ދިވެހި|English 9 ޖުލައި 2026 · 05:14
Top banner
Advertisement
މުސްލިމުން ޔަހޫދީން ހިމާޔަތް ކޮށްދިން ތާރީޚީ ހާދިސާތައް
ދުނިޔެ

މުސްލިމުން ޔަހޫދީން ހިމާޔަތް ކޮށްދިން ތާރީޚީ ހާދިސާތައް

އއިބްރާހީމްް ސަމީރު26 ޑިސެމްބަރު 2025
ތާރީޚީ ގޮތުން ބަލާއިރު، މުސްލިމުން ވަނީ އެތައް ގަރުނެއް ވަންދެން ޔަހޫދީ މުޖުތަމައުތަކަށް ހިމާޔަތާއި ރައްކާތެރިކަން ފޯރުކޮށްދީފައެވެ. މިއީ ހަމައެކަނި ވަކިވަކި ހާދިސާތަކެއް ނޫން ކަމަށާއި، މިއީ މުސްލިމުންގެ ތާރީޚުގައި ވަރަށް ބޮޑަށް ބަޔާންވެގެންވާ ކަމެއްކަން ތާރީޚީ ހެކިތަކުން ދައްކައެވެ.

އަންދަލުސްގެ ރަންޒަމާން

މީލާދީން 711 އިން 1492 އަށް މުސްލިމުން ސްޕެއިން ނުވަތަ އަންދަލުސްގައި ވެރިކަން ކުރިއިރު، ޔަހޫދީންނަށް ވަނީ ހުރިހައި މައިދާނެއްގައި ތަފާތު ކުރުމަކާ ނުލައި ކުރިއެރުމުގެ ބޮޑެތި ފުރުސަތުތަކެއް ގހޯދައި ދީފައެވެ. އެ ޒަމާނުގައި ޔަހޫދީން ވަނީ ޑޮކްޓަރުންނާއި، ޅެންވެރިންނާއި، ސަފީރުން އަދި އިލްމުވެރިންގެ ގޮތުގައި މުސްލިމު ޚިލާފަތުގެ ސަރުކާރުގައި މަސައްކަތް ކޮށްފައެވެ. މިގޮތުން ހަސްދާއީ އިބްނު ޝަޕްރޫތު ފަދަ ޔަހޫދީން ވަނީ އުމަވީ ދައުލަތުގެ މަތީ މަގާމުތައް ފުރާފައެވެ. މިއީ ޔަހޫދީ ތާރީޚު ދިރާސާ ކުރާ ފަރާތްތަކުން "ރަންޒަމާން" ގެ ގޮތުގައި ސިފަކުރާ ދުވަސްވަރެވެ.

އުސްމާނީ ދައުލަތާއި ސަލާހުއްދީންގެ ހިމާޔަތް

1492 ވަނަ އަހަރު ސްޕެއިން އިން ޔަހޫދީން ބޭރުކޮށްލުމުން، އުސްމާނީ ޚިލާފަތުގެ ސުލްޠާން ބާޔަޒީދު ދެވަނަ ވަނީ ޔަހޫދީންނަށް މަރުހަބާ ކިޔައި، ހިމާޔަތް ދީފައެވެ. މީގެ އިތުރުން، 1187 ވަނަ އަހަރު ސަލާހުއްދީން އަޔޫބީ ގުދުސް ފަތަހަ ކުރެއްވުމަށްފަހު، ޔޫރަޕްގެ ދޮން ސޮލީބީން ޔަހޫދީން އެ ތަނުން ބޭރުކޮށްފައި ޔަހޫދީންނަށް އެ ސިޓީގައި ދިރިއުޅުން މަނާކޮށްފައި އޮތް އޮތުން ނިމުމަކަށް ގެނެސް، އެމީހުންނަށް އަލުން އެނބުރި އައުމުގެ ހުއްދަ ދެއްވިއެވެ.

ދެވަނަ ބޮޑު ހަނގުރާމައިގެ ދުވަސްވަރު

ދެވަނަ ބޮޑު ހަނގުރާމައިގެ ތެރޭގައި މޮރޮކޯގެ ސުލްޠާން މުޙައްމަދު ފަސްވަނަ ވަނީ ނާޒީންގެ ނުފޫޒަށް ދޫނުދީ، މޮރޮކޯގައި ތިބި ޔަހޫދީން ހިމާޔަތް ކޮށްދެއްވާފައެވެ. ހަމައެހެންމެ، މުސްލިމުންގެ އަޣުލަބިއްޔަތު އޮންނަ އަލްބޭނިއާގައި، މުސްލިމް އާއިލާތަކުން ވަނީ އެމީހުންގެ ގެތަކުގައި ޔަހޫދީން ފޮރުވައިގެން ގެންގުޅެ، އެމީހުންގެ ފުރާނަ ސަލާމަތް ކޮށްދީފައެވެ. މީގެ އިތުރުން ބޮސްނިއާގެ މުސްލިމުން ވަނީ ޔަހޫދީންގެ މުހިންމު ފޮތެއް ކަމަށްވާ "ސަރަޔޭވޯ ހައްގާދާ" ނާޒީންގެ އަތްދަށުން ސަލާމަތް ކޮށްފައެވެ. ދެވަނަ ބޮޑު ހަނގުރާމައިގައި ފްރާންސްގައި ހުންނެވި އީރާނުގެ ސަފީރު އަބްދުލް ހުސައިން ސަރްދާރީ ވަނީ ޔަހޫދީން ރައްކާ ކޮށްދިނުމަށް އީރާނުގެ ރަސްމީ ލިޔެކިޔުންތައް ޔަހޫދީންނަށް ހައްދަވައިދެއްވައިގެން ސަތޭކައަށްވުރެ ގިނަ ޔަހޫދީންގެ ފުރާނަ ނަޒީ ޖަރުމަން ދޮން މީހންގެ އަތްދަށުން ސަލާމަތް ކޮށްދެއްވާފައެވެ. މި ހުރިހާ ހާދިސާތަކަކީ މުސްލިމުންނާއި ޔަހޫދީންގެ މެދުގައި އޮތް ތާރީޚީ ގުޅުމާއި، އިންސާނީ ކަރާމާތް ހިމާޔަތް ކުރުމަށް މުސްލިމުން ކޮށްފައިވާ މުހިންމު މަސައްކަތްތަކުގެ ދިހުންގަދަ ހެކިތަކެކެވެ. އޮސްޓްރޭލިއާގެ ބޮންޑާއި ބީޗްގައި މުސްލިމަކު ޔަހޫދީންނަށް ހިމާޔަތް ދިނީ މި މުސްލިމު އިޙުސާސާއި ޝުއޫރާއެކުގައެވެ. މިއީ އިންސާނިއްޔަތަށް ﷲ ލެއްވި އެންމެ ހެޔޮ އެންމެ މާތް އުންމަތެވެ.

ގުޅުންހުރި ޚަބަރު