަން ތިބާ އެދޭ ނަމަ އަސްފަލަށް ވުރެ ދަށަށް ވިސްނައި ހިތްހަމަ ނުޖައްސާށެވެ. އަސް ޖަހައިފިނަމަ ކޮޅުފައިން ފިރިހެނަކު ފަހަތަކަށް ނުޖެހޭނެއެވެ. ހިތްވަރުގަދަ ޖެހިލުން ނުވާ އެފިރިހެނުންގެ ނަން ދެމިހުންނާނީ ހަނދާނުން ޒަމާނަށެވެ. إذا غَامرتَ في شرفٍ مرومِ فلا تقنعْ بمـا دونَ النجومِ فطَعنَةُ الفَـرْسِ تُبقي الرِّجالَ وَذِكرُ الشُّجاعِ يَعيشُ الدُّهورا أبو الطيب المتنبي 915–965م

ގުޅުންހުރި ޚަބަރު